ހުސްފަޔާއި ސަހަރާތެރޭގައި އުޅުނު ޢަރަބި ބަދަވީންތައް އުސްއިމާރާތްތައް އެޅުމުގައި ވާދަކުރުން
މިކަން ފެށުނީ ރަށްތައް ފަތަޙަވެ އަދި މުސްލިމުންގެ މުއްސަނދިކަން އިތުރުވުމާއި ހިސާބުންނެވެ. ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވާ މަޝްހޫރު އީމާންކަމާއި އިސްލާމްކަމާއި އިޙުސާން ކަމާ ބެހޭ ޙަދީޘްފުޅުގައި އައިސްފައިވެއެވެ.
“އަޅުއަންހެނާ އޭނާގެ ސާހިބާ ވިހާނެއެވެ. އަދި ތިބާއަށް ހުސްފަޔާ އޮރިޔާންހާލުގައި އުޅުނު ބަކަރިހުއިހައްޕާ މީހުންތައް އުސް އިމާރާތްތައް އެޅުމުގައި ވާދަކުރާނެއެވެ.” ( ރިވާކުރެއްވީ މުސްލިމު)
އެހެން ރިވާޔަތެއްގެ މާނައިގައި ވެއެވެ.
“ތިބާޔަށް ހުސްފަޔާއި ބަނޑުހައި ހޫނުކަމާއި ފަޤީރު ކަމުގައި ތިބި ބަކަރިހުއިހައްޕާމީހުންތައް މީސްތަކުންގެ ވެރިންގެ ގޮތުގައި ތިބޭތަން ފެންނާނެއެވެ. އެއީ ގިޔާމަތް ވުމުގެ އެއްއަލާމާތެވެ.” އެހިނދު އެބައިމީހުންނަކީ ކޮންބައެއްތޯ ސުވާލުކުރެވުމުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޖަވާބުދެއްވިއެވެ. “އެއީ ޢަރަބިންނެވެ.”
ޑރ. މުހައްމަދު އަރީފީ މި ރިވާޔަތް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ.
“އެއްވެސް ޝައްކެއްނެތް ގޮތުގައި އުސް އިމާރާތްތަކުން ފައިދާ ލިބިގަތުމަށްޓަކައި އެފަދަ ޢިމާރާތްތައް އެޅުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް އެކަމަށް ދެއްކުންތެރިކަމާއި ކިބުރުވެރިކަމާއި ބޮޑާކަން ނުވަންނަ ނަމައެވެ
(ޖިއްދާގައި އަޅަން ހަމަޖެހިފައިވާ އިމާރާތުގެ ކުރެހުމެއް)
މިއަދު އަޅުގަނޑުމެންނަށް އަރަބިންގެ ކިބައިން މި މަންޒަރު ފެންނަމުން މިދަނީ އެއްވެސް ހުރަހެއް ނެތި ފެންނާށެވެ. ދުނިޔޭގެ މިވަގުތު ހުރި އެންމެ އުސް ގަޑި ޓަވަރު ހުރީ މައްކާގެ ކައުބާގެ ކައިރީގައެވެ. އެއީ ދުނިޔޭގެ މިހާރު ހުރި ދެވަނަ އަށް އެންމެ އުސް އިމާރާތެވެ. އެތަނުގެ އުސްމިނަކީ 577 މީޓަރެވެ. އަދި އެޔާއެކުގައި ދުނިޔޭގެ އެންމެ އުސް ޢިމާރާތްވެސް ހުރީ ދުބާއީގައެވެ. އެއީ ބުރުޒު ޚަލީފާއެވެ. އެޔަށްފަހު މިހާރުވެސް ޢަރަބިންދަނީ ބުރުޒު ޚަލީފާއަށް ވުރެ އުސް ޢިމާރާތްތައް އެޅުމަށް ވާދަކުރުމުންނެވެ. އެގޮތުން ދުބާއީއާއި އަދި ކުވެއިތުގައި ވަނީ މިޔަށްވުރެ އުސް ދެއިމާރާތް އެޅުމަށް ނިންމައިފައެވެ.
މައްކާ ކުލޮކް ރޯޔަލް ޓަވަރު. ދުނިޔޭގައި ހުރި އެންމެ އުސް ގަޑި ޓަވަރު އަދި ދެވަނައަށް ދުނިޔޭގައި ހުރި އެންމެ އުސް ޢިމާރާތް)
މިހެން މިކަންތައްވެފައި އޮއްވައި މިމަހު ސައޫދީ އަރަބިއްޔާގައި ވަނީ ބުރުޖު ޚަލީފާއަށްވުރެ ދެގުނަ އުސް ޓަވަރެއް އަޅަން ނިންމައިފައެވެ. މިއީ އަދި ކުރިން އަޅަން ރޭވިފައިހުރި ޓަވަރުތަކަށްވުރެ އެތައްތަނެއް އުސް ޓަވަރެކެވެ. މި ޓަވަރު އަޅަން ނިންމައިފައިވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައެވެ. މިއީ 1600 މީޓަރުގެ އުސް ޓަވަރެކެވެ. އެއީ ބުރުޖު ޙަލީފާގެ ދެގުނައެވެ. މިތަނުގެ އެންމެ މައްޗަށް ލިފުޓުގައި އެރެނީ 12 މިނިޓުން ކަމަށްވާއިރުގައި އުސްމިނުގައި މޭލެއް ހުންނާނެކަމަށްވެއެވެ
ތިފެނި ވަޑައިގަންނަވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތާއި އަދި އެޔާއެކު އަޅަން ހަމަޖެހިފައި ހުރި އެހެން އިމާރާތްތަކެވެ. 1432 އަހަރު ފަހުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ މިކަމުގެ ޚަބަރުދެއްވައިފައިވާލެއް ފުރިހަމަކަމުން އެކަލޭގެފާނުގެ ރަސޫލުކަމާއި ނަބީކަމުގެ ތެދުކަން ހާމަވެގެން ދެއެވެ. މިފަދަ ކަންކަމާއި މިދީނަށް ދެކޮޅު ހަދާ މީހުން ވިސްނާ ޢިބުރަތް ލިބިގަންނަން ނުވޭ ހެއްޔެވެ؟
އަދި އަޅުގަނޑުމެންވެސް ޤިޔާމާތް ވުމުގެ ވަގުތާއި ސިކުންތަކަށްފަހު ސިކުންތެއް ކައިރިވަމުންދާކަމުގެ އިޙުސާސްކުރައްވައި ހެޔޮއަމަލުތައް ކުރުމުގައިގެން އަވަސްވެގަތުން ކީއްތޯއެވެ؟ މަރުވަނީ ވަރަށްވެސް ގާތުގައެވެ. މަރުވުމުގެ ކުރިން އަވަހަށް ތައްޔާރުވުމަކީ އެންމެ ބުއްދިވެރި ފަރުވާއެވެ.
ހަވާލާ: ނިހާޔަތުލް ޢާލަމް ޑރ.އަރީފީ.