ކައިވެނީގެ މުހިންމުކަން( 5 ވަނަ ބައި)

އިސްލާމް ދީނުގައި ކައިވެނީގެ މުހިންމުކަން

      މާތްވެގެންވާ އިސްލާމް ދީނުގައި މަދު ކަމެއް މެނުވީ ޙަރާމް ކުރައްވާފައެއް ނުވެއެވެ. އިންސާނާގެ ޙަޔާތް ބިނާ ކުރުމަށްޓަކައި ދުވަހުން ދުވަހަށް ކުރަންޖެހޭ ނުވަތަ ނުކޮށް ފަރުނުޖެހޭ ކޮންމެ ކަމެއް ކުރަންވީ ގޮތް ވަނީ އަންގަވާފައެވެ. ކަމެއް ޙަރާމް ކުރައްވާފައިވާނަމަ އެއީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނާއި، އަދި އެކަމަކުން ލިބިދާނެ ގެއްލުމަކަށްޓަކައެވެ. ބަނގުރާ ޙަރާމް ކުރައްވާފައި ވަނީ އެއިން ލިބޭ ގެއްލުމުގެ ބޮޑު ކަމުންނެވެ. ޒިނޭ ޙަރާމް ކުރައްވާފައިވަނީ ނަސަބާއި ދަރިފަސްކޮޅު އޮޅިގެން ހިނގައިދާނެތީއެވެ. އެހެންވެ ކައިވެނި ޝަރުޢުކުރައްވާ އެކަމަށް ދީނުގައި ބާރު އަޅުއްވާފައިވެއެވެ.

      ކައިވެންޏަކީ އިސްލާމީ މުޖުތަމަޢުގެ ބިންގަލެވެ. އަދި މުސްލިމް މުޖުތަމަޢުގެ މައިކަށްޓެވެ. މިސަބަބުތަކާއި އަދި މިނޫންވެސް އެތަށް ސަބަބު ތަކަކަށްޓަކައި ކައިވެނިކުރުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ހިތްވަރު ދެއެވެ. ތަބައްޠުލްވުމާއި އެކަހެރިވުމުން އެއްކިބާވުމަށް އަންގަވައެވެ. ޚާއްޞަކޮށް ޒުވާނުންނަށް ކައިވެނި ތަޢާރަފުކޮށްދީ އޭގެ ފައިދާ އަންގައިދެއެވެ. ޒުވާނުންނާއި މުޚާޠަބު ކުރައްވާ އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ އިރުޝާދު ދެއްވަމުން ޙަދީޘް ކުރައްވާފައިވެއެވެ. ” يا معشر الشباب من استطاع منكم الباءة فليتزوج فإنه أغض للبصر وأحصن للفرج”[1]  މާނައީ: “އޭ ޒުވާނުންނެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާހުށިކަމެވެ. އެއީ ލޮލަށް ރައްކާތެރިކަން  ބޮޑުވެފައި، ޖިންސީ ގުނަވަންވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ.” ތެދުފުޅެކެވެ. ހިލޭ އަންހެނުންނަށް ބެލުމާއި ޒިނޭ ކުރުންފަދަ ހަޑި ހުތުރު ކަންތައްތަކުން ފިރިހެނުން ސަލާމަތްވާނެއެވެ. ހިލޭ ފިރިހެނުންނާއި، އެމީހުންނާއި ގައިގޯޅިވެ އުޅުމާއި، ބަދުއަޚުލާޤީ ޢަމަލުތަކާއި ބަދުނާމުވުންފަދަ އެންމެހާ ކަންތައްތަކުން އަންހެނުން ރައްކާތެރި ވެވޭނެއެވެ. އެހެން މުނާސަބަތެއްގައި ވާހަކަފުޅު ދައްކަވަމުން ރަސޫލާ ޙަދީޘް ކުރައްވަނީ “ތިން ބާވަތެއްގެ ބަޔަކަށް އެހީވެދިނުމަކީ ﷲ ގެ މައްޗަށް އޮތް ޙައްޤެކެވެ. މިބާވަތްތަކުގެ ތެރެއިން އެއްބަޔަކީ ޢިއްފަތްތެރިކަން ހޯދުމަށްޓަކައި ކައިވެނި ކުރުމަށްއެދޭ މީހާއެވެ.” ކައިވެނި ކުރުމާއި ދުރުހެލިވާ މީހުންނަށް އިންޒާރު ކުރައްވަމުން ޙަދީޘް ކުރައްވަނީ “من كان موسراً لأن ينكح ثم لم ينكح فليس منّي” މާނައީ: ކައިވެނި ކުރެވޭފަދަ ތަނަވަސް ކަން ލިބިހުރެ ކައިވެނި ނުކުރާ މީހަކީ ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހެއް ނޫނެވެ.”

      އިސްލާމް ދީން ދެކޭގޮތުގައި ޖިންސީ ހަކަތައަށް އޭގެ އިންސާނީ ލަނޑުދަނޑިއާއި ހމަޔަށް ފޯރުކުރުވައިދޭ ފިޠުރަތުގެ މަގަކީ ކައިވެންޏެވެ. މީގެ އިތުރަށް އެއީ އޭނާ އެދޭ ޖިސްމާނީ އަރާމުވެސް އޭނާއަށް ލިއްބައިދޭ ޞައްޙަމަގެވެ. މިހެންވެ އިސްލާމްދީން ކައިވެނި ކުރުމަށް ހިތްވަރު ދެއެވެ. އެމަގު ލުއި ކޮށްދިނުމަށާއި އޭގެ ސަބަބުތައް ތަނަވަސްކޮށް ދިނުމަށް ގޮވާލައެވެ.

      ކައިވެނި ކުރުމުގެ ފުރުޞަތު ޒުވާނުންނަށް ތަނަވަސް ވެއްޖައުމަށް ދާންދެން ޢިއްފަތްތެރިވުމަށް އިސްލާމް ދީން ގޮވާލައެވެ. ޝަހުވާންގެ ޖަޒުބާތުތަކުން ހުސްވެގެންވާ މުޖުތަމައެއްގައި އުޅޭ ބަޔަކަށް މިއީ މަޤުބޫލު ފަރުވާއެކެވެ. އިންސާނީ މުޖުތަމަޢުތައް މިއަދުވަނީ މިފަދަ ޖަޒުބާތުތަޔަކުން ހުސްވެގެން ނޫންކަމަށް އެއްބަސްވާން ޖެހެއެވެ.

އާދޭހެވެ! އިންސާނުން އުފެއްދެވުމަށްފަހު އޭނާގެ ޙަޔާތް ބިނާ ކުރަންވީގޮތް، ﷲ ޞުބަޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވާ އަންގަވާ ދެއްވާފައެވެ. ލޯތްބާއި، އޯގާވެރިކަމާއި، ހަމްދަރުދީއާއި، އަނބިފިރި ކަމުގެ އުފާ ލިބިގަންނާނޭގޮތް ﷲ ޞުބަޙާނަހޫ ވަތަޢާލާވަނީ ކައިވެނީގެ ޒަރީޢާއިން މީސްތަކުންނަށް މަގުފަހި ކޮށް ދެއްވާފައެވެ. އަނބީން ލެއްވުމަކީ މާތް ﷲ ގެ އިޙުސާނެއް ކަމުގައި ލައްވާފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَٱللَّهُ جَعَلَ لَكُمْ مِّنْ أَنْفُسِكُمْ أَزْوَاجاً وَجَعَلَ لَكُمْ مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَاتِ أَفَبِٱلْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ ٱللَّهِ هُمْ يَكْفُرُونَ﴾[2] މާނައަކީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ދެއްވައި، އަދި ރަނގަޅު ޙަލާލުތަކެތިން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ، ބާޠިލްއަށް ހެއްޔެވެ؟ އަދި އެއުރެން ކާފިރުވަނީ، ﷲ ގެ ނިޢުމަތަށް ހެއްޔެވެ؟”

ހަމައެހެން އަހަރެމެންގެ އަނބިން އުފައްދަވައި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ކުލުނު ލެއްވުން އެއީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ދަލީލެއް ކަމުގައި މާތްﷲ ބަޔާންކޮށް ދެއްވާފައިވެއެވެ. ސަލާމާއި ޞަލަވާތް ލެއްވެވި ރަސޫލުﷲގެފާނު މިއުންމަތަށް ދެއްވާފައިވާ ގިނަގުނަ އިރުޝާދުތަކުގެ ތެރޭގައި ކައިވެނި ކުރުމުގެ މައްޗަށް ހިތްވަރު ދެއ      ްވައި، ބާރު އަޅުއްވާފައިވެއެވެ. ބައެއްފަހަރު، ހެޔޮލަފާ އަންބަކީ އެންމެ ހެޔޮ ނަސީބެއް ކަމުގައިވެސް ޙަދީޘް ކުރައްވާފައިވެއެވެ. އަދި އެއީ ތިމާގެ ނަފްސަށާއި ފިރިމީހާގެ މުދަލަށް ރައްކާތެރިވާ، ދުނިޔެއާއި އާޚިރަތުގެ ހެޔޮ ނަސީބެއްގެ ކަމުގައި ޙަދީޘް ކުރައްވާފައިވެއެވެ. އަދި ޞާލިޙު އަންބަކީ ދުނިޔޭގެ އެންމެ ހެޔޮ މަޠާޢު ކަމުގައިވެސް ބަޔާން ކުރެއްވިއެވެ. އެގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. “الدنيا متاع وخير متاع الدنيا المرأة الصالحة”[3] މާނައީ: “ދުނިޔެއަކީ ވަގުތީ ފައިދާއެކެވެ. ދުނިޔެއިން ލިބޭނެ ފައިދާތަކުގެ ތެރެއިން އެންމެބޮޑު ފައިދާއަކީ ރަނގަޅު ހެޔޮލަފާ އަންހެނެކެވެ.”

      އިސްލާމްދީނުގައި رهبانية އެއް ނުވެއެވެ. އެއީ އިންސާނުންގެ ފިޠުރަތާއި ޚިލާފު ކަމެކެވެ. ނަބީއުންނާއި ރަސޫލުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް އެންމެ ޝަރަފުވެރި ބޭކަލުންނެވެ. އެބޭކަލުން رهبانية އިޚްތިޔާރެއް ނުކުރައްވައެވެ. މިއުންމަތުގެ މާތް ނަބިއްޔާއަކީ ނަބިއްޔުންގެ ސާހިބާއެވެ. މީސްތަކުންކުރެ ﷲ ތަޢާލާއަށް އެެންމެ ތަޤުވާވެރި އެންމެ ބިރުވެތި ސާހިބާއެވެ.

      އިސްލާމް ދީނުގައި ކައިވެންޏަށް ދެއްވާފައިވާ އަހަންމިއްޔަތު ހާމަވާ އަނެއްކަމަކީ، ކައިވެނި ކުރުން އެއީ މީސްތަކުން ނަމޫނާއެއްކަމުގައި ބަލަންޖެހޭ  ލޮޮބުވެތި ނަބީބޭކަލުންގެ ސުންނަތެއްކަމުގައި ވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجاً﴾[4] މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާންގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ދެއްވީމެވެ.”

      ކައިވެނިކުރުމަކީ ތަނަވަސްކަނ      ް ލިބުމުގެވެސް މަގެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَأَنْكِحُواْ ٱلأَيَامَىٰ مِنْكُمْ وَٱلصَّالِحِينَ مِنْ عِبَادِكُمْ وَإِمائِكُمْ إِن يَكُونُواْ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِ وَٱللَّهُ وَاسِعٌ عَلِيمٌ ﴾[5] މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސް މެއެވެ. އެއުރެންނީ، ފަޤީރުންކަމުގައި ވާނަމަ، އެކަލާންގެ ފަޟުލުވަންތަކަމުން، އެކަލާންގެ އެއުރެން މުއްސަނދި ކުރައްވާފާނެތެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.” ހަމައެފަދައިން ކީރިތި ރަސޫލާގެ ޙަދީޘެއްގައި ވެއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ ކިބައިން ރިވާވެގެންވިއެވެ. ކީރިތި ރަސޫލާ ޙާދީޘް ކުރެއްވިއެވެ. “تزوجوا النساء يأتينكم بالمال” މާނައީ: “ތިޔަބައިމީހުން އަންހެނުންނާއި ކައިވެނި ކުރާހުށިކަމެވެ. އެއީ އެކަނބަލުން އަންނަހުށި މުދަލާއެކުގައެވެ.”

      ޝައްކެއްނެތެވެ. އިސްލާމްދީން ދައްކާފައިވާ މިފަދަ އުޞޫލުތަކަކީ މީސްތަކުންނަށް އުފަލާއި އަރާމުގެ ދިރިއުޅުމެއް ލިބިދޭ، އަދި ފާޙިޝް ޢަމަލުތަކާއި ނުރައްކާތަކުން ސަލާމަތްކޮށްދޭ މަތިވެރި އުސޫލުތަކެކެވެ. ކައިވެނީގެ ޢަޤުދުކުރުމާއި ގުޅިގެން އަނބިފިރިކަމުގެ ގުޅުން އެދެމީހުންނަށް ހުއްދަ ކުރައްވާފައިވާއިރު، އަދި ކައިވެނި ކުރުމަކި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދަތިކަމަކަށްވެސް ވުމާއެކު، އެނޫން ގޮތްގޮތުން އުފާލިބިގަތުން ނުވަތަ އެފަދަ ކަމެއް ޢާންމުވެގެން ދާފަދަ ގޮތަކަށް ޢަމަލުކުރުން އެއީ އަޅުގަނޑުމެންގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމެއްނެތި ދޫކޮށްލުން ކަމުގައި ނޫނީ ނުވާނެއެވެ. ޒިނޭފަދަ ފާޙިޝް ޢަމަލުތަކަކީ ސިއްރުގައިވިޔަސް ފާޅުގައިވިޔަސް ދީން އެކަން ހުއްދަކުރާ ކަމެއްނޫނެވެ.


[1] رواه البخاري والمسلم

[2] سورة النحل : 72

[3] رواه المسلم

[4] سورة الرعد : 38

[5] سورة النور : 32

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދަރިން ނުލިބެނީ ކީއްވެގެންތޯ ބެލުމަށް ފާލުބެލުން

Next Article

ފަސޭހަކަމާއި އެކު އޮންލައިންކޮށް ފޮޓޯ އެޑިޓްކުރެވިދާނެ 3 ވެބްސައިޓެއް.

Related Posts