ކީރިތި ރަސޫލާގެ އެންމެފަހު ޚުތުބާ

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ވަދާއީ ހައްޖަކީ އެކަލޭގެފާނުގެ ރަސޫލުކަމުގެ ހަޔާތްޕުޅު ފުރިހަމަވުމުގެ އެންމެ މުހިއްމު މަރުހަލާއެވެ. އެއީ ކީރިތި ރަސޫލާގެ އުމުރުފުޅުން 63 އަހަރުފުޅުގައި ހިޖްރީ ސަނަތުން 10 ވަނަ އަހަރުގައި މާތް ރަސޫލާ ކުރެއްވި ހައްޖަތުލް ވަދާއުގެ ނަމުން ތާރީޚުފާހަގަކުރާ ހައްޖެވެ. އޭރު މާތް ރަސޫލާގެ ރަސޫލުކަމުގެ ހުރިހާ ކަމެއްވަނީ ފުރިހަމަ ކުރައްވާފައެވެ. ޖަހާލަތުގެ އަނދިރީގައިވާ ބަޔަކަށް އަލިކަން ދައްކަވައި މާތްﷲ ސުބުހާނަހޫ ވަތައާލާއަކީ ހުރިހާ އާލަމްތަކަކާއި ހުރިހާ އެއްޗެއް އުފައްދަވާ އެހުރިހާ އެއްޗެއް ދަމަހައްޓަވާ އެއްކައުވަންތަ ކުޅަދުންވަންތަ އިލާހުކަން އަންގަވާދެއްވައި މީހުންގެ ހިތްތަކާއި ސިކުނޑިތައް އުއްމީދުން ފުރުއްވާފައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމާއި ފަސާދައިގައި ގެއްލި މަގުފުރެދިފައިވާ ބަޔަކު އެކަލޭގެފާނުގެ ރިސާލަތުން ވަނީއިސްލާހު ކުރައްވައި އެކުވެރި ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ޖިހާދުގެ ސަބަބުން މާތްﷲގެ އެއްކައުވަންތަކަމަށް އީމާންވެ އެކަލާނގެއަށް އެމީހުންގެ ހިތްތައް ހާލިސްކޮށް ލޯބިވެ އީމާންވުމުގެ ސަބަބުން އިންސާނީ ތާރީޚުގައި ކުރިން ފެނިފައިނެތްފަދަ، މާތްﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމާއި ނިއުމަތައް ހަނދާންކޮށް ޝުކުރުވެރިވާ ތަގުވާވެރި ރަގަޅު މުޖުތަމައެއް ވަނީ އުފެދިފައެވެ. މިގޮތުން ކީރިތި މާތްރަސޫލާ ވަނީ މާތްﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމާއި ދީނުގެ އެންމެފަހު ހަގީގަތް އެއާ ގުޅޭ އަސްލުތަކަކާއި ތަފްސީލާއެކު އިންސާނިއްޔަތަށް ހާމަކޮށްދެއްވާފައެވެ.

ކީރިތި ރަސޫލާގެ ރަސޫލުކަން ފުރިހަމަވެގެން ދިއުން ދޭހަވަގެން ދިޔައީ އެކަލޭގެފާނު މިދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގަތުމުގެ ނިޝާނެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާއަށް އެކަންވަނީ އެނގިވަޑައިގެންފައެވެ. އެހެންވުމާއެކު އެކަލޭގެފާނު ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތު ނިންމާލެއްވުމުގެ ގޮތުން މުސްލިމުންގެ ހިތްތަކުގައި ބިންވަޅުނެގިފައި އޮތުން ބޭނުންކަންތައްތަކެއްގެ އަންގަވާދެއްވައި ފުރިހަމަކުރެއްވުމަށް މިމަރުހަލާ ބިނާކުރެއްވިއެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ދިރިއުޅުމުގެ އެކިއެކި އުސޫލުތަކާއި ކަންތައްތައް ހިމެނޭ ނިޒާމެއް މުސްލިމުންނަށް ރަގަޅަށް އެނގިފައި އޮތުމަކީ މުހިއްމުކަމެއްކަމުގައި އެކަލޭގެފާނު ދެކިވަޑައިގަތެވެ. މިމަގްސަދުގައި އަރަބި ކަރައިގެ ހުރިހާ ހިސާބެއްގައިވާ މީހުން އެކަލޭގެފާނުގެ އަރިހުގައި ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވުމުގެ ދައުވަތު ފޮނުއްވިއެވެ. ޛުލްހިއްޖާ މަސް ފެށުމުގެ ފަސްދުވަސް ކުރިން ކީރިތި ރަސޫލާ ހައްޖަށް ވަޑައިގަތުމަށްޓަކައި ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އިހުރާމް ފޮށާކޮޅު ތުރުކުރެއްވިއެވެ. އޭގެފަހުން އެކަލޭގެފާނު މައްކާއަށް ދަތުރުފުޅު ފެއްޓެވިއެވެ. މިދަތުރުފުޅުގައި ކީރިތި ރަސޫލާގެ ހުރިހާ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ދަތުރުފުޅު ފެއްޓެވުމަށްފަހު އެކަލޭގެފާނު ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. ”މިއަޅާ މިވަނީ މާތްﷲގެ ޚިދްމަތުގައެވެ. އޭކުޅަދުންވަންތަ މާތް އިލާހުއެވެ. އިބައިލާހު މެނުވީ އެހެން އިލާހަކު ނުވެއެވެ. އަދި އިބަ އިލާހަށް ބައިވެރިއަކުވެސް ނުވެއެވެ. ހުރިހާ ހަމްދަކާއި ތައުރީފެއް ހައްގުވެގެންވަނީ އަދި މިލްކުވެގެން ވަނީ އިބަ އިލާހަށެވެ. އިބަ އިލާހަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އެއްކައުވަންތަ އިލާހެވެ. މިއަޅާ މިހުރީ ތިޔަ އިލާހުގެ ޚިދުމަތުގައެވެ. އިބައިލާހުގެ އެއްވެސް ބައިވެރިޔަކު ނުވެއެވެ” ކީރިތި ރަސޫލާ ތަލްބިޔާ ވިދާޅުވަމުން ގެންދެވިއިރު އެކަލޭގެފާނު އަރިހުގައި ވަޑައިގެންނެވި އަސްހާބުންނާއި އަދި އެހެން މީހުން އަޑުހަރުކޮށް ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް މައްކާއަށް ވަޑައިގެންނެވުނީ ޛުލްހިއްޖާ މަހުގެ ފަސްވަނަ ދުވަހުއެވެ. މައްކާއަށް ވަޑައިގެންނެވުމަށްފަހު ކައުބަތުﷲ ގެފުޅު ވަށައިގެން ތަވާފްކުރައްވައި މަގާމް އިބްރާހިމްގައި ދެރަކްއަތް ނަމާދެއް ކުރެއްވިއެވެ. އޭގެ ފަހުގައި ސަފާ ފަރުބަދައަށް އަރައިވަޑައިގަތެވެ. ”މާތްﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި މާތް ﷲގެ ބައިވެރިއެކު ނުވެއެވެ. ހުރިހާ ބާރަކާއި ހުރިހާ ތައުރީފެއް މިލްކުވެ ވޮޑިގެންވަނީ މާތްﷲ އަށެވެ. ދިރުންދެއްވަނީ އެކަލާނގެއެވެ. މަރުގެންނަވަނީވެސް އެކަލާނގެއެވެ. މާތްﷲއީ ހުރިހާ ކަމަކަށް އަދި ހުރިހާ އެއްޗަކަށް ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.” ސަފާފަރުބަދައަށް އަރައިވަޑައިގަންނަވަމުން މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ. ޛުލްހައްޖާ މަހުގެ 8 ވަނަ ދުވަހު ކީރިތި ރަސޫލާއާއި އަރިހުގައިވަޑައިގެންނެވި ބޭފުޅުން މިނާއަށް ވަޑައިގެން އެރޭ މިނާގައި ހޭދަކުރެއްވިއެވެ. އަދި 9 ވަނަ ދުވަހު ފަތިސްނަމާދު ކުރެއްވުމަށްފަހު އަރަފާތަށް ވަޑައިގެންނެވިއެވެ. އަދި އަރަފާތުގައި އެކަލޭގެފާނުގެ ރަސޫލުކަމުގެ ހަޔާތްޕުޅުގައި މަޝްހޫރު، އަދި އިންސާނިއްޔަތަށާއި މުސްލިމުންނަށް ނަސޭހަތްތެރިވެވަޑައިގެން މަގުދެއްކެވި އަސަރުގަދަ ޚުތުބާ ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ މިޚުތުބާ ފާހަގަވެގެންވަނީ ހަމައެކަނި އޭގެ ބަލާޣަތްތެރިކަމުގެ ސަބަބަކުންނޫނެވެ. އެޚުތުބާ އެކުލެވިގެންވަނީ މުޅި އިންސާނިއްޔަތުގެ ބާއްޖަވެރިކަމާއި ހެވަށްޓަކައި އަންގަވައިދެއްވި މުހިއްމު ކަންތައްތަކެއް ހިމެނިފައިވާ ލާމަސީލު ޚުތުބާއެއް ކަމުގައެވެ. އެޚުތުބާގައި އަންގަވާފައިވާހާ ފުރިހަމަކޮށް އިންސާނުން ދުނިޔޭގައި އަމަލުކުރަންވީ އުސޫލުތަކާއި އަޚުލާގީ މިންގަޑުތައް ދުނިޔޭގައި އެއްވެސް ޒަމާނެއްގައި އަންގާދެވިފައެއް ނެތެވެ. އެޚުތުބާގެ ކޮންމެ ބަސްފުޅެއްގައި ވަނީ އިންސާނުންނަށް އެންމެ އެދޭވޭ ގޮތެއްގައި ދިރިއުޅުމުގެ ކަންތައްތައް ބިނާކޮށް ހެޔޮގޮތުގައި ދިރިއުޅެވޭނެ ގޮތުގެ މަގާއި ރޫހެވެ. އެޚުތުބާއިން ބިންގާ އަޅުއްވައިދެއްވައި ތަނަވަސް ކޮށްދެއްވާފައިވަނީ، ނަސްލަކަށް މުއްސަދިކަމަކަށް ކުލައަކަށް ތަފާތެއްނެތި މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަން ގާއިމްކޮށް އަނިޔާވެރިކަމާއި ބޭއިންސާފުން އެއްކިބާވެފައިވާ މުޖުތަމައެއް ބިނާކޮށް ދެމެހެއްޓުމުގެ މައިގަނޑު އުސޫލުތަކެވެ.

”ހުރިހާ ތައުރީފެއް ހައްގުވެގެންވަނީ މާތް ﷲއަށެވެ. އަޅަމެން މާތްﷲ އަށް ތައުރީފް ކުރަމެވެ. އަޅަމެން އެކަލާންގެ ހަޟްރަތަށް ތައުބާވެ އަޅަމެންގެ ފާފަތަކާއި ކުށްތައް އަފޫކޮށްދެއްވުމަށް ދުއާކުރަމެވެ. އަޅަމެން އެނބުރި ދިއުން އޮތީ މާތްﷲގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފްސްތަކުގެ ނުބައިކަމުންނާއި އަދި އަޅަމެންނަށް ކުރެވޭ ކަންތައްތަކުގެ ނުބައިކަމުން އަޅަމެން މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަމާއި ސަލާމަތަށް އެދެމެވެ. މާތްﷲ ރައްކާތެރިކުރައްވައި ރުއްސަވައިފި މީހަކު ހަލާކު ކުރެވޭނެ އެއްވެސް ފަރާތެއް ނެތެވެ. އަދި މާތްﷲ ހަލާކު ކުރައްވައިފި މީހަކު ސަލާމަތްކުރާނެ އެއްވެސް މީހެއް ނެތެވެ. މާތްﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. މާތްﷲ އަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. މާތްﷲއީ ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ އަދި ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. މާތްﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. މާތްﷲއީ އެއްކައުވަންތަ އިލާހެވެ. މާތްﷲ ވަނީ އެކަލާނގެ ވައުދުފުޅު ފުއްދަވައި އިސްލާމްދީނުގެ އަދުއްވުންގެ މައްޗަށް މުސްލިމުންނަށް ނަސްރުދެއްވާފައެވެ. އޭ މީސްތަކުންނޭވެ. އަހަރެންގެ ބަސްތައް އަޑުއަހާށެވެ. މިއަހަރުގެ ފަހުން ހައްޖުގެ އަޅުކަން އަދާ ކުރުމުގައި އަހަންނަށް ތިޔަބައިމީހުންނާ ދެން ބައްދަލުވާނެކަމެއް ނޭނގެއެވެ. އޭ މީސްތަކުންނޭވެ. މާތްﷲ އަންގަވާފައިވެއެވެ. ތިމަން ﷲ ތިޔަބައިމީހުން އެންމެ އަންހެނަކާއި އެންމެ ފިރިހެނެއްގެ ފަރާތުން އުފައްދަވައި ގަބީލާ ތަކަކަށާއި ގައުމުތަކަކަށް ހެއްދެވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެނގުމަށްޓަކައިއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޝަރަފްވެރި ބަޔަކީ ތިމަން ރަސްކަލާނގެއަށް ބިރުވެތިވާ މީހުންނެވެ. ތިމަންﷲ އަށް އީމާންވެ ހަނދުމަކުރުމުގެ އިތުރުން އަރަތްބަކު އަރަބިނޫން މީހެއްގެ މައްޗަށް މޮޅުވުމެއް، ދޮންމީހަކު ކަޅުމީހެއްގެ މައްޗަށް މޮޅުވުމެއް ނުވެއެވެ.” މުޅިއިންސާނިއްޔަތަކީ އާދަމްގެފާނުގެ ދަރިކޮޅެވެ. އާދަމްގެފާނު އުފައްދަވާފައިވަނީ މަށިންނެވެ. އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ގިޔާމަތް ދުވަހުން ދުނިޔޭގެ ބުރަ، ކަރުގައި އަޅުވައިގެން ދާބަޔަކު ތިބޭނެއެވެ. އާޚިރަތުގެ ހެޔޮ ސަވާބާއި ދަރުމަ ލިބޭބަޔަކު ތިބޭނެއެވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ޖާހިލުކަމުގެ ދުވަސްތަކުގެ އާދަތަކާއި އަމަލުތައް ނިމިއްޖެއެވެ. ލޭގެބަދަލު ހިފުމުގެ ދުވަސްތައްވެސް ނިމިހިނގައްޖެއެވެ. ޖާހިލުކަމުގެ ދުވަސްވަރު ހިނގަމުން އައި ހުރިހާ ރިބާއަކާއި އަދި އެއިން ލިބޭ ފައިދާ ނެގުން ވަނީ ނައްތާލެވިފައެވެ. އޭއީމާންވެއްޖެ މީސްތަކުންނޭވެ. އަންހެނުންގެ މައްޗަށް ތިޔަބައި މީހުން އަދާކުރަންޖެހޭ ހައްގުތަކެއްވެއެވެ. ހަމަ އެފަދައިން ފިރިހެނުންގެ މައްޗަށް އަދާކުރަންޖެހޭ ހައްގުތަކެއް އަންހެނުންނަށްވެސްވެއެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އެމީހުންނާއިމެދު އެކަށީގެންވާ ގޮތަށް ކަންތައް ކުރުމަކީ ތިޔަބައިމީހުންގެ ހައްގެކެވެ. އެމީހުން އެކަށީގެންނުވާ ގޮތަށް އަމަލުކޮށްފިނަމަ އެމީހުން ދުރުކޮށް ފިޔަވަޅު އެޅުމަކީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައިވާ ކަމެކެވެ. ތިޔަބައި މީހުން އަންހެނުންނަށް އޯގާތެރިކޮށް ހިތާށެވެ. އަންހެނުންނަކީ ތިޔަބައި މީހުންގެ އެހީތެރިންނެވެ. އެމީހުންގެ ކަންތައްތަކުގައި އެމީހުންނަށް ތިޔަބައި މީހުންގެ އެހީ ބޭނުންވާނެއެވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަންހެނުން ތިޔަބައިމީހުންގެ ބައިވެރިންނަށްވެފައި ވަނީ މާތްﷲ ދެއްވާފައިވާ ރައްކާތެރި ކަމާއެކުގައެވެ. މާތްﷲ އަންގަވާފައިވާ ގޮތުގެމަތިން އެމީހުންވަނީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައެވެ.

އޭ މީސްތަކުންނޭވެ. މާތްﷲ ވަނީ ކޮންމެ މީހަކަށްވެސް އެމީހަކަށް ވާރުތަވާ ހިއްސާ މިންވަރު ކުރައްވާފައެވެ. އެހެންވީމާ އެކަމުގައި ޝަރީއަތުގައި ކަނޑައަޅުވާފައިވާ ގޮތާއި ޚިލާފުވުމުގެ ބޭނުމެއް ނެތެވެ. ތިޔަބައިމީހުންގެ ދަރިންނަކީ ކައިވެނީގެ ޒަރިއްޔާއިން ލިބެންޖެހޭ ބައެކެވެ. ތިޔަބައި މީހުން އަދާކުރަންޖެހޭ ހުރިހާ ދަރަންޏެއް އަދާކުރަންޖެހޭނެއެވެ. އަނބުރާ ދައްކަން ނަގާފައިވާ މުދާ އަނބުރާ ދައްކަންޖެހޭނެއެވެ. ރައްކާތެރިވާށެވެ.

ކުށެއްކޮށްފިނަމަ އެކުށްކުރި ފަރާތް ފިޔަވައި އެހެން ފަރާތަކުން ޒިންމާވާކަށް ނުޖެހޭނެއެވެ. ބައްޕައެއް ކުރާ ކުށަކަށް ދަރިފުޅު ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި ދަރިފުޅު ކުށަކަށް ބައްޕަ ޒިންމާވާކަށް ނުޖެހޭނެއެވެ. ތިޔަބައި މީހުންގެ އަޚާ އަމިއްލަޔަށްދޭ އެއްޗެއް ނޫނީ ތިޔަބައި މީހުންނަށް ހުއްދަވެގެން ނުވެއެވެ. އޭއީމާންވެއްޖެ މީސްތަކުންނޭވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. ހުރިހާ މުސްލިމުން އެއްބަނޑުއެއްބަފާ ޖަމާއަތެކެވެ. ތިޔަބައި މީހުންގެ އަޅުންނާއިމެދު ރަނގަޅަށް ކަންތައް ކުރާށެވެ. ތިޔަބައިމީހުން ކާއެއްޗަކުން އެމީހުންނަށް ކާންދޭށެވެ. އަދި ތިޔަބައި މީހުން ލާފޭރާމަކުން އެބައި މީހުން ފޭރާން ލައްވާށެވެ. އަހަންނަށްފަހު އެހެން ރަސޫލަކު ނުފޮނުއްވާނެއެވެ. އަދި އެހެން އާއުއްމަތެއްވެސް ނުއުފެދޭނެއެވެ. ތިޔަބައި މީހުން އޭގައި ހިފަހައްޓާ އެއާއި އެއްގޮތަށް އަމަލު ކޮށްފިނަމަ ތިޔަބައި މީހުން މަގުފުރެދި ހަލާކުވެގެން ނުދާނޭ ދޭއްޗެއް އަހަރެން ތިޔަބައި މީހުންނަށް ދޫކުރަމެވެ. އެއީ މާތް ﷲގެ ކަލާމްފުޅާއި އަދި އަހަރެންގެ ސުންނަތެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތަކަށް ތިޔަބައިމީހުން ޚިލާފްނުވާށެވެ. ތިޔަބައި މީހުންގެ ކުރިން ފޮނުއްވި އެތައްބަޔަކު ހަލާކުވެ ނެތިގޮސްފައިވަނީ އެބައިމީހުން ދީނުގެ އަސްލުތަކާއި މިންވަރުތައް ބަދަލުކޮށް އެއަށް ތަބާނުވެގެންނެވެ. އިސްލާމްދީން ފުރިހަމަވެ ތިޔަބައިމީހުންނަކީ މާތްﷲ އަށް އީމާންވެ އަޅުކަންކުރާ ބަޔަކަށްވުމުން، ތިޔަބައިމީހުންނާއި މެދު ޝައިތާނާވަނީ މާޔޫސްވެފައެވެ. ތިޔަބައިމީހުން އުޅެން އަންގަވާފައިވާ ގޮތަށް ނޫޅެ މާތްﷲ އަށް އަޅުކަންކުރުމުން ދުރުހެލިވުމަކީ ޝައިތާނާ އުފާކުރާނެކަމެކެވެ. އެހެން ވީމާ ޝައިތަނާއަށް ތިޔަބައިމީހުން ވަރަށް ބޮޑަށް ރައްކާތެރިވާށެވެ. ތިޔަބައިމީހުން މާތްﷲ އަށް އަޅުކަންކުރާށެވެ. ފަރުޞު ފަސްނަމާދު ގާއިމްކުރާށެވެ. ރަމަޟާން މަހުގެ ރޯދަ ހިފާށެވެ. ޒަކާތްދޭށެވެ. އަދި މާތްﷲ ގެ ގެފުޅަށް ޒިޔާރަތްކޮށް ހައްޖުވާށެވެ. ތިޔަބައިމީހުންގެ ވެރިންނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. މާތްﷲ ތިޔަބައި މީހުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މިޖަމާއަތުގައި ހާޒިރުވެ ތިބި މީހުން، ހާޒިރުނުވާ މީހުންނަށް އަހަރެންގެ މިނަސޭހަތްތައް ރައްދުކޮށްދޭށެވެ. އަދި އެބައިމީހުން އަހަންނާއިބެހޭ ގޮތުން އަހައިފިއްޔާ ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟” ކީރިތި ރަސޫލާ މިހެން އެއްސެވުމުން، އަރިހުގައި އައިސް ތިބި މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތް ރަސޫލާއެވެ. ކަލޭގެފާނު އިސްލާމްދީނުގެ ތަރިކަ އަޅުގަނޑުމެންނަށް ރައްދުކުރައްވައި ކަލޭގެފާނުގެ ރަސޫލުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވައި އަޅުގަނޑުމެންނަށް މިކަންތައްތައް ބަލަހައްޓަވައިދެއްވިކަމަށް އަޅުގަނޑުމެން ހެކިވަމެވެ. އެހިނދު މާތްﷲ ގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުންގެ އަތްޕުޅުގެ ޝަހާދަތް އިނގިލިފުޅު އުފުއްލަވާ ދުއާކުރެއްވިއެވެ. ”ހައްދަވާ ބޮޑުކުރެއްވި މާތްﷲ އެވެ. އިބައިލާހު މިކަމަށް ހެކިވެވޮޑިގަންނަވާށިއެވެ.

މިއަދު ވެބްސައިޓް 15 ނޮވެންބަރ 2011

ނޯޓް: މިލިއުމަކީ މިއަދު ސައިޓްގެ ހުއްދައާއި އެހީތެރިކަމާއި އެކު ޖަހާފައިވާ ލިއުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިންސާނުންނަކީ މަޖުބޫރުކުރެވިގެންވާ ބައެއްހެއްޔެވެ؟

Next Article

ސަޤަރު ދަންނަމުތޯއެވެ؟

Related Posts