މަރުވުން

ކުޑަނިޔާވުމާއި ބޮޑުނިޔާވުން:

ކީރިތި ޤުރުއާނުގައި ނިދި ކަނޑައަޅުއްވާފައިވަނީ ނިޔާވުމުގެ އެއްވައްތަރު ކަމުގައެވެ. ވުމާއެކު ޢިލްމުވެރިން ނިންޖައް ދީފައިވާ އެއްނަމަކީ ކުޑަ ނިޔާވުމެ(الوفاةالصغرى)ވެ. ބޮޑު ނިޔާވުން( الوفاةالكبرى) އަކީ މަރުވުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {ٱللَّهُيَتَوَفَّىٱلأَنفُسَحِينَمَوْتِـهَاوَٱلَّتِىلَمْتَمُتْفِىمَنَامِـهَافَيُمْسِكُٱلَّتِىقَضَىٰعَلَيْهَاٱلْمَوْتَوَيُرْسِلُٱلأُخْرَىٰإِلَىٰأَجَلٍمُّسَمًّى}(الزمر42) މާނައަކީ ” ނަފްސުތައް މަރުވާހިނދު ، އެނަފްސުތަކުގެ ފުރާނަތަކާއި، މަރުނުވެވިދާ ވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ، އެކަލާނގެ ހިއްޕަވަތެވެ. އަދި އެނުންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް( ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއް ވާކަން ކަށަވަރެވެ.”

މަރާ ގުޅޭ މުހިއްމު ބައެއް ހުކުމް:

މަރަކީ ދިރިތިބ އެންމެހާ މަހްލޫޤުނަށް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ އެއްޗެކެވެ. ދާއިމް ވެގެންވާ ފަރާތަކީ ޚާލިޤުވަންތަ މާތް ﷲއެވެ. އެގޮތުން ސުރަތުއް ރަޙުމާންގެ 26 އަދި 27 ވަނަ  އާޔަތުގެ މާނާގައިވަނީ ” އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނު ވެރި ކީރިތި ވަންތަކަމާއި ، މާތް ވަންތަ ކަމުގެ ވެރި ރަސްކާލާނގެ ޒާތުފުޅު ދެމިވޮޑިގެން ވެއެވެ.”

ހަމައެގޮތުން މަރަކީ އެއަށް ކަނޑައެޅިގެންވާ އަޖަލެއް ލިޔެވިފައިވާ އެއްޗެކެވެ. މާތް ﷲ ހުރިހާ އަޅުންގެ އަޖަލުވެސް މިންވަރު ކުރައްވާ ކަނޑައަޅުއްވާފައި ވެއެވެ. އެކަންވަނީ އަލްޤަލަމުގެ ޒަރިއްއާއިން ލަޥްޙުލް މަޙުފޫޡުގައި ލިޔެވިގެންނެވެ. އަދި ކޮންމެ އިންސާނަކު މަންމަގެ ބަނޑުގައި ވަނިކޮށް މަލާއިކަތުން ފޮނުއްވާ އޭނާއަށް މިންވަރު ކުރެވިގެންވާ އެހެނިހެން ކަންތައްތަކާއި އެކު އަޖަލުވެސް ވަނީ ލިޔެވިފައެވެ.މިކަން ކިރިތި ޤުރުއާނުން ސާބިތުވެއެވެ. {وَمَاكَانَلِنَفْسٍأَنْتَمُوتَإِلاَّبِإِذْنِاللَّهِكِتَاباًمُّؤَجَّلاً}(آلعمران145)މާނައަކީ ” އަދި ﷲގެ އިޛުނަ ފުޅުން މެނުވީ ،މަރުވުމަކީ، އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވާ ލިޔެއްވާފައެވެ.”އިބްނު މަސްއޫދުގެ އަރިހުން މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ. އިބްނު މަސްއޫދު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ އަނބިކަނބަލުން އުއްމު ޙަބީބާ ދުޢާކުރެއްވިއެވެ. ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޯ! މިއަޅާގެ ފިރިކަލުން ކިރިތި ރަސޫލާއާ މިއަޅާގެ ބައްޕަ އަބު ސުފުޔާނާ  އަޚް މުއާވިޔަތު މިއަޅާ ދިރިހުރިހާ ދުވަހަކަށް  އެކީގައި ވުމުގެ އުފާ ދެއްވާށިއެވެ.  އިބްނު މަސްއޫދު ވިދާޅުވިއެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރެއްވިއެވެ. ” ކަނބުލޭގެ ﷲ ޙަޟްރަތަށް ތިޔަ ދެންނެވީ ކަނޑައެޅިގެންވާ އަޖަލު ތަކަކާއި އަދަދު ކުރެވިގެންވާ ދުވަސްތަކާއި ބެއްސެވިގެންވާ ރިޒްޤު ތަކަކާ މެދުގައެވެ. އެއިން ކަމެއް ކަނޑައެޅިފައިވާ ގޮތައްވުރެ އަވަސްނުކުރެވޭ ހުއްޓެވެ. އަދި އެއިން އެއްޗެއް އޭގެ ގޮތާއި ވަގުތައްވުރެ ލަސްވެސް ނުކުރައްވާނެއެވެ. ކަނބުލޭގެ ﷲގެ ޙަސްރަތުން ނަރަކައިގެ ނުވަތަ ޤަބުރުގެ ޢަޒާބުން މިންޖުކުރެއެވުމަށް އެދި ދެންނެވިނަމަ މާ ހެޔޮވެފަ މާއިތުރުކަން ބޮޑުވީހެވެ.”

 ހަމައެންމެ މަރުވުމަކީ އިންސާނާ ދުނިޔަވީ ހަޔާތައްފަހު (ބޮޑުވެގެންވާ) ޤިޔާމަތައް ފޮނުއްވުމާއި ދެމެދުގައި ވޭތުކުރާ ކުރުމެވެ.  ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަނބުލޭގެ ވިދާލުވިއެވެ. ޢައުރާބީން(ބާދިޔާގެ ކަންކޮޅުތަކުގައި ދިރިއުޅޭ މީހުން) ގޭތެރެއިން ތަޢުލީމާއި ހޭލުންތެރިކަމުގެ ގޮތުން އާދައިގެ މީސްމީހުން އައިސް ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޤިޔާމަތްވަނީ ކޮންއިރަކުތޯ ސުވާލު ދަންނަވައެވެ ދެން އެކލެގެފާނު އެމީހުންގެ ތެރެއިން އެންމެ ހަގު ކޮށް ހުންނަ ކުއްޖާއަށް ބައްލަވާފައި ހަދީޘްކުރައްވައެވެ. މިނާ ( ދިގު އުމުރަކަށް ) ދިރިހުރެއްޖެނަމަ މުސްކުޅި ބަލީގެ ހާލަތު ނުދެކެނިސް ތިޔަބައިމިހުންގެ ގާތައް ޤިޔާމަތް އަންނަ ހުއްޓެވެ. އިބްނު ކަސީރު ވިދާޅުވަނީ އެކަމުގެ މުރާދަކީ އެދުވަސްވަރު ދުނިޔޭގައި ތިބި އެންމެން، އެމުއްދަތުގެ ތެރޭގައި ފަނާވެ އާޚިރަތުގެ ޢާލަމަށް ދިއުމެވެ. އެހެނީ މަރުވާ ކޮންމެ މީހަކީ އާޚިރަތައް ދިއުމުގެ ޙުކުމުގައިވާ މީހެކެވެ.

އާދޭހެވެ! މަރަކީ ޣައިބުގައިވާ ކަމެކެވެ. އަދި އެއީ ﷲ ތަޢާލާ އެކަލާނގެ ޒާތުފުޅަށް ޚާއްސަ ކުރައްވާފައިވާ ޣައިބުގެ ޢިލްމުގެ ތެރެއިން ، ޣައިބުގެ ތަޅުދަނޑި(مفاتيحالغيب) ތަކުގެ ނަމުން ނަންދެއްވާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {وَعِندَهُمَفَاتِحُٱلْغَيْبِلاَيَعْلَمُهَآإِلاَّهُوَ}( އަލް އަންޢާމް-59) އަދިވެސް މާތް ﷲ ލުޤުމާން ސޫރަތުގެ 34ވަނަ އާޔަތުގައި ވަޙީ ކުރައްވަފައިވާ ބަސްފުޅެއްގެ މާނާގައިވަނީ ” ހަމަކަށަވަރުން ، ޤިޔާމަތް ވުމުގެ ވަގުތު، ދެނެވޮޑުގަތުންވަނީ، ﷲ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަހިމު ތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެނަފްސަކަށް އެނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަން ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭންގޭނެތެވެ. ހަމަކަށަވަރުން،ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.

 މަރުވުމަށް ދެވޭ އަނެއް ނަމަކީ ބަރުޒަޚެވެ. ބަރުޒަޚުގެ މާނައަކީ ދެ އެއްޗެއްގެ ދެމެދުގައިވާ ހުރަހެކެވެ. މާތް ﷲ ވަހީކުރައްވާފަވެއެވެ.{وَمِنوَرَآئِهِمْبَرْزَخٌإِلَىٰيَوْمِيُبْعَثُونَ}(އަލް މުއުމިނޫން-100) މާނަ: “އެހެނަކުން ނުވާނެއެވެ. އެއީ އެކަލާނގެ ނިޔާ ބަސްފުޅެކެވެ. އަދި އެމީހުންގެ ފަހަތުގައިވަނީ ފޮނުއްވެވޭ ދުވަހަށްދާންދެންވާ ބަރުޒަޚެވެ. ” މިބަސްފުޅު އައިސްފައިވަނީ މުޝްރިކުންކުރެ މީހެއްގެ ގާތައް މަރު އަންނަ ހިނދުގެ ވާހަކަ ދެންނެވުމާއި ގުޅޭގޮތުންނެވެ. ތިމަންނަގެ ރައްބުއެވެ. ދުނިޔޭގައި ތިމަން ނަގާލި ދުވަސްތަކުގެ ބަދަލުގައި، ހެޔޮ ޢަމަލުކުރުމަށް ތިމަންނާ ރުޖޫޢަ ކުރައްވާށެވެ. ނަމަވަވެސް އެހެނަކުން ނުވާހުއްޓެވެ. އެމަރަކީ އެއިން ރުޖޫޢަވުމެއް ނުވާނޭ އެކަލާނގެ ނިޔާގެ ބަސްފުޅެވެ. އެމީހުންގެ ކުރިމަތީގައިވަނީ ދުނިޔެއެށް އެނބުރި ނާދެވޭނެ ހުރަހެކެވެ.

މަރަށް ޙާޟިރުވުން

މަރުގެ މަލާއިކަތުން ޙާޟިރުވުން:

އަޖަލު ހަމަވެ އިންސާނާގެ ޙަޔާތުގެ ނިމުން ކައިރިވުމުން މާތް ﷲ އޭނާގެ ގާތައް މަރުގެ ރަސޫލުން ފޮނުއްވައެވެ. ދެން އޭނާގެ ހަށިގަނޑު ހިންގަވާ ހަރަކާތްތެރި ކުރުވާ ފުރާނަ، އެހަށިގަނޑުން ވަކިކުރައްވާ ގެންދަވައެވެ. {وَهُوَٱلْقَاهِرُفَوْقَعِبَادِهِوَيُرْسِلُعَلَيْكُمحَفَظَةًحَتَّىٰإِذَاجَآءَأَحَدَكُمُٱلْمَوْتُتَوَفَّتْهُرُسُلُنَاوَهُمْلاَيُفَرِّطُونَ}(الأنعام 61) މާނައަކީ : ” އަދި އެކަލާނގެ އެއީ އެކަލާނގެ އަޅުތަކުންގެ މައްޗައް ގަދަވެ ވޮޑިގެންވާ ރަސްކަލާންގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗައް ރައްކާތެރި ކުރަނިވި މަލާއިކަތުން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ގާތަށް މަރު އަތުވެއްޖެނަމަ ، އެހިނދު ތިމަން ރަސްކަލާނގެ ފޮނުއްވަވާ މަލާއިކަތުން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެމަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ.”

މުއުމިނުންގެ ކައިރިއަށް މަރުގެ މަލާއިކަތާ ވަޑައިގަންނަވާނީ ރިވެތި ސޫރާގައެވެ. ކާފިރުންނާ މުނާފިޤުންގެ ގާތައް ނަމަ ބިރުވެރި ސިފައިގައެވެ. البرّاءبنعازب ގެ އަރިހުނ ރިވާވެގެންވާ (ވަރަށް ދިގު) ޙަދީޘެއްގައި ވެއެވެ. ހަމަކަށަވަރުން މުއުމިނު އަޅާ ، އޭނާއަކީ ދުނިޔެއަށް އެދުންވެރިކަން ކުޑަވެ ، އާޚިރަތަށް ޤަސްދުކޮށްގެން މަސައްކަތްކުރާ މީހެއްނަމަ، އޭނާގެ ގާތައް އުޑުން ފައިބައި ވަޑައިގަންނަވާނީ އިރުފަދަ މޫނު އުޖާލާ މަލާއިކަތުންނެވެ. އެބޭކަލުންނާ އެކުގައި ސުވަރުގޭގެ ކަފުނާ ހަނޫތު ގެންނަވާ އޭނާގެ ކުރިމަތީގައި އިށީންނަވާނެތެވެ. ދެން މަލަކުލް މައުތު ޢަލައިހިއް ސަލާމް ވަޑައިގެން އޭނާގެ ބޯކޮޅުގައި އިށީންނަވާ ވިދާޅުވެއެވެ. އޭ ހެޔޮވެގެންވާ ފުރާނަ (نفسالطيبة) އެވެ. ( އެހެން ރިވާޔަތެއްގައި އޭ ހިތްހަމަ ޖެހިގެންވާ ނަފްސު /  (نفسالمطمئنة އެވެ.) މާތް ﷲގެ ފުއްސެވެމާއި ރުއްސެވުމުގެ ތެރެއަށް ނިކުންނާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެހިނދު އެފުރާނަ ފެންބޯ ތަށީގެ ތުންފަތުން ފެންތިކި އޮހިގެން އަންނަފަދައިން ހަށިގަނޑުން އޮހިގެން މަލަކުލް މައުތުގެ އަތްޕުޅުގެ ތެރެއަށް އަންނާނެއެވެ.

އަދި އާޚިރަތާއި ގުޅުން ކުޑަ ދުނިޔެއަށް ލޯބި ޖެހިފައިވާ ކާފިރުން ގާތައް އުޑުން ފައިބާ ވަޑައިގަންނަވާނީ ހަރުކަށި ގަދަފަދަ ، މުނުތައް ކަޅުވެގެންވާ މަލާއިކަތުންނެވެ. އަލިފާނުން ( ނަރަކައިން ގެނެވޭ ކެހެރި ސަޓާ ފަދަ) ކަފުނާގެން ވަޑައިގެން އޭނާގެ ކުރިމަތީގައި އިށީންނަވާނެތެވެ. ދެން މަލަކުލް މައުތު ވަޑައިގެން އޭނާގެ ބޯކައިރީގައި އިށީންނަވާ ވިދާލުވާނެއެވެ. އޭ ނުޠާހިރުވެގެންވާ ނަފްސު (نفسالخبيث)އެވެ. ﷲގެ ކޯފާއާ ޢަޒާބުގެ ތެރެއަށް ނިކުންނާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ފަހެ އެފުރާނަ ބިރުން ހަށިގަނޑުން ނިކުންނަން އުޅޭނެއެވެ. ދެން ( ހިމަ ލޭހޮޅިތަކާއި ނާރުތައް ބުރިބުރި ވެގެން އަންނަފަދައަކުން ) ގަދަކަމުން އެފުރާނަ ހަށިގަނޑުން ދަމައި ނެރެވޭނެއެވެ.

މަރުގެ ސަކަރާތް

سكرއަކީ ވައްވައްތަރުގެ ބުއިމާއި ޑުރަގުން ނުވަތަ ޖަޒުބާތު ތަކުގެ ސަބަބުން ނުވަތަ ގަދަ ވޭނެއްގެ ސަބަބުން މިހަގެ ބުއްދިއާއި ހޭވެރިކަމަށް އަންނަ އުނިކަމެކެވެ. سكرات އަކީ އެލަފްޒުގެ ޖަމްޢުއެވެ. سكراتالموت ނުވަތަ މަރުގެ ސަކަރާތަކީ މަރަށް ހާޒިރުވާހިދު ކޮންމެ އިންސާނަކަށްވެސް ހުށަހެޅޭކަމެކެވެ. މާތް ﷲ ވަހީ ކުރަވާފައި ވެއެވެ. {وَجَاءَتْسَكْرَةُالْمَوْتِبِالْحَقِّذٰلِكَمَاكُنتَمِنْهُتَحِيدُ} (سورةق 19) މާނައަކީ: ” އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަހުއްޓެވެ. އެއީ ތިބާ އެއަށް ފިލަންއުޅޭ ކަމުގައިވި މަރެވެ. “

 އިސްވެ ބަޔާންކުރެވުނު البرّاءبنعازب ގެ ޙަދީޘުން އެނގެނީ ކާފިރުންނާ ނުކިޔަމަންތެރިންނަށް މަރުގެ ވޭން މުއުމިނުންނަށް ވުރެ ބޮޑުވެގެންދާނެކެމެވެ. މަލަކުލް މައުތުގެ ބަސްފުޅު އިވުމުން އެފަދަ މީހުންގެ ފުރާނަ ބިރުން ހަށިގަނޑު ތެރޭގައި ފިލަން އުޅެއެވެ. ދެން ތެތް ކެހެރި ތަކެއްގެ ތެރެއިން ކަށިފަޅާފައިވާ އޫ ތަކެއް ނެރެލާފަދައިން އެފުރާނަ ދަމާ އުފުރާލެވެއެވެ. އެހިނދުގައި ލޭހޮޅިތަކާއި އިޙްސާސްގެ ނާރުތައް ބުރިބުރިވެ ކަނޑަ ކަނޑައިގެން ދެއެވެ.

އިސްލާމްދީނަށްޓަކައި ޖިހާދުކޮށް ޝަހީދުވެގެން ވެއްޓ މީހާގެ ކިބައިން މަރުގެ ވޭން ލުއިކުރެވޭ ކަމުގައި ކީރިތި ރަސޫ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވެއެވެ.

މަރުވަމުންދާ މީހާއަށް ފެންނަ ކަންތަކާއި ވާގޮތްތަކަކީ އަހަރުމެނަށް ފެންނަ ނުވަތަ އިހްސާސް ކުރެވޭ ކަންތައްތަކެއް ނޫނެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އެޙާލަތު އަހަރުމެންނަށް ބަޔާންކޮށްދެއްވާފައި ވެއެވެ.{فَلَوْلاَإِذَابَلَغَتِٱلْحُلْقُومَ-وَأَنتُمْحِينَئِذٍتَنظُرُونَ- وَنَحْنُأَقْرَبُإِلَيْهِمِنكُمْوَلَـٰكِنلاَّتُبْصِرُونَ}( الواقعة83-85) މާނައަކީ: ” ފަހެ، މަރުވުމުގެ ވަގުތުގައި ، ކަރާހަމައަށް ފުރާނަ އައިސް ނޭވާ ހޮޅިއަށް އެޅިއްޖެހިނދެވެ. އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. އަދި ތިޔަބައިމީހުނަށް ވުރެ މަރުވާމީހާއާ ގާތްކަން ބޮޑި ، ތިމަން ރަސްކަލާނގެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުނަކަށް ނުފެނެތެވެ.”

ފުރާނަ ހިއްޕެވޭ މިހާއަށް ، މުއުމިނެއްނަމަ މަލަކުލް މައުތު އުފާވެރިކަމަގެ ޚަބަރު ދެއްވާނެކަމާއި ކާފިރެއްނަމަ ﷲގެ ކޯފާއާއި ޢަޒާބުގެ ޥަޢީދު ދެއްވާނެކަން ، ކީރިތި ޤުރުއާނުގައިވެސް އެތައް އާޔަތެއްގައި އަންގަވާފައިވެއެވެ.{إِنَّٱلَّذِينَقَالُواْرَبُّنَاٱللَّهُثُمَّٱسْتَقَامُواْتَتَنَزَّلُعَلَيْهِمُٱلْمَلاَئِكَةُأَلاَّتَخَافُواْوَلاَتَحْزَنُواْوَأَبْشِرُواْبِٱلْجَنَّةِٱلَّتِىكُنتُمْتُوعَدُونَ-نَحْنُأَوْلِيَآؤُكُمْفِىٱلْحَيَاةِٱلدُّنْيَاوَفِىٱلآخِرَةِوَلَكُمْفِيهَامَاتَشْتَهِيۤأَنفُسُكُمْوَلَكُمْفِيهَامَاتَدَّعُونَ-نُزُلاًمِّنْغَفُورٍرَّحِيمٍ}( فصلت 30-32) މާނައަކީ:” ހަމަކަށަވަރުން ، ތިމަންމެންގެ ވެރި ރަސްކަލާންގެއީ ﷲ އޭ ބުނެ ،ދެން ސީދާ މަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗައް މަލާއިކަތުން ފައިބާ ވަޑަ ގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ހިތާމަ ނުކުރާށެވެ! އަދި ތިޔަބައިމީހުނަށް ވަޢުދު ކުރައްވާ ކަމުގައިވާ ސުވަރުގޭގެ އުފާވެރި ކަމުގެ ޚަބަރު ލިބިގަންނާށެވެ! ތިމަންބޭކަލުންނީ ދުނިޔޭގެ ހަޔާތުގައްޔާއި، އާޚިރަތުގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާ ކަމެއް އެދުވަހުން، ތިޔަބައިމީހުނަށްޓަކައި ވެއެވެ. އަދި (އުފަލައި އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާ ކަމެއް ތިޔަބައިމީހުނަށް ވެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމް ވަންތަ ކަލެއްގެ މެހެމާންދާރީއެއްގެ ގޮތުގައެވެ. ” {وَلَوْتَرَىٰإِذْيَتَوَفَّىٱلَّذِينَكَفَرُواْٱلْمَلاۤئِكَةُيَضْرِبُونَوُجُوهَهُمْوَأَدْبَارَهُمْوَذُوقُواْعَذَابَٱلْحَرِيقِ}(الأنفال50) މާނައަކީ: ” މަލާއިކަތުން ، ކާފިރުވި މީހުންގ ފުރާނަ ހިއްޕަވާ ހިނދު، ކަލޭގެފާނަށް ފެނިވަޑައި ގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއިބުރަކަށި ތަކުގައި އެމަލާއިކަތުން ތަޅުއްވާ ހާލުގައެވެ. އަދި ( އެހިނދު އެމަލާއިކަތުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދަ އަނދަ އަނދާހުރި އަލިފާނުގެ ޢަޒާބުގެ ރަހަ ލިބިގަންނާށެވެ!”

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދިވެހި ޖޯކުތަކެއް

Next Article

ލޭހަދިޔާކުރުމުގެ މުހިންމުކަން

Related Posts