ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 1 ވަނަ ބައި)

މިލިއުން އެކުލަވާލާފައިވާނީ ” ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް” މިމައުލޫގެމައްޗަށެވެ. އެގޮތުން މައިގަނޑުގޮތެއްގައި ބަލާލާފައިވާނީ ޢާންމު ގޮތެއްގައި އަންހެނުން ވަރިއަށް އެދޭ ސަބަބުތަކާއި ފިރިހެނުން ވަރިކުރުމަށް އެދޭ ސަބަބުތަކާއި ދެން ޢާންމުގޮތެއްގައި ރާއްޖޭގައި ވަރިއާ ހަމައަށް ދިއުމަށް މެދުވެރިވާ އެހެނިހެން ސަބަބުތަކަށެވެ. އަދި ވަރި ކޮންޓްރޯލުކުރުމުގައި ދިވެހިރާއްޖޭގެ އާއިލާއާއި ބެހޭ ޤާނޫނާއި ޤަވާޢިދުގެ [1] ސަބަބުން ވަރިކޮންޓްރޯލު ކުރުމަށް އެޅޭބާރާއި އޭގެދައުރާއި، ލިބިފައިވާ ކުރިއެރުމާއި އަދި އޭގެ ނަތީޖާގެ މައްޗަށެވެ. އަދި ވަރީގެތަޢާރަފެއް ހިމަނާފައިވާނީ ވަރިއަކީ ކޮބައިކަމާއި އެއާ ގުޅިފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލަމުންނެވެ. އަދި ވަރިގިނަވާން މެދުވެރިވާ ސަބަބުތަކާ ބެހޭގޮތުން ކުރެވުނު ސާރވޭގެ ނަތީޖާއާއި އަދި ބައެއްފަރާތްތަކުގެ ތަޖުރިބާތައް ހިމަނާލައިފާ ވާނެއެވެ.

މާތް ﷲ ޞުބަޙާނަހޫ ވަތަޢާލާވަނީ ކައިވެނީގެ ގުޅުމުންގުޅިގެން އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި ރައްކާތެރިކުރުމަށް އަންގަވާފައެވެ. ހަމައެހެންމެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަން ޖެހިއްޖެ ޙާލަތެއްގައި ކައިވެނި ރޫޅާލުމުގެ އިޚްތިޔާރު ދެއްވާފައެވެ. ޝައްކެއްނެތްގޮތުގައި ވަރި ލައްވާފައިވުމުގެ ޙިކުމަތްތަކެއް ވާނެއެވެ. ކައިވެނީގައި ނުރަނގަޅު ތަޖުރިބާއަކާކުރިމަތިވެ، އޭގައި އަނިޔާވެރިކަމެއް އުފެދިއްޖެނަމަ އެގުޅުން ނިންމާލުމަކީ އެންމެ މަސްލަޙަތުހުރި ގޮތްކަމުގައި ޤަބޫލުކުރެވެއެވެ. ވަރީގެ ސަބަބުން ތަފާތު މައްސަލަތައް އުފެދެމުންދާތީ އެކަން ކޮންޓްރޯލުކުރުމަށް ޤާނޫނުގައި ވަރި މަނާކުރުމަކީ ޙައްލަކަށްނުވާނެއެވެ. އެހެންކަމުން ޤާނޫނުގައިވަނީ ވަރިމަދުކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ ވަރިކުރުން އާންމުންނަށް ދޫކޮށްލާފައި އޮތުމުގެ ބަދަލުގައި އެކަން ޤާނޫނާއި ޤަވާޢިދުގެދަށުން، ބެލެހެއްޓެނިވި ގޮތަކަށް، ވަރިއަކީ އެންމެފަހުގެ ފިޔަވަޅަށް ހެދުމަށް ބާރު އެޅޭ ގޮތަށް ޤާނޫނާއި ޤަވާޢިދު އެކުލަވާލެވިފައި ވެއެވެ. އިސްލާމްދީނުގައި ވަރި ހުއްދަ ކުރައްވާފައި ވަނީވެސް އެކުގައި އުޅުމަށް ދަތިވެ އެކަން ޙައްލުކުރަން ކުރެވެން ހުރިހާކަމެއް ކުރުމަށްފަހު އެންމެފަހުން އެޅޭފިޔަވަޅަކަށް ވަރިކުރުން ހެދުމުގެ މައްޗަށެވެ.

ދިވެހި ރާއްޖޭގައި ވަރިގިނަވާން މެދުވެރިވާ ސަބަބުތައް

ކައިވެނީގެ ތަޢުރީފު

ނަސަބުގެ ގޮތުންނާއި އެއްކިރު ބުއިމުގެ ގޮތުން އަދި ކައިވެނީގެ ސަބަބުން އެ ފިރިހެނަކާއި ކައިވެނި ޙަރާމް ނުވާ އަންހެނާގެ ކިބައިން (ޖިންސީ) ފައިދާ ނެގުމާއި ވަޠުޢު ކުރުމާއި އޭނާއާއި އެކު މުބާޝިރާ(އެބަހީ: ގައިގޯޅީވެ އުޅުމާއި އެކުގައި ނިދުމާއި) ދޮންދިނުމާއި ފަދަކަންކަން ހުއްދަވުމުގެ އަޤްދަކަށް ކިޔާ ނަމެކެވެ.[2]

ކައިވެނީގެ އަޤްދުގެ ސަބަބުން ޝަރުޢީގޮތުން ބަނދެވޭ ބަނދެވުންތަކެއްވެއެވެ. އެއީ އަނބިފިރިކަމާއި އަނބިމީހާއާއި ފިރިމީހާ ޝާމިލުވާ ޙައްޤުތަކާއި، އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤާއި، ފިރިމީހާ އަނބިމީހާއަށް އަދާކުރަން ޖެހޭ ޙައްޤާއި، މުދާ ވާރުތަވުމާއި، މަސްއޫލިއްޔަތާއި ޒިންމާތަކާއި އަދި ޤާނޫނީގޮތުން ލިބޭބާރުތަކާއި ޒިންމާއޮތުން، މިފަދަ ކިތަންމެ ކަމެއްވެއެވެ. ހަމައެފަދައިން ދުނިޔަވީގޮތުން އިންސާނާގެ ދިރިއުޅުމަށް ބަލާއިރު ކައިވެންޏަށްފަހު އުފެދޭ ގުޅުންތަކާއި އިހުސާސްތަކެއްވެއެވެ. އަދި ކައިވެނީގެ ސަބަބުން ދެމަފިރިންގެ ގޮތުގައި އެކީއުޅެންފެށުމުން، ވަކިގޮތަކަށް އަމިއްލަ ދިރިއުޅުން ބިނާކޮށް ޙަޔާތްބައްޓަންކޮށް، ދުނިޔެވީ އަދި އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މާތްﷲ ހަލާލު ކުރެއްވެވި ގޮތުގައި ހަޔާތްވޭތުކުރުމަށްޓަކައި ކައިވެނީގެ ގުޅުމުގެ ޒަރިއްޔާއިން ދެޖިންސުގެ ބައިވެރިޔާގެ ކިބައިގާ ވަރުގަދަ ގުޅުމެއް އުފެދިގެންދެއެވެ. މިގުޅުން ރަނގަޅުގޮތުގައި ދެމެހެއްޓުމަކީ ކައިވެނި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. ކައިވެނިއޭގެޒާތުގައި ކުރިޔަށްދިޔުމާއި އަދި ދެމެހެއްޓުން ބިނާވެފައި އޮންނާނީ މިދެންނެވުނު ގުޅުންތަކުގެ މައްޗަށެވެ.

ކައިވެނީގެ ގުޅުމަކީ ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އުފައްދައިދޭ ކަމެކެވެ. އެގޮތުން މާތްﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައަކީ “އެކަބަލުންގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ކަލޭމެންގެ ނަފްސުތަކުން ކަލޭމެންގެ ބައިވެރިން ހެއްދެވުމާއި ކަލޭމެންގެ މުދުގައި ލޯތްބާއި އޯގާވެރިކަން ލެއްވުމަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުން ހެއްކެކެވެ. ހަމަކަށަވަރުން އެކަމުގައި ވިސްނާފިކުރުކުރާ ބަޔަކަށް އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްވެއެވެ.”

ވަރީގެ ތަޢުރީފު

ޝަރުޢީ ގޮތުން ވަރިއަކީ ކައިވެނީގެގޮތުން ގުޅިގެންއުޅޭދެމަފިރިންގެ ކައިވެނީގެ ޢަޤްދު ރޫޅާލެވޭފަދަ ބަހަކުން ކައިވެނި ރޫޅާލުމެވެ. ނުވަތަ  ދެމަފިރިންގެ ދެމެދުގައި ޝަރުޢީގޮތުން ބަނދެވިފައިވާ ގުޅުން ނިމުމަކަށް ގެނައުމެވެ.[3]

ކައިވެންޏާއި ވަރީގެ މިސާލަކީ ކޮމްޕިއުޓަރެއް ބޭނުންކުރަން ނޭގޭ މީހަކަށް އަލައް ކޮމްޕިއުޓަރެއް ލިބުމުގެ މިސާލެވެ. އޭނާ އަށް ކޮމްޕިއުޓަރ ލިބި އެބޭނުން ކުރަން އެނގި ރަނގަޅަށް ދަސްވުމުން އެއާނުލާ ނޫޅެވޭ ހިސާބަށް ދެއެވެ. ދެން އެބޭނުން ކުރަންފެށުމަށްފަހު އެއަށް ކުދިކުދި މައްސަލަތައް ޖެހެއެވެ. އަދި އެމައްސަލަތައް ހައްލުކުރުމުން އެ ރަނގަޅުވެގެންދެއެވެ. ނަމަވެސް ބައެއް ކޮމްޕިއުޓަރ ތަކަކީ މައްސަލަޖެހުމުން ކިތަންމެވަރަކަށް އެމައްސަލަތައް ހައްލުކުރަން އުޅުނަސް ހައްލުނުވެވި އެންމެފަހުން ބޭނުން ނުކުރެވޭ ދަރަޖައަށް  ދިއުމުން އެއްލާލަންޖެހޭ އެއްޗިއްސެވެ. އަދި އެއްލާލުމަށްފަހު އެހެން ކޮމްޕިއުޓަރެއް ހޯދައެވެ. ހަމަ މިގޮތަށް ކާވެނީގައިވެސް ދެމީހުންނަކީ ނުދަންނަ ދުރުހިލޭ ދެމީހުންނެވެ. ނަމަވެސް ކައިވެނި ކުރުމަށްފަހު ދެމީހުން އެކަކު އަނެކަކަށް ރަނގަޅަށް ދަސްވުމަށްފަހު އެކަކު އަނެކަކާ ނުލާ ނޫޅެވޭ ހިސާބަށް ދެއެވެ. ނަމަވެސް ދެމީހުންގެ މެދުގައި ކުދިކުދި މައްސަލަތައް ޖެހެއެވެ. އަދި ދެމީހުން އެކުގައި މައްސަލަތއް ހައްލުކުރަންއުޅުމުން އެކަން ހައްލުވެގެންދެއެވެ. މިއާ ޚިލާފަށް ބައެއްފަހަރު ޖެހޭ މައްސަލަތައކަކީ ކިތަންމެ ވަރަކަށް  ހައްލުކުރަންއުޅުނަސް ހައްލުނުކުރެވޭ މައްސަލަތަކެވެ. އެހެންކަމުން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ވަރިކުރަން ޖެހެއެވެ. އެއަށްފަހު ދެމީހުންވެސް އާ ބައިވެރިޔަކު ހޯދައެވެ.

ނުނިމޭ


[1]  ދިވެހިރާއްޖޭގެ އާއިލާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2000/4)

   އަދި އެޤާނޫނުގެދަށުން ހެދިފައިވާ އާއިލާއާބެހެ ޤަވާޢިދު (2006

[2] الدكتور عبد الستار عبد الرحمن, الأحوال الشخصية (ރާއްޖެ: 2011) ޞ:16

  الفقه المنهجي علي مذهب الإمام الشافعي رحمه الله تعالى، الجزء الرابع – الأحوال الشخصية  (أحكام الأسرة)، ص: 119 ، [3]

އަދި އިސްލާމީ ފިޤްހު 1، ޞަފްޙާ: 66

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފަތިސްނަމާދަށް ދިޔަކުޑަކުއްޖާ

Next Article

ޅޮހިގެ މަސްވެރިކަން ކުރިއަރަމުން އައިގޮތް

Related Posts