އިންސާނުންގެ ފުރާނައަށް ރައްކާތެރިވުމަށް އިސްލާމީ ޝަރީޢަތުގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ. މިގޮތުން، މީހެއްގެ ފުރާނައަށް ގެއްލުމެއް ވެދާފަދަ އެންމެހައި ކަންތައްތައް ކުރުމާއި، އެފަދަ ކަމަކަށް މަގުފަހިވެދާނޭ ކަމެއް ކުރުން ވެސް ޝަރުޢުގައި ވަނީ މަނާކުރެވިގެންނެވެ. އަދި މިކަންކަމީ ބޮޑުވެގެންވާ ފާފަކަމުއި ޝަރުޢުގައި ވަނީ ކަނޑައެޅިފައެވެ. މިކަންކަން މިގޮތަށް ޝަރުޢުކުރެއްވުމުގެ ހުރިހާވެސް މަޤްޞަދަކީ، އިންސާނުންގެ ފުރާނައަށް ރައްކާތެރިކަންދީ، ނަފްސަށް ގެއްލުންދެނިވި އެންމެހައި ކަންކަން ދުރުކުރުމެވެ.
އިސްލާމީ ޝަރީޢަތުގެ ހިޔަލުގައި ރައްކާތެރިކަން ލިބިގެންވާ ފުރާނައަކީ، މުސްލިމަކަށް ވުމުގެ ސަބަބުން ރައްކާތެރިކަން ލިބިގެންވާ އިންސާނުންނާއި، ޣައިރު މުސްލިމުންގެ ތެރެއިން ވެސް މުސްލިމުންނަށް ޖިޒުޔަ ދީގެން އުޅޭ މީހުންނާއި، މުސްތައުމަނުންނެވެ. އެބަހީ، އިސްލާމީ ދައުލަތުގެ ކޮންމެ ވެސް ފަރާތަކުން އެބަޔަކަށް އަމާންކަން ދީފައިވާ މީސްމީހުންނެވެ.
ނަފްސަށް ޙުރުމަތްތެރިކޮށް ހިތުމުމުގެ ގޮތުން ޝަރުޢުގައި ކަނޑައެޅިފައިވާ ކަންތައްތަކެއް ވެއެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1- ނަފްސަށް ގެއްލުންދިނުން ޙަރާމްކުރައްވާއިވުން
2- މީހަކު ޤަތުލުކުރުމަށް މަގުފައިވާ އެންމެހައި ކަންތައްތައް މަނާކުރިވެފައިވުން
3- ޤިޞާޞް ހިފުން ޝަރުޢުކުރެވިގެންވުން
4- ޤަތުލުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން ކަށަވަރު ހެކި ސާބިތުކުރުން ޝަރުޢުކުރެވިފައި ވުން
5- ޤަތުލުކުރުން ވާޖުބުވެފިއިވާ މީހެއްގެ މައްޗަށް، އެޙުކުމް ތަންފީޒުކޮށްފިނަމަ، އެކަމުން އެހެން ފުރާނައަކަށް ގެއްލުންވެދާނެކަމަށް ބެލެވޭނަމަ، ޙުކުމް ތަންފީޒުކުރުން ފަސްކުރުން
6- ޤިޞާޞް ހިފަންވެފައިވާ މީހާ އަށް މަޢާފު ދިނުން ޝަރުޢުކުރެވިފައި ވުން.
7- ނަފްސަށް ގެންލުންވާވަރުގެ ޟަރޫރީ ޙާލަތްތަކުގައި، ޙަރާމް ކުރެވެފައިވާ އެއްޗެއް ބޭނުންކުރުން ހުއްދަ ކުރެވިފައި ވުން.
ކަން މިހެން އޮތްއިރު، ނަފްސަށް ގެއްލުންދިނުމާއި ޙައްޤަކާއި ނުލައި މީސްމީހުންގެ ލޭއޮހޮރުމާއި، އެފަދަ ކަންކަމަށް މަގުފަހިވާ ކަންކަމާއި، ހިތްވަރުލިބޭ ކަންކަން ކުރުމީ ޙަރާމްކަމެއްކަމުގައި، ޤުރުއާނާއި ސުންނަތުގައި ކަނޑައެޅި ބަޔާންވެގެން ވެއެވެ. ޙައްޤަކާއި ނުލައި މީހަކު މެރުމީ، އެންމެބޮޑު ފާފައިގެ ތެރެއިންވާ ކަމެއްކަން ވެސް ކީރިތިވަންތަ ﷲ ވަނީ އަންގަވާފައެވެ. މިގޮތުން، ﷲއާއި ޝަރީކުރުން ފިޔަވައި ދެން އޮތް އެންމެބޮޑު ފާފައަކީ، ޙައްޤަކާއި ނުލައި މީހަކު މެރުންކަން رسول الله صلى الله عليه وسلم ގެ ބަސްފުޅުތަކުން ސާބިތުވެއެވެ. އެހެންކަމުން، ޙައްޤަކާއި ނުލައި މީހަކު މަރައިފި މީހަކަށް، ދުނިޔެމަތީގައި ބޮޑުވެގެންވާ ޢުޤޫބާތާއި އާޚިރަތުގައި ގަދަފަދަވެގެންވާ ޢަޛާބު ހުރިކަމުގެ ބިރުވެރި ޚަބަރު ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ދެއްވާފައި ވެއެވެ.
ޙައްޤަކާއި ނުލައި މީހުން މެރުމުގެ ނުބައި ކަން ބަޔާންކުރައްވަމުން ކީރިތިވަންތަ ﷲވަޙީކުރައްވާފައި ވެއެވެ. وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا [النساء: 93] މާނައީ”قصد ގައި مؤمن އަކު ޤަތުލުކޮށްފި މީހާ ދަންނާށެވެ! ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި އަބަދަށް ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލައްވައެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.”
حَجَّةُ الْوَدَاع ގެ خُطبة ގައި، އެއްވެތިބި އެންމެހައި މީސްތަކުންނާ މުޚާޠަބުކުރައްވައި رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. إِنَّ دِمَاءَكُمْ وَأَمْوَالَكُمْ وأعراضكم حَرَامٌ عَلَيْكُمْ كَحُرْمَةِ يَوْمِكُمْ هَذَا فِي بَلَدِكُمْ هَذَا فِي شَهْرِكُمْ هَذَا، وَسَتَلْقَوْنَ رَبَّكُمْ فَيَسْأَلُكُمْ عَنْ أَعْمَالِكُمْ، فَلاَ تَرْجِعُنَّ بَعْدِيْ كُفَّاراً (أو ضُلاَّلاً) يَضْرِبْ بَعْضُكُمْ رِقَابَ بَعْضٍ، أَلاَ لِيُبَلِّغِ الشَّاهِدُ الْغَائِبَ…”[رواه البخاري ومسلم] މާނައީ “ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލޭ، ޙައްޤަކާނުލައި އޮހޮރުވައިލުމާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ އަބުރު ވަނީ ޙުރުމަތްތެރި ކުރެވިގެންނެވެ. އެއީ، ތިޔަބައިމީހުންގެ މިދުވަހުގެ ޙުރުމަތްތެރިކަމާއި، ތިޔަބައިމީހުންގެ މިރަށުގެ ޙުރުމަތްތެރިކަމާއި، ތިޔަބައިމީހުންގެ މިމައްސަރުގެ ޙުރުމަތްތެރިކަމާ އެއްފަދައިންނެވެ. އަދި ނިކަންހުރެ ތިޔަބައިމީހުން، ތިޔަބައިމީހުންގެ ވެރިއިލާހާއި ބައްދަލުކުރާނޫއެވެ. ފަހެ، އެ ހިނދު ތިޔަބައިމީހުން ކޮށް އުޅުނު ޢަމަލުތަކާމެދުގައި އެކަލާނގެތިޔަބައިމީހުންނާ ސުވާލުކުރައްވާހުށްޓެވެ. ތިޔަބައިމީހުން ދެކެ ދެނެ ތިބެ އަޑުއަހާހުށި ކަމެވެ! ތިމަންކަލޭގެފާނަށްފަހު، ތިޔަބައިމީހުން ކާފިރުކަމުގެ ތެރެއަށްގޮސް، އެއްބަޔަކު އަނެއްބަޔަކު މަރައި، ނުހަދާހުށިކަމެވެ. ދަންނާށެވެ! ތިޔަބައިމީހުންކުރެ މި ތަނުގައި ޙާޟިރުވެ ތިބި ބަޔަކު، މި ތާނގައި ނެތް މީސްތަކުންނަށް މި ކަން އަންގައިފާހުށިކަމެވެ.”
އަދިވެސް އެކަލޭގެފާނުގެ އެހެން ޙަދީޘެއްގައި ވެއެވެ. “الْكَبَائِرُ: الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْن، وَقَتْلُ النَّفْسِ، وَالْيَمِيْنُ الْغَمُوسُ”[رواه البخاري ومسلم] މާނައީ: “ބޮޑެތި ފާފަތަކަކީ: اللَّهُއަށް ޝަރީކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. އަދި ޙައްޤަކާނުލައި މީހަކު މެރުމެވެ. އަދި ދޮގު ހުވައިކުރުމެވެ.”
އެކަލޭގެފާނުގެ رسول الله صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. “لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللهِ مِنْ قَتْلِ مُؤْمِنٍ بِغَيْرِ حَقٍّ.…” [أخرجه الترمذي في سننه، كتاب الديات، باب ما جاء في التشديد في قتل المؤمن، حديث (1395).]މާނައީ”ޙައްޤަކާއި ނުލައި މުއުމިނެއްގެ ލޭ އޮހޮރިގެން ދިއުމަށްވުރެ، ﷲ ގެ ޙަޟްރަތުގައި ދުނިޔެ ފަނާވެ ދިއުންވެސް ކުޑަވެގެންވެއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “أَبْغَضُ النّاَسِ إِلَى اللهِ ثَلاَثَةٌ: مُلْحِدٌ فِي الْحَرَمِ، وَمُبْتَغٍ فِي الْإِسْلاَمِ سُنَّةَ الْجَاهِلِيَّةِ، وَمُطْلِبٌ دَمَ امْرِئٍ بِغَيْرِ حَقٍّ لِيُهْرِيْقَ دَمَهُ” [أخرجه البخاري في صحيحه في الديات، باب من طلب دم امرئ بغير حق، حديث (6882).] މާނައީ”ﷲ ގެ ޙަޟްރަތުގައި އެކަލާނގެ އެންމެ ކޯފާވެވޮޑިގަންވާ މީހުންނަކީ، ޙަރަމްގައި ޙިލްޙާދު ކުރާ މީހާއާއި، އިސްލާމް ދީނުގައި ޖާހިލީކަންތައްތައް ފަތުރަން އުޅޭ މީހާ އާއި، ޙައްޤަކާއި ނުލައި މީހެއްގެ ލޭ ހުއްދަކޮށްގެން މަރާލާ މީހާއެވެ.”
އިސްލާމީ ޝަރީޢަތުގައި އިންސާނުންގެ ފުރާނައަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޢަޙުދަށް ރައްކާތެރިވުމަށް ބާރުއަޅާފައިވާ މިންވަރަކީ، ޣައިރު މުސްލުމުންގެ ތެރެއިން ހިމެނިގެންވާ މުޢާހިދަކު ޤަތުލުކުރުންވެސް ވަނީ، ދީނުގައި ޙަރާމް ކުރައްވާފައެވެ. މުޢާހިދުންނަކީ، ޖިޒުޔަ ދީގެން ނުވަތަ ދައުލަތުގެފަރާރުން ލިބިގެންވާ ޞުލްޙައިގެ އެއްބަސްވުމެއްގެ ދަށުން، ނުވަތަ މުސްލިމު ރައްޔިތެއްގެ ފަރާތުން އަމާންކަމެއް ލިބިގެން އިސްލާމީ ދައުލަތަށް އައިސް ހުރި ކޮންމެ ޣައިރު މުސްލިމެކެވެ. މީގެ ތެރޭގައި އެކި އެކި ބޭނުންތަކަށް ޤަވާޢިދުން ވިސާ ހޯދައިގެންނާއި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިގެން އަންނަ މީހުން ހެމެނިގެން ވެއެވެ. މިއެންމެނަށް، އިސްލާމީ ދައުލަތުގެ ރައްކާތެރިކަން ލިބިދޭން ވާނެއެވެ.
رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “مَنْ قَتَلَ مُعَاهَدًا لَمْ يُرِحْ رَاِئَحةَ الْجَنَّةِ، وَإِنَّ رِيْحَهَا لَيُوْجَدُ مِنْ مَسِيْرَةِ أَرْبَعِيْنَ عَامًا” [أخرجه البخاري في صحيحه،كتاب الديات، باب إثم من قتل معاهدا بغير جرم، حديث (6914).] މާނައީ”މުޢާޙަދާ ކޮށްފައިވާ މީހަކު ޤަތުލުކޮށްފި މީހަކަށް ސުވަރުގޭގެ ވަސްދުވާ ހިސާބަށްވެސް ނުދެވޭ ހުއްޓެވެ.” މުޢާހަދާ ކޮށްފައިވާ މީހުންނަކީ، ޞުލްޙައެއްގެ ދަށުން މުސްލިމުންނާއި ގުޅުން ޤާއިމުކޮށްފައިވާ ޣައިރު މުސްލިމުންނެވެ.”
ހަމައެފަދައިން މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކަށްހުރި ދަރުމައާއި ޘަވާބުގެ ވާހަކަ އަޑުއިވޭހިނދު، މިނުބައި ޢަމަލުން ދުރުހެލިވުމަށް މުސްލިމުއަޅާ ގަދައަޅައި މަސައްކަތްކުރާނެތެވެ. އެއީ، އެފަދަ މީހަކަށް ދެއްވާނޭ ދަރުމައާއި ޘަވާބަށް އެދިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الأرْضِ لَمُسْرِفُونَ (المائدة: ٣٢) މާނައީ “އަދި نفس އެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.”
ޤަތުލުކުރުމަށް މަގުފަހިވާ އެންމެހައި ދޮރުތައް ބަންދުކުރުން
ނަފްސުގެ ޙުރުމަތަށްޓަކައި، ޤަތުލުކުރުމަށް މަގުފަހިވާ އެންމެހައި ކަންތައްތައް ކުރުން، އިސްލާމީ ޝަރީޢަތުގައި ވަނީ މަނާކުރައްވާފައެވެ. ބޭނުމަކީ، ޙައްޤަކާއި ނުލައި މީހެއްގެ ފުރާނައަށް ގެއްލުންލިބިދާނޭ ކަމަށް ބެލެވޭ އެންމެހައި ދޮރުތަކެއް ބަންދުކުރުމެވެ. މިގޮތުން، މުސްލިމަކާ ދެކޮޅަށް ހަތިޔާރު އުފުލުމާއި، އެބާވަތުގެ ކަންކަމަށް ހިތްވަރުދިނުން މަނާކުރެވިގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “مَنْ حَمَلَ عَلَيْنَا السِّلاَحَ فَلَيْسَ مِنَّا” [أخرجه البخاري ومسلم]މާނައީ”އަހަރުމެން މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލައިފި މީހަކީ، އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.” މިކަން މަނާކުރެވިފައިވާނީ، ހަތިޔާރު އުފުލުމުގެ ސަބަބުން ކުރިމަތިވާ ބޮޑެތި ފިތުނަވެރިކަމުގެ ސަބަބުންނާއި، އެކަމުގެ ސަބަބުން ޙައްޤަކާއި ނުލައި މުސްލިމުންގެ ލޭއޮހޮރުމަށް މަގުފަހިވާތީއެވެ.
އެކަލޭގެފާނުގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. “سَبَابُ الْمُسْلِمِ فُسُوْقٌ، وَقِتَالُهُ كُفْرٌ”[أخرجه البخاري ومسلم]މާނައީ “މުސްލިމުންނާ ނެތި މޮށުމަކީ ފާސިޤު ޢަމަލެކެވެ. އަދި މުސްލިމަކާ ހަނގުރާމަކުރުމަކީ ކުފުރުވުމެކެވެ.” [އެބަހީ؛ އެމީހަކު އެވަނީ އެކުޅަ ޢަމަލުގައި ކުފުރުވެފައެވެ. މިއަކީ، އަދި މިއްލަތުން ބޭރުވާވަރުގެ ކުފުރެއް ނޫންކަން ހަނދާން ބަހައްޓަން ވާނެއެވެ.]
ޤަޞްތުގައި މީހަކު މެރުން ކީއްކުރަން ހެއްޔެވެ؟ އެކަމާ ގުޅުންހުރި މާ އާދައިގެ ކަންތައްތައް ކުރުން ވެސް މަނަވެގެން ވެއެވެ. އެއީ މިސާލަކަށް، ކަމެއް ކުރުމުގެ ސަބަބުން ތިމާގެ މުސްލިމު އަޚާއާ މެދު ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދިދާނޭ ކަމެއް ކުރުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން ކުރުން ވެސް އިސްލާމް ދީނުގައި ވަނީ މަނާކުރެވިގެންނެވެ. އެހެންކަމުން، ކުށެއްނެތް މީހަކު ޤަތުލުކުރުމަށް މަގުފަހިވެދޭނޭ އެންމެހައި ކަންތައްތައް ކުރުން ވެސް ދީނުގައި ވަނީ ޙަރާމްކުރައްވާފައެވެ. މީހަކު މެރުމުގެ ސަބަބަކަށް ވެދާނޭ ޢަމަލެއް ކުރިމީހަކު، އެކަމުގެ ޒިންމާ ނަގަންޖެހެއެވެ. މިސާލަކަށް މީހުން ހިނގައި އުޅޭ މަގެއްގައި، އެނގުމެއް ނުވާގޮތަށް ވަޅުގަނޑެއް ކޮނެފައި ވަނިކޮށް އެތަނަށް މީހަކު ވެއްޓި މަރުވެއްޖެނަމަ، އެކަންކުރި މީހަކު އެމީހާގެ މަރުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މިގޮތުން އޭނާގެ މަރުގެ ދިޔަ އެމީހަކު ދޭންޖެހޭނެއެވެ.
رسول الله صلى الله عليه وسلم ގެ ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި، ތިން ޙާލަތަކުން ކުރެ ޙާލަތަކުން މެނުވީ މުސްލިމެއްގެ ލޭގެ ޙުރުމަތް ކެނޑިގެން ނުދާނެއެވެ. މިކަން ބަޔާންކުރައްވަމުން އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. “لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ إِلاَّ بِإِحْدَى ثَلاَثٍ: الَثَّيِّبُ الزَّانِي، الَنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينْهِ اَلْمُفَارِقُ لِلْجَمَاعَةِ” [رواه البخاري ومسلم]މާނައީ“ﷲމެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ކަމަށް ހެކިވާ މީހަކަށް، މިތިންކަމުންކުރެ ކަމަކުން މެނުވީ މުސްލިމެއްގެ ލޭ އޮހޮރުވާލުން ހުއްދަވެގެން ނުވެއެވެ. އެއީ، ޒިނޭކޮށްފި ޘައްޔިބަކާއި، މީހެއްގެ ބަދަލުގައި މަރާލެވޭ މީހަކާއި، އެމީހެއްގެ ދީން ދޫކޮށްލައި ޖަމާޢަތާއި ވަކިވެގަތް މީހާއެވެ.” الَثَّيِّبُ އަކީ، އެމީހެއްގެ ޙަޔާތުގައި އެންމެ ފަހަރަކުވިޔަސް ޝަރްޢީ ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ކައިވެނި މަތީގައި ދެމިހުއްޓަސް ނުވަތަ ނެތަސްމެއެވެ.
ކަން މިހެން ހުރުމާއެކު، ޤަތުލުވާޖިބުވާ ވަރުގެ ކުށަކަށް މީހަކު އަރައިގެންފި ކަމުގައިވާނަމަ، އެކަމެއް ބަލައި ތަޙުޤީޤުކޮށް، އޭނާގެ މައްޗަށް އެއަދަބު ކަނޑައަޅާނީ ދައުލަތުގެ ޝަރްޢީ ނިޒާމުގެ ތެރެއިން ލާފައެވެ. އެއަށް ފަހު އެކަން ތަންފީޒުކުރާނީ، އެކަންކުރުމަށް ދައުލަތުގައި ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިންނެވެ. މިއަކީ މީސްމީހުން އަމިއްލަ އަމިއްލަ އަށް ކުރުމަށް އަންގަވާފައިވާ ކަންތައްތަކެއް ނޫނެވެ.
އެހެންކަމުން، މީގެ ބޭރުން މީހުން މެރުމަށް ހިތްވަރު ލިބިދޭފަދަ ޢަމަލުތައް ހިންގައި، އެފަދަ ވާހަކަތައް ދައްކައި ހެދުމީ، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިމުގެ ބޭރުން ކުރެވޭ ޢަމަލެއް ކަމުގައި މެނުވީ ނުވާނެއެވެ.