. ޖިލްބާބަކީ ޝިފާއެކެވެ. އަދި ރަށްކަލެކެވެ

އަޅުގަނޑަކީ މޫނު ބުރުގާ އަޅައިގެން އުޅޭ އުމުރުން 24އަހަރުގެ ދިވެހި އަންހެން ކުއްޖަކީމެވެ. އަޅުގަނޑު މި ވާހަކަ މި ހިއްސާ ކޮއްލަނީ ތިޔަ އެންމެހާ ލޮބުވެތި އަޙުންނާއި އުޙްތުންނަށް ޢިބްތަކަށްޓަކައެވެ. އަދި  ﷲއާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެންގެވި ގޮތާއި ޙިލާފަށް  މޫނު ބުރުގާއަށް ނުވަތަ މޫނު ބުރުގާ އަޅާ އުޙުތުންނަށްމަލާމާތް ކުރާ ފަރާތްތަކަށް ފިލާވަޅެއް ދިނުމަށެވެ. އަޅުގަނޑު މޫނު ބުރުގާ އެޅީ ކީއްވެކަން ތިބޭފުޅުންނަށް  އެނގިވަޑައިގަންނަވާތޯ އެވެ؟ މިއުޅެނީ އެވާހަކަ ކިޔައިދޭށެވެ.

 އަޅުގަނޑުގެ އުމުރުން 12އަހަރުގައި ޖިންނީއެއްގެ އުނދަގުލާ ކުރިމަތި ވިއެވެ. އެކަމުގެ ސަބަބުން އަޅުގަނޑު ވަރަށް ބޮޑަށް ބަލިވިއެވެ. ހިކި ގެން ގޮސް މީހާގެ ސިފަ ގެއްލުނެވެ. އެކަމުގެ ތެރޭގައި ނޭވާޔަށް އުނދަގޫވާން ފެށިއެވެ. ޓާރމެއް ނިމިގެންދާއިރު 15 ނުވަތަ އެއަށްވުރެ ގިނަވާނީ ސްކޫލަށް ނުދެވޭ ދުވަހެވެ.   މަންމަޔާއި ބައްޕަ  އަޅުގަނޑު ޑޮކްޓަރަށް ދެއްކުމަށް ފަރުވާ ކުޑައެއް ނުކުރެއެވެ. އެއި ކެތްތެރި ޞާލިހް މަންމައަކާއި ބައްޕައެކެވެ. ގަވައިދުން ޑޮކްޓަރަށް ދައްކާތާ ގާތްގަނޑަކަށް 2އަހަރު ވީއިރުވެސް ކުޑަވެސް ލުޔެއް ނުލިބެއެވެ.

 އޮއްޓަރު ކުރެއްވި އެއްޗެއް މަދު ފަހަރަކު ނޫނީ ނުކެވެއެވެ. ވަރުބަލިވާތީއާއި މޭގައި ރިއްސާލެއް ގަދަކަމުން ގިނަ ވަގުތު އޮންނަން ޖެހެނީ އެނދުމަތީގައެވެ. ހުން އަންނައިރަށް ފިޓް ޖެހެއެވެ. ނޭވާޔަށް އުނދގޫވާން ފެށުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި އޮކްސިޖަން ގުޅަންނުޖެހޭ މަހެއް މަދުވާނެއެވެ. ވިއްސާރަ މޫސުން އައިސްފިނަމަ ލޯބިވާ މަންމަ އާއި ބައްޕަ ނިދި ފިޔެއް ނުޖަހާ އަޅުގަނޑު ކައިރީ ހެލާ ދަމަށް ތިބެއެވެ. ޚާއްސަކޮށް ލޯބިވާ މަންމައެވެ. ކީއްވެކަން އެނގި ލައްވާތޯއެވެ؟ އަޅުގަނޑު ނޭވާ ޔަށް އުނދަގޫވާތީ އޮށޯންނާނެ ގޮތެއް އިށީންނާނެ ގޮތެއް ނޭނގޭގިގެން ނުނިދާ އުޅޭތީއެވެ.

ދުވަސްތަށް ފާއިތުވަމުން މަސްތައް އަހަރު ތަކަށް ބަދަލުވަމުން ދެއެވެ. . އޭރުވެސް ބުރުގާ އަޅަމެވެ. ލަނީ ގަޔަށް ދޫ ހެދުމެވެ. އުމުރުން 17އަހަރު ވީއިރުވެސް ބައްޔައް ކުޑަވެސް  ލުޔެއް ނުލިބެއެވެ. ދިވެހި ބޭހާއި ޑޮކްޓަރީބޭސް ކުރެވުނު އަދަދުވެސް ނޭނގެއެވެ. މިހެން އުޅުމުގެތެރޭގައި ވަރަށް ބޮޑަށް އުނދަގޫވި ދުވަހެއްގައި  އަޅުގަނޑަށް ބުނެވުނެވެ. މަންމައާއި ބައްޕަ ދެން އަޅުގަނޑަށް  ފަރުވާ ކުރަން މަސައްކަތް ނުކުރާށެވެ.  އަޅުގަނޑު ދެން ރަނގަޅެއް ނުވާނެއެވެ. އެވަގުތު އަޅުގަނޑުގެ ލޯބިވާ ބައްޕަ ބުނުއްވީ ކީކޭކަން އެނގިލައްވާ ތޯއެވެ؟ ބައްޕަ ބުނުއްވި އެވެ. ”ދަރިފުޅާ، މާތް ﷲގެ ރަޙްމަތްފުޅުން އުއްމީދު ކަނޑާލާކަށް ނުވާނެ، މިއީ ދަރިފުޅަށާ މަންމައާއި ބައްޕައަށް ކުރިމަތި ކުރައްވާ ވަރަށް ބޮޑު އިމްތިހާނެއް، ކެތްތެރިވެ ﷲގެ ކިބަފުޅަށް ދުއާކުރޭ، އަދި ވަގުތު ނުޖެހެނީ، ކޮންމެ ކަމަކަށްވެސް ވަގުތެއްވޭ، އެކަމެއްގެ ވަގުތު އައިސް ޖެހުމުން އެކަމެއްވާކަށް ލަހެއް ފަހެއް ނުވާނެ”  އަދި އެއަށް ފަހު އައްޔޫބް އަލައިހިއްސަލާމް އަށް މާތްﷲ ކުރިމަތި ކުރެއްވި އިމްތިހާނުގެ ވާހަކަވެސް ބައްޕަ ކިޔައިދެއްވިއެވެ. އެދުވަހަށްފަހު އަޅުގަނޑަށް އިތުރު ހިއްވަރެއް ލިބުނެވެ. އެކަމަކު ބައްޔަށް ޝިފާއެއް ނުލިބި ގިނަ ދުވަސް ވާން ފެށުމުން ކިޔެވުން ކުރިޔަށް ނުގެންދެވިގެން އުމުރުން 17އަހަރުގައި ގްރޭޑް8 އިން ސްކޫލުން ވަކިވީމެވެ.

ކައިވެނި ކުރުމަކީ ވަރަށް ގިނަ ބައްޔަށްވާ ޝިފާއެކޭ ބުނާތީ އަޑު އަހަމެވެ. ނަމަވެސް ޤަބޫލެއް ނުކުރަމެވެ. އެކަމަކު އުމުރުން 20އަހަރު ވީއިރު ކައިވެންޏަކާ ދޭތެރޭ ވިސްނެންފެށިއެވެ. އަދި އޯގާތެރި ހެޔޮލަފާ  ފިރިޔަކު ދެއްވުން އެދި  މެދު ކެނޑުމެއްނެތި މާތްﷲގެ ހަޟުރަތުގައި ދުއާ ކުރާތާ 3މަސް ނުވަނީސް މާތް ރަސްކަލާނގެ މި ނިކަމެތި އަޅުގެ ދުއާ އިޖާބަ ކުރައްވައިފިއެވެ. އަލްހަމްދުލިއްލާހިއެވެ. ކައިވެންޏަށްފަހު ފިރިމީހާވެސް އަޅުގަނޑަށް ފަރުވާއެއް ލިބޭތޯ އެތަށް ހޭދައެއް ކުރިއެވެ. ނަމަވެސް ކުޑަވެސް ކުރި އެރުމެއް ނުލިބެއެވެ. ﷲއިރާދަ ކުރެއްވީތީ ފިރިމީހާ ވަރަށް ރަނގަޅެވެ. ވަރަށް އޯގާތެރިއެވެ. އެފަދަ މާތް ފިރިޔަކު މިކަހަލަ ބަލި މީހަކަށް ދެއްވި ކަމަށްޓަކައި މާތްﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމެވެ.

 ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ﷲގެ އަމުރުފުޅާ އެއްގޮތަށް އަޅުގަނޑުގެ ލޯބިވާ ބައްޕަވެސް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައި ނިމުމެއްނުވާ ހަޔާތަށް ދަތުރުފަށައިފި އެވެ. އަޅުގަނޑުގެ އުމުރުން 22އަހަރުގައެވެ. އެލޮބުވެތި ޞާލިހް ބައްޕަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. މިލިބުނު ހިތާމައިގައި ކުރިޔައްވުރެ އަޅުގަނޑުގެ ބަލި ބޮޑުވި އެވެ. ކުރިއަށްވުރެ ހަށިގަނޑު ނިކަމެތި ވިއެވެ. އޭގެ 3މަސް ފަހުން އަޅުގަނޑު ވަރަށް ބޮޑަށް ރޯގާޖެހި ނޭވާޔަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން  ޑޮކްޓަރ ވިދާޅުވީ  ދާއިމީކޮށް ގިނަ ވަގުތު މާސްކު އަޅައިގެން އުޅުމަށެވެ. ނިދުމަށާއި ފެންވެރުމަށް ނޫނީ މާސްކު ނުނެގުމަށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. މިއީ އަދި  މިބަލީގެ ޝިފާއެއް ނޫނެވެ . އަދި މިކަމުގައި ރަނގަޅު ގޮތެއް ދައްކަވާތޯ ދުއާ ކުރަމުން ގެއަށް އައިސް ވަރަށް ވިސްނީމެވެ. ކުއްލިޔަކަށް ހަނދާންވީ އަޅުގަނޑުގެ ލޯބިވާ ބައްޕަ އެއްފަހަރަކު ހަދިޔާއަކަށް އަޅުގަނޑަށް ގެނެސްދެއްވި  އައްޝައިޙް އުސްމާން އަބްދުﷲ ލިޔުއްވާފައިވާ  ”ޢަވްރަ ނިވާކުރުމާއި ޒީނަތްތެރިވުން” މިފޮތުގެ މަތިންނެވެ. ވަރަށް މަސައްކަތުން އެފޮތް ހޯދަނިކޮށް ފެނިގެން ކިޔާލުމުން މޫނު ބުރުގާއެޅުމަކީ އަންހެނާއަށް ރައްކާތެރި ކަން ލިއްބައިދޭ ކަމެއް ކަމާއި އަޅުގަނޑުގެ ބަލީގެ ފަރުވާ ހޯދުމަށާއި ހިލޭ ފިރިހެނުންގެ އުނދަގުލުން ސަލާމަތް ވުމަށްއޮތް އެންމެ ރަނގަޅު މަގަކީ މޫނު ބުރުގާ އެޅުންކަން  ވިސްނިއްޖެއެވެ. ހަމަ އެވަގުތު ފިރިމީހާއަށްގުޅާ ވީއެންމެ އަވަހަކަށް މޫނު ބުރުގާ އަޅަން ބޭނުންވާ ކަމަށް ބުނުމުން ފރިމީހާ އެކަމަށް ވަރަށްއުފާ ކޮށް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުގެ އެދުން ﷲގެ ހެޔޮ ރަޙްމަތްފުޅާއިއެކު ފުރިހަމަ ކޮއްދީފިއެވެ.

 މޫނު ބުރުގާ އެޅީ ފަހުން މިޔަދާއި ހަމަޔަށް 1އަހަރާއި 11މަސް ވޭތިވެގެން ހިނގައްޖެއެވެ. ނޭވާޔަށް އުނދަގޫވުމުގެ އެއްވެސް އަސަރެއް އަޅުގަނޑަކަށް ނުކުރެއެވެ. މަޑުމަޑުން ހަށިގަނޑު ރަނގަޅުވާން ފަށައިފިއެވެ. އިންޝާﷲ.  އަލްހަމްދުލިއްލާހި. ﷲއަކްބަޜް، ނިކަން ވިސްނަވާށެވެ. 10 އަހަރަކީ ކުރު މުއްދަތެއްތޯއެވެ؟ އުމުރުން 12 އަހަރުން 22އަހަރު ވަންދެން {ޖުމްލަ 10އަހަރު} ވަންދެން ކުރި އެއްވެސް ފަރުވާ އަކުން ޝިފާ ނުލިބި 10އަހަރުވީ ބައްޔަށް ޝިފާ ލިބުނީ ކޮން ޑޮކްޓަރެއް ދިން ކޮން ބޭހެއް ކައިގެން ނުވަތަ ކޮން ފަރުވާއެއް ކޮއްގެން ހެއްޔެވެ؟ ނުވަތަ ކޮން ދިވެހި ބޭސް ވެރިޔަކު އެޅި ކޮން ފިލާގަނޑަކުން ހެއްޔެވެ؟  އާދެ! ޝައްކެއްވެސް ނެތެވެ. އެއީ މާތްﷲ ހަތް އުޑުގެމަތިން ބާވައިލެއްވި ކީރިތި ޤުރުއާނުގަ އާއި އެކަލާނގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެންގެވި ގޮތަށް އަޅުގަނޑު ހިޖާބްވެ ފަރުދާ ވުމުންނެވެ. ނޫރު ސޫރަތުގެ 33ވަނަ އާޔަތާއި އަލް އަޙްޒާބް ސޫރަތުގެ 59ވަނަ އާޔަތުގެ މާނައަށް ވިސްނަވާނެވެ. ތެދެކެވެ. އަލް އިސްރާ ސޫރަތުގެ82ވަނަ އާޔަތުގައިވާ ފަދައިން ކީރިތި ޤުރުއާނަކީ މުއުމިނުންނަށް ޝިފާއެކެވެ. އެޤުރުއާނުގައިވާ ގޮތަށް އަމަލުކުރާ މީހުނަށް ޝިފާއެއް ވެއެވެ. ހިޖާބަކީވެސް އަޅުގަނޑަށް ޝިފާއެކެވެ.ރައްކަލެކެވެ. އެސްފީނާއިންވެސް ސަލާމަތް ވެވޭ ކަމެކެވެ.

މީގެކުރިން މަޖުބޫރީ ހާލަތްތަކުގައި އެކަނި ގެއިން ބޭރަށް ދާއިރު ބައެއްފަހަރު ފިރެހެނުންގެ އުނދަގޫ އަޅުގަނޑަށް ވަރަށްބޮޑަށް ކުރިމަތިވެއެވެ. އެކަމުގެ ސބބުން ނަފްސާނީގޮތުންވެސް އެތަށް ގެއްލުމެއް ލިބުނެވެ. ނަމަވެސް މޫނު ބުރުގާ އެޅިފަހުން އަޅުގަނޑަށް ދަންނަ މީހުނާއި ނުދަންނަ މީހުން އިޙްތިރާމްކުރެއެވެ. ބައެއްފަހަރު ރޭގަނޑުގެ އަނދިރީގެ ތެރޭގައިވެސް އެކަނިމާ އެކަނި މަޖުބޫރީ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހެއެވެ. ނަމަވެސް މިވީހާތަށްދުވަހުވެސް ފިރިހެނެއްގެ އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އިންޝާﷲ. އަޅުގަނޑު ފެންނައިރަށް އިސް ދަށަށްޖަހާ ބެލުން ތިރިކުރެއެވެ. މޫނު ބުރުގާއަކީ އެ އަޅާ އަންހެނުންގެ ބެލުން ތިރިވުމުގެ އިތުރަށް ހިލޭ ފިރިހެނުންގެ ބެލުން ތިރިކުރުމަށްވެސް ވެދެވޭ އެހީއެކެވެ. ގިނަ ފިރިހެނުން އަޅުގަނޑު މަގުމަތިން ހިނގާފަ ދާއިރު މަޑު ކޮށްލާ ތަން ދެއެވެ. މިހުރިހާ ވާހަކައަކީ ހަދައިގެން ދައްކާ ވާހަކައެއް ނޫން ކަން މާތްﷲދެނެވޮޑިގެންވާނެއެވެ.

އަދި އަޅުގަނޑުގެ ބަލިހާލު ދަންނަ އެންމެންވެސް ޤަބޫލްކުރާނެއެވެ. ވިސްނަވާށެވެ. މިއީ ހަމަ ހަޤީޤަތެވެ. މަގުމަތިން ދައިރު ހިލޭ ހިރިހެނުންގެ އުނދަގޫތަކާ ކުރިމަތިވާ ލޮބުވެތި އުޚްތުންނަށް ދަންނަވަމެވެ. އެކަމުގެ ހައްލު ވަރަށް ފަސޭހައިން ހޯދިދާނެއެވެ. އެއި ފިރިހެނުންގެ ބެލުން އެންމެ ބޮޑަށް އަމާޒުވާ ތިޔަކަނބަލުންގެ މޫނުތަށް ހިލޭ ފިރިހެނުންނަށް ނިވާކޮށް ފޮރުވާށެވެ. މޫނަކީ އެންމެ ބޮޑު ފިތުނައެވެ. ތިޔަ ކަނބަލުންގެ މޫނު ތަކަށް ކަތިނަޒަރުން ބަލައިގެން ނަމަވެސް ހިތަށް ހަމަޖެހުމާއި އުފާ ހޯދަނީ ބޭރަށް ނިކުންނަ ކޮންމެފަހަރަކު ކިތަށް ކިތަށް ފިރިހެނުންކަން އެނގިލައްވާތޯއެވެ؟  ލޮބުވެތި އަޚުންނަށް ދަންނަވަމެވެ. ތިޔަ އަޚުންގެ ލޯބިވާ އަނބިކަނބަލުންނަށް ހިލޭ ފިރިހެނުން ބަލައިގެން އެމީހުންގެ ހިތަށް އަރާމާއި އުފާ ހޯދަން ތިޔައިގެތެރެއިން އެންމެ އަޚަކުގެވެސް ހިތް ރުހޭނެތޯއެވެ؟ ޖަވާބަކީ ނޫނެކޭ ކަމަށްވާނަމަ ދަންނަވާލަން ބޭނުންވަނީ އެކަނބަލުން ފޮރުވާ ނިވާކުރާށެވެ. އެކަނބަލުންނަކީ ތިޔަ އަޚުންގެ އަތްތަކުގައިވާ ވަރަށްބޮޑު އަމާނާތެކެވެ. އަދިއެހާމެ އަގު ބޮޑު ކަނޑުގެ އަޑީގައިވާ  އިތާމުތްތަކެއްފަދަ ބައެކެވެ. އަދި އެއަށްވުރެވެސް އަގުބޮޑު ބައެކެވެ. އަގު ބޮޑެތި އެއްޗިއްސަކީ އެހާ ފަސޭހައިން ކޮންމެ ކޮންމެ މީހަކަށް ފެންނާނެ، އަތްލެވޭނެ އެއްޗިއްސެއްނޫނެވެ. މިއީ ދޮގެއްތޯއެވެ؟ ވަރަށްގިނަ މީހުން އަޅުގަނޑުގާތު އަހައެވެ.

މޫނު ބުރުގާ އެޅީމަ ހޫނެއް ނުވޭހެއްޔެވެ؟ އުނދަގުލެއް ނުވޭހެއްޔެވެ؟ މިއީ ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ހިތަށް އަރާނެ ސުވާލެއްކަން އަޅުގަނޑަށް ޔަގީންވާތީ ޖަވާބުގައި ދަންނަވަމެވެ. ވަކި މޫނު ބުރުގާ އަޅާތީ އެއްވެސް ވަރަކަށް ހޫނެއް ނުވެއެވެ. ވަރަށް އަރާމް މަޑުމަޑު ފިނިކަމެއް އިހްސާސް ކުރެވެއެވެ. އަދި ކީތްތޯއެވެ. އޭގެ ކުރިން މާބޮޑަށް ހޫނުވާކަން އިހްސާސްކުރެވެއެވެ. އަދި އެއަށްވުރެ ނަރަކައިގެ ހޫނު މާ ގަދައެވެ.  އެއީ ހިލޭ ފިރިހެނުން އަޅުގަނޑަށް ބަލާކަށް އަޅުގަނޑެއް ނުރުހެމެވެ. އެމީހުންގެ ކަތި ނަޒަރުތަކުން އަޅުގަނޑުގެ ހިތް ނުތަނަވަސްވެ ހާސްވެ ކަން ބޮޑުވާތީ މޫނު ބުރުގާ އެޅުމުގެ ކުރިން މާބޮޑަށް ހޫނުވާ ކަމުގެ އިޙްސާސްކުރެވެއެވެ. މިއީ ކިހާވަރެއްގެ ތެދެއްކަން އިޙްލާސްތެރިކަމާއެކު މޫނު ބުރުގާ އަޅާ އުޚްތުންނަށް އެނގިލައްވާނެއެވެ. އަޅުގަނޑުގެ ވާހަކަ މާ ދިގު ކުރާކަށް ނެތީމެވެ. އަޅުގަނޑުގެ ދުޢާ އަކީ މިހަޤޤީ ލިޔުމުން ތިޔައެންމެހާ ލޮބުވެތި އަޚުންނާ އުޚތުންނަށް އިބްރަތަކާއި ފައިދާއެއް ލިބުމެވެ. ނިންމާލުމުގެ ކުރިން މިލިޔުން ކިޔުއްވާ އެންމެހާ ބޭފުޅުންގެ ފަރާތުން އިޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް އެބައޮތެވެ. އެއީ މިލިޔުން ކިޔުއްވުމަށްފަހު އަޅުގަނޑަށާއި އަޅުގަނޑުގެ މަންމައަށާއި ބައްޕައަށް ފާފަ ފުއްސެވުމަށާއި ދެދުނިޔޭގެ ޘާބިތުކަން ދެއްވުން އެދި ހިތުންނަމަވެސް އެންމެ ފަހަރަކު ނަމަވެސް ދުއާ ކޮށްދެއްވުމެވެ. އަޅުގަނޑާއި ތިޔަ އެންމެ ބޫފުޅުންނަށް ހެޔޮ    ރަޙްމަތާއި ފާފަ ފުއްސެވުންއެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމުން ނިންމާލަމެވެ. އަލްހަމްދުލިއްލާހ.

 [ލިޔުނީ:ހައްވާ ސަފޫރާ ބިންތު އަބްދުލް ހަމީދު މުހައްމަދު]

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިހި މަހުގެ ޞިއްހީ ފައިދާ

Next Article

މޮހޮނަށް ދޯނި ދިނުން: ދިވެހި އަދަބީ ބަސްތަކުގެ ސިލްސިލާ

Related Posts