ހުސައިން ރަޝީދު މޫސާ
ފެނާއި ނުލައި ދިރިއުޅެވޭނެ ހެއްޔެވެ؟ ފެނަކީ ކާނާގެ އިތުރުން އިންސާނާއަށް އެންމެ ބޮޑަށް ބޭނުންވާ އެއްޗެވެ. ތަރުކާރީއާ މޭވާގައި ގިނަ މިންވަރަކަށް ފެން ހިމެނެއެވެ. ފެންކީ އިންސާނާގެ ހަށިގަނޑަށް ކާނާ ފޯރުކޮށްދިނުމުގައާއި ކިޑްނީއާ ގޮހޮރުގެ ޒަރީއާއިން ހަށިގަނޑުން ނަޖިސް ބޭރުކޮށްލުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭއެއްޗެކެވެ. ފެނުން ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރަކަށް ބަހައްޓާދެއެވެ. އަދި ހުޅުތަކާއި މަސްތަކުގެ މަސައްކަތްވެސް މީގެ ސަބަބުން ފަސޭހަކޮށްދެއެވެ. އެހެންވީމަ ފެނާއި ނުލާ ދިރިއުޅެވޭނީ ކިތައް ދުވަހުހެއްޔެވެ؟
އިންސާނާގެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން އެކަން ހަށިގަނޑަށް އެނގޭނެގޮތެއް ނޯންނާނެއެވެ. ކާނާއާ ނުލައި އިންސާނާއަށް އެތައް ދުވަހެއް ވަންދެން ހުރެވިދާނެއެވެ އެހެންނަމަވެސް ފެނާއި ނުލައި އުޅެވޭނީ އެންމެ ތިން ދުވަހަށެވެ.
އިންސާނުންނަކީ ހިނގާ ބިނގާ ވާހަކަދަށްކައި އުޅޭ ފެންތާންގިތަކެއްފަދަ ބައެކެވެ. ލޭގައި ހިމެނޭ83 ޕަސެންޓްފެނެވެ. ސިކުނޑީގެ 75 ޕަސެންޓަކީވެސް ފެނެވެ. މުޅި ހަށިގަނޑުގެ 66 ޕަސެންޓަކީ ފެނެވެ. އިންސާނާގެ ރީތިވުމަށާއި ރަނގަޅަށް ހުރުމަށްޓަކައި ފެނަކީ މުހިންމު އެއްޗެކެވެ. ފެން ގިނައިން ބޮނީނަމަ މީހާގެ ހަންގަނޑާ އިސްތަށިވެސް ވަރުގަދަވެފައި ރީތިވާނެއެވެ. ދުވާލަކަށް މަދުވެގެން އަށްތަށި ފެން ބޯންވާނެއެވެ. ހަށިގަނޑަށް އެތެރެވާ ފެންދަނީ ކޮންތާކަށްތަ؟
- ކޮންމެ ދުވަހަކު ހަށިގަނޑުން 12 ތަށީގެ ފެން ބޭރުވެގެންދެއެވެ.
- ކިޑްނީއަށް ކޮންމެ ދުވަހަކު ފަސްތައްޓާއި ބައި ބޭނުންވެއެވެ.
- ފުއްޕާމެއަށް ކޮންމެ ދުވަހަކު ދެތަށި ބޭނުންވެއެވެ.
- އިންސާނާގެ ހަންގަނޑަށް ކޮންމެ ދުވަހަކު ދެތަށި ފެން ބޭނުންވެއެވެ.
- ނޭވާލުމަށް ކޮންމެ ދުވަހަކު ދޮޅުތަށި ފެން ބޭނުންވެއެވެ.
- ގޮހޮރަށް ކޮންމެ ދުވަހަކު ބައިތަށި ފެން ބޭނުންވެއެވެ.
ރާއްޖޭގައި ކިޑްނީގެ މައްސަލަތަކުގައި މިހާރު ފަރުވާ ހޯދަމުންދާ މީހުން މަދެއްނޫނެވެ. ޑޮކްޓަރުން ލަފާކުރާގޮތުގައި މީގެ އެންމެ ބޮޑު ސަބަބަކީ ހޫނު އަދި ގިނައިން ލޮނުހުންނަ ކާނާ ކެއުމުން މީހާ ފެންބޮވާގޮތް މެދުވެރިވަނީ ކިޑްނީއިން ލޮނު ސާފުކޮށްލުމަށް ހަށިގަނޑު ފެންބޭނުންވާތީއެވެ.
ރާއްޖެއަކީ ޚައްތު އިސްތަވާ ފިނި ހޫނުގެ ގޮތުން ހޫނު ޤައުމެކެވެ. ރާއްޖޭގައި އާދަވެގެން ފިނިހޫނުމިން އެންމެ ދަށްކޮށް ހުންނަނީ 26 ޑިގްރީގައެވެ ސެލްސިއަސްގައެވެ. ނަމަވެސް ތަރީހަށްވުރެ މަތިވާ ތަންވެސް އާދެއެވެ.
ސްކޫލްގައި އާދަވެގެން ކުދިން އެންމެ މަދުވެގެން ހަ ގަޑިއިރު ހޭދަކުރެއެވެ. މިއީ ކުއްޖާ އެންމެ ހަރަކާތްތެރި ވަގުތުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަގުތުކަމުގައި ބެލެވިދާނެއެވެ. މިވަގުތުގައި ކުއްޖާއަށް ރަނގަޅަށް ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހެއެވެ. ފެނަކީ އޮކްސިޖަންއަށްފަހު ދެން އެންމެ މުހިންމު މާއްދާކަމުން ސާފު ބޯފެނުގެ ނިޒާމު ސްކޫލްގައި ހަމަޖެހިފައި ހުރުމަކީ ދަރިވަރުންނަށް ދެވޭ އަމާންކަމެކެވެ. މިވަގުތުތަކގައި ކުދިން ފެންބޮއެ އުޅޭތޯ މުދައްރިސުން ބައްލަވަންވާނެއެވެ. އަދި އެކަމަށް ހިއްވަރުވެސް ދޭންވާނެއެވެ.