ޅަފަތުގެ ދާނުގައި ވާހަކަ ދެއްކި ތިން ކުދިންގެ ވާހަކަ

މާތް  ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ޅަ ފަތުގައި މަންމަގެ އުނގުގައި އޮވެ ތުއްތު ހާލަތުގައި ވާހަކަ ދެއްކި ތިންކުދިންގެ ޚަބަރު ދެއްވަމުން ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
ޅަފަތުގެ ދާނުގައި ތިންކުއްޖަކުމެނުވީ ވާހަކަ ނުދައްކައެވެ. އެއީ ޢީސާ ޢަލައިހިއްސަލާމާއި އަދި (ޖުރައިޖުގެ ބޮލުގައި އެޅުވުނު ކުއްޖާއެވެ. )ބަނީ އިސްރާއީލުންގެ ތެރޭގައި އަޅުވެރިނަމާދުކޮށް އުޅޭ ޖުރައިޖު ނަމަކަށް ކިޔުނުމީހަކުވިއެވެ. އަދި އަޅުކަންކުރާ ތަނެއްހަދައި(ޓަވަރެއް ގޮތަށް އުސްކޮށް ހުންނަތަނެއް) އެތަނުގައި އަޅުކަމުގައި ޖުރައިޖުހުއްޓެވެ. އެއްދުވަހަކު ޖުރައިޖު ނަމާދުކުރަން ހުއްޓާ ޖުރައިޖުގެ މަންމަ އަތުވެއްޖެއެވެ.

 

އަދި ޖުރައިޖަށް ގޮވާލިއެވެ. ނަމަވެސް ޖުރައިޖު އެކަމަނާއަށް އިޖާބަ ދިނުމަށް ދެކޮޅު ހެދިއެވެ. އަދި އަމިއްލަ ނަފުސަށް ބުންޏެވެ. ތިމަންނާގެ މަންމައަށް އިޖާބަ ދޭނީ ހެއްޔެވެ؟ ނުވަތަ ނަމާދުކުރާނީހެއްޔެވެ؟ އަދި އެޔަށްފަހު ނަމާދާއިގެން ހުންނެވިއެވެ. ދެން އޭގެ އަނެއްދުވަހުވެސް ޖުރައިޖުގެ މަންމައައިސް ޖުރައިޖުއަށް ގޮވާލިއެވެ. އެދުވަހުވެސް ޖުރައިޖު ބުންޏެވެ. ތިމަންގެ ނަމާދެވެ. އަދި ތިމަންގެ މަންމައެވެ. އަދި ނަމާދާއިގެން ދެމިހުއްޓެވެ ދެން ޖުރައިޖުގެ މަންމަ ހިނގައްޖެއެވެ. އަދި ޖެހިގެން އައި ދުވަހުވެސްއަނެއްކާވެސް އެޔަށްފަހު ޖުރައިޖުގެ މަންމަ އަތުވެއްޖެއެވެ. އަދި ޖުރައިޖަށް ގޮވާލިއެވެ. އޭ ޖުރައިޖެވެ. ދެން ޖުރައިޖު އަމިއްލަ ނަފުސަށް ބުންޏެވެ. އޭ ރައްބެވެ. މިއަޅާގެ މަންމައެވެ. އަދި މިއަޅާގެ ނަމާދެވެ. އަދި ނަމާދާއިގެން ހުއްޓެވެ. ދެން ޖުރައިޖުގެ މަންމަ އަރައިގެން ރުޅިން ބުންޏެވެ. އޭ الله އެވެ. ކަސްބީ އަންހެނެއްގެ މޫނު ފެނުމަށް ދާންދެން މީނާ މަރުނުގަންނަވާށިއެވެ.

ޖުރައިޖު އޭނާގެ އަޅުކަންކުރާން ހަދާފައި ހުންނަ ގޭގައި އަޅުކަން ކުރަމުން ދިޔައެވެ.

ދެންފަހެ އަންހެނަކު ބުންޏެވެ. ތިމަންނާ ޖުރައިޖު ފިތުނައިގައި ޖައްސާހުށީމެވެ. އަދި ޖުރައިޖުގެ އަރިހަށް އައިސް އެކަލޭގެފާނާ ވާހަކަދައްކައި އެކަމަށް ހުށަހޮޅިގަތެވެ. ނަމަވެސް ޖުރައިޖު އެކަމާ ދެކޮޅު ހެދުމުން ޖަނަވާރު ހުއިހައްޕާ މީހެއްގެ ކައިރިއަށް ގޮސް އޭނާގެ ނަފުސު އޭނާގެ މައްޗަށް ދީފިއެވެ. އަދި ފިރިހެންކުއްޖަކާއިގެން

މިއަންހެނާ ރައްކާވެއްޖެއެވެ. އަދި އަންހެނާ ބުންޏެވެ. މިއީ ޖުރައިޖުގެ ދަރިއެކެވެ

އެހެން ރިވާޔަތެއްގައިވެއެވެ. އެއަންހެނާ ގެ ރީތިކަމަށް ނަންހުރި ކަސްބީ އަންހެނަކު މީސްތަކުންނާ ވާހަކަ ދައްކަމުން ބުންޏެވެ. ކަލޭމެން ބޭނުންނަމަ ތިމަންމަ ޖުރައިޖު ފިތުނައިގައި ޖައްސާފާ ހުށީމެވެ. އެމީހުން ބުންޏެވެ. ތިމަންނަމެން ބޭނުމެވެ

އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. އެރަށުގައި މީހަކު ޒިނޭކޮށްފިނަމަ ޤަތުލުކުރެއެވެ. ދެން ފަހެ މީސްތަކުން އައިސް ޖުރައިޖަށް ގޮވައިފިއެވެ. ޖުރައިޖު ހުރީ ނަމާދުގައެވެ. އެމީހުންނަށް ޖަވާބެއް ނުދިނެވެ. ދެންފަހެ މީސްތަކުން ޖުރައިޖު އަޅުކަންކުރަން ހުރި(އުސްޓަވަރެއްފަދަ ބިނާއެއް) އެތަނުގައި ތަޅައިގެންފިއެވެ. ދެން ޖުރައިޖު ނުކުމެ ބުންޏެވެ. ފަހެ ކަލޭމެންނަށް ވީ ކީއްހެއްޔެވެ؟ ދެން ފަހެ މީސްތަކުން ޖުރައިޖުގެ ގައިގައި ތަޅައިގަނެ ބަދުބަސްބުނަން ފަށައިފިއެވެ. އަދި ޖުރައިޖާ އެއަންހެނާގެ ކަރުގައި ވާޖަހައި އެރަށުގެ މަގުމަތީގައި ގަންހިންގައިފިއެވެ. ދެން އެވަގުތު ކަސްބީ އަންހެންގެ ގެ ފެނުމުން ޖުރައިޖު ހިނިތުންވެލިއެވެ. ދެން ފަހެ މީސްތަކުން ބުންޏެވެ. ބަލާބަލާށެވެ. ކަސްބީ އަންހެނުންތައް ފެނުނީމަ ހޭވަރު ނިކަން ބަލާށެވެ.

. ދެން ފަހެ މީސްތަކުން ޖުރައިޖުގެ އަޅުކަންކުރާ ތަނުގެ ދޮަށަށް އައިސް އެތަން ހަލާކުކޮށް އެތަނުން ޖުރައިޖު ނެރި ހެއްދެވި ނެހެއްދެވިއަށް ގޮވައިހަދައިފިއެވެ. ދެން ފަހެ ޖުރައިޖު ވުޟޫކުރައްވައި ނަމާދުކޮށް އެ ކުޑަ ފިރިހެންކުއްޖާގެ ކައިރިއަށް އައިސް ބުންޏެވެ. ފަހެ ކަލޭގެ ބައްޕައަކީ ކޮބައިހެއްޔެވެ؟ އެ ވާހަކަ ނުދެއްކޭ ކުއްޖާ (اللهގެ ކަރާމަތުން) ބުންޏެވެ. ބަކަރިހުއިހައްޕާ މީހާއެވެ.

އެހެން ރިވާޔަތެއްގައި ވެއެވެ. ދެން ރަސްގެފާނު ޖުރައިޖުއާއި ސުވާލުކުރިއެވެ. ފަހެ ޖުރައިޖު ހިނިތުން ކުރުވީ ކޮންކަމަކާ ހެއްޔެވެ؟ ޖުރައިޖު ބުންޏެވެ. އަހަރެންނަށް ކަމެއްދިމާވިކަން އެނގުމުންނެވެ. އެއީ އަހަރެންގެ މަންމަގެ ދުޢާ އަހަރެންގެ މައްޗަށް ޖެހުމުންނެވެ. އަދި ކަންތައްވީގޮތް މީސްތަކުން ޖުރައިޖު ކިޔައިދިނެވެ.

ދެން ފަހެ މީސްތަކުންނަށް ކަންތައް ވީގޮތް އެނގުމުން ބުންޏެވެ. ކަލޭގެފާނު އަޅުކަންކުރައްވާން ހުންނަވާ ގެ ރަނުން ތިމަންނާމެން ބިނާކޮށްދޭނަމެވެ. ދެން ޖަވާބު ދިނެވެ. ނޫނެކެވެ. މަށިން ބިނާކުރާހުށިކަމެވެ
ދެން ފަހެ އެބައިމީހުން މަށިން ބިނާކޮށްފިއެއެވެ.

ދެން މާތް ނަބިއްޔާ (ޅަފަތުގެދާނުގައި ވާހަކަ ދެއްކި ތިންވަނަ ކުއްޖާގެ ވާހަކަ) ކުރިޔަށް ގެންދަވަމުން ޙަދީޘްކުރެއްވިއެވެ.: އަދި ބަނީ އިސްރާއީލުންގެ އަންހެނަކު އޭނާގެ ދަރިފުޅަށް ކިރުދެމުން ދަނިކޮށް އެކަނބުލޭގެ ކުރިމަތިން އަގުބޮޑު ސަވާރަކަށް ސަވާރުވެގެންދާ ނުހަނު ރިވެތި ހެދުމުގެ އަސްވާރަކު ދާތީ ފެނިގެން އެކަމަނާ ދުޢާކުރެއްވިއެވެ. އޭ الله އެވެ. މިއަޅާގެ ދަރިފުޅު އެފަދަ މީހެއްކަމުގައި ލައްވާށިއެވެ. ހަމަ ދުޢާކުރުމާއެކުގައި އޭނާގެ ދަރިފުޅު ކިރުތުމުން ވީއްލައި އެއަސްވާރަށް ނަޒަރު ހިންގާލައިފައި އެބަބުނެއެވެ. އޭ اللهއެވެ. މިއަޅާ އެފަދަ

މީހެއްކަމުގައި ނުލައްވާށިއެވެ. ދެން އަނެއްކާވެސް އެނބުރި ބުއްބުއިމަށް ރުޖޫޢަވެއްޖެއެވެ.

ދެން އަބޫ ހުރައިރާ ރަޟިޔަالله އަންހު ރިވާކުރެއްވިއެވެ. ދެންފަހެ ތިމަންކަލޭގެފާނަށް މާތްނަބިއްޔާ އެކަލޭގެފާނުގެ ޝަހާދަތު އިނގިލިފުޅު އަނގަފުޅަށް ލައްވައި ބުއްބޯމަންޒަރު އެވާހަކަ ކިޔައިދެއްވަމުން ސިފަކޮށްދެއްވިއެވެ. ފަހެ ތިމަންކަލޭގެފާނަށް( އެކުޑަކުއްޖާގެ ޙަރަކާތްތަކުގެ) މަންޒަރު ފެންނަމުން ދިޔަފަދައެވެ.

ދެން ފަހެ މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ

ދެން އަނެއްކާވެސް އެކަމަނާގެ ކުރިމަތިން ބަޔަކު އަންހެން ކުއްޖެއްގެ ގައިގައި ތަޅަމުން ކަލޭ ޒިނޭކޮށްފިޔޭ އަދި ވައްކަންކޮށްފިޔޭ ބުނަމުން ބަޔަކު ދިޔައެވެ. އެއަންހެންކުއްޖާ ބުނެއެވެ. حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ ތިމަންނާއަށް الله ފުދެއެވެ. އަދި ތިމަންނާ ރައްކާތެރިކޮށްދޭ އެންމެ ހެޔޮފަރާތަކީ އެއީއެވެ.

ދެންފަހެ އެކުއްޖާގެ މަންމަ ބުންޏެވެ. އޭ اللهއެވެ. މިއަޅާގެ ފިިރހެންދަރިފުޅު އެއަންހެންކުއްޖާފަދަ މީހެއްކަމުގައި ނުލައްވާށިއެވެ. ދެން މިކުޑަކުއްޖާ ކިރުތުމުން ވީއްލައި އެއަންހެންކުއްޖާއަށް ބަލާލުމަށްފަހު ބުންޏެވެ. އޭ اللهއެވެ. އޭނާ ފަދައިން މިއަޅާ ލައްވާށިއެވެ.

ދެން މިހާހިސާބުން މަންމައާއި ދަރިފުޅާ ދެމެދު ވާހަކަ ދައްކަން ފެށިއްޖެއެވެ. ފަހެ ކުޑަކުއްޖާގެ މަންމަ ބުންޏެވެ. ހައިބަވެތިމީހަކު ދާތަން ފެނިގެން އަހަރެން ބުނީމެވެ.އޭ اللهއެވެ. އަހަރެންގެ ފިރިހެން ދަރިފުޅު އެމީހާ ފަދަ މީހެއްކަމުގައި ލައްވާށިއެވެ. ދަރިފުޅު ބުނީމުއެވެ. އޭ اللهއެވެ. އަހަރެން އެފަދަމީހެއްކަމުގައި ނުލައްވާށިއެވެ. އަދި މިއަޅު އަންހެންކުއްޖާގެ ގައިގައި ބަޔަކު ތަޅަމުން އަދި އެއަންހެންކުއްޖާއާ ދިމާލަށް ކަލޭ ޒިނޭކޮށްފިޔޭ އަދި ވައްކަން ކޮށްފިޔޭ ބުނަމުން ދިޔުމުން މަންމަ ބުނީމެވެ. އޭ اللهއެވެ. އެއަންހެންކުއްޖާފަދައިން މިއަޅާގެ ފިރިހެން ދަރިފުޅު ނުލައްވާށިއެވެ. އެހެންބުނުމުން ދަރިފުޅު ބުނީމެވެ. އޭ اللهއެވެ. އެއަންހެނާ ފަދައިން އަހަރެން ލައްވާށިއެވެ.

އަދި އެދަރިފުޅުގެ މަންމަ ބުންޏެވެ. އެފަދައިން ބުނީ ކީއްވެގެންހެއްޔެވެ؟

ދަރިފުޅު ޖަވާބު ދިނެވެ. ފަހެ އެއަސްވާރަކީ އަނިޔާވެރި ޖައްބާރެކެވެ. އެކަމުގެ ސަބަބުން އަހަރެން ބުނީމެވެ. އޭﷲއެވެ. އެފަދަ މީހެއްކަމުގައި އަހަރެން ނުލައްވާށިއެވެ. ހަމަކަށަވަރުން އެބައިމީހުން އެއަންހެންކުއްޖާ ޒިނޭކުރިކަމަށް އެބަބުނެއެވެ. ނަމަވެސް އޭނާ ޒިނޭނުކުރެއެވެ. އަދި ވައްކަންކުރިކަމަށްވެސް އެބަބުނެއެވެ. ނަމަވެސް އޭނާ ވައްކަންވެސް ނުކުރެއެވެ. އެކަމުގެ ސަބަބުން އަހަރެން ބުނީމެވެ. އޭ اللهއެވެ. މިއަޅާ އެފަދަ މީހެއްކަމުގައި ލައްވާށިއެވެ.
ނިމުނީ

މިވާހަކައިން ލިބޭ ޢިބުރަތްތައް
1. ދުނިޔެމަތީގައި اللهއަށް އީމާންވާ މީސްތަކުންނަށް މުސީބާތްތަށް ޖެހޭނެކަން. އަދި اللهއަށް އީމާންވާނަމަ އެއިލާހު ރަނގަޅު ގޮތް މެދުވެރިކުރައްވާނެކަން
2. ލޯމައްޗަށް ފެންނަ ގޮތަކީ އަދި އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެއެވެ. އަދި ބޭރުފުށުން އުނދަގުލާއި ހިތްނުކިޔާކަހަލަ ކަންތައްތަކުގައި ފޮރުވިފައިވާ ހެޔޮކަން ބޮޑުވެގެން ހިނގައިދާނެއެވެ.
3. ދުނިޔެއަކީ ކާފަރުންނަށް ފަހި ނަމަވެސް اللهއަށް އީމާންވާ މީހުންނަށް ހުރަގެއެއްފަދަ ތަނެއްކަން

______________________

مصادر

1.صحيح البخاري

2. صحيح مسلم

3.الأدب المفرد للبخاري

ނޯޓު: މަތީގައި އެވަނީ ޞަޙީހް ބުޚާރީގައިވާ ޙަދީޘަށް ޞަހީހް މުސްލިމާއި އަދި އަދަބުލް މުފްރަދުގައިވާ ރިވާޔަތުގައި ހިމެނޭ ބައިތަށް އިތުރުކުރެވިފައެވެ. އަދި އިތުރު ރިވާޔަތްތައް ބަޔާންކުރެވިފައިވަނީ ޙަދީޘްގެ ޞަރަހާގައި ބަޔާންވެފައިވާ ރިވާޔަތްތަކެވެ.

އެއީ ކުތުބުއް ސުންނާގެ މުޒައްކިރާއެއްގައި ޑރ.ޒިޔާދު މަންސޫރުކުރައްވާފައިވާ ޝަރަޙައިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޖިންސީ “ހީވާގިކަން” އިތުރު ކުރުމަށް އަންނާރު ޖޫސް!

Next Article

إنا لله، وإنا إليه راجعون..

Related Posts