ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 3

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا މަރިޔަމް ސޫރަތުގެ 23 ވަނަ އާޔަތް
މާނައިގެ ތަރުޖަމާއީ: ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން ކަދުރު ރުކެއްގެ ކައިރއަށް އެކަމަނާ ޖެހިވަޑައިގަތެވެ. އަދި އެކަމަނާ ވިދާޅުވިއެވެ. އޭ ހުރި ސަހަރޯކަމެއްގެ ބޮޑުކަމާއެވެ. މިކަންޖެހުމުގެ ކުރީގައި އަހަރެން މަރުވެ، ހަނދާންނެތިވެ ހަނދާން ނައްތާލެވިފައިވާނަމަ ކޮންފަދަ ހެއްޔެވެ.
އަދި އެކަމަނާ ބަނޑުގައި ވޭންވަރު އަޅަންފެށުމުން އެކަމަނާ ބައިތުލްލަހަމްގައި ހުރި ކަދުރު ރުކެއް ކައިރިއަށް ވަޑައިގަތެވެ. އަދި އެކަމަނާ މަރުވާން އެދިވަޑައިގަތެވެ. ސަބަބަކީ މީސްތަކުން އެކަމަނާގެ ބަސް ޤަބޫލުނުކުރާނެކަން އެނގޭތީއެވެ. އޭގެ ބަދަލުގައި އެބައިމީހުން އެކަމަނާގެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގެންފިނަމަ އެބައިމީހުން އެކަމަނާއަށް ތުހުމަތުކުރާނެއެވެ. އެކަމަނާއަކީ މިސްކިތުގައި ހުރި އެންމެ އަޅުވެރި ބޭކަނބަލުންގެ ތެރެއިން ބޭކަނބަލެކެވެ. އަދި އެކަމަނާގެ އާއިލާއަކީ ނަބީބޭކަލުންގެ ދަރިކޮޅުން ވަޑައިގެންފައިވާ ޢާއިލާއެކެވެ. އަދި ދީންވެރި އާއިލާއެއްމެއެވެ. މިކަންކަމުގެ ސަބަބުން އެކަމަނާ ކަންބޮޑުވެ ވަޑައިގެން އެކަމަނާ އެދި ވަޑައިގެން ކަންކަމަށް އެދިވަޑައިގަތީއެވެ. ނުވަތަ އެކަމަނާ ދުނިޔޭގައި ނެތްމީހެއްކަމުގައި ވުމަށް އެދިވަޑައިގަތީއެވެ.فَنَادَاهَا مِن تَحْتِهَا
އަދި އެކަމަނާގެ ދަށުން އެކަމަނާއަށް އެންގެވުނެވެ. (
أَلَّا تَحْزَنِي قَدْ جَعَلَ رَ‌بُّكِ تَحْتَكِ سَرِ‌يًّا
“ދެރަވެ ހާސްނުވާށެވެ. ކަމަނާގެ ގައިކޮޅުގެ ދަށުން ފެންއާރެއް ކަމަނާގެ ވެރިރައްބު ލެއްވެވިއެވެ.”
މާނައަކީ އެކަމަނާގެ ގައިކޮޅުގެ ދަށުން ފެންއާރެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވިއެވެ.
وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُ‌طَبًا جَنِيًّا ﴿٢٥﴾
“އަދި ކަދުރުރުކުގައި ހިއްޕަވާފައި ރުއްތަޅުވާލައްވާށެވެ. އޭރުން ކަމަނާގެ އަރިހަށް ދޮންވެ ފައްކާވެފައިވާ ތާޒާ ކަދުރު ވެރޭނެއެވެ.”فَكُلِي وَاشْرَ‌بِي وَقَرِّ‌ي عَيْنًا ۖ فَإِمَّا تَرَ‌يِنَّ مِنَ الْبَشَرِ‌ أَحَدًا فَقُولِي إِنِّي نَذَرْ‌تُ لِلرَّ‌حْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ﴿٢٦﴾
އަދި ކަމަނާ ފަރިއްކުޅުވައި އަދި ފެންފޮދުހިއްޕަވައި ހިތްހަމަ ޖައްސަވާށެވެ. އަދި އިންސާނުންގެ ތެރެއިން އެއްވެސް މީހަކު ފެނިއްޖެނަމަ ކަމަނާ ވިދާޅުވާށެވެ. ތިމަންކަމަނާ ވަނީ ރަޙުމާނަށް (އެބަހީ ﷲއަށް) ރޯދަހިފުމަށް ނަދުރުގަނެފައެވެ. އެހެންކަމުން އެއްވެސް މީހަކާއި މިއަދު ތިމަންކަމަނާ ވާހަކަ ނުދައްކާހުށީމެވެ.”

އެބަހީ: ކަމަނާ ފަރިއްކުޅުއްވައި ފެންފޮދު ހިއްޕަވައި އަދި ކަމަނާގެ ތުއްޕުޅު ދަރިކަލުން ގޮވައިގެން ކަމަނާގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަންނަވާށެވެ. އަދި އެއްވެސް މީހަކާއި ބައްދަލުވެއްޖެނަމަ ބުނާށެވެ. ތިމަންކަމަނާ މިހުންނެވީ ރޯދަހިފުމަށް ނަދުރުގަނެގެންނެވެ. އެބަހީ: އެއްވެސް މީހަކާއި ވާހަކަ ނުދެއްކުމަށް ނަދުރުގަނެގެންނެވެ.

فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْ‌يَمُ لَقَدْ جِئْتِ شَيْئًا فَرِ‌يًّا ﴿٢٧﴾ يَا أُخْتَ هَارُ‌ونَ مَا كَانَ أَبُوكِ امْرَ‌أَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨﴾
ދެން އެކަމަނާގެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަތެވެ. ދެން އެބައިމީހުން ބުންޏެވެ. އޭ މަރިޔަމެވެ. ކަމަނާ ހަމަކަށަވަރުން ތިއައީ ބޮޑުވެގެންވާ ނުބައިވެގެންވާ ކަމަކައިގެންނެވެ. އޭ ހާރޫނުގެ (އެބަހީ އަޅުވެރިކަމުގެ ގޮތުން އެއްގޮތް) އުޚުތާއެވެ. (މިތަނުގައި ނަންގަނެވިގެންވާ ހާރޫނަކީ މޫސާ އަލައިހިއްސަލާމްގެ އަޚު ޙާރޫނު އަލައިހިއްސަލާމްގެ ވާހަކައެއްނޫނެވެ. ނަމަވެސް އެޒަމާނުގައި އުޅުއްވި އަޅުވެރި ބޭކަލެއްގެ ނަމެވެ.) ކަމަނާގެ ބައްޕާފުޅަކީ ޒިނޭކޮށް އުޅޭމީހެއްނޫނެވެ. އަދި ކަމަނާގެ މައިކަނބަލުންނަކީވެސް އިއްފަތްތެރިނޫން ބޭކަނބަލެއްނޫނެވެ (އެބަހީ އިއްފަތްތެރި ބޭކަނބަލެކެވެ).” (މުހުސިން ޚާންގެ ތަރުޖަމާ)

الفرية ގެ މާނައަކީ ބޮޑުވެގެންވާ ނުބައިކަންކަން މިއެވެ.

ޢީޞާ ޢަލައިހިއް ސަލާމް ޅަފަތުގައި ވާހަކަފުޅު ދެއްކެވުން

އެކަމަނާއަށް މީސްތަކުންގެ ބަސްތައް އިވި ހާސްވެ ވަޑައިގަތުމުން އެކަމަނާ އެދަރިކަލުންނަށް އިޝާރަތްކުރެއްވިއެވެ.
فَأَشَارَ‌تْ إِلَيْهِ
އަދި އެކަމަނާގެ ދަރިކަލުންނަށް އެކަމަނާ އިޝާރާތްކުރެއްވިއެވެ. (އެބަހީ ޢީސާ ޢަލައިހިއްސަލާމަށް)
އެކަމަނާގެ ދަރިކަލުންނަށް އިޝާރަތްކުރެއްވުމުން އެބައިމީހުން ބުންޏެވެ.
قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ﴿٢٩﴾
“އެބައިމީހުން ބުންޏެވެ. އުނގުގައި (ޅަފަތުގައި އޮތް) އޮތް ކުޑަކުއްޖަކަށް ވާހަކަދެއްކޭނީ ކިހިނަކުންހެއްޔެވެ؟”
މާނައަކީ ކިރުބޯ ކުޑަކުއްޖަކަށް އިޝާރަތްކޮށް ވާހަކަދެއްކުމަށް އަހަރެމެންނަށް ކަމަނާ ތިޔަބުނަނީ ކޮންފަދައަކުންހެއްޔެވެ؟
އަދި ޢީސާ އަލައިހިއްސަލާމް ވާހަކަދެއްކުމުގެ ކުޅަދާނަކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވިއެވެ.
قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴿٣٠﴾ وَجَعَلَنِي مُبَارَ‌كًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾
“އެދަރިކަލުން (ޢީސާ ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރެންނަކީ ﷲގެ އަޅާއެވެ. އެއިލާހު މިއަޅާއަށް ފޮތްދެއްވައި ނަބީއެއްކަމުގައި ލެއްވިއެވެ.” (30) ” އަދި ތިމަންކަލޭގެފާނު ވީ ކޮންމެތަނެއްގައި ބަރަކާތައްލައްވައި ތިމަންކަލޭގެފާނު ދިރިހުރިހައި ހިނދަކު ނަމާދުކުރުމަށާއި ޒަކާތްދިނުމަށް ވަޞިއްޔަތްކުރެއްވިއެވެ.” (31)
وَبَرًّ‌ا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارً‌ا شَقِيًّا ﴿٣٢﴾ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣﴾
“އަދި ތިމަންކަލޭގެފާނުގެ މައިކަނބަލުންނަށް އޯގާތެރިކޮށް ހިތުމަށްވެސް މެއެވެ. އަދި އެއިލާހު ތިމަންކަލޭގެފާނަކީ އަބާއްޖަވެރި ނުބައިނުލަފާ މީހަކުކަމުގައި ނުލައްވައެވެ.” (32) ” އަދި ތިމަންކަލޭގެފާނު އުފަންވީ ދުވަހާއި އަދި މަރުވާނޭ ދުވަހާއި އަދި އަލުންދިރުއްވައި ފޮނުއްވޭނެ ދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ.” (33)
މިއީ ޢީސާ އަލައިހިއްސަލާމް އެންމެފުރަތަމަ އެކަލޭގެފާނުގެ ދޫފުޅުން ދައްކަވާފައިވާ ބަސްފުޅުތަކެވެ. އެކަލޭގެފާނު ވިދާޅުވީ (إِنِّي عَبْدُ اللَّـهِ) ކަމަށެވެ. މާނައަކީ ﷲގެ އަޅާއެވެ. އެއްވެސްހާލެއްގައި މިޒަމާނުގެ ބާތިލު ނަޞާރާއިން ބުނާހެން އެކަލޭގެފާނު ތިމަންކަލޭގެފާނީ ކަލާނގެ ދަރިކަލުންކަމުގައި ނުބުނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުސްތާހިރުވަންތަ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް އެއްވެސް ދަރިކަލަކު އަދި ބައިވެރިއަކު ނުވެއެވެ.

(މިއީ ނަޞާރާއިން އެމީހުން އަމިއްލައަށް އެކަލޭގެފާނަށް ނިސްބަތްކޮށް ބުނެފައިވާ ބާތިލު އަސްލެއްނެތް ބަސްތަކެކެވެ. މިބަސްތައް އެބައިމީހުން ބަދަލުކުރުމާއެކުގައިވެސް ބައިބަލްގައި އެތައްތަނެއްގައި އެކަލޭގެފާނަށް އަމުރުކުރެއްވުނީ ﷲއަށް އެއްކައުވަންތަކުރާ ހާލު އަޅުކަންކުރަން ކަމަށް ބުނާތަންތަން ބައިބަލްގައި ހުރެއެވެ.)

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައެވެ.
ذَٰلِكَ عِيسَى ابْنُ مَرْ‌يَمَ ۚ قَوْلَ الْحَقِّ الَّذِي فِيهِ يَمْتَرُ‌ونَ ﴿٣٤﴾ مَا كَانَ لِلَّـهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرً‌ا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ﴿٣٥﴾
“އެއީ މަރިޔަމުގެ ދަރިކަލުން ޢީސާއެވެ. އެއީ ޙައްޤުތެދު ބަސްފުޅެވެ. އެބަސްފުޅަކާއި މެދު އެބައިމީހުން ޝައްކުއުފައްދައި ބަސްފުޅެވެ.” (34) ” ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދަރިކަލެއް ހިއްޕެވުން އެކަށީގެންނުވެއެވެ.(މިއީ ނަޞާރާއިން ބުނާބަހަށް ﷲ ތަބާރަކަ ވަތަޢާލާ ވަހީކުރައްވާފައިވާ ޙައްޤުބަސްފުޅެވެ) އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އެއިލާހު ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމެއްވާށޭ ވަޙީކުރެއްވުމުން އެކަމެއްވެދެއެވެ.” (35) މަރިޔަމް ސޫރަތް

إِنَّ مَثَلَ عِيسَىٰ عِندَ اللَّـهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَ‌ابٍ ثُمَّ قَالَ لَهُ كُن فَيَكُونُ ﴿٥٩﴾
“ހަމަކަށަވަރުން އީސާގެފާނު އުފެއްދެވުން ﷲ ގެ ހަޟްރަތުގައިވަނީ އާދަމުގެފާނު ހެއްދެވިފަދައިންނެވެ. އެކަލޭގެފާނު ހެއްދެވުނީ ވެލީންނެވެ. އެޔަށްފަހު އެކަލޭގެފާނަށް “ވާށޭ” ވަޙީކުރެއްވުމުން (އެވުމަށް އަމުރުކުރެއްވި ކަންތައް) ފަހެ ވެއްޖެއެވެ.” އާލްއިމްރާން

ﷲ ސުބުހާނަހޫ ވަތަޢާލާ ޢިސާ ޢަލައިހިއްސަލާމްއަށް ބަރަކާތްލައްވައި ވަޙީކުރެއްވިއެވެ.
إِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْ‌يَمَ اذْكُرْ‌ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدتُّكَ بِرُ‌وحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَ‌اةَ وَالْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ‌ بِإِذْنِي فَتَنفُخُ فِيهَا فَتَكُونُ طَيْرً‌ا بِإِذْنِي ۖ وَتُبْرِ‌ئُ الْأَكْمَهَ وَالْأَبْرَ‌صَ بِإِذْنِي ۖ وَإِذْ تُخْرِ‌جُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَ‌ائِيلَ عَنكَ إِذْ جِئْتَهُم بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُ‌وا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ‌ مُّبِينٌ ﴿١١٠﴾ وَإِذْ أَوْحَيْتُ إِلَى الْحَوَارِ‌يِّينَ أَنْ آمِنُوا بِي وَبِرَ‌سُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ ﴿١١١﴾
” اللَّه ވަޙީކުރެއްވިއެވެ. އޭ މަރިޔަމުގެ ދަރިކަލުން ޢީސާއެވެ. ކަލޭގެފާނަށާއި، ކަލޭގެފާނުންގެ މައިކަނބަލުންނަށް ތިމަންއިލާހު ދެއްވި ނިޢުމަތް ހަނދުމަކުރައްވާށެވެ. (އެއީ) ޖިބުރީލުގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަންއިލާހު ބާރުދެއްވިހިނދެވެ. ޅަފަތުގެ އުނގުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި ޙިކުމަތާއި ތައުރާތާއި އިންޖީލު ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަންއިލާހުގެ އިޒުނަފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަންއިލާހުގެ އިޒުނަފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، ބަރަސްބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަންއިލާހުގެ އިޒުނަފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަންއިލާހުގެ އިޒުނަ ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި ބަޔާންވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު އިސްރާއިލުބާގައިގެ ދަރިކޮޅުގެ ގާތަށް ވަޑައިގަތްހިނދު، އެއުރެންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ، އެއުރެންގެ ތެރެއިން ކާފަރުވެގަތް މީހުން ބުންޏެވެ. މިކަންތައްތަކަކީ، ފާޅުވެ ބަޔާންވެގެން ހުރި ސިޙުރުކަމުގައި ނޫނީ ނުވެއެވެ.” (110) ” އަދި ތިމަންއިލާހަށާއި، ތިމަންއިލާހުގެ ރަސޫލާއަށް އީމާންވުމަށް ޙަވާރީންނަށް، ތިމަންއިލާހު އެންގެވިހިނދު ހަނދުމަކުރާށެވެ. ދެން ޙަވާރީން ދެންނެވިއެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެންތިބި ބަޔަކުކަމަށް އިބައިލާހު ހެކިވެވޮޑިގެންފާނދޭވެ.” (ނޯޓު: ޙަވާރީންނަކީ ޢީސާ ޢަލައިހިއްސަލާމަށް ތަބާވެވަޑައިގެން އުޅުއްވި އެކަލޭގެފާނުގެ ޞަޙާބީންނެވެ.) (111) އަލްމާއިދާ

ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ.
وَإِذْ قَالَ عِيسَى ابْنُ مَرْ‌يَمَ يَا بَنِي إِسْرَ‌ائِيلَ إِنِّي رَ‌سُولُ اللَّـهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَ‌اةِ وَمُبَشِّرً‌ا بِرَ‌سُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَـٰذَا سِحْرٌ‌ مُّبِينٌ ﴿٦﴾
” އަދި މަރިޔަމުގެ ދަރިކަލުން ޢީސާ ވިދާޅުވިހިނދު )ހަނދުމަކުރާށެވެ!) އޭ ބަނީއިސްރާއީލުންނޭވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. ތިމަންކަލޭގެފާނުވަނީ ކުރީގައިވާ ތައުރާތުގެ ޙުކުމްފުޅުތައް ތެދުކުރައްވާ ބޭކަލަކުކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު އަޙުމަދު ނަމަކަށް ނަމަކަށް ކިއުނު ރަސޫލުބޭކަލަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރުދެއްވަވާ ބޭކަލަކު ކަމުގައެވެ. ފަހެ އެބައިމީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެބައިމީހުން ބުންޏެވެ. މިއީ ފާޅުވެގެންވާ ސިޙުރެކެވެ.” އަލްޞައްފު

ޢީސާ ޢަލައިހިއްސަލާމަކީ ބަނީއިސްރާއިލު ބާގައިގެ މީހުންގެ ގާތަށް ފޮނުއްވުނު އެންމެފަހުގެ ރަސޫލެވެ. އަދި އެކަލޭގެފާނު ވަނީ ނަބީކަން ޙަތިމްކުރައްވާ ކަލޭގެފާނު ވަޑައިގަންނަވާނެކަމާއި އަދި އެކަލޭގެފާނުގެ ސިފަތައް އެބައިމީހުންނަށް ބަޔާންކޮށްދެއްވާފައެވެ. އޭރުން އެބައިމީހުންނަށް އެކަލޭގެފާނު ފެނުމުން ފާހަގަކޮށް ދެނެގަނެ އެކަލޭގެފާނަށް ތަބާވުމަށްޓަކައެވެ. އަދި އެއްވެސް އުޒުރެއް އެބައިމީހުންނަށް އިތުރަށް ދެއްކިޔަނުދިނުމަށެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންގެ މައްޗަށް ލެއްވި ރަޙުމަތެއްގެ ގޮތުންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
الَّذِينَ يَتَّبِعُونَ الرَّ‌سُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَ‌اةِ وَالْإِنجِيلِ يَأْمُرُ‌هُم بِالْمَعْرُ‌وفِ وَيَنْهَاهُمْ عَنِ الْمُنكَرِ‌ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّ‌مُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَ‌هُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُ‌وهُ وَنَصَرُ‌وهُ وَاتَّبَعُوا النُّورَ‌ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٥٧﴾
“އެބައިމީހުންނަކީ އުއްމިއްޔަ ނަބިއްޔާކަމުގައިވާ ރަސޫލާއަށް ތަބާވާމީސްތަކުންނެވެ. އެރަސޫލާއާއި އެބައިމީހުންގެ ގާތުގައި (ފޮތްތައްކަމުގައިވާ) ތައުރާތާއި އިންޖީލުގައި އެބޭކަލަކާއި ބެހޭގޮތުން ލިޔުއްވިފައިވާ ރަސޫލާއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވައެވެ. އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީކުރައްވައެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވައެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި ދުރުކުރައްވައެވެ. ފަހެ އެކަލޭގެފާނަށް (އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލާމްއަށް) އީމާންވާ މީހުން، އެކަލޭގެފާނަށް ޝަރަފުދީ، އެކަލޭފާނަށް ނަޞްރުދީ، އަދި އެކަލޭގެފާނަށް ބާވާލެއްވުނު ނޫރަށް(ކީރިތިޤުރުއާނަށް) ތަބާވާހުށިކަމެވެ. އެބައިމީހުންނަކީ ކާމިޔާބުވާނެމީހުންނެވެ.” އަލްއައުރާފު

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޞަހާބީބޭކަލުން ދެންނެވިއެވެ.
“އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނާއި ބެހޭގޮތުން އަޅުގަނޑުމެންނަށް ޚަބަރުދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(ތިމަންކަލޭގެފާނަކީ) ތިމަންކަލޭގެފާނުގެ ބަފައިކަލުން ކަމަށްވާ އިބުރާހިމްގެފާނުންގެ ދުޢާގެ (ނަތީޖާއެވެ.) އަދި ޢީސާގެފާނު ދެއްވާފައިވާ އުފާވެރި ޚަބަރެވެ. ތިމަންކަލޭގެފާނާއިގެން ތިމަންކަލޭގެފާނުގެ މައިކަނބަލުން އާލާސްވެ އިންނެވި އިރުގައި ތިމަންކަލޭގެފާނުގެ މަންމާފުޅަށް ހުވަފެނުގައި އެކަމަނާގެ ގައިން ނުކުމެގެންދާ އައްޔެއް ސާމުގެ ބިމުގައިވާ ބުސްރާގެ ގަނޑުވަރަތަކަށް އަލިކުރަނިކޮށް ފެނިވަޑައިގަތެވެ.” (ރިވާކުރެއްވީ އިމާމު އަޙުމަދު، ހައިޘަމީ މުޖުމައުއް ޒަވާއިދިގައި ވިދާޅުވެފައިވެއެވެ.: އިސްނާދު ޙަސަން. އަދި މިބަހަށް ބާރުދޭ އެހެންރިވާޔަތްތައްވެއެވެ.)
ސާމަކީ ފަލަސްތީނު އުރުދުން އަދި ސީރިޔާ މިހާރު އެއޮތް ހިސާބަށް ކިޔޭ ނަމެކެވެ.

ނުނިމޭ

ދެން އަންނަ ބައެއްގައި ޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވުން. އިންޝާﷲ

ޢީސާ ޢަލަހިއްސަލާމް ދުނިޔެއަށް ވަޑައިގަތުން
އަސްލު ލިޔުއްވީ: ޑރ.މުޙައްމަދު އަލްއަރީފީ
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 3ވަނަ ބައި)

Next Article

ފެނާއި ނުލާ ދިރިއުޅެވޭނީ ކިތައްދުވަހު؟

Related Posts