ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކުގެ ކުނިބުނީގެ ނުރައްކަލުގެ ތެރޭގައި ދުނިޔެ

ރާއްޖޭގެ މަސްވެރިން ތެރޭގައި، ބޭރު ދުނިޔޭގައިވެސް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ދެކެވެމުންދާ ވާހަކަތަކަށް ބާލާއިރު އެންމެ އާންމު އެއް ވާހަކައަކީ މަސްވެރިކަން ދަށައް ދާ ވާހަކައެވެ. އެންވެރިކަން ދަށައް ދާ ވާހަކައެވެ. އެން ދަމަން އުނދަގޫ ވާހަކައެވެ.ފަރުމަސް ވެރިކަން އާދަޔާއިހިލާފަށް ދައްވަމުން އަންނަ ވާހަކައެވެ. މަސްވެރިކަމާއި އެންވެރިކަން އާދަޔާ ހިލާފައް ދަށްވަމުން އަންނަކަން ފާހަގަކުރެވެއެވެ. މަސްވެރިކަމާއި އެންވެރިކަން ދަށްވާން ދިމާވާ ސަބަބުތައް ދެނެގަނެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރެވޭބާއެވެ.

ކަނޑުތަކުން ފެންނަނީ ކުނި ބުންޏެވެ. ނެޕީ އާއި ރަބަރު ކޮތަޅުތަކާއި ދަނގަނޑުގެ ބާވަތްތަކެވެ. ޕްލާސްޓިކް ގެ އިތުރަށް ވިހަ ކެމިކަލްތައްވެސް ކަނޑުމަތީ ވަނީ ގިނަވެފައެވެ. މޫދަށް އެރި ފީނާލާއިރު  އެންމެ ގިނަ އަދަދަކަށް ފެންނަ އެކައްޗަކީ ނެޕީއެވެ. ރަބަރު ކޮތަޅުތަކެވެ. މިފަދަ ތަކެއްޗަކީ ފަނާނުވެ އެތައް ޒަމާނެއް ވަންދެން މޫދުގައި ހުންނަ ތަކެއްޗެވެ. މޫދުގައި ހުންނަ ޕްލާސްޓިކްގެ ވައްތަރުތައް ހަލާކުވުމަށް އާންމުގޮތެއްގައި 100 އަހަރާއި 500 އަހަރުގެ މުއްދަަތު ނަގައެވެ. މިތަކެތި މޫދުގައި އޮޔާއެކުގޮސް މޫދުގެ މުރަކަތަކުގައި އޮޅެއެވެ. މުރަކަތަކުގައި އޮޅިފައިހުރުމުގެ ސަބަބުން މުރަކަތަށް މަރުވެއެވެެ. މިއީ ރާއްޖޭގެ އަދި ދުނިޔޭގެ އެހެން ގައުމުތަކުގެވެސް ހާލަތެވެ.

ރަބަރު އަދި ޕްލާސްޓިކްގެ ބާވަތްތަކުގެ ސަބަބުން އަހަރަކު 267 ވައްތަރުގެ ދިރުންތަކަށް ނުރައްކަލާ ކުރިމަތިވެ މަރުވާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ކަނޑުގައި ދިރިއުޅޭ މެމަލްސްގެ ތެރޭން 100،000 މެމަލް މަރުވެއެވެ. އަދި މިލިއަނަކަށްވުރެ މަތީ އަދަދަކަށް ދޫނި އަދި މަސްމަހާމެހި މަރުވެއެވެ. މިގޮތަށް މަރުވެފައިވާ ތަކެއްޗައް ބަލާއިރު މެމަލްސް ގެ ވައްތަރުތަކާއި ވެލާ ކަހަނބުގެ ވައްތަރުތައް ގިނައިން މަރުވެފައިވަނީ  ވާ އަދި ރަބަރުފަދަ ތަކެތި އޮޅިގެންނެވެ.

އަލްގަލިޓާ މެރިން ރިސާރޗް ފައުންޑޭސަނުން ކުރި ދިރާސާއަކުން ފާހަގަކުރެވިފައިވަނީ މާނިޔާ މަސް ފަދަ ތަކެތި ޕްލާސްޓިކްގެ ކުނިބުނި ކައިގެން މަރުވެފައިވާ ކަމެވެ. އަދި ބައެއް ވައްތަރުގެ ކަނޑު މަތީ ދޫނިވެސް ކަނޑުމަތީގައި ވާ ކުނިބުނި ކައިގެން މަރުވަމުން އަންނަކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ކަނޑުގައި ދިރިއުޅޭ މެމަލްސްގެ ތެރޭގައި ހިމެނޭ ކޯމަސް ފަދަ ތަކެތި މަރުވުމަކީ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ދުނިޔޭގައި ވެށި ތަޤައްޔަރުވެފައިވާ  ނިސްބަތުން 80 ޕަސެންޓަކީ މޫދެވެ. މޫދުގެ ވެށި ނުސާފުވުމުގައި 65 އާއި 95 ޕަސެންޓާ ދޭތެރެ އަދަދަކަށް ހިމެނެނީ ޕްލާސްޓިކް އަދި ރަބަރުގެ ބާވަތްތަކުގެ ކުނިބުންޏެވެ.

މޫދުގައި ވާ ކޮންމެ މުރަކައަކީވެސް އަދި ހަމަ އެހެންމެ ކޮންމެ ގަލަކީވެސް އެތަކެތީގައި ﷲ ދިރުންލައްވާފައިވާ ތަކެއްޗެވެ. އެހެން ދިރޭތަކެއްޗެކޭ އެއްގޮތަށް އެތަކެތި ފަރުތަކުގައި ލެއްވުމުގައިވެސް ހިކުމަތްތަކެއްވާނެއެވެ. ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. ﷲ އެއްވެސް އެއްޗެއް ބޭކާރު ގޮތުގައި ނުހައްދަވައެވެ. އަދި ﷲގެ ވަހީ ބަސްފުޅު ކީރިތި ޤުރުއާނުގެ ސޫރަތުލް އަންބިޔާގެ 16 ވަނަ އާޔަތުގެ މާނައަކީ ” ތިމަންރަސްކަލާންގެ  އުޑާއި ބިމާއި އެދެމެދުގައިވާހާތަކެތި ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.” މިފަދަ އާޔަތްތަކާއި މެދު ވިސްނާ އަޅުގަނޑުމެންނަކީ ﷲ ގެ ނިއުމަތްކަށް ޝުކުރުވެރިވާ ބަޔަކަށް ވަމާތޯއެވެ. އެހެންނޫންނަމަ މޫދުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމުގެ ބިރު އިންތިހާ އަށް އެބައޮތެވެ. މޫދައް ނުވަތަ ކަނޑުތަކަށް އަންނަ ކޮންމެ ބަދަލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް ކަމަކަށް ބުރޫއަރާނެ ކަމެކެވެ.

ފަރުތަކުގައި ހުންނަ މުރަކަތަށް މަރުވުމުން އެންވެރިކަން ދަށްވާކަން މީވެސް އިތުރު ދިރާސާތަކެއް ނުކޮށް ފެނަން އޮތްކަމެކެވެ. ހާއްސަކޮށް މަސްވެރިންނަށެވެ.  ކުރިން ބަޔާންކުރެވުނު ފަދައިން ކޮންމެ ދިރޭ އެއްޗެއްވެސް ވަނީ އެކަތި އަނެކެއްޗާއި ގުޅި ލާމެހިފައެވެ. މުރަކަޔަކީ ވަރަށް އާދަޔާ ހިލާފު ދިރުމެކެވެ. މުރަކަ ނުވަތަ ދިރޭ ގާ، ހިރިފަދަ ތަކެތީގައި ތަފާތު ވައްތަރުގެ ދިރުންތައް އުޅެމުންދެއެވެ. ލޮލަށް ނުފެންނަ އެތައް ދިރުންތަކަކުން ފަށައިގެން ބޮޑެތި މަސްތައް އުޅެއެވެ. މުރަކައިގައި ހުންނަ ތަފާތު ކުދި ދިރުންތައް ކައިގެން އެމުގެ ބާވަތްތައް އުޅޭ އިރު އެމުރަކަ ކައިރި ނުވަތަ ގާ ކައިރި ބޮޑެތި ބައެއްވައްތަރުގެ ދިރުންތައް އުޅެއެވެ. އޭގެ ތެރޭގައި މަސް ، އަދި ކަކުނި ފަދަ ތަކެތި އުޅެއެވެ. ދިރޭ އެންމެ ގަލެއް ނުވަތަ މުރަކައެއް ހަލާކު ވުމަކީ އެ ސަރަހައްދަކުން އެތައް ބައިވަރު ވައްތަރުގެ މަސް އަދި އެހެނިހެން ބާވަތްތަކުގެ ދިރުންތައް މަދުވެގެން ދާނެ ކަމެކެވެ.

މުރަކަތަށް ހަލާކުވުމުގެ ސަބަބުން އެންވެރިކަން ދަށްވުމުން ދިވެހިންގެ ލޭނާރާއި ގުޅިފައިވާ މަސްވެރިކަމަށްވެސް އޭގެ ނެދެވޭ އަސަރު ކުރަމުން އަންނަނީ ހިތަމާކުރަންޖެހޭފަދަ މިންވަރަކަށެވެ. އޭގެ ގެއްލުން ފޫ ބެއްދޭ ވަރަށްވުރެ ބޮޑެވެ. އެންމެ ދުވަހަކު މަހަށް ނުކުތުމަށް އެން ނުލިބިއްޖެނަމަ އެއީ ގައުމަށްވާ އެތައް ހާސް ރުފިޔާގެ ގެއްލުމެކެވެ. ހަމަ އެހެންމެ އާންމު ރަށްޔިތުންނާއި މަސްވެރި އާއިލާ ތަކަށްވެސް އޭގެ ގެއްލުން ނުހަނު ބޮޑެވެ.

މަސްވެރިކަމާއި އެންވެރިކަން ދަށްވާތީ އެކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އިންސާނުންގެ ފަރާތުން ތިމާވެއްޓަށް ދެވޭ ގެއްލުންތަކުން ވެށި ސަލާމަތްކުރުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަސްވެރިކަމާއި އެންވެރިކަން ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ އަތްތަކުން ކުރެވޭ މިފަދަ ނޭދޭ ކަންތައްތައް ހިމެނެއެވެ. އެއީ އަޅުގަނޑުމެންގެ އަތްތަކުން މަސްތައް ދިރިއުޅޭ ވެއްޓަށް ދެވޭ ގެއްލުންތަކެވެ.  މިފަދަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދަށްކަވާ އިލްމްވެރިން އިސްލާމް ދީނާ ތިމާވެށީގެ ވާހަކަ ލިޔާއިރު ބަޔާންކުރާ އާޔަތެއް ވެއެވެ. އެއީ ސޫރަތު ރޫމްގެ 41 ވަނަ އާޔަތެވެ މާނައީ:” މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ.

ޝައްކެތްނެތެވެ. ﷲ ގެ ބަސްފުޅަކީ ޙައްޤުތެދެވެ. އަޅުގަނޑުމެން އާޔަތް ވިސްނާ ބަލާ  އަމަލުކުރާ ބަޔަކަށް ވަމާތޯއެވެ. އޭރުން އިންޝާﷲ ގައުމުގެ ރަށްޔިތުންނަކީ ފުދުންތެރި، ހަމަޖެހިގެން ވެށީގައި ރަށްކާތެރިކަމާއި އެކުގައި އުޅޭ ބަޔަކަށް ވާނެއެވެ.

ތިމާވެށި ހިމާޔަތްކޮށް ރަށްކާތެރިކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫނެވެ. ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ބައެއްފަހަރަށް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން ފެންނަ މަންޒަރުތައް މިއާއި އިދިކޮޅެވެ. އެއީ ވަކި ބައެއްގެ ނުވަތަ ވަކި ފަރުދެއްގެ  ކަމެއްގެ ގޮތުގައިދެކެވޭތަން އާދެއެވެ. އަނެއްބައިފަހަރަށް ތިމާވެށި ހިމާޔަތްކުރަން ވަކި ތިމަންނާ އެކަނި މަސައްކަތްކޮށްގެން ހައްލެއް ލިބޭނެބާއެވެ؟ ބޮޑެތި ޖަމާއަތްތަކުން ނުވަތަ ބޮޑެތި ގައުމުތަކުން އެކަނި ކުރަން ޖެހޭ ކަމެއްތޯއެވެ. ތިމަންނާ އެކަނި މަސައްކަތްކޮށްގެން ތިމާ ވެށި ހިމާޔަތްކުރެވޭނެ ތޯއެވެ؟ މީވެސް ބައެއް މީހުން ސުވާލު އުފައްދާކަންކަމެވެ. ކޮންމެމީހަކީވެސް އެމީހެއްގެ ޒިންމާ އަދާކުރަންޖެހޭނެ މީހެކެވެ. އެމީހެއްގެ ފެންވަރުން އެމީހަކަށް ވެށި ހިމާޔަތްކުރަން ކުރެވެން ހުރި މަސައްކަތެއް ކުރުމުން އެއީ އެމީހެއްގެ ވާޖިބު އަދާކުރެވުނީއެވެ. އެއީ ތިމާ ފަދަ އެހެން މީހުންނަށް ތިމާގެ ފަރާތުން އަދާކުރަން ޖެހޭ ޙައްގެކެވެ. ތިމާވެށީގެ ސަބަބުން ނުރައްކަލާ ކުރިމަތިވެފައިވާ މީހުންނަށް ތިމާގެ ފަރާތުން ފޯރުކޮށްދެވޭ އެހީތެރިކަމެކެވެ.

ތިމާވެށީގެ ދާއިރާގައި މައުލޫމާތު ދެވޭއިރު ކިޔައިދެވޭ ވަރަށް އިބުރައްތެރި ވާހަކަ އެއް އޮވެއެވެ. ”އެއް ދުވަހަކު ދިޔަވަރު ހިކިފައި އޮއްވަ މޫދުކައިރި ފަސްގަނޑުގައި ހުރި ސްޓާރ ފިސްތަކެއް މޫދައް އަޅަން މީހަކު އުޅުނެވެ. މުޅި އެސަރަހައްދުގައި ސްޓާރފިސްތައް ވަނީ ހިކިފައެވެ. މި މީހާ ފަހަރަކު އެއްޗެއް ނަގާ މޫދަށް އެއްލާ މަންޒަރު އެތަނައް އައި ސައިންސްވެރިޔަކަށް ފެނުނެވެ. އަދި އޭނާ އާ ސުވާލުކުރުމުން އެނާ ކިޔައިދިން ގޮތުގައި އިރުއަރައިގެން އަންނަ އިރު ހޫނުވުމުން އެއްގަމުގައި ހުރި ސްޓާރ ފިސްތައް މަރުވާނެއެވެ.  އެދެވަހު މި މަންޒަރުފެނިފައި ސައިންސްވެރިޔާއައް ޖޯކު ކަމަކަށް ވީނަމަވެސް ފަހުން އެކަމުގެ މުހިންމު ކަމާއިމެދު ވިސްނިއެވެ. އެ ދުވަހު ގެޔައް ގޮސް އޭނާ އެކަމާއި ވަރަށް ބޮޑަށް ވިސްނިއެވެ. އަދި އޭނާގެ ހިތައް އަރަމުންދިޔައެވެ. މި ހާ ގިނައިން ދިރާސާކޮށް ވިސްނާ ފޮތް ލިޔެ ހަދާއިރު އެއީ އަދި ނުވިސްނިވާ ކަމެކެވެ. ދެން މިކަމާ ވިސްނުމުގައި ރޭގަނޑުވެސް ހޭދަކުރުމަށް ފަހު އޭނާ ހެނދުނު ތެދުވެގެން އެތަނަށް ދިޔައިރު ހަމަ ކުރީ ދުވަހެކޭ އެެއްފަދައިން އެމީހާ  ހަމަ އެމީހަ އެ މަސައްކަތުގައި އުޅެއެވެ. ދެން ސައިންސްވެރިޔާވެސް އެކަމުގައި އޭނާ އާއި ބައިވެރިވިއެވެ. ސަބަބަކީ އެތަނުން ސަލާމަތްކުރެވުން ކޮންމެ ސްޓާރ ފިސް އެއްގެ ސަބަބުން ސްޓާރފިސް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.  އެއީ ހަމަ ޔަގީނުންވެސް އެސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ނުހަނު އަގުހުރި މަސައްކަތެކެވެ. އެމީހާއާއި  އެކު ސައިންސްވެރިޔާ އެމަސައްކަތުގައި ދެވަނަ ދުވަހުން ފަށައިގެން ބައިވެރިވުމުން ކުރިން އެމިހާ އެކަނި ހުރެ ސަލާމާތްކުރި ވަރަށްވުރެ ގިނަ ސްޓާރ ފިސް ސަލާމަތްވިއެވެ.  އެދުވަހު އެމީހާ ސްޓާރފިސް ތައް ސަލާމަތްކުރަން މަސައްކަތް ނުކުރިނަމަ ހަމަ ޔަގީނުންވެސް ސްޓާރފިސްތައް މަރުވެގެން ދާނެއެވެ. އަދި ސައިންސްވެރިޔާވެސް އެކަމާއިމެދު ވިސްނާ އެފަދަ ކަންތައް ތައް ކުރުމުގެ ވިސްނުންއައީ ހަމަ އެ މީހާގެ ސަބަބުންނެވެ. އެމީހާ  އެދުވަހު ދަށްކައިދިނީ ފަރުދީ ޒިންމާ އަދާކުރުމުގެ ރިވެތި ނަމޫނާއެކެވެ.

ނޯޓު: ރޫމް ސޫރަތުގެ 41 ވަނަ އާޔަތުގެ މާނަ ނަގާފައިވަނީ ޑރ އަބްދުލް މަޖީދު އަބުދުލް ބާރީ ހިދާޔަތުގެ މަގުގައި ތިމާވެއްޓާއި ބެހޭގޮތުން ލިޔުއްވަފައިވާ ލިއުމަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކައިވެނީގެ މުހިންމުކަން( 6 ވަނަ ބައި)

Next Article

ރީތި އަންހެނެއްގެ ސިފަތަކަކީ ކޮބައިބާ؟

Related Posts