ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނާށް ތަބައުވީ ބަނީ އިސްރާޢީލުންގެ މީސްތަކުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތްކުރައްވާފައި. އެބައިމީހުން ފައިމަގުގައި ކަނޑު ހުރަސްކޮށް ފިރުއައުނުގެ ކިބައިން ސަލާމާތްކުރެއްވި ގޮތުގެ ވާހަކައަކީ ޤުރުއާނުގައި ބަޔާންވެގެންވާ ވާހަކައެއް. ޤުރުއާނުގައި މިހެން އޮތްނަމަވެސް އެ ފޮތަކީ ﷲ ބާވާލެއްވި ފޮތެއްކަން ޤަބޫލުނުކުރާ މީސްތަކުން އެއީ މާކުރީގެ ފުލޯކްވާހަކައެއްކަމުގައި ބުނެ އުޅޭ.
ނަމަވެސް ދާދިފަހުން ހޯދުނު އައު ހޯދުންތަކަކުން ވަނީ ޤުރުއާނުގައި ބަޔާންވެފައިވާ އެ ބޮޑު މުޢުޖިޒާތް ހިނގިކަމުގެ ތާރީޚީ އަދި ޢިލްމީ ހެކިތައް ހޯދިފަ.
މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނަށް ބާވައިލެއްވި ރިސާލަތައިގެން ފިރުޢައުނާއި އޭނާގެ މީސްތަކުންގެ ގާތައް ވަޑައިގަތް. އެހިނދު އެބައިމީހުން ބުނިކަމުގައި ވަނީ: “މިއީ މޮޔައެކެވެ. ސިހުރުވެރިއެކެވެ. އަދި ފަސާދަކުރާ މީހެކެވެ.” ދެން ފިރުޢައުނާއި މިޞުރުގެ މީސްތަކުން އީމާން ނުވެ ބޮޑާވެގަތް. އެހިނދު ﷲ މޫސާގެފާނަށް އެންގެވި. “… ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރުޢައުނާއި އޭނާގެ ލަޝްކަރު ދާނެތެވެ.)”
ދެން ފިރުޢައުނު މޫސާގެފާނާއި ބަނީ އިސްރާޢީލުންގެ މަގަށް ހުރަސްއެޅުމަށް ގޮސް އަރާހަމަކުރީ މިޞުރުގެ ސީނާ ނަމަކަށް ކިޔުނު ސަޙަރާގެ ތެރެއިން. މިހާރު ކިޔާގޮތަށްނަމަ އެ ހިސާބުގައިވާ ގަލްފް އޮފް ޢަޤަބާ އާއި ވީ ފަރާތު ކަނޑުގެ އައްސޭރިން. ދެން ކަންތައް ވެގެންދިޔަ ގޮތް ޤުރުއާނުގައި ބަޔާންވެގެންވަނީ އަންނަނިވިފަދައިން.
“ފަހެ ތިމަން ރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެ އެވެ. އެއިން ކޮންމެ ބައެއް ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. ތިމަން ރަސްކަލާނގެ އަނެއްބައިމީހުން ( އެބަހީ: ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން) އެތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ މުސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަން ރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފަރުން) ޣަރަޤުކުރެއްވީމެވެ.”
މާތްވެގެންވާ ޤުރުއާނުގައި ބަޔާންވެގެންވާ މި ވާހަކައަކީ ތެދު ޙަޤީޤަތެއްކަން ދާދި ފަހަކުން އަލަށް ހޯދުނު މިޞުރުގެ ޤަދީމީ ފަތްފުއްތަކުން ވަނީ ކަށަވަރުކޮށްދިފަ. ފިރުޢައުނުގެ ޒަމާނުގައި ލިޔެވުނު ޕަޕައިރަސްގެ ރެކޯޑްތަކުގައި ވަނީ އަންނަނިވި ފަދައިން.
“އަމެނަމޮނީގެ ފަރާތުން ގަނޑުވަރުގެ ހުދުކޮޓަރީގައި ފޮތްތައް ބަލަހައްޓާ އިސް ކާތިބަށް ލިޔެ އަންގަމެވެ. މި ސިޓީ ތިބާ އާއި ހަމައަށް ފޯރައި، މީގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައިފިހިނދު، ދެން ތިބާގެ ހިތް ފުން ހިތާމަ އާއި މޮޅިވެރިކަމަށް ޖާގަދޭހުށިކަމެވެ. ތޫފާނެއްގެ ތެރޭގައި ބުރައިގެންދާ ފަތެއްފަދައިން، ހިތާމައިން ފުރިގެންވީ ކާރިޘާއެއްގައި ކަނޑުގައި އެނބުރޭ އޮއިވަރުގެ ތެރެއަށް ޣަރަޤުވެ ނިމިއްޖެ އެވެ. މުސީބާތް އައިސް ލައިގަތީ ހަމަކުއްލިޔަކަށެވެ. އެއަކުން ރެކިގަނެވޭނެ ހަމަ އެއްވެސް ގޮތެއް ނުވެ އެވެ. ޤަބީލާތަކާއި، އިރުމައްޗާއި ހުޅަނގުގެ ރަސްގެފާނު އަދި އޭނާގެ ބޮޑުންގެ މީސްތަކުން ނެތިކުރެއްވިގޮތް ލިޔެ ބަޔާންކޮށްފައި އޮންނަހުށިކަމެވެ. ފެންގަނޑެއްގެ ތެރޭގައި އެއްވެސް އާރެއް ބާރެއްނެތި ބީތާވެފައި ތިބެންޖެހުނު ފަދައިން ކަންހިނގީ ގަދަފަދަ އެހެން ބާރަކުންނެވެ. އަހުރެން މި ފޮނުވި ޚަބަރާ އަޅާކިޔޭނެ އެހެން ބޮޑު ޚަބަރެއް ފަހެ ވޭބާވަ އެވެ؟”
މޫސާ ޢަލައިހިއްސަލާމް އާއި ބަނީ އިސްރާޢީލުންގެ ފަހަތުން ފިރުޢައުނު ދަތުރުކޮށް ދިޔައިރު އަރައިގެން އިން ޗެރިއޮޓް ނުވަތަ އަސްގާޑިޔާ އާކިއޮލޮޖިސްޓުން ވަނީ ހޯދާފައި. މި އެތި ފެނިފައިވަނީ ކަނޑު ދެބައިވެގެންދިޔަ ހިސާބުން އައްސޭރިފަށް ކޮނުނު ކޮނުމުގައި. މިއަދު މި ޗެރިއޮޓް ވަނީ މިޞުރުގެ ދާރުލްއާޘާރުގައި ދައްކާލުމަށް ބެހެއްޓިފައި.
މޫސާގެފާނާއި ބަނީ އިސްރާޢީލުން ރަތްކަނޑު ހުރަސްކޮށް ދިޔަ ހާދިސާއަކީ އެކަމުގެ މައްޗަށް މިއަދު އެތަކެއް ދިރާސާތައް ކުރެވިފައިވާ ކަމެއް. މިއަދު އާކިއޮލޮޖިސްޓުން ވަނީ މޫސާގެފާނު ދަތުރުކުރެއްވި މަގު ހޯއްދެވުމުގެ އިތުރުން، ފިރުޢައުނުގެ ސިފައިން އައިސް އެކަލޭގެފާނަށް ހުރަސްއެޅި ހިސާބުވެސް ހޯދާފައި.
ރަޝިޔާގެ ފިޒިކްސް ޢިލްމުވެރިން ކަމުގައިވާ ނައުމް ވޮލްޒިންގާ އާއި އެލެކްޒެއި އެންޑްރޮސޯވް ވަނީ މޫސާ ޢަލައިހިއްސަލާމް ކަނޑު ދެފަޅިކުރައްވައި ވަޑައިގަތްކަމުގެ މައްޗަށް އައު ޢިލްމީ ދިރާސާއެއް ހާމަކޮށްފައި. މިހެންކަމުން މިއީ ނުހިނގާކަމެކޭ ބުނެވޭނެ އެއްވެސް ޖާގައެއް މިއަދަކު ނެތް.
ޤުރުއާން ބާވައިލެއްވުމުގެ މާ އިހުޒަމާނުގައި ހިނގާފައިވާ މިފަދަ ހާދިސާތައް، އެފޮތުގައި ބަޔާންވެގެންވާ ފަދައިން މިއަދުގެ އައު ހޯދުންތަކުގެ އަލީގައި ސާބިތުކުރެވެމުން ދާކަމީ ޔަޤީނުންވެސް އަޖާއިބެއް.
މި އެންމެހާ ކަމަކުން ހާމަވެގެން ދަނީ، ﷲ އެކަލާނގެ ނަބިއްޔާ މުޙަންމަދު ޞޮލައްﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައިލެއްވި ޤުރުއާނުގެ ތެދުކަން އަދި އެފޮތަކީ މުޢުޖިޒާތެއްކަން.
__________________________________________________________ ނިމުނީ ____________
14 ޖުލައި 2011، ބުރާސްފަތި
ނޯޓް: މި ލިޔުމަކީ މަރުޙަބާ ރަމަޟާން ޓީވީ ޕްރޮގްރާމްގެ ސެގްމެންޓެއް ކަމުގައިވާ “އިޢުޖާޒުލް ޤުރުއާން” އަށް ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ.
ލިޔުނީ: އިބްރާހީމް ނާޒިމް
[facebook][tweet][Google]