އިސްލާމީ އެއްބަނޑު އެއްބަފާކަން

އިސްލާމީ އެއްބަނޑު އެއްބަފާކަމަކީ ﷲތަޢާލާގެ ރަސްކަންފުޅަށްޓަކައި އެކަލާންގެރުހިވޮޑިގެން  ވާގޮތުގެމަތިން އެއްބަނޑު އެއްބަފާވުމެވެ. އެކަކުއަނެކަކަށްޓަކައި އޯގާތެރިކަމާއި އިޚުލާޞް ތެރިކަމާއެކު ރަޙްމަތްތެރިކަމުގެ ގުޅުންއެކަލާންގެ ރުހިވޮޑިގެންވާ ގޮތުގެމަތިން އުފެދި އާރޯވަމުން ދިއުމެވެ. ތިމާގެނަފުސުދެކެލޯބިވާފަދައިން އަނެކާދެކެވެސް ލޯބިވުމެވެ. އެއީ އިޚުލާޞްތެރި މުޢުމިނުންގެ ހިތްތަކަށް  ފޮނުވައިދޭ ރަށްބާނީ މަތިވެރި  ނޫރެކެވެ. އެއީ އިންސާނާގެހިތާ،ސިކުނޑީގައި އަބަދުމެ ދިރިދިރި އޮންނަ އަގުމާތް ޖަވާހިރަކަށްވުރެ އަގުބޮޑު ދިހުންގަދަ ނޫރެކެވެ. އެރައްބާނީ ނޫރަކީ އިންސާނާގެ ގައިގާ ޖަހާކޮންމެ ވިންދަކާއި ގުޅި ލާމެހިފައިވާ އަލިގަދަ، ބާރުގަދަނޫރެކެވެ. މުޤައްދަސް ހަދިޔާ މިއެއްބަނޑު އެއްބަފާކަމަކީ އީމާންކަމުގެ ބާރެކެވެ.

އެކަންބިނާވެގެންވަނީ އީމާންކަމުގެ މަށްޗަށެވެ. އިސްލާމީ އަޤީދާގައި ފުރިހަމައަށް ހިފަހަށްޓައިގެން ތިބި ކޮންމެބަޔަކު އޯޤާތެރިކަމުގެ ގޮތުންނާއި، ލޮބުވެތިކަމާއި، އިޚުތިރާމާއިއެކު އެކަކު އަނެކަކަށް އިތުބާރުކުރުމުގެ ފުންޝުޢޫރު ވަރުގަދަކޮށްދޭ ނަފްސީބާރެކެވެ. އަދި އީމާންތެރިކަމާއި،  ތަޤުވާވެރިކަމުގެހާރެކެވެ. އެބައިމީހުންގެ މުދަލާއި، ޢިއްޒަތާއި، ޢަބުރާއި ޤަދަރަށް ގެއްލުންވާފަދަ ކަންތައްތަކުން ހިމާޔަތް ކޮށްދޭނެ ވަރުގަދަ އަށްޑަނައެކެވެ.

އެހީތެރިކަމާއި، މަޢާފުކުރުމާއި، ދަތިއުދަގޫ ވަގުތުތަކުގައި ލުއިކަންދިނުމާއި، ނުކުޅެދިގެންވާ ވަގުތުތަކުގައި އިތުބާރެއްކަމުގައިވެއެވެ. އެހެންކަމަށްވުމާއިއެކު ﷲތަޢާލާގެ ރަސްކަންފުޅަށްޓަކައި ނުވަތަ އެކަލާންގެރުއްސެވުންއެދި އެއްބަޑު އެއްބަފާވުމީ އީމާންކަމުގެތެރޭން ހިމެނޭކަމެކެވެ.

އަދި ތަޤުވާވެރިކަމާއެކުގައި ވާކަމެކެވެ. އެއީ އީމާންކަން އެއްބަނޑު އެއްބަފާ ކަމާއި ނުލާނުވާތީއެވެ. އަދި އެހެންމެ އެއްބަނޑު އެއްބަފާކަން އީމާންތެރި ކަމާނުލާ ނުވާފަދައިންނެވެ. އަދި އެހެންމެ ތަޤުވާވެރިކަމާނުލާ ރަށްޓެހިކަން، އަދި ރަށްޓެހިކަމާއިނުލާ، ތަޤުވާވެރިކަން ނުވާ ފަދައިންނެވެ.

އީމާންތެރިކަމާއިނުލާ، އެއްބަނޑުއެއްބަފާކަން ނުވާކަމުގެ ދަލީލަކީ إنماالمؤمنون إخوة  :މާނައީ: “ހަމަކަށަވަރުން މުޢުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ.” އެއްވެސް ޝައްކެއްނެއްގޮތުގައި އެއްބަނޑު އެއްބަފާކަން އީމާންކަމުގެ މަށްޗަށްނޫން އެހެންގޮތެއްގައި ބިނާވެފައިވާނަމަ ވާނީ ޒާތީ މަސްލަޙަތާއި، އަމިއްލަ އެދުން ވެރިކަމުގެތެރޭގައެވެ. އެގާތްކަން، އަދި އެމަތިވެރިކަންވާނީ ޚަރާބު ވެފައިވާހާލު ވަޅުޖަހާފައެވެ. އަދި ރަޙުމަތްތެރިކަމާއި، އެއްބަނޑުއެއްބަފާކަން ހަދާންނެތި ދުނިޔޭގެއެދުމަށްޓަކައި، އަދި ޒީނަތަށްޓަކައި، މީހާ ކަތިފިޔަވަޅުތަކެއް އަޅަންފަށާއިފިނަމަ ނުވަތަ ދުނިޔެއާއިހެދި ބަގުޑި ލުމުގެތެރޭގައި ރުޅިވެރިކަމާއި، ޢަދާވާތްތެރި ކަމުގެ އަލިފާންގަނޑު އުފެދި އޭގެތެރޭގައި މީހާ އިންދިރާސްވެ ހިގާއިދާނެއެވެ.  މުސްލިމަކު އޭނާއަކީ ފުރިހަމަ އީމާންތެރި ތަޤުވާވެރިއަކަށްވެފައި އޭނާގެކިބައިގާއި ތެދުވެރި އެއްބަނޑު އެއްބަފާކަމާއި، އިޚުލާޞްތެރި ރަށްޓެހިކަމުގެ ސިފަނުވާނަމަ އޭނާގެ ކިބައިގާވާ އީމާން ކަމަކީ ފުރިހަމަ އީމާން ކަމަކަށް  ނުވާނެކަން ކީރިތިރަސޫލާގެ  ޙަދީޘެއްގައިވާ އަންނަނިވި މާނައިން ސާބިތުވެއެވެ. “ތިމާގެ އަމިއްލަ ނަފުސުދެކެ ލޯބިވާ ފަދައިން ތިމާގެ އަޚާދެކެ ލޯބިވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެތެ ރެއިން އެކަކުވެސް އީމާނެއް ނުވެއެވެ”

އަދި އެއްއިންސާނަކު އަނެއް އިންސާނަކަށް އިޙުސާންތެރިކަމާއި، ތަޤުވާވެރިކަމުގެ މަށްޗަށްނޫނީ އެހީތެރި ވެގެންނުވާނެއެވެ. އަދި ޢަދާވާތްތެރިވުމާއި، ފާފަވެރި ވުމުގެމަށް ޗަށް އެކަކު އަނެކަކަށް އެހީތެރި ވެގެން ނުވާނެއެވެ. އީމާންތެރި، ތަޤުވާވެރިންގެ މަތިވެރި ސިފަޔަކީ އެއީއެވެ.

ތަޤުވާވެރި ކަމާއިއެކު، އެއްމެފުރިހަމައަށް ބަދަހި ގުޅުމެއްގުޅި ލާމެހިފައިވާ އީމާންތެރިކަމުގެ މަށްޗަށް ބިނާވެފައިވާ އިންސާނީ ޡޯހިރުނަފުސެއް އެފަދަ އެހެން ނަފުސަކާއި ހަމަބައްދަލުވުމާއި އެކުހެން ކުލުނުވެރިކަމުގެ ފުންޝުޢޫރު ހިތުގެ އެއްމެ ފުންމިނުން އުފެދޭނެއެވެ. އަދި އެކަކު އަނެކަކަށް ތަޢާރަފު ވުމާއިއެކު ހިތުގައި ކިލަނބުކަން ނުވާކަމުގެ ފޮނި ފުންއިޙުސާސް ކުރެވެން ފަށާނެއެވެ. އަދި އެދެނަފުސަކީ ހަމަ އެއްނަފުސެއްފަދަ ވެގެންދާގޮތުގެމަތިން އެކުވެރިވެ ބަދަހި ގުޅުމެއް އެވަގުތު ގުޅޭނެއެވެ.

ދެހިތް އެއްހިތެއްފަދަ ވެގެންދާނެއެވެ. އެހިނދު އެދެފަރާތުގެ ނާރު ތަކުގައި ލޮބުވެތިކަމުގެ އޮއިވަރު ހިތުގެ ވިންދާއިއެކު ހިގަންފަށާނެއެވެ. އަދި މަޑުމައިތިރިކަމާއި، އޯޤާތެރިކަމާއެކު އެކަކު އަނެކަކުގެ އަތުގައި ހިފޭގޮތްވާނެއެވެ. އެއީ ނަސީމީ ފިނިފިނި ރޯޅީގެތެރެއަށް ދެމީހުން އެކުއެކީ ހަށިފުރާ ނޭވާއެއް ލަމާހިގާށޭ ދެމީހުންނަށްވެސް އެކުއެކީހެން ހިތުގެ (ވިންދުގެ) ޘާހިރު،ތެދުވެރި ދުލުންބުނެވެމުންނެވެ. އެހިދު އެދެމީހުންގެ ތެރެއިން ކޮންމެމީހެއްގެ ކަންފަތުގައި މަޢުނަވީގޮތުން”ކަލޭތީ އަހަރެންނޭ، އަހަރެންމީ ކަލެޔޭ މިމޭ ރުމުން ލުއިލުއިކޮށް”އިލްހާމް”ކޮށްދޭނެއެވެ. އެވަގުތު އެދެހިތުގައިމެ އެކުއެކީ އަހަރެމެން ދެމީހުންގެ މިދެހިތް އުމުރަށް އުފަލުން ހިނިތުންވެ ހުރެ އުޅޭނަމޭ ބުނަމުން އެދެހިތް ފުރެމުންދާނެއެވެ. މިއީ ކޮންފަދަ ފޮނި އިޙުސާސެއްހެއްޔެވެ؟ މާތްﷲގެ ގުނާޢަދަދުނުކުރެވޭފަދަ ގިނަގުނަ ނިޢުމަތްތަކުގެ މަތިވެރިކަން ކިހާމަތިވެރިހެއްޔެވެ؟ މިއީ މާއްދީ އަގުބޮޑު މުދާގަނޑެންހެން ފެންނަންހުރި އެއްޗެއްނޫނެވެ. އަދި ފެންނާނެ އެއްޗެއްވެސްނޫނެވެ.

އެއީ ހަށިގަނޑުގައި ފޮރުވިފައިވާ (ދާދިކުޑަކުޑަ)އެހެނަސް އެހާމެ ބޮޑު ލޭކޮޅެކެވެ. ވިންދެކެވެ. ނުވަތަ ވަރުގަދަސެލްއެކެވެ. ނުބައިކަންތަކާއި،ފަސާދަވެރިކަމުން ފުރިބާރުވެފައިވާ މުޑުދާރުނަފުސެއް އެފަދަ ނޫން ނަފުސަކާއި،އެއްގޮތްވެ ގުޅުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެއީ ފިޘުރަތާއި،އުޞޫލާއި،މަންހަޖުގެ ގޮތުންބަލާއިރު އެދެނަފުސަކީ އިންކާރުކުރާ،ނަފުރަތްތެރި އެހާމެ ތަފާތުބޮޑު ދެނަފުސަކަށް ނުވަތަ ރޫޙަކަށްވާތީއެވެ.

ހަޤީޤީ އެއްބަނޑު އެއްބަފާ ކަމަކީ ﷲއަށް އީމާންވެގެންވި މީސްތަކުންގެ ހިތްތަކުގައި ފުރިހަމަ ކުރަށްވާ އެއްޗެކެވެ. މިހަޤީޤަތާއި އެއްގޮތްވާގޮތުގެމަތިން ކީރިތިރަސޫލާއާއި އެކަލޭގެ ފާނުގެ އަޞްޙާބުބޭކަލުންނަކީ ކާފިރުންގެ މަށްޗަށް ގަދަފަދަ މުޢުމިނުންގެ މެދުގައި ރަޙުމާއި،ހަމްދަރުދީގެ ލާމަޞީލު ބައެއްކަމުގައިވެފައިވެއެވެ. ކީރިތިޤުރުއާނުގެ سورةالفتخ ގެ29 ވަނަ އާޔަތުގެ ކުރީކޮޅުގައި މާތްﷲވަޙީކުރައް ވާފައިވެއެވެ. މާތް ﷲ ގެ ރަސޫލާ މުޙައްމަދުގެފާނާ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން(އެކަލޭގެފާނާއިއެކުގައިވިމީސްތަކުން) ނަކީކާފިރުންގެ މަށްޗަށް ހަރުކަށި،އެބައިމީހުންގެ މެދުގައި(މުޢުމިނުންގެ ތެރޭގައި) އޯގާތެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ސަޤަރު ދަންނަމުތޯއެވެ؟

Next Article

ފަރުބަދަތަކުގެ ވާހަކަ ޤުރުޢާނުގައި..

Related Posts