އެކަލޭގެފާނަކީ އަލްއިމާމު އަލްމުޙައްދިޘު އަލްފަޤީހު މުޙައްމަދު ބިން އަޙުމަދު ބިން ޢަބްދުލްޙާދީ ބިން ޢަބްދުލްޙަމީދް ބިން ޔޫސުފް ބިން މުޙައްމަދު ބިން ޤުދާމާ އައްޒައްމާޢީލީ އެޔަށްފަހު އައްޞާލީހީއެވެ.
އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 705 ވަނަ އަހަރު ރަޖަބު މަހުގައެވެ. އެންމެ ޞައްޙަބަހަކީ އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ސީރިޔާގެ ވެރިރަށްކަމަށްވާ ދިމިޝްޤުގެ ޞާލިޙިއްޔާއޭ ކިޔުނު އަވަށަށެވެ. އެއީ ބައިތުލްމަޤްދިސަށް ނިސްބަތްވާ ޢިލްމުވެރިި ޒުހުދުވެރި މަޝްހޫރު އާއިލާއެކެވެ. އިބުނު އަބްދުލްޙާދީ މިނަމަކީ މަޝްހޫރު ދިހަވަރަކަށް ޢިލްމުވެރިންނަށް ބޭނުންކުރެވޭ ކުންޏާއެކެވެ.
އަދިވެސް އެޒަމާނުގެ ޙަދިޘްގެ ގަދަ ސަނަދުތައް ޙާޞިލުކުރައްވާފައިވާ ޢިލްމުވެރިންގެ އަރިހުން ޙަދީޘް އުގެނިވަޑައިގަތެވެ. އެބޭކަލުންނާއި އިބުނު އަބްދުލްޙާދީގެ އަވަހާރަވުމާއި މެދުގައި ފަނަރަވަރަކަށް އަހަރުގެ ފަރަޤު ހުރިކަމުގައި ވިޔަސް އެބޭކަލުންނަކީ އެބޭކަލުންގެ އަރިހުން ޙަދީޘްތަކާއި އަޘަރުތައް އެބޭކަލުންގެ އަރިހުން ނަކަލުކުރެއްވުނު ބޭބޭކަލުންނެވެ. އެހުރިހާ ބޭފުޅުންނަށް ﷲ ހެޔޮ ރަޙުމަތް ލައްވާށިއެވެ.
ފިޤުހުގެ މައިދާނުގައި
އެކަލޭގެފާނުގެ އުމުރުފުޅުން ދިހައަހަރުފުޅު ނުފުރެނިސް އަލްޤާޟީ ސުލައިމާން ބިން ޙަމްޒާގެ(715ހ) އަތްޕުޅުގެ މައްޗަށް އަލްމުޤުނިޢު(ހަންބަލީ މަޒުހަބުގެ ފިޤުހު ފޮތެއް) ހިތުދަސްކުރެއްވިއެވެ. އެޔަށްފަހު އެކަލޭގެފާނުގެ ޢިލްމީ ހަޒާނާ ފުރާލެއްވީ ބޮޑު ދެޢިލްމުވެރިން ކަމަށްވާ މުޙައްމަދު ބިން މުސްލިމާއި(726ހ) އަދި އިސްމާޢީލް ބިން މުހައްމަދު އަލްހައްރާނީގެ(729ހ) އަތްޕުޅު މަތީންނެވެ. އެދޭބަކަލުންނަކީ ހަމްބަލީ މަޒުހަބުގެ ދެ ޢިލްމުވެރީންނެވެ.
އަދި ޤިރާޢަތްތައް ކިޔަވާ ވިދާޅުވީ އެޒަމާނުގެ ޝެއިޚެއްކަމަށްވާ އިބުނު ބަޞްޚާންގެ އަތްޕުޅު މައްޗަށެވެ. އަދި ނަހޫ ކިޔަވާ ވިދާޅުވީ އަބުލް ޢައްބާސް އަލްއަންދަރުޝީގެ އަރިހުންނެވެ.
އަދި އެކަލޭގެފާނުގެ ޢިލްމުގެ ކަނޑުއޮޅި ހުރަސްކުރެއްވީ އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ(728ހ) އަދި އިމާމު މުޙައްދިޘު އަލްޙާފިޡު މިއްޒީގެ(742ހ) އަތްމައްޗަށެވެ. އެދޭބަކަލުންނާއި އެކު ވަރަށް ގިނަ ވަޤުތުތައް ހޭދަކުރެއްވިއެވެ. އަދި އެދޭބަލުންގެ ޢިލްމުން އެކަލޭގެފާނުގެ ޢިލްމުގެ ހަޒާނާ ޖަރީކޮށްލެއްވިއެވެ. އަދި ޢަޤީދާއާއި ދީނުގެ މައްޗަށް ފަހުމުވުމާއި ޢިލްމުގައި އިބުނު ތައިމިޔާގެ މަންހަޖާއި އަދި ފަތުވާ ދިނުމުގެ އުސޫލުތައް އިބުނު ތައިމިއްޔާގެ އަރިހުން ދަސްކުރެއްވިއެވެ. އަދި އެކަލޭގެފާނު އިބުނު ތައިމިއްޔާގެ ސީރަތާއި ބެހޭގޮތުން ފޮތެއް ލިޔުއްވިއެވެ. އެފޮތުގެ ނަމަކީ އަލްޢުޤޫދުއް ދުއްރިއްޔާ ފީ ތަރުޖަމަތިއް ޝައިޚިލް އިސްލާމް އިބުނު ތައިމިއްޔާ އެވެ. އަދި ޙަދީޘްގައި ރާވީންގެ ޢިލްމާއި ހަދީޘްގެ ޢިލަލުގެ ޢިލްމު އިމާމު މިއްޒީގެ އަރިހުން ދަސްފުޅު ކުރެއްވިއެވެ. ދިހަ އަހަރަށްވުރެ ގިނައިން އެދެބޭކަލުންނާއި އެކު ވަޤުތު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
މިޢިލްމުގައި ތިމަންނާއަށް ބޮޑަށް ފައިދާކޮށްފައިވަނީ އެދެ ޝައިޚުންގެ ކިބައިންނެވެ.
އެޔަށްފަހު އެކަލޭގެފާނު ބޮޑެތި މަދަރުސާތަކުގައި ކިޔަވާދެއްވާފައިވެއެވެ. އެޒަމާނުގެ އެންމެ ބޮޑު އެއްމަދަރުސާގައި ކިޔަވާދެއްވިއެވެ. އަދި އިމާމު އިބުނު ކަޘީރު މިކަން އެކަލޭގެފާނުގެ ބިދާޔާ ވައްނިހާޔާ ފޮތުގައި ހިޖުރީ ސަނަތުން 741 ވަނަ އަހަރު ހިނގި ހާދިޘާތައް ގެންނަވަމުން ބަޔާންކުރައްވާފައިވެއެވެ. ހަމައެފަދައިން އެކަލޭގެފާނު ޟިޔާއިއްޔާ އަދި ޞަބާބިއްޔާގައި ކިޔަވައިދެއްވިއެވެ. އެތަނުން އަލްހާފިޡު އިމާމު ޛަހަބީގެ އަރިހުން ހަދީޘް އަޑު އެއްސެވިއެވެ. އަދި އިމާމު ޛަހަބީވެސް އެކަލޭގެފާނުގެ ކިބައިން ޙަދީޘް އަޑުއެއްސެވިއެވެ.
އެކަލޭގެފާނުގެ ފޮތްތައް
އެކަލޭގެފާނުގެ ފޮތްތަކުގެ ޢަދަދު 73ކާއި 79 އަކާއި ދޭތެރޭގެ އަދަދަކަށް ޢަރައެވެ. އަދި އޭގެ ތެރެއިން ގިނަ ފޮތް ގެއްލިގެން ގޮސްފައިވާއިރު އަހަރެމެންނާއި ހިސާބަށް ފޯރާފައިވަނީ މަދު ފޮތެކެވެ. އެއީ 7 ފޮތެވެ.
ޗާޕުކުރެވިފައިވާ މުހިންމު ފޮތްތައް
ހ. އަލްމުޙައްރަރު ފިލް ޙަދީޘް، ޙުކުމްތަކާ ބެހޭ ހަދީޘްތައް. (ޑައުންލޯރޑުކުރައްވާ ޢަރަބިބަހުން) މި ޙަދީޘް ފޮތަކީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔަތިލް ޙަދީޘްގައި ކިޔަވައިދޭ މުޤައްރަރު ފޮތެވެ.
މިފޮތުގެ ޕުރޮފައިލް އިންޝާﷲ މުނާސަބު ވަޤުތަކުން ގެނެސްދެވޭނެއެވެ.
ށ. ތަންޤީޙުއް ތަޙުޤީޤު ފިލް އަޙާދީޘިއް ތަޢުލީޤް.
ނ. އައްޞާރިމުލް މުންކީ ފިއް ރައްދި އަލައް ސުބުކީ
ރ. ތަރުޖަމަތުއް ޝައިޚުލް އިސްލާމް އަލްޢުޤޫދުއް ދުއްރިއްޔާ
ބ. ރިސާލަތުން ފީ އަޙާދީޘިއް ޟަޢީފާ
ޗާޕުނުވެ ހުރި ފޮތްތައް
ހ. ޝަރަޙަލް ކިތާބުލް ޢިލަލު
ށ. ތަފްސީރުލް މުސްނަދު
އެކަލޭގެފާނުގެ މައްޗަށް ޢިލްމުވެރިންގެ ޘަނާގެ ބަސްފުޅުތައް
އެކަލޭގެފާނާއި އެއްޒަމާނެއްގައި އުޅުއްވި ޢިލްމުވެރިންނާއި އަދި އެކަލޭގެފާނުގެ ސިޔަރަތު ލިޔުއްވި ކޮންމެ ބޭކަލަކު އެކަލޭގެފާނުގެ މައްޗަށް ޘަނާގެ ބަސްތައް ރައްދުކުރައްވާފައިވެއެވެ. އެގޮތުން
ހ. އިމާމު އިބުނު ކަޘީރު: ޢިލްމުގެ ފަންނުތަކުގައި އެކަލޭގެފާނަކީ ޝައިޚެކެވެ. އިމާމެކެވެ.. ޢައްލާމާއެކެވެ. ޙިކުމަތްތެރި ވިސްނުންތެރި ކުޅަދާނަ ބުއްދިވެރި ޢިލްމުވެރިޔެކެވެ. އެކަލޭގެފާނަށް ވުރެ ދުވަސްވީ ބޭކަލުންނަށް ނުފޯރާ ހިސާބަށް އެކަލޭގެފާނު ޢިލްމު ހޯއްދެވިއެވެ. ހަދީޘާއި ނަޙޫއާއި ޞަރްފާއި(އަރަބި ބަހާ ބެހޭ ދެ ޢިލްމު) ފިޤުހާއި ތަފުސީރާއި އުސޫލާއި ތާރީޚުގައި އެކަލޭގެފާނު އުގެނިވަޑައިގަތެވެ. އަދި ޤިރާޢާތު ތައް އުގެނިވަޑައިގެން ޢިލްމު ޙާޞިލުކުރެއްވިއެވެ. އެކަލޭގެފާނުގެ ޖަމާކުރައްވާފައިވާ ފޮތްތަކާއި ތަޢުލީޤުތައް(ކޮމެންޓު ނުވަތަ ބަޔާންކޮށްދިނުން) ގިނަވެފައި ބޭނުންތެރިވެގެންވެއެވެ. އަދި ހަދީޘް ޢިލްމުގެ ރާވީންގެ ނަންތައް ރަނގަޅަށް ދެނެވަޑައިގަނެއެވެ. އަދި ހަދީޘްތައް އައިސްފައިވާ މަޤުތަކާއި ޖަރަޙަ ވައްތަޢުދީލު އޭގެ އިއްލަތަކާއި އެކު ރަނގަޅަށް އެނގިވަޑައިގަނޭމެއެވެ. ދެނެވަޑައިގަތުމުގައި އެކަލޭގެފާނު އަވަސްވެފައި ހިތުދަސްގަދަ ބޭކަލެއްމެއެވެ. އަދި ބުއްދިވެރި ހެޔޮމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރި އަދި ސަލަފުންގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރި ﷲގެ ފޮތަށާއި ސުންނަތަށް ތަބާވަޑައިގަން ބޭކަލެއްމެއެވެ. ހެޔޮކަންކަން ކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ބޭފުޅެއްމެއެވެ.
އަލްބިދާޔާ ވައް ނިހާޔާ 210/14
ށ. އިމާމު އަލްޙާފިޡު މިއްޒީ ވިދާޅުވެފައިވެއެވެ. އެކަލޭގެފާނާއި ބައްދަލުވެއްޖެނަމަ ތިމަންކަލޭގެފާނަށް ފައިދާއެއް ނުވާ ފަހަރެއް ބައްދަލެއް ނުވެއެވެ.
އައްދުރަރުލް ކާމިނާ
ނ. އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނުގެ ކިބައިން ލިޔުއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބައިން ތިމަންނާއަށް ފައިދާކުޅައެވެ.
އަލްވަފަޔާތް.
ރ. އިމާމު އިބުނު ރަޖަބު އަލްޙަންބަލީ ވިދާޅުވެފައިވެއެވެ. އެކަލޭގެފާނަކީ މުޤުރީއެކެވެ. ފަޤީހެކެވެ. ޙާފިޡެކެވެ. ވިސްނުންތެރި އެކި ފަންނުތަކުން ޢިލްމު ހާޞިލުކުރައްވާފައިވާ ބަހުގެ ޢިލްމުވެރިޔެއްމެއެވެ.
އައްޛައިލު އަލާ ތަބަޤާތިލް ޙަނާބިލާ.
ރ. އިމާމު އިބުނު ވަރުދީ ވިދާޅުވެފައިެވއެވެ. އެކަލޭގެފާނަކީ ޢިލްމުގައި ދީލަތި ކަނޑެއްފަދަ ބޭކަލެކެވެ.
ތަތިއްމަތުލް މުޚުތަޞިރު
އެކަލޭގެފާނު އަވަހާރަވެވަޑައިގަތުން.
އެކަލޭގެފާނުގެ ސިޔަރަތު ލިޔުއްވާ ބޭކަލުން އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތީ ޖުމާދަލް އޫލާ މަހުގެ ދިހައެއްވާ ބުދަ ދުވަހުގައި ކަމަށް އެއްބަސްވެ ވަޑައިގަނެއެވެ. އެއީ ހިޖުރީ ސަނަތުން 744 ވަނަ އަހަރެވެ. އޭރު އެކަލޭގެފާނުގެ އުމުރު ފުޅަކީ 39 އަހަރެވެ. އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވީ އެދުވަހުގެ އަޞުރު ކުރިން އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އެއީ އެކަލޭގެފާނަށް ޖެހުނު އާލާސްކަންފުޅުގެ މައްޗަށް ގަދަހުމަކާއި އެކު ބޭރަށް ހިންގާ ވަޑައިގަތުމެއް ޖެހިވަޑައިގަތުމަށްފަހުއެވެ. އެކަލޭގެފާނުގެ އެންމެ ފަހު ބަސްފުޅަކަށް ވީ
أشهد أن لا إله إلا الله و أشهد أن محمدا رسول الله، اللهم اجعلني من التوابين و اجعلني من المتطهرين.
މާނައަކީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކީ ހަމައެކަނި ﷲކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲގެ ރަސޫލާކަމަށް އަޅުހެކިވަމެވެ. އޭ ﷲއެވެ. މިއަޅާ ތައުބާވާ މީހުންގެ ތެރެއިން ލައްވާށިއެވެ. އަދި ފާފަތަކުން ތާހިރުވެގެންވާ މީހުންގެ ތެރެއިން ލައްވާށިއެވެ.
އެކަލޭގެފާނުގެ ޖަނާޒާގައި ބޮޑެތި ޢިލްމުވެރިންނާއި ވެރިން ބައިވެރިވެ ވަޑައިގަތެވެ. އަދި ފަސްދާނު ލެވުނީ ރަޢުޟާއޭ ކިޔުނު މަޤުބަރާގައެވެ. މާތްﷲ އެކަލޭގެފާނަށް ތަނަވަސްވެގެންވާ ރަޙުމަތުން ރަހުމަތްލައްވާށިއެވެ. ޢާމީން.
ނިމުނީ
މަސްދަރު: މިއީ އެކަލޭގެފާނުގެ ހަދީޘްފޮތްކަމަށްވާ އަލްމުޙައްރަރު ފިލް ޙަދީޘް ދާރު އިބުނު ޙަޒަމުން ޗާޕުކޮށްފައިވާ ޗާޕުގެ މުޤައްދިމާގައި ގެނެސްފައިވާ އެކަލޭގެފާނުގެ ސީރަތުގެ ވަރަށްކުދި ބަދަލުތަކާއެކު ކުރެވިފައިވާ ތަރުޖަމާއެކެވެ. މި މަޢުލޫމާތުތަކުގެ އަސްލަކީ ޢިލްމުވެރިން އެކަލޭގެފާނާއި ބެހޭގޮތުން ވިދާޅުވެފައިވާ ބަސްފުޅުތައް ބަޔާންކުރެވިފައިވާ ފޮތްތައްކަމަށް، އެކަލޭގެފާނުގެ މަތީގައިވާ ސިޔަރަތުގެ ނިމުމުގައި ބަޔާންކުރައްވާފައިވެއެވެ.
ނޯޓު: އަދި ޝެއިޚުންގެ ނަމުގެ ފަހަތަށް އިތުރު ކުރެވިފައިވާ ތާރީޚަކީ އެބޭކަލުން އަވަހާރަވެފައިވާ ތާރީޚެވެ. އެހުރިހާ ބޭކަލުންނަށް ސުވަރުގޭގެ އެންމެ މަތިވެރި ވެގެންވާ ނިޢުމަތުން ނިޢުމަތް ދެއްވާށިއެވެ. އާމީން