އަހަރެން ނޫން މީހަކު މިޒަމާނުގައި ޞައްޙަ އަޤީދާގެ މައްޗަކު ނެތެވެ.
އަހަރެން ނޫން މީހަކު ރަސޫލުﷲ ގެފާނުގެ ސުންނަތަށް އުޅޭ މީހަކު ނެތެވެ.
އަހަރެން ނޫން މީހަކު ސަލަފުންނަށް އިއުތިޤާދު ވާ މީހަކު ނެތެވެ.
އަހަރެން ސަލާން ކުރަން ނުފެންނަ މީހަކާއި ސަލާމް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
އަހަރެން ވާހަކަ ނުދައްކާ މީހަކާ ވާހަކަދައްކައިފިނަމަ އަހަރެންގެ މަންހަޖުން ބޭރުވީއެވެ.
އަހަރެން ނުރުހޭ ފޮތެއް ކިޔައިފިނަމަ އެ ކީ މީހަކުވެސް ކާފަރުވާނެއެވެ.
އަހަރެން ބޭނުންނޫންގޮތެއް ޢަމަލު ކުރާ ކޮންމެ މީހަކީ މި މަންހަޖުގެ އަދުއްވެކެވެ.
އަހަރެންގެ މަންހަޖަކީ އެންމެ ފުރިހަމަ މަންހަޖެވެ.
އަހަރެންގެ މަންހަޖު ނޫން އެހެން ހުރިހާ މަންހަޖަކީ ގޯސް މަންހަޖުތަކެކެވެ.އެ ހުރިހާ މަންހަޖުތަކެއްގެ މީހުން ދާނީ ނަރަކައަށެވެ.
އެހުރިހާ މަންހަޖުތަކެއްވެސް އެއީ ކަތި މަގަށް އެޅިފައިވާ މަގުގައި ތިބި މީހުންނެވެ.
ﷲ ތަބާރަކަ ވަތައާލާއަށް ނަޞްރުދޭ މީހަކީވެސް އަހަރެންނާއި އަހަރެންގެ މަންހަޖުގެ މީހުންނެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް ނަޞްރުދޭ މީހެއްވެސް އަހަރެން ފިޔަވައި ނެތެވެ.
އެންމެ ޞައްޙަ މަޒުހަބަކީ އަހަރެންގެ މަޒުހަބެވެ.
އެންމެ މޮޅު ބަހަކީ އަހަރެން ބުނާ ބަހެވެ.
އެންމެ މޮޅު ޔުނިވަރސިޓީއަކީ އަހަރެން ކިޔެވި ޔުނިވަރސިޓީއެވެ.
އެންމެ މޮޅު ބަޔަކީ އަހަރެން ކިޔަވަން އުޅުނު ގައުމުގެ މީހުންނެވެ.
އެންމެ މޮޅު އިމާމަކީ އަހަރެންގެ އިމާމެވެ.
އެންމެ މޮޅު ފިޤުހުވެރިޔަކީ އަހަރެންގެ އިމާމެވެ.
އަހަރެން ހިތްހަމަ ނުޖެހޭ ކޮންމެ ޝެއިޚަކީ ބިދުޢަވެރި ދީނުންބޭރުވެފައިވާ ފަދަ މީހެކެވެ.
އެމީހުންގެ މޫނަށް ކުޅުޖަހައި ކިހައްޑިހަ ކުރުމަކީ މައްސަލައެއް ނޫނެވެ.
އަހަރެންގެ މަންހަޖާ ނުކުޅޭހައި ހިނދެއްގައެވެ.
ވީމާ އަހަރެންނަށް ބުނެވެން އޮތީ ސުވަރުގެ ދާނީ އަހަރެން އެކަނި ކަމަށެވެ.
ނަމަވެސް ނަމަވެސް ނަމަވެސް
އަހަރެން ނަށް ﷲގެ ފޮތުން މިފެނުން އާޔަތާއި މެދު ވިސްނާލަން ޖެހިއްޖެއެވެ.
ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވަނީ އެންމެ ބިރުވެތި ވީ މީހާކަމަށް ބުނާ އާޔަތެކެވެ.
އަހަރެން އެބަ ބިރުވެތި ވޭ ހެއްޔެވެ؟
ވިސްނީމެވެ. ވިސްނީމެވެ. އަދިވެސް ވިސްނީމެވެ.
އަހަރެންނަށް އެނގުނު އެއްޗަކީ އަހަރެންނަށް އުޅެވުނީ އަހަރެންގެ މަންހަޖު މޮޅު ކުރަން ކަމެވެ.
އަހަރެންގެ ރައްބު ރުއްސަވާނެ މަގު ހޯދަން ނޫންކަމެވެ.
އަހަރެންގެ ޒަމީރުން ހެޔޮ މަގު ދެއްވާތޯ ދުއާ ކުރީމެވެ.
އަހަރެންނަށް ވިސްނުނީ އެންމެ އެއްޗެކެވެ.
އަހަރެންނަށް އޮތް އެންމެ މޮޅު ގޮތަކީ އަހަރެންގެ ރައްބު ރުއްސަވާނެ މަގު ހޯދުން ކަމެވެ.
އަހަރެން ގެ މަންހަޖު ރަނގަޅު ކޮށް މަންހަޖު މޮޅު ކުރުމަށްވުރެ އަހަރެންނަށް ވިސްނުނީ ޙައްޤަށް ނަޞްރުދިނުން މާމޮޅުވާނެ ކަމަށެވެ.
ވަކި މަންހަޖަކަށް ތައައްޞުބު ވާން އަހަރެން މިއީ ކާކުހެއްޔެވެ؟
ﷲ އާއި އެ އިލާހުގެ ރަސޫލާގެ ރުހުން އެދޭ އަޅަކު ނަމަ ދަލީލު ހޯދާނީ މިދެންނެވި އުސޫލުން ކަމެވެ.
ސަހަރޯއެވެ. ނަފުސުގެ މައްޗަށް ހުރި ސަހަރޯ ކަމެއްގެ ބޮޑުކަމާއެވެ.
ޢުމަރު ރަޟިޔަﷲ އަންހު ހުޒައިފާ ރަޟިޔަﷲ އަންހުގެ ގާތަށް ދުވެވަޑައިގެން ހިނދެވެ.
ތިމަންނާވެސް މުނާފިގުންގެ ތެރެއިން ވޭތޯ ސުވާލުކުރެއްވިއެވެ.
މިއީ ކޮން ބޭކަލެއް ކަމަށްތޯއެވެ.
އެބޭކަލަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލެއްގެ ފަހު މަންޒިލަކީ ސުވަރުގެ ކަމަށް ޚަބަރު ދެއްވި ބޭކަލެކެވެ.
ދުވަހަކުވެސް ވިދާޅުނުވެއެވެ. ސުވަރުގެ ދާނީ ތިމަންނަ އެކަޏްނެވެ.
އަބަދުވެސް ބިރުވެތިވިއެވެ. އެންމެ ހެޔޮމަގުން ނައްޓަފާނެތީއެވެ.
އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާ ފަދައެވެ.
ނަމަވެސް އަހަރެމެން ގެ ހާލު ބަޔާންކުރާނީ ކިހިނެއްހެއްޔެވެ؟
އެހެން ހުރިހާ މީހުން މަންހަޖުން ބޭރުކޮށްފައި އަހަރެމެން ސުވަރުގެ ދާން ދަތުރުހަދަނީއެވެ. ހެޔޮވާނެތޯއެވެ؟
އެންމެން ބިދުޢަވެރިކޮށްފައި މަޒްހަބާއި މަންހަޖު މޮޅުކުރާ އިރު ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ މަންހަޖު ކޮބައިތޯއެވެ؟
ނަފުސުގެ މައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.
ހަމަ އަހަރެން އެކަނި ސުވަރުގެ ދާންވީ ހެއްޔެވެ؟
ހަމަ އެހެން އެންމެން ނަރަކައަށް ފޮނުވާލަން ވީހެއްޔެވެ؟
ތައުބާވާން ވިސްނީމެވެ. ވިސްނީމެވެ.
އާނއެކެވެ. ދެން އަހަރެން ބަލާނީ ﷲ އާއި އެއިލާހުގެ ރަސޫލާ ލޯބިވޮޑިގެންވާ މަގު ހޯދުމަށެވެ.
އެއީ އެފްރިކާ ޝެއިޚަކަސް، ރާއްޖެ ޝެއިޚަކަސް އަދި މެދުއިރުމަތީ ޝެއިޚަކަށް ވިޔަސް ހެޔޮބަސް ބުނަންޏާ އަޑު އަހާނަމެވެ.
ދެން އަހަރެން ހިފާނީ އެންމެ މޮޅު އިތުރުވެގެންވާ އެންމެ ޞައްޙަ ދަލީލުތަކެއްގެ މައްޗަށެވެ.
ދެން އަހަރެން މަސައްކަތް ކުރާނީ ޙައްޤު ހޯދުމަށެވެ.
ތައައްސުބު ވުން ނިމުނީއެވެ. މަންހަޖުވެގެން މަންހަޖު މޮޅު ކުރުން ނިމުނީއެވެ.
މަންހަޖަކީ ﷲ އާއި އެއިލާހުގެ ރަސޫލާގެ މަންހަޖެވެ. އަދި މަޒުހަބެވެ
ދެން އެނޫން ކޮން މަންހަޖެއް މަޒުހަބެއް ހެއްޔެވެ؟
އެދިގެންވަނީ ތެދުމަގު ދެއްކެވުމެވެ.
އަދިއެޔާއެކު ﷲ ރުއްސަވާ ފަދަ ގޮތަށް އަމަލުކުރުމެވެ.
ސުވަރުގެ ލިބުމެވެ. ނަރަކައިން މިންޖުވުމެވެ.
ދެން އަހަރެން އެކަނި ސުވަރުގެ ދާކަށް ބޭނުމެއް ނޫނެވެ.
ބޭނުމީ ވީހާވެސް ގިނަ މީހުންނާއެކު ސުވަރުގެ ވަނުމެވެ.
އަދި އެތަނުގެ ނިޢުމަތް ވީހާވެސް ގިނަ މީހުންނަށް މިންވަރު ކުރެއްވުމެވެ. އާމީން