ރުޤްޔާ ޝަރުޢިއްޔާ ނުވަތަ ޝަރުޢީ ފަންޑިތަ

ފަންޑިތައޭ ކިޔައިގެން ދިވެހިންގެތެރޭގައި ޢާއްމުވެފައި މިވަނީ ވަބާއެކޭ ބުންޔަސް ދޮގަކަށް ނުވާނެއެ. ދިވެހިބަހުގައި ފަންޑިތައޭ ބުނުމުން މާނައަކީ ލިޔާ ތަށިތަވީދު، ކިޔަވާ ކިޔަވެލި ނުވަތަ އެކި އެކި ކަންކަމަށް ކުރާ މިބާވަތުގެ ކަންކަމެވެ. އެހެންކަމުން މާނައަކީ ކާބަފައި ޒަމާނުއްސުރެ ހަދަމުން އައި އިސްތިރި ވަރިތޮޅި އާއި އެހެނިހެން ސިޙުރުވެސް އެމާނައިގެ ތެރޭގައި ހިމެނޭކަމެވެ. ފަންޑިތަ މާނަކުރެވިފައިވަނީ އޭގައި ޝިރުކުވެސް ހިމެނޭގޮތަށެވެ. ޒަމާނުއްސުރެ އެކަން ދިވެހީންގެތެރޭގައި ޢާއްމުވެފައި ވަނީވެސް އެމާނައާއި އެއްގޮތަށެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ. ކަމުގެ ޙަޤީޤަތް ނޭނގޭތީއެވެ. ސިޙުރަކީ ކޮބައިކަމާއި އެބާވަތުގެ ކަންތަކުގައި ހިމެނޭ ޙަރާމް ކަންތައްތަކާއި ޙަލާލު ކަންތައްތައް އެނގިފައި ނެތީމައެވެ. މިހެންގޮސް މިހާރު މިވަނީ މުޅިމުޖުތަމަޢު މިކަމުގެ ތެރޭގައި ފަސާދަވެ ޝިރުކުގެ ތެރެއަށް ގެނބި މިކަމުގެ ސަބަބުން މުޞީބާތްތައް ޢާއްމުވެފައެވެ. ކަމުގެ ޒިއްމާ ޢިލްމުވެރިން އުފުލަން ޖެހޭނެކަމާއިމެދު އަޅުގަނޑަކަށް ޝައްކެއްނެތެވެ. ސަބަބަކީ ދީނުގެ ކުދި ކުދި ކަންކަމާ ބަހުސްކޮށް ބޮޑަތި ޚިޔާލުތަފާތުވުންތަކުގެތެރޭގައި ޢިލްމުވެރިން ބަހުސް ކުރައްވާއިރު އެއަށްވުރެ ބޮޑު މުހިއްމު މަޢުޟޫޢު ދޫކޮށްލާފައިވާތީއެވެ. ދީނުގެ އަޅުކަމެއްކުރާނެ ގޮތަކާއިމެދު ވާހަކަ ދެއްކުމުގެ ކުރިން ދީނުގައި ހުރެވޭ ގޮތާއި ދީނުން ބޭރުވާ ގޮތާއި، ތައުޙީދާއި ޝިރުކު މިއީ ކޯޗެއްކަން އެނގުން މާމުހިއްމުކަން ބޮޑެވެ.

ސަބަބަކީ އަޅުކަމެއްކުރެވޭނީވެސް އިސްލާމް ދީނުގައި ހުރެގެނެވެ. ދީނުންބޭރުވެ ހުރެގެން ދީނުގައި އޮންނަ އަޅުކަމެއް ކުރުމަކުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. މުޞީބާތްތައް ޖެހުމުގެ އެއްމެ ބޮޑު އަސްލަކީ ޝިރުކެވެ. ޝިރުކަށް އެއްމެ ފަސޭހައިން މީހާ ވެއްޓިގެން ދަނީ ސިޙުރުގެތެރެއިންނޭ ބުނުން ދޮގަކަށް ވޭބާވައެވެ. ޝައިޠާނާގެ ވަސްވާހަށް ހެއްލި ޝައިޠާނާއާއި އެއްބައިވެ އެބައިމީހުނާއި ވާގިވެރިވެގެން ސިޙުރުވެރިން ސިޙުރުހަދައެވެ. މިކަމުގައި ރާއްޖެ ފަސާދަވެފައިވާއިރު ޢިލްމުވެރިން އެދެވޭ ގޮތުގައި މިވާހަކަތަށް ދައްކާ އޮޅުންފިލުވައިދީފައެއް ނުވެއެވެ. ހައްތާވެސް ދައްކަމުން ގެންގޮސްފައިވަނީ ކުދި މަޢުލޫތަކުގެ ޚިޔާލުތަފާތުވުން ބޮޑު ވާހަކަތަކެވެ. އެހެނަސް އެވެސް ހަމަ މުހިއްމު ވާހަކަތަކެވެ.

ރުޤުޔާ އަކީ ކޮބައި ހެއްޔެވެ؟

ޢަރަބި ބަހުގައި ރުޤުޔާ އޭ ބުނުމުން މާނަކުރެވެނީ ދިވެހި ބަހުގައި ފަންޑިތަ މިބަސް އައިސްފާވާގޮތަށެވެ. އެހުރިހާ މާނައެއްވެސް ހިމެނިގެނެވެ. އޭގެ ތަފްޞީލު މިއަދު ކޮންމެ ދިވެއްސަކަށްމެ އެނގެން އެބަޖެހެއެވެ. ސަލާމަތުން ދީނުގައި ސާބިތުވެ ތިބުމަށްޓަކައެވެ.

މިގޮތުން މައިގަނޑު ގޮތެއްގައި ރުޤުޔާ މާނަކުރާނަމަ ކުރެވޭނީ އެއީ ބައްޔެއް ރަނގަޅުކުރުމަށް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހަކު މުސީބާތުން ސަލާމަތް ކުރުމަށް ނުވަތަ ވަކި ކަމެއް ޙާޞިލް ވުމަށްޓަކައި ކިޔެވޭ ކިޔެވުން ނުވަތަ ކުރާ އެފަދަ ކަންތައްތަކެވެ. މިމާނައިގައި ބަލާނަމަ ރުޤުޔާގެތެރޭގައި ސިޙުރުވެސް ހިމެނެއެވެ. ރުޤުޔާ ބެހިގެންވާ ބައިތަކަށް ބަލައިލާއިރު ރުޤުޔާ އަކީ:

1- ރުޤުޔާ ޝަރުޢިއްޔާ (ޝަރުޢީ ފަންޑިތަ) : ﷲ ގެ ކަލާމްފުޅާއި(ޤުރުއާން) ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން ޙަރާމްކަމެއް އެކުނުލެވޭ ގޮތަށް ޝިރުކުނެތި ކުރާ ރުޤުޔާ. އަދި ރަސޫލާގެ ޙަދީޘްފުޅުތަކުންވާރިދުވެފައިވާ ދުޢާތަކާއި ބަސްފުޅުތައް ބޭނުންކޮށްގެން ޝިރުކުނުވާގޮތަށް ކުރާ ރުޤުޔާ. މިފަދަ ރުޤުޔާ ތަކަކީ ހުއްދަ އަދި ސުއްނަތުން ސާބިތުވާ ކުރުން އެދެވިގެންވާ ރުޤުޔާއެވެ.

2- ރުޤުޔާ ޝިރުކިއްޔާ (ޝިރުކު ހިމެނޭ ފަންޑިތަ) : ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔަވެލިތަކާއި،ފާލުބެލުމާއި، އަތްބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަޖެހުމާއި، މިފަދަ ހުއްދަނޫން ކަންކަމަށް އަރައިގަނެ ޤުރުއާނާއި ޝައިޠާނީ ތަކެއްޗާއި ކަންތައްތައް މަސްހުނިކޮށްގެން ކުރާ ރުޤުޔާތައް. މިފަދަ ރުޤުޔާ ތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤުޔާތަކެވެ.

3- ސިޙުރު: ބައެއްމީހުން ބަލިރަނގަޅުކުރުމުގައި ނުވަތަ އެހެންވެސް ބޭނުންތަކަށް ސިޙުރު ހަދައެވެ. ސީދާ ޝައިޠާނުން މެދުވެރިކޮށް ނުވަތަ ސިޙުރެއް ޖެހިފައިވާ މީހާއަށް ފާލުބަލާ ރަމަލުޖަހާ ކަންތައް ކުރުމަށްފަހު ސިޙުރުން ސިޙުރު ބާޠިލުކުރެއެވެ. މިއީވެސް ޙަރާމް ވެގެންވާ ކުފުރުގެ ޢަމަލެކެވެ. ސިޙުރު ހަދަނީ ޢާއްމުކޮށް މީހުނަށް ގެއްލުން ދިނުމަށްޓަކައެވެ. މަކަރު ހަދާ، މީހުނަށް އޮޅޫވާލައި، ލޯމައްޗަށް ދަޅަދެއްކުން (ޖާދޫ ހެދުން) ވެސް ހިމެނެނީ މިބައިގެ ތެރޭގައެވެ.

4- ސުއްނަތުން ސާބިތުނުވާ އެހެން ނަމަވެސް އަމިއްލައަށް ހަދާ ރުޤުޔާތައް: މިފަދަ ރުޤުޔާތަކަކީ އޭގައި ޝިރުކު އެކުލެވިގެން ނުވާނަމަ، އަދި ޙަރާމް ކަމަކަށް އަރައި ނުގަނެ ކުރާ ރުޤުޔާއެއްނަމަ ހުއްދަ އެއްޗެކެވެ. މިވައްތަރުވެސް ހިމެނިގެން ވަނީ ރުޤުޔާ ޝަރުޢިއްޔާ (ޝަރުޢީ ފަންޑިތަ ނުވަތަ ހުއްދަ ފަންޑިތަ) ގެތެރޭގައެވެ.

މިތަފްޞީލް ތަކަށް ބަލާނަމަ، އޭގައި ޝިރުކު ނުހިމެނޭ ނަމަ އަދި ޙަރާމް ކަމެއް އެކުލެވިގެން ނުވާނަމަ އެރުޤުޔާއެއް ހުއްދައެވެ. ނަމަވެސް ބައެއް މީހުން މިފުޅާ ދާއިރާ ހަނިކޮށްލާފަދަ ގޮތަކަށް ވާހަކަދައްކާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ސިޙުރުފަދަ ބަލިތައް ޖެހުމުން ހަދާނެގޮތް ހުސްވެ އެންމެފަހުން ދަނީ ފާލުބަލާމީހެއް ކައިރިއަށް ނުވަތަ ނޭނގިނަމަވެސް ސިޙުރުވެރިއެއް ކައިރިއަށެވެ. ނޭނގި ޝިރުކުގެތެރެއަށް ގެނބިގެންދަނީއެވެ.
———————————————-

ލިޔުނީ: އައްރާޤީ އަޖްނާދު ޢަލީ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދިވެހި ނަމެއް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދެވިފައިވާ މަހެއް

Next Article

ފަތިސްނަމާދަށް ދިޔަ މީހެއްގެ އަޖާއިބުކުރަނިވި ވާހަކަ

Related Posts