ﷲ އެއިލާހުގެ ޛާތުފުޅައިގެން ވޮޑިގެންވަނީ ހުރިހާ ތަނެއްގައިބާ؟

އައްޝައިޚު މުޙައްމަދު ސިނާން

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ ހަޑިމުޑުދާރު ތަންތަނުގައިވެސް ވާނޭކަމަށެވެ. އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ އެއިލާހުގެ މަތީގައި ނުވަތަ އެއިލާހުގެ ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން އެއިލާހުގެ ޢިއްޒަތްވަންތަކަމަށާއި، މަތިވެރިވަންތަކަމަށް ބުނެވޭ ކުޑައިމީސްބަހަކަށް މެނުވީ ނުވާނެއެވެ. އިންސާނާގެ ސާފުފިޠުރަތާ މުޅިން އިދިކޮޅު ކަމެކެވެ. ކީރިތި ޤުރުއާނާއި ސުންނަތުންގެ ދަލީލުތަކާ ކަނޑައެޅިގެން ޚިލާފު ބުނުމެކެވެ. އެފަދައިން ބުނާމީހަކަށް ސަލަފުންގެ ފަރާތުން އެމީހާގެ ބުނުމަށް ބާރުދޭނެ އެއްވެސް ބަސްފުޅެއް ލިބިގެންނުވެއެވެ. ހަމަކަށަވަރުން، ﷲގެ ޝަރީޢަތުގެ ކަންތައްތައް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްފަހު އެންމެ މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލުންނަކީ އެބޭކަލުންނެވެ. އެބޭކަލުންގެ މަގާ ޚިލާފަށް ބަސްބުނާމީހަކީ ކަނޑައެޅިގެން ޙައްޤު މަގުން އެއްކިބާވެފައިވާ މީހެކެވެ.

މިމައުޟޫއަށް ފަށައިގަތުމުގެ ކުރިން ދެނެގަންނަންޖެހޭ ވަރަށް މުހިއްމު ނުކުތާއެއްވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާގެ ޛާތުފުޅާއި، އެއިލާހާގުޅޭ ކަންކަމަކީ އަޅުގަނޑުމެންނަށް ޣައިބުގައިވާ ކަންކަމެވެ. އަދި އަޅުގަނޑުމެންނަށް ހަމައެކަނި އެއިލާހާ ބެހޭގޮތުން ލިބިފައިވާ ޢިލްމަކީ ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވާ މިންވަރެވެ. އޭގެ އިތުރަށް އަޅުގަނޑުމެންނަށް އެއިލާހާ ބެހޭގޮތުން އެއްވެސް ޢިލްމެއް ލިބިގެންނުވެއެވެ. ޤުރުއާނާއި ސުންނަތުގައިވާ މިންވަރެއް ފިޔަވައި، އެއިލާހާމެދު ބަސްކިޔައި ހެދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާކަމެއްނޫނެވެ. އަދި އެކަންވާނީ ޢިލްމަކާއިނުލައި އެއިލާހުގެ މައްޗަށް ބުނެވޭ ބަސްތަކަކަށެވެ. އެކަމުގެ ތެރެއަށް އަމިއްލަ ޚިޔާލާއި، ފިކުރާއި، ވިސްނުން ވެއްދުމަކީ މަގުފުރެދުމެކެވެ. އަދި ޣައިބުގައިވާ ކޮންމެ ކަމަކީ އަޅުގަނޑުމެންނަށް އޭގެ ޙަޤީޤަތާއި، ޞިފަ އަޅުގަނޑުމެންގެ ކޮށި ވިސްނުންތަކަށް އެނގިގެންވާ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މައްޗަށް ވަނީ އެއިލާހާމެދު ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް އީމާންވެ އެކަން ޤަބޫލުކުރުމެވެ. ޣައިބުގައިވާ ކަންތައްތަކާމެދު ސުވާލު ގިނަކޮށް، ފައިދާއެއްނެތް ސުވާލުކޮށް ހެދުމަކީ މަގުފުރެދިގެން ހިނގައިދާނެކަމެކެވެ. އިންސާނާއަށް ނުވިސްނޭ، ނުވަތަ އިންސާނާ ތަޖުރިބާކޮށްފައިވާ ނުވާ ކަންކަމަކީ ނުވާކަމެއްކަމަށް ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ޤަބޫލުކުރުމަކީ ގޯހެކެވެ. މިސާލެއްގެގޮތުން، މީގެ ހާހެއްހާ އަހަރުކުރީގެ މީހަކު، މިޒަމާނުގައި މިފެންނަ ތަރައްޤީ ޤަބޫލުކުރާނެތޯއެވެ؟ ދުނިޔޭގެ އެތަންމިތަނުގައިވާ މީހުންނާ ވަގުތުން ވާހަކަ ދައްކާލެވި، އެތައް ދުވަހަކުން ދަތުރުކޮށްފައި ދެވޭ ތަންތަނުގެ ކަންތައްތައް ވަގުތުން ބަލާލެވިދާނެކަމަށް ޤަބޫލުކުރާނެތޯއެވެ؟ އެހެންނަމަވެސް، އަޅުގަނޑުމެންގެ ލޮލަށް މިހާރުއެކަންކަން މިދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންނަށް ނުފެންނަ ނުވަތަ ތަޖުރިބާ ކުރެވިފައިނުވާ ކަންކަމަކީ ނުވާނެކަމެއްކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެއްކަން އަޅުގަނޑުމެންނަށް މިހާރު އެނގެއެވެ.

ވީއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާއާމެދު ކީރިތި ޤުރުއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވާ ކޮންމެކަމަކީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެކަންކަން ތަސައްވުރު ނުކުރެވޭކަމެއްކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ މައްޗަށް ވަނީ ޤަބޫލުކޮށް، އެއިލާހުގެ ބަސްފުޅުތަކަށާއި، އެއިލާހުގެ ރަސޫލާގެ ބަސްފުޅުތަކަށް އީމާންވުމެވެ. އަޅުގަނޑުމެންގެ ބުއްދިއާއި ވިސްނުމުގައިވާ އުނިކަމަކީ، ކަމެއް ނުވާނެކަމަށް ނުވަތަ ބުއްދި ޤަބޫލުނުކުރާކަމެއްކަމަށް ބުނެވޭނެ ކަމެއްނޫނެވެ. އެއީ ހަމައަޅުގަނޑުމެންގެ ނިކަމެތިކަމެވެ.

އިމާމް މާލިކާއި އެހެންވެސް ބައެއް ބޭކަލުންގެ ކިބައިން އައިސްފައިވާ ބަސްފުޅަކީ، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްތަވާވޮޑިގަތުމާއި، އަދި އެހެންވެސް އެއިލާހާމެދު އައިސްފައިވާ ނައްޞުތަކާމެދު އީމާންވާންޖެހޭނެގޮތެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ. ((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ)) “އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.” އެބަހީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ޢަރުޝިއަށް އިސްތަވާވޮޑިގެންވާކަން ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ. އެކަން އަހަރެމެންނަށް ސިއްރުވެ ފޮރުވިގެންނުވެއެވެ. އެހެންނަމަވެސް، އެއިލާހު އިސްތަވާވޮޑިގެންވަނީ ކިހިނެއްކަން ކޮންގޮތަކަށްކަން އަހަރެމެންގެ ބުއްދިއަށް ނުވިސްނޭނެއެވެ. އެކަން އަހަރެމެންގެ ބުއްދިއަށް ނުވިސްނުނަސް އެކަމަށް އީމާންވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. އަދި އިސްތަވާވޮޑިގެންވަނީ ކިހިނެއްކަމާއި، ކޮންގޮތަކަށްކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.

ﷲ ވޮޑިގެންވާ ތަނާމެދު މީސްތަކުން:

ﷲ ވޮޑިގެންވާ ތަނާމެދު މީސްތަކުންގެ ބަސްތައް ތަފާތުވެފައިވެއެވެ. އެގޮތުން ހަތަރުބަހެއް ނަގުލުވެފައިވެއެވެ.

ފުރަތަމައީ: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ހުރިހާ އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. މިއީ ސަލަފުންނާއި، އަހުލުއްސުންނަތުގެ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ޤުރުއާނާއި ސުންނަތް މަގު ދައްކާގޮތެވެ.

ދެވަނައީ: ޖަހުމީންގެ ބައެއްކަމުގައިވާ މުޢައްޠިލާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ޢާލަމްތަކުގެ ތެރެއަކުވެސް ނޫނެވެ. އަދި ޢާލާމްތަކުގެ ބޭރުގައެއްވެސް ނޫނެވެ. އަދި އެއިލާހުގެ މަޚްލޫޤުންނާ ވަކިވެ ވަޑައިގެންވެސް ނޫނެވެ. އަދި މަޚްލޫޤުންނާ އެކުގައެއްވެސް ނޫނެވެ. މިބައިމީހުން އިދިކޮޅު ދެޞިފަ އެކީގައި ނަފީކުރަނީއެވެ. މިއީ މުޢުތަޒިލާއިންގެ ގިނަ މީހުންގެވެސް ބަހެވެ.

ތިންވަނައީ: ޖަހުމީންގެ ބައެއްކަމުގައިވާ ޙުލޫލިއްޔާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، އެއިލާހުގެ ޛާތުފުޅާއެކު ހުރިހާ ތަނެއްގައި ވޮޑިގެންވެއެވެ.

ހަތަރުވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ޛާތުފުޅާއިގެން ވޮޑިގެންވަނީ ޢާލަމްތަކުގެ މަތީގައެވެ. އަދި ހަމައެފަދައިން ޛާތުފުޅާއިގެން ކޮންމެތަނެއްގައި ވޮޑިގެންވެއެވެ. މިއީ ޞޫފީންގެ ތެރެއިން ބައެއްމީހުންނާއި، އަހުލުލް ކަލާމްގެ މީހުންގެ ބަހެވެ.

މިބަސްތަކުގެ ތެރެއިން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާ އެއްގޮތްވެގެންވާ ބަޔަކީ ފުރަތަމަ ބައިގެ މީހުންނެވެ. އާދެ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ބަހެވެ. ދެންތިބި ބާކީ ބައިގަނޑުތަކުގެ ބަސްތަކަކީ ޤުރުއާނާއި ސުންނަތާ ޚިލާފު ބާޠިލު ބަސްތަކެކެވެ.

ނުނިމޭ….

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ރަމަޟާން މަހާއި ރޯދަ : ލައިލަތުލް ޤަދްރި ވިލޭރޭ ހޯދަން މަސައްކަތްކުރުން

Next Article

عَطَاءِ بْنُ يَسَارِ رَحِمَهُ اللهގެ ހަޔާތްޕުޅު

Related Posts