މަޑަގަސްކަރައިގެ ޒުވާނެއް އިސްލާމްވީ ސަބަބު

އަލްއިޚުލާސް ސޫރަތުގެ ތަފްސީރު
މިދިޔަ އަހަރު ދިމާވި މަޑަގަސްކަރައިގެ ވަރަށް ޒުވާން ކުއްޖެއް އޭނާ އިސްލާމްވީ ކީއްވެތޯ އެހުމުން ޖަވާބުގައި ބުނީ އެސަބަބަކީ ސޫރަތުލް އިޚުލާސް ކަމަށެވެ. އޭނާއަކީ ކުރިން ނަޞާރާއެކެވެ. މިސޫރަތަކީ ކީރިތިޤުރުއާނުގެ 112ވަނަ ސޫރަތެވެ. މި ސޫރަތުގައި ހިމެނެނީ ވަރަށް ކުރު ނަމަވެސް ވަރަށް މާނަފުރިހަމަ ހަތަރު އާޔަތެވެ. އަދި މިއީ މާތް ސޫރަތެއްމެއެވެ. މިސޫރަތުގެ މާތްކަމާއި ބެހޭގޮތުން ރިވާވެފައިވާ ޙަދީޘް ނުހަނު ގިނަމެއެވެ. އެގޮތުން މި ސޫރަތް ކިޔެވުމަކީ، ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވުންފަދަ ކަމެއްކަމަށް އެތައްއެތައް ޙަދީޘްތަކަކުން ސާބިތުވެއެވެ.
މާތްﷲ އަޅުގަނޑުމެންނަށް ހިދާޔަތުދައްކަވައި އެމަގުގައި ސާބިތުކަންދެއްވައި ތައުފީޤުދެއްވާށިއެވެ. އަދި މި ސޫރަތުގެ ތަފުސީރު ތަރުޖަމާކުރައްވާފައިވާ ޝައިޚު ބަކުރުބެއަށްވެސް ހެޔޮރަޙުމަތްލައްވާށިއެވެ. އާމީން.بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾

އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲއެވެ.

މުޝްރިކުންގެ މީހުން ބުންޏެވެ. އޭ މުޙައްމަދެވެ. ކަލޭގެފާނުންގެ ރައްބުގެ ނަސަބު ކިޔައިދީބަލާށެވެ. ދެން މިއާޔަތް ބާވާ ލެއްވިއެވެ. އެކަލާނގެއީ އެއްކައުވަންތަ ﷲއެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވެއެވެ.

اللَّـهُ الصَّمَدُ ﴿٢﴾

ﷲ އެއީ އައްޞަމަދުއެވެ.

އައްޞަމަދު އެއީ އެކިއެކި ބޭނުންތަކުގައި ގަސްދުކުރެވޭ ފަރާތެވެ. އެކަލާނގެ ގަސްދުކުރެވެނީ އެކަލާނގެ އެކަންކަނަ ކުރެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާތީއެވެ. އިބުނު ޢައްބާސްވިދާޅުވިއެވެ. الصمد އެއީ ހުރިހާ ސާހިބުވަންތަކަމެއް ފުރިހަމަކުރައްވާފައިވާ އައްސައްޔިދުއެވެ. އަދި އެއީ ޝަރަފު އޭގެ ނިހާޔަތަށް ގޮސްފައިވާ އެންމެ މާތް ޝަރީފުއެވެ. އަދި އެއީ ކޯފާ މަޑުކަމާއި އޯގާވަންތަކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ކަލާނގެއެވެ. އަދި އެއީ ޖައްބާރުވަންތަކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ޖައްބާރުވަންތަ ކަލާނގެއެވެ. އެއީ ޢިލްމުވެރިކަން އޭގެ ނިހާޔަތަށް ގޮސްފައިވާ ޢާލިމުއެވެ. އަދި އެއީ ޙިކުމަތް އެންމެ ފުރިހަމަވެގެންވާ ޙަކީމުއެވެ. އެއީ ﷲ ސުބުހާނަހޫ ވަތަޢާލާއެވެ. މިސިފަތަކަށް އެކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް އެކަށީގެންނުވެއެވެ.

لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾

އެބަހީ އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ. އަދި އެކަލާނގެއީ އެއްވެސް މީހެއްގެ ދަރިއެއްނޫނެވެ.

މިހެނީ އެކަލާނގެއާއި ޖިންސީގުޅުމެއް އެކަކުވެސް ނުހިންގައެވެ. އެގޮތަކީ އިސްވެދިޔަތާގައިވެސް އަދި އަންނަން އޮތްތާގައިވެސް އެކަލާނގެއަށް ނެތުން ނިސްބަތްކުރުން މުސްތަޙީލުވެގެންވާތީއެވެ. މިހެނީ ދަރިއަކީ ދުނިޔެއަށް އައުމުގެ ކުރިން ނެތްއެއްޗެކެވެ. ފަހެ ﷲ ސުބުހާނަހޫ ވަތަޢާލާ ބައްޕައެއް ނުވެއެވެ.

ޤަތާދާ ވިދާޅުވިއެވެ. ޢަރަބި މުޝްރިކުން ބުނެއެވެ. މަލާއިކަތް ބޭކަލުންނަކީ ﷲގެ އަންހެންދަރިންނެވެ. ޔަހޫދީން ބުނެއެވެ. ޢުޒައިރުގެފާނަކީ ﷲގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުނެއެވެ. އަލްމަސީހު(އީސާގެފާނަކީ) ﷲގެ ދަރިކަލުންނެވެ. މިހުރިހާ ބުނުމެއް ﷲ ދޮގުކުރައްވައި އެއަންގަވަނީ لَمْ يَلِدْ وَلَمْ يُولَدْ މިފަދައިންނެވެ. އެބަހީ ﷲއަށް ދަރިކަލަކު ނުވެއެވެ. އަދި އެކަލާނގެއީ އެއްވެސް މީހެއްގެ ދަރިއެއްނޫނެވެ. މިއެވެ.

وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

އެކަލާނގެއާއި ކުފޫހަމަވެގެންވާ އެކަކުވެސް ނުވެއެވެ.

އެކަލާނގެއާއި ހަމަހަމަވާ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެއާއި މިސާލުކުރެވޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާންގެ ފުރިހަމަ ސިފަފުޅު ތަކުގައި އެކަލާނގެއާއި ބައިވެރިވެވޭނެ އެކަކުވެސް ނުވެއެވެ. (އެބަހީ އަރާ އަރަފޯދިގެންވާ އެއްވެސް ފަރާތެއްނުވެއެވެ)

ނޯޓު: ބުރެކެޓުގައި އެވަނީ މިލިޔުމަށް އިތުރުކުރެވިފައިވާ ތަފުސީލީ ބަސްތަކެވެ. އެއީ ފޮތުގައި ލިޔެވިފައިވާ ބައެއްނޫނެވެ.

ނެގިފައިވަނީ: ކީރިތި ޤުރުއާނުގެ ފަހުތިންފޮތުގެ ތަފުސީރުން.

ތަފުސީރުގެ ތަރުޖަމާ: އައްޝައިޚު އަބޫބަކުރު ހިންނަވަރީ

ނެގިފައިވަނީ: ދިސަލަފިއްޔާއިން

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކައިވެނީގެ މުހިންމުކަން( 4 ވަނަ ބައި)

Next Article

އާދަމުގެ ދަރީންގެ ޙަޔާތް ސީދާމަގުން ނެއްޓުން

Related Posts