ޣަރަޤުވެ މަރުވާ މީހުން

ކަނޑަށް ޣަރަޤުވެ މަރުވާ މީހާގެ ފުރާނަ ހިއްޕަވަނީ ސީދާ މާތް ﷲ ތޯ އެވެ؟ އަދި އެކަލާނގެ އޭނާގެ ހުރިހާ ދަރަންޏެއް އޭނާގެ ކިބައިން ޢަފޫކުރައްވާނެތޯ އެވެ؟
ކަނޑަށް ޣަރަޤުވެ މަރުވާ މަރުވުމަކީ، ޝަހީދު މަރެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.

الشُّهَدَاءُ خَمْسَةٌ: الْمَطْعُونُ، وَالْمَبْطُونُ، وَالْغَرِيقُ، وَصَاحِبُ الْهَدْمِ، وَالشَّهِيدُ فِي سَبِيلِ اللَّهِ
ރިވާކުރެއްވީ: އަލްބުޚާރީ އާއި މުސްލިމު.

މާނައީ، “ޝަހީދުންގެ ތެރޭގައި ފަސް ގޮތަކަށް މަރުވާ މީހުން ހިމެނެ އެވެ. އެއީ، ޠާޢޫނު ބަލި ޖެހިގެން މަރުވާ މީހާއާއި، ބަނޑުގެ ބައްޔެއްގައި މަރުވާ މީހާއާއި، ޣަރަޤުވެ މަރުވާ މީހާއާއި، ވެއްޓޭ ޢިމާރާތެއްގެ ދަށުވެ މަރުވާ މީހާއާއި، މާތް ﷲ ގެ މަގުގައި ޝަހީދުވާ މީހާ އެވެ.”

(ނޯޓް: ވިހެއުމުގެ ތެރޭގައި މަރުވާ މާބަނޑު އަންހެނުން ހިމެނެނީ، ބަނޑުގެ ބައްޔެއްގައި މަރުވާ ޝަހީދުންގެ ތެރޭގަ އެވެ).

ޣަރަޤުވެ މަރުވާ މީހުންގެ ތެރެއިން މާތް ﷲ އެބަޔަކަށް ޝަހީދުންގެ ދަރަޖަ ދެއްވާނެ ކަމަށް ބެލެވެނީ، އެކަލާނގެ ޙަޟުރަތަށް ޠާޢަތްތެރިކަން އަދާކުރުމުގައި އުޅެނިކޮށް ޣަރަޤުވެ މަރުވާ މީހުންނެވެ. (ކިޔަވައިދިނުމާއި، ކިޔެވުމާބެހޭ ކަމެއްގައި އުޅެނިކޮށް ޣަރަޤުވެ މަރުވާ އެދުރުންނާއި ދަރިވަރުން މިބައިގައި ހިމެނެ އެވެ. ދިރިއުޅުމަށްޓަކައި ކުރާ ހުއްދަ ދަތުރެއްގައި ޣަރަޤުވެ މަރުވާ މީހުން ވެސް މިބައިގައި ހިމެނެ އެވެ).

ޝަހީދު މަރަކުން މަރުވާ އެންމެންނަކީ، ސަވާބު ލިބުމުގައި ހަމަހަމަވެގެންވާ ބަޔެއް ނޫނެވެ. މިކަން ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެ އެވެ.

كُلُّ مَوْتَةٍ يَمُوتُ بِهَا اْلمُسْلِم فَهُوَ شَهِيدٌ غَيْرَ أَنَّ الشَّهَادَةَ تَتَفَاضَلُ
ރިވާކުރެއްވީ: ޢަލީގެފާނުގެ އަރިހުން މި ޙަދީޘްފުޅު ރިވާވެފައިވާ ކަމަށް “ކިތާބުލް މަޢުރިފާ” ގައި ވެ އެވެ.

މާނައީ، “މުސްލިމަކު މަރުވާ ކޮންމެ މަރަކީ، ޝަހީދު މަރެކެވެ. ނަމަވެސް ޝަހީދުވުމުގެ ދަރަޖަތައް ތަފާތުވެގެންވެ އެވެ.”

ޝަހީދު މަރަކުން މަރުވާ މީހާއަށް ދެއްވާ ސަވާބުގެ ތެރޭގައި، އަޅުތަކުންގެ ޙައްޤުތައް ޢަފޫކުރެއްވުމެއް ނުހިމެނެ އެވެ. ޝަހީދެއްގެ ބޮލުގައި އެފަދަ ޙައްޤެއް އެޅިފައިވާނަމަ، އެއިން އޭނާ މިންޖުވާނީ އޭގެ ސާހިބުމީހާ އޭނާއަށް މަޢާފުކުރުމުންނެވެ. ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހާއާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.

يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ
ރިވާކުރެއްވީ: މުސްލިމު

މާނައީ، “ޝަހީދުވާ މީހާގެ ދަރަނި ފިޔަވައި ހުރިހައި ފާފައެއް ފުއްސެވޭނެތެވެ.”

ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ ޙަޤީޤީ ޝަހީދެއްގެ ދަރަނި ޢަފޫނުކުރައްވާއިރު، ޣަރަޤުވެ މަރުވާ ޝަހީދެއްގެ ދަރަނި ޢަފޫނުކުރެއްވުން މާ އައުލާކަން ބޮޑެވެ. އެހެނީ، ޝަހީދުވުމުގައި އޭނާގެ ދަރަޖަ، މާތް ﷲ ގެ މަގުގައި ޝަހީދުވާ ޝަހީދަކަށްވުރެ ދަށެވެ.

ކަނޑަށް ޣަރަޤުވެ މަރުވާ މީހާގެ ފުރާނަ ހިއްޕަވާނީ ސީދާ މާތް ﷲ ކަމަށް ބުނާ ބުނުން ސާބިތުވާނެ އެއްވެސް ދަލީލެއް ނެތެވެ. އެއީ ދީނުގެ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާކޮށްގެން ބުނާ ބުނުމެއް ނޫނެވެ. އެކަމަކު އެއީ، ކީރިތި ޤުރުއާނާއި، ޠާހިރު ސުންނަތާ ޚިލާފު، ބާޠިލު ބަހެކެވެ. އަޅުތަކުންގެ ފުރާނަ ހިއްޕަވާ ކަމަށް، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވާރިދުވެފައިވަނީ، މަލަކުލްމައުތާއި އެ މަލާއިކަތާއަށް އެހީތެރިވެދެއްވާ އެހެން މަލާއިކަތުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَى رَبِّكُمْ تُرْجَعُونَ
އައްސަޖްދާ: 11

މާނައީ، “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން ޙަވާލުކުރައްވާފައިވާ މަލަކުލްމައުތި ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫއުކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.

وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّى إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
އަލްއަންޢާމު: 61

މާނައީ، “އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރައްވަނިވި މަލާއިކަތުން ފޮނުއްވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެ ހިނދު ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ.”

އިބްނު ޢައްބާސް ވިދާޅުވެފައިވެ އެވެ.

“މަލަކުލްމައުތަށް އެހީތެރިވެދެއްވާ އެހެން މަލާއިކަތުން ވެ އެވެ. އެ މަލާއިކަތުން، ހަށިގަނޑުން ނެރުއްވާ ފުރާނަ، ޙުލްޤޫމާ ހަމައަށް ވާޞިލުވުމުން، މަލަކުލްމައުތު އެ ފުރާނަ ހިއްޕަވަ އެވެ.”

އަޅުތަކުންގެ ފުރާނަ ހިއްޕަވަނީ މަލަކުލްމައުތުކަން ބަޔާންކުރައްވާފައިވާ ޙަދީޘްފުޅުތައް ވަރަށް ގިނަ އެވެ. އަދި އެއީ މަޝްހޫރު ޙަދީޘްތަކެއްވެސްމެ އެވެ.
———————————
މަސްދަރު: އިސްލާމް ކިއު އެންޑް އޭ، (ޝައިޚް މުނައްޖިދުގެ ވެބްސައިޓް)

ލިޔުނީ: އަލްއުސްތާޛް ޢަބްދުލް މުޢީދު ޙަސަން

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ފެހި ސައި

Next Article

ޙިކުމަތުގެ ބަސް

Related Posts