ރޯދައިގެ ބައެއް މަޤްޞަދުތައް

ރޯދައިގައި ވަރަށް ބޮޑެތި މާނަ ތަކަކާއި މަތިވެރިވެގެންވާ މަޤްޞަދުތަކެއް އެކުލެވިގެންވެއެވެ. އެކަންކަމާއި މެދު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވިސްނައި ފިކުރު ކޮށްލައިފިނަމަ އަހަރުމެން އަޖައިބު ކުރުވަނިވިހާ ކަންތައްތައް އެނގުނީހެވެ.

ފުރަތަމައީ: ރޯދައަކީ ކީރިތިވަންތަ ﷲ އަށް އީމާންވުމާ ގުޅިފައިވާ އަޅުކަމެކެވެ. ރޯދައަކީ ސިއްރިޔާތުގައި ކުރެވޭ އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ރޯދަވެރިޔަކަށް އެއްވެސް މީހަކަށް ނޭނގި ރޯދަ ދޫކޮށްލައިގެން ވެސް ހުރެވިދާނެއެވެ. އެއީ ސިއްރުން އެއްޗެއް ކާލައިގެން، ނުވަތަ މުޅިދުވާލު ހަތަރުދަމު ނުކައިނުބޮއެ ހުރިކަމުގައި ވިޔަސް ރޯދައަށް ހުރުމުގެ ނިޔަތް ނެތުމެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައީ “ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ.” މިއީ ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

ރޯދައަކީ ސިއްރު އަޅުކަމެކެވެ. އަޅާއާއި އޭނާގެ ވެރިރަސްކަލާނގެ އާއި ދެމެދުގައިވާ ސިއްރެކެވެ. ހިތުގެ އަޅުކަމެކެވެ. އެހެނީ ރޯދަވެރިޔާއަށް ސިއްރުގައި ކައިބޮއި ހެދުމަކީ ކުރެވިދާނޭ ކަމެކެވެ. އެކަމަކު މާތް ﷲ އެންގެވީތީ ރޯދައަށް ހުރުމާއި، އެކަލާނގެއީ ސިއްރާއި ފާޅުގައިވާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެކަން ޤަބޫލުކުރުން އެއީ ރޯދައިގެ އަޅުކަމުގައި ހިމެނޭ ކަމެކެވެ. އެހެންކަމުން ރޯދައަށް ހުރުމަކީ ތިމާގެ އީމާންކަން ވަރުގަދަކޮށްދޭ ކަމެކެވެ.

ރޯދައެކޭ އެއްފަދައިން ކޮންމެ އަޅުކަމެއްގައިވެސް މިދެންނެވުނު ހިތުގެ އަޅުކަން، ނުވަތަ ސިއްރިޔާތުގެ ތެރޭގައި ހިމެނޭ ބައެއް ވެއެވެ. މިސާލަކަށް ނަމާދަށް ބަލަމާތޯއެވެ. މީހަކު ވުޟޫ ނުކޮށް ނަމާދަށް ދިޔައެއް ކަމަކު އެހެން މީހުންނަކަށް އެކަމެއް ނޭނގޭނެއެވެ. ހަމައެފަދައިން ނަމާދުގައި ރުކޫޢު ސުޖޫދު އަދި އެނޫންވެސް ހައިއާތު ތަކުގައި ކިޔާ ތަސްބީޙަތަކަކީ ހިތުން ކިޔޭ ތަސްބީޙަތަކެކެވެ. އެތަސްބީޙަތަށް ކިޔަސް ނުކިޔަސް ޖެހިގެން ހުންނަ މީހާއަށްވެސް ނޭނގޭނެއެވެ. އެހެންކަމުން ނަމާދުގައި ހިމެނޭ ސިއްރިޔާތުގެ ބަޔަކީ ތިމާ ހިތުން ކިޔާ ތަސްބީޙަތަކާއި، ޛިކުރުތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވާކަމާއި އައްސަވާ ވޮޑިގެންވާކަން ޤަބޫލު ކުރުމެވެ. މިއަޅުކަން ފުރިހަމައަށް އަދާ ކުރެވޭނީ ﷲ އަށް އީމާންވެގެން ތިބި ބަޔަކަށް އެކަންޏެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުން ބުނެއުޅޭ ބަސްތައް ފާޅުކުރިޔަސް، އެކަލާނގެ ފާޅުގައިވާ ކަންކަމާއި ފޮރުވިގެންވާ ކަންކަން ދެނެވޮޑިގެންވެއެވެ.” )ޠާޙާ: 7(

ދެވަނައީ: ރޯދައަކީ އުޚްރަވީ ޙަޔާތާއިމެދު ތިމާާ ފިކުރުކުރުވަން މެދުވެރިވާ އަޅުކަމެކެވެ. އަޅުގަނޑުމެން ކުރާ އަޅުކަމުގެ ޙަޤީޤީ މޭވާއާއި، ފައިދާތައް ޙާޞިލުވުން ވަނީ ޤިޔާމަތް ދުވަހުގައެވެ. އުޚްރަވީ ޙަޔާތުގައި ކާމިިޔާބީއާއި ނާކާމިޔާބު، އަބާއްޖަވެރިކަމާއި ބާއްޖަވެރިކަން ކިރޭ ތިލަފަތަކީ ދަރުމަ އާއި ޘަވާބުގެ ތިލަފަތެކެވެ. ރޯދަވެރިޔާ އޭނާގެ ކެއުން ބުއިމާއި ޝަޙްވާނީ އެދުންތައް ރޯދަޔަށް ހުރުމުގައި ދޫކޮށްލައި، އެކަންކަން އޭނާގެ ބާރުގެ ދަށުގައި ކޮންޓްރޯލު ކުރެއެވެ. ﷲ ގެ ޙަޟުރަތުގައި އޭނާއަށް ލިބެން ހުރި މަތިވެރި ދަރުމައާއި ޘަވާބަށް އިންތިޒާރު ކުރާ ޙާލުގައެވެ. މިކަމުގެ ސަބަބުން ރޯދަވެރިޔާ އާޚިރަތާމެދު ފިކުރު ކުރުމަށް މަގެއް ފަހިވެއެވެ. އެހެނީ ރޯދަ ހިފުމުގެ ޙަޤީޤީ އުފަލާއި އެކަމުގެ ދަރުމައާއި ޘަވާބު ލިބުންވަނީ ޤިޔާމަތް ދުވަހުގައެވެ.

ކޮންމެ ރޯދަވެރިޔަކީވެސް މިދެންނެވުނު ދަރުމައާއި ޘަވާބަށް އިންތިޒާރުކުރާނޭ މީހެކެވެ. މިކަމުގައި ޤިޔާމަތް ދުވަހަށް އީމާންވުމާއި، އަލުން ދިރުއްވި ހިސާބު ބެއްލެވޭނޭ ކަމަށް އީމާންވުން ހިމެނެއެވެ. މިފަދަ އީމާންކަމެއް ނެތް މީހާއަށް ރޯދައަކީ އެއްވެސް ބޭނުންމެއްނެތި ކެއުން ބުއިމާއި ޝަޙްވާނީ އެދުންތަކުން ދުރުވެގެން ހުންނަ ހުރުމެއް އެކަންޏެވެ. އެނާގެ ރޯދައިން އެދެކަން ފިޔަވައި އެހެން ކަމެއް ޙާޞިލެއް ނުވާއެވެ. އެފަދަ މީހެއްގެ ރޯދައިގެ ސަބަބުން އޭނާއަށް ފައިދާއެއް ނުވުމުގެ އިތުރުން އެހެނިހެން ރޯދަވެރީންނަށްވެސް ވާނީ އުނދަގުލާއި ތުރާތަކެކެވެ. އެއީ ނުކައި ނުބޮއި ބަނޑަށް ހުންނަ މީހަކު ރުޅިގަދަވުމުގެ ސަބަބުން ދެން ނުކުންނަ މައްސަލަތަކާއި ކުރިމަތިލާން ޖެހުމެވެ.

ތިންވަނައީ: ރޯދައަކީ މާތް ﷲ އަށް އަޅުވެތިވެ އެކަލާނގެ އިލާހުވަންތަކަމަށް ވެވޭ އިޤުރާރެކެވެ. ރޯދަވެރިޔާގެ ރޭގަނޑާއި ދުވާލަކީވެސް އަޅުކަމުގެ ތެރޭގައި ހިމެނޭ ވަގުތުތަކެކެވެ. ދުވާލު ރޯދައަށް ހުރުމެވެ. ރޭގަނޑުވެއްޖެނަމަ އަނެއްދުވަހުގެ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކާކެއުމެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުން ކައިބޮއި ހަދާށެވެ. އެއީ ކަޅު ރޮދީން ހުދު ރޮދި ފާޅުވެ )އެބަހީ: ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަޖުރުގެ އަލިިކަން ފާޅުވެ( ފަޖުރައްލުމަށް ދާންދެންނެވެ.” )އަލްބަޤަރާ: 187(.

ރޯދަވެރިޔާ ރޭނގަޑުގައި ކާ ކެއުމަކީ އަޅުކަމުގެ ތެރެއިންވާ ކަމެކެވެ. އެންމެ ފުރަތަމައިން ރޯދަވީއްލުމަކީ އަޅުކަމެކެވެ. އަދި ހާރުކެއުމީވެސް އަޅުކަމެކެވެ. މިދެ ވަގުތުގެ ކެއުމުގެ މާތް ކަމާއި ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެތަކެއް ޙަދީޘްފުޅުތަކެއް ވާރިދުވެފައިވެއެވެ. އަދި ރޯދައަށް ހުރުމަށްފަހު ރޭގަނޑު ނުކައި )ރޯދަ ނުވީއްލާ( އަނެއް ދުވަހުވެސް ރޯދައަށް ހުރުމަކީ ސަލާމާައި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަމެކެވެ. ރޭގަނޑުގެ ކެއުމަށްފަހު އަނެއް ދުވަހުވެސް ރޯދައަށް ހުންނަނީ މާތް ﷲ އެންގެވީތީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. “ދެން ރޭވަންދެން ރޯދަ ފުރިހަމަ ކުރާށެވެ.” )އަލްބަޤަރާ: 187(.

މާތް ﷲ އަށް އަޅުވެތިވުން ފުރިހަމަވަނީ މިފަދައިންނެވެ. މި މާތް އަޅުކަން ގުޅިފައިވަނީ މާތް ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމާއެވެ. އެއީ އެކަލާނގެ އެންގެވީތީ ވަކި ވަގުތުތަކެއްގައި ކެއުމެވެ. އަދި ވަކިވަގުތު ތަކެއްގައި ކެއުން ބުއިން ދޫކޮށްލުމެވެ. މިފަދައިން މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ކޮންމެ އަޅުކަމެއްގަވެސް ހިމެނެއެވެ. މިސާލަކަށް ނަމާދުގައިނަމަ ވަކި މިންވަރަކަށް ކޮޅަށް ހުރުމާއި ބައެއްފަހަރު ގުދުވުމާއި އަނެއް ބައިފަހަރަށް މުޅީން އެކުގައި ތިރިވެ ނިތްކުރި ބިންމަތީގައި ޖެއްސުން ހިމެނެއެވެ. މިފަދަ ޙަރަކާތްތަކެއް ކޮންމެ ދުވަހެއްގެވެސް ވަކިވަގުތު ތަކެއްގައި އަޅުގަނޑުމެން ކުރަނީ މާތް ﷲ އެންގެވީތީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. މި ދެއަޅުކަމުގެ އިތުރުންވެސް ހުރިހާ އަޅުކަމަކީވެސް މާތް ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާކަން ދައްކުވައިދޭ ކަންކަމެވެ.

ހަތަރުވަނައީ: ރޯދައިގައި މުޖްތަމަޢުގެ އަފުރާންދުންގެ ތަރުބިއްޔަތު ހިމެނެއެވެ. ތިމާގެ ވަށައިގެންވާ ހުރިހާ އެންމެން ތިބީ ރޯދައަށްކަން އެނގުމުން ތިމާގެ ރޯދަ ފުރިހަމަ ކުރުމަށްވެސް އިތުރަށް ބާރުއަޅާ، ހިތްވަރުލިބޭ ކަމެއްކަމުގައި ވެގެންދެއެވެ. ރޯދައިގެ ސަބަބުން އިސްލާމީ މުޖްތަމަޢަކީ އެކަތިގަނޑެއްކަމާއި، އެއްބައިވަންތަ ބައެއްކަމުގެ އިޙްސާސްތައް ގެނެސްދެއެވެ.

ރަމަޟާން މަހުގެ ރޯދަހިފުން އެނޫން މަސްތަކުގައި ރޯދަ ހިފުމަށްވުރެ މާ ލުއިވެގެންވެއެވެ. ރަމަޟާން މަހު ރޯދަވެރިޔާއަށް އެހީވެދޭ ޚާއްޞަ ރޫޙާނީ ބާރެއް އެމަހުގައި ވާކަހަލައެވެ. ސުންނަތް ރޯދަ ހިފާ މީހުންނަށް މިކަން ވަރަށް ބޮޑަށްވެސް އިޙްސާސްވާނޭކަން ޔަޤީނެވެ. ރަމަޟާންމަހުގައި އެކުލެވިގެންވާ ރޫޙާނީ ބާރާއި ރޯދައިގެ އިޙްސާސްތައް އުފެދެނީ މުޖްތަމަޢު އެކުގައި އެއަޅުކަމުގައި ބައިވެރިވާތީއެވެ. ރޯދަވެރިޔާ އޭނާ އުޅޭ ހުރިހާ ތަނެއްގައިވެސް އެހެން މީހުންތިބީ ރޯދައަށްކަން އެނގުމުން ރޯދަހިފުމަށް ލިބޭ ބާރަކާއި އެހީއަކަށް ވެގެން ދެއެވެ. އެހެންކަމުން ރޯދަމަސް ފަސޭހަކަމާ ލުއިކަމާއެކު ނިމިގެންދެއެވެ.

އާދޭހެވެ! ހެޔޮލަފާ މުޖްތަމަޢެއް ބިނާކުރުމަކީ އިސްލާމު ދީނުގެ މަޤްޞަދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެކަމަށް މަގުފަހިކޮށްދޭ ކަންތައްތަކުގެ ތެރޭގައި ރޯދަ ހިމެނެއެވެ. ރޯދައަކީ މުޅި އިސްލާމީީ ދުނިޔެއަށް އަންނަ ބޮޑު އަޅުކަމުގެ ޢީދެކެވެ. މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދޭހަކޮށްދޭ މަާތް އަޅުކަމެކެވެ. މިއަޅުކަމުގައިވާ މަތިވެރި މާނައާއި ޙިކްމަތާއި މަޤްޞަދުތައް އެނގުމަކީ މިއަޅުކަން ފުރިހަމަކުރުމަށް އިތުރަށް ބާރުއަޅާކަމެކެވެ. އަޅުގަނޑުގެ ދުޢާއަކީ މިމާތް މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ލިބިގެންވާ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

14 ސެޕްޓެމްބަރ، 2007

މިއަދު ނޫސް

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ލޯބިކުރުމާއި އަދި އެކަލޭގެފާނުގެ އުފަންދުވަހުގެ ޛިކުރާގެ ބިދުޢަ

Next Article

ކުޑަކުދިންގެ ވާހަކަ

Related Posts