ރާއްޖޭގައި ހުރި އާޘާރީ ތަންތަނުގެ ތެރެއިން ހއ. ބާރަށުން ފާހަގަ ކުރެވޭ ތަންތަން

ހ. އާޘާރީ ހުކުރު މިސްކިތާއި މުންނާރު

ހއ. ބާރަށުގައި އާޘާރީ ހުކުރު މިސްކިތަކާއި، އެމިސްކިތުގެ އުތުރު ހުޅަނގު ކަނުގައި ހަތަރެސްކަނަށް ބިނާކޮށްފައިވާ ވަރަށް އާޘާރީ މުންނާރެއް އެބަހުއްޓެވެ. މި މުންނާރުގެ މިންތަކަކީ އުސްމިން 9 ފޫޓް 4 އިންޗި، ފުޅާމިން 7 ފޫޓް 3 އިންޗި، ބިމުން ފަށައިގެން ތިރީ ބަރުފޯހާއި ހަމައަށް އުސްމިން 2 ފޫޓް 10 އިންޗި އެވެ. މީގެ ދޮރުހުރީ ދެކުނަށެވެ. ދޮރުން އުތުރު އަތަށް އަރާން 4 ހަރުފަތްގަނޑު އެބަހުއްޓެވެ. މިތަނުން ހުޅަނގު އަތަށް އަރަން ހުރީ 2 ހަރުފަތް ގަނޑެވެ. ދޮރުގެ ފުޅާމިނުގައި 2 ފޫޓް އުސްމިނުގައި 5 ފޫޓް 1 އިންޗި އެބަހުއްޓެވެ. މިތަން ރާނާފައިހުރީ ވެލިގަލުންނެވެ. މި މުންނާރަކީ ދެއްވަދޫ ރަސްގެފާނު މިސްކިތާއެކީ ބެހެއްޓެވި  މުންނާރެއް ކަމުގައި ބުނެއުޅެއެވެ.  މި މިސްކިތުގެ އުތުރުދާލައިގެ ހުޅަނގު ކޮޅުމަތީގައި ސަނދުވާ ދަމާފައި އިހަށް ހުއްޓެވެ. މިތަނަކީ އުތީމު ބަންޑާރައިން، ( ބޮޑުތަކުރުފާނު ) ނަމާދުފުޅުކުރެއްވިތަން ކަމުގައި ބުނެއުޅެއެވެ. ( މި މިސްކިތްކުރިން އެތާނގައި ހުރިމިސްކިތެއްގައި އުތީމު ބަންޑާރައިން ނަމާދުފުޅު ކުރައްވައި އުޅުއްވި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. )  މި މިސްކިތަކީ މުސްކުޅިގޮތަށް ހަދާފައި، ބާވިބާވިހެން މަރާމާތުކުރަމުން އައިސްފައިވާ، ދުވަސްވީ މިސްކިތެކެވެ. މިސްކިތާއި މުންނާރުގެ ރޭނުންހުރީ ދާދި އެއްސިފައަކަށެވެ. މިމިސްކިތާއި މުންނާރު ވަރަށްބޮޑަށް ހަލާކުވެފައިވުމާއެކު، 2002 ވަނަ އަހަރުގެ ތެރޭގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިތަންތަން މިހާރުވަނީ މަރާމާތު ކުރައްވާފައެވެ.

ށ. ޤަދީމީ ގަލެއް

މި ރަށުގެ ދެކުނުކޮޅުގައިވާ، މީހުންނޫޅޭ ސަރަޙައްދުން ވަރަށް ޤަދީމީ ގަލެއް ފެނިފައިވެއެވެ.  އަލްއުސްތާޛް މުޙައްމަދު އިބުރާހިމް ލުތުފީ ވިދާޅުވި ގޮތުގައި، މިތަނަކީ އިހުގައި ޢީދުނަމާދު ކުރަމުން އައިތަނެކެވެ. މިގަލަކީ މިންބަރު ކަމުގައި މީހުން ބަލާއުޅުނެވެ. މިގަލަށް އެއްވެސް ގެއްލުމެއް ނުލިބި އެބައޮތެވެ.

ނ. އާޘާރީ ވަޅު

މިރަށުގައި ދެ އާޘާރީ ވަޅު އެބަހުއްޓެވެ. ބުނެވޭގޮތުގައި މިއީ އުތީމު ތިންބެއިން “ކަޅުއޮށްފުންމި” ބެންނެވި ތަނުގައި ދެލި އުނބަށް ފެންޖަހަން ބެހެއްޓެވި 2 ވަޅެވެ. މިތަނުން އެއް ވަޅަކީ ޑައިމީޓަރުގައި 3 ފޫޓުހުރި، 8 ކަންލީ ވަޅެކެވެ. އަނެއްވަޅަކީ 2 ފޫޓް 2 އިނޗީގެ ވަޅެކެވެ. މިދެވަޅަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް މިތަންވަނީ މަރާމާތުކުރުމުގެ ގޮތުން ބޭރުން ރާނާފައެވެ.

ރ. ތިން ބެރެބެދި

މިރަށުގައި “ތިންބެރެބެދި” ކިޔާ އާޘާރީ ސަރަހައްދެއްވެސް އޮވެއެވެ. މިތަނަކީ ޕޯޒްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް މުޙައްމަދު ތަކުރުފާނު ކުރެއްވި ހަނގުރާމައިގައި ބޭނުންކުރެއްވި އޮޑި ” ކަޅުއޮށްފުންމީ” ގައި  ވަދެ މިކުމެވީ ދިމާކަމަށް ބުނެވެއެވެ.

ބ. ކަމަނާ މަގު

ހުކުރު މިސްކިތުން އިރަށް ދާންއޮތް މަގަށް ކިޔައި އުޅެނީ ކަމަނާ މަގެވެ. އެއީ މުޙައްމަދު ތަކުރުފާނު ރެހެންދި ގޮއްޔެ ގޮވައިގެން ހިންގެވި މަގުކަމުގައި ބުނެވެއެވެ. މި މަގުގައި އެޒަމާނުގެ ފެންވަޅެއް އެބަހުއްޓެވެ.

ޅ. ކާނިގަސް

މިރަށުގެ ޢީދުކުޅޭ މަގުގައި “ކަޅުއޮށްފުންމި” އަލަށް ބަންނަވައިގެން ރިޔާފައްސަވަން ޖެއްސެވި ކާނި ކަޑަ ކަމުގައިބުނާ ވަރަށްގިނަ ޒަމާންވީ  ކާނިގަހެއް އެބަހުއްޓެވެ.

ކ. ކަނބާ އައިސާގެ މަހާނަ

މިހާރު މިރަށު ސުކޫލް ހުރިމަގުގައި، ކަނބާއައިސާގެ މަހާނަފުޅުކަމަށް ބުނެވޭ މަހާނައަކީވެސް ރައްކާތެރި ކުރަންވެފައިހުރި ތަނެއްކަމަށް ފާހަގަކުރެވެއެވެ.

އ. “ކަޅުއޮށްފުންމިބެންނެވި ތަނާއި އެތާންގެ ދެފާރާތުގައި ހުރި ދެނިކަގަސް

“ކަޅުއޮށްފުންމި” ބެންނެވިތަން ކަމަށްބުނާ ތަނާއި އެތަނުގެ ދެފަރާތުގައި ހުންނަ ނިކަގަހާއި ހަރުގޭގެ ދެ މުޑި ކަމަށްބުނާ ދެ މުޑިވެސް މިސަރަޙައްދުގައި ވެއެވެ.

މިއީ ” ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން” މިފޮތުން ނަގާފައިވާ ލިޔުމެކެވެ. އަދި މިއީ މިފޮތް ކިޔާލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ލިޔާ ސިލްސިލާ ލިޔުން ތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަސްތުވާތަކެތީގެ ނުރައްކަލާމެދު ދަރިފުޅު ހޭލުންތެރިކުރުވާނީ ބެލެނިވެރިޔާތަ

Next Article

ވިސްނުންތެރިކަމާ އެކު ކާށެވެ. އިސްރާފުނުކޮށް ފަހަށް ރައްކާ ކުރާށެވެ.

Related Posts