ރޯދަމަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. ހެޔޮޢަމަލުތަކާއި އަޅުކަމުގެ މަހެވެ. ޤުރްއާންކިޔެވުމާއި، ޤުރްއާން އުގެނުމުގެ މަހެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެމަހެއްގައި އެނޫން މައްސަރުތަކަށްވުރެ ހެޔޮޢަމަލުކުރެއްވުން ގިނަކުރައްވައި، ޤުރްއާން ކިޔެވުން ގިނަކުރައްވައެވެ. އެކަލޭގެފާނަކީ ހެޔޮޢަމަލުކުރެއްވުމުގައި އެންމެ ހީވާގިވެގެންވާ ޞާޙިބާއެވެ. އެކަލޭގެފާނު ހެޔޮ ޢަމަލުތަކުގައި އެންމެ ހީވާގިވެލައްވަނީ ރަމަޟާން މަހުގައެވެ. އަދި އެމަހުގެ ކޮންމެ ރެއެއްގައި ޖިބްރީލް ޢަލައިހިއްސަލާމް އިތުރު އެކަލޭގެފާނާ ބައްދަލުކުރައްވައެވެ. އަދި އެ ދެބޭކަލުން ޤުރްއާން މުރާޖަޢާ ކުރައްވައެވެ. އިތުރު އެކަލޭގެފާނު ޖިބުރީލްގެފާނާ ބައްދަލުވުމުން ހެޔޮ ޢަމަލުފުޅުތަކުގައި ހީވާގިކަން ވަކީން އިތުރުކުރައްވަތެވެ.
އަޅުގަނޑުމެންވެސް އިތުރު އެކަލޭގެފާނު މިސާލެއްކަމުގައި ބަލަމާތޯއެވެ! ރޯދަމަހުގެ ރޭތަކަކީ ހަމައެކަނި ކެއިންބުއިމާއި މުނިފޫހިފިލުވުމުގެ ވަގުތުތަކެއްކަމަށް ނަހަދަމާތޯއެވެ! ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމުގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި އަދި އެފެދަ ޢަމަލުތައް ދޫނުކުރާނަމަ، ކެއިންބުއިން ދޫކޮށްލުމަކަށް މާތްﷲ ބޭނުންވެވޮޑިގެން ނުވެއެވެ. އެހެންކަމުން، ހަޑިހުތުރު ބަހުރުވަޔާއި އެފަދަ ޢަމަލުތައް ދޫކުރަމާތޯއެވެ! ޒިކުރު ކުރުމާއި ޤުރްއާން ކިޔެވުން ގިނަކުރަމާތޯއެވެ! އިތުރު އެކަލޭގެފާނުގެ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ! ﷲ ޞުބުޙާނަޙޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. ތިމަން ރަސްކަލާނގެ ރޯދަޔަށް ޖަޒާދެއްވާނަމެވެ.
އާދެ! އިންސާނާ ކުރާ ހުރިހާ ޢަމަލަކަށްވެސް ޖަޒާދެއްވަނީ ﷲ ޞުބުޙާނަޙޫ ވަތަޢާލާއެވެ. ނަމަވެސް މި ޙަދީޘްފުޅުގައި ރޯދަ ޚާއްޞަކުރައްވާފައިވަނީ، ރޯދަ އެހެންހުރިހާ އަޅުކަމަކާ ތަފާތުވުމުގެ ސަބަބުންނެވެ. އެހެނީ، ރޯދައަކީ ﷲ ޞުބުޙާނަޙޫ ވަތަޢާލާއާ ތިމާއާ ދެމެދުގައިވާ ސިއްރެކެވެ. ސިއްރިޔާތުގައި ކެއިންބުއިން ނުވަތަ ރޯދަ ގެއްލޭފަދަ ޢަމަލެއް ކުރިއަސް، އެއްވެސް މީހަކަށް ނޭގޭނެއެވެ. ބޭރުފުށަށް ފެންނަގޮތުގައި، އޭނާ އެހެރީ ރޯދަޔަށެވެ.
މިލިޔުމުގައި އަޅުގަޑު ބަލާލާނީ ޤުރްއާންގައި ނަންގަނެވިގެންވާ ނަބިއްޔުންގެ ވާހަކަތަކުގެ މައްޗަށެވެ. އެކިއެކި ނަބިއްޔުންނާއި ރަސޫލުންގެ ޙަޔާތްޕުޅަށާއި، އެބޭކަލުންގެ އުއްމަތްތަކަށާއި، އެބޭކަލުންގެ ރިސާލަތަށެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާގެ އަމުރުފުޅުތައް މީސްތަކުންނާއި ހަމައަށް ގެނެސްދެއްވުމަށްޓަކައި އެބޭބޭކަލުން ކުރެއްވި މުޤައްދަސް ޖިހާދުތަކުގެ ވާހަކަތަކަށެވެ. ކުރީގެ އުއްމަތްތަކުގެ ވާހަކަތަކާއި އެބައިމީހުން ނެތިކުރެއްވި ގޮތުގެ ވާހަކަތަކަށެވެ. އެ އުމަތްތަކަށް ގަދަ ކީރިތިވަންތަ ރަސްކަލާނގެ ކޯފާ ޙައްޤުވުމަށް މެދުވެރިވެގެންދިޔަ ސަބަބުތަކަށެވެ. އެވާހަކަތަކުން ލިބޭ ޢިބުރަތްތެރި ފިލާވަޅުތަކަށެވެ. އެބޭބޭކަލުންގެ ވާހަކަތައް ޤުރްއާނުގައި ނަންގަނެވިގެންވަނީ ހަމައެކަނި ކިޔާމީހުނަށް މުނިފޫހިފިލުވުމަކަށް ނޫނެވެ. މާތް ﷲ ލޫޠު ޢަލައިހިއްސަލާމްގެ ވާހަކައަށް އިޝާރާތްކުރައްވައި ވަޙީކުރައްވާފައިވެއެވެ.
މާނައީ: “ފަހެ ތިމަން ރަސްކަލާނގެ އަމުރުފުޅު އައިހިނދު، އެރަށުގެ، މައްޗަށް އޮތްފުށް ދަށަށްޖެއްސެވީމެވެ. އަދި އަލިފާން ދޮންކުރައްވާފައިވާ ހިލައިގެ ވާރޭ އެބައިމީހުންގެ މައްޗަށް ވެއްސެވީމެވެ. )82( ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޞުރަތުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރީންގެ ކިބައިން އެފަދަކަމެއް ދުރުގައިނުވެއެވެ.” )ޙޫދު 82-83(
ލޫޠުގެފާނުގެ ޤައުމުގެ މީސްތަކުން އެބައިMީހުންގެ ކުރީގައި އެއްވެސް ބަޔަކު ކޮށްފައިނުވާފަދަ ބޮޑުވެގެންވާ ނުބައިކަމަކަށް އަރައިގަތެވެ. އެއްޖިންސުން ޖިންސީގުޅުން ހިންގިއެވެ. އެހިނދު އެބައިމީހުންގެ ކުރީގެ އެއްވެސް އުއްމަތަކަށް އައިސްފައި ނުވާފަދަ ބޮޑުވެގެންވާ ޢަޒާބު އެބައިމީހުންގެ މައްޗަށް އައެވެ. ދެން އެވާހަކަ ނިންމަވާލައްވަމުން ވާހަކައިގެ މަޤުޞަދު ބަޔާންކުރައްވާފައި އެވަނީ އެވެ. އެއީ އެފަދަ ފާޙިޝް ޢަމަލުތައް ހިންގާ ބަޔެއްގެ މައްޗަށް އެފަދަ ޢަޒާބެއް އައުން ދުރުގައި ނުވާކަމެވެ. އަޅުގަނޑުމެންނަށްވެސް އެކަންތައްތައް ނަހީކުރައްވާފައިވަނީ ހަމަ އެބައިމީހުންނަށް އެކަންތައްތައް ނަހީކުރެއްވި ފަރާތުންނެވެ.
އާދެ! އެވާހަކަތައް ބާވައިލެއްވިގެންވަނީ ބުއްދިވެރިންނަށް ހުރި ޢިބުރަތަކާއި ފިލާވަޅުތަކެއްގެ ގޮތުގައެވެ. ޤުރްއާނުގައި ނަންގަނެވިގެންވީ، އިސްވެދިޔަ އުއްމަތްތަކުގެ މީހުންނަށް ފޮނުއްވުނުފަދަ ޢަޒާބެއް މިހާރުވެސް ފޮނުއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. މީސްތަކުން އީމާންވެއްޖައީމޭ ބުނުމުން އެބައިމީހުން އިމްތިހާނު ނުކޮށް ދޫކޮށްލެވޭނެއޭ ހީކުރަނީހެއްޔެވެ. ތިމަން ރަސްކަލާނގެ އެބައިމީހުންގެ ކުރީގެ އުއްމަތްތައް ވެސް އިމްތިޙާނު ކުރެއްވީމެވެ. އެއީ ފަހެ ހަމަކަށަވަރުން ތެދުވެރިންނާއި ދޮގުވެރިން ދެނެގަތުމަށެވެ.
އާދަމް ގެފާނުގެ ވާހަކަ
ﷲ ޞުބުޙާނަޙޫ ވަތަޢާލާ، އާދަމް ޢަލަހިއްސަލާމް އުފެއްދެވުމުގެ ކުރީގައި، މަލާއިކަތުންނަށް އެކަމުގެ ޚަބަރުދެއްވިއެވެ. ބިމުގައި ދިރިއުޅޭނޭ އަދި އެތަން އާބާދުކުރާނޭ މަޚުލޫޤަކު އެތަނުގައި ލައްވާނޭ ކަމުގައި އެންގެވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމެވެ. މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި އިބަރަސްކަލާނގެއަށް ތަޤްދީސްކޮށްކޮށް ތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.” (އަލްބަޤަރާ: 30-35)
ކައުނުގެ މަތިވެރި އަދި ބޮޑުވެގެންވާ ކަންތައްތައް ނިންމެވުމަށްފަހު ﷲ ޞުބުޙާނަޙޫ ވަތަޢާލާ އެކަމުގެ ޚަބަރުތައް އުޑުތަކުގެ އަހުލުވެރިންނަށް ދެއްވަތެވެ. އަދި އެބޭކަލުން އެކަލާނގެ މާތްކަމާއި މަތިވެރިކަމުން ޙަމްދު ތަސްބީހަކިޔައެވެ. މަލާއިކަތުންނަކީ ﷲ ޞުބުޙާނަޙޫ ވަތަޢާލާ އަށް ކިޔަމަންތެރިކަމާއެކު އަޅުކަންކޮށް ތަސްބީޙަ ކިޔުމުގައިވާ ބައެކެވެ. އެއްވެސް އުރެދުމެއްނެތި އެކަލާންގެއަށް ކިޔަމަންތެރިކަން އަދާކޮށް އަޅުކަންކުރުމަށް ލައްވާފައިވާ ބައެކެވެ. މިއާޔަތުގައި އެބޭކަލުން އެކަލާނގެއާއި ސުވާލުކުރައްވާފައިވަނީ، ދެކޮޅުހަދައި އިންކާރުކުރުމުގެ އުސޫލަކުންނޫނެވެ. އޮޅުންފިލުވުމާއި އެކަމުގެ ޚަބަރު ހޯދުމުގެ މަޤުޞަދުގައި އެކަންޏެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައ،ި މަލާއިކަތުން އެގޮތަށް ސުވާލުކުރެއްވީ މީގެ ކުރީގައިވެސް ބިމުގައި ލެއްވި މަޚުލޫޤުން ކަމުގައިވާ ޖިންނީންގެ ފަރާތުން ބިމުގައި ފަސާދަކުރުމާއި ލޭއޮހޮރުވުން ހިނގާފައިވާތީއެވެ. ޖިންނީން އާދަމް ޢަލައިހިއްސަލާމު އުފެއްދެވުމުގެ ދެހާސް އަހަރުކުރީ ބިމުގައިވިއެވެ. އެބައިމީހުން ބިމުގައި ފަސާދަކޮށް ލޭ އޮހޮރުވުންތައް ހިންގައިހެދިއެވެ. ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންގެ ލަޝްކަރެއް ފޮނުއްވިއެވެ. އަދި ބިމުން އެބައިމީހުން ކަނޑުގެ އައްސޭރިފަށަށް ފައްސައިލެއްވުނެވެ.
މިއާޔަތުގައި “އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި އިބަރަސްކަލާނގެއަށް ތަޤްދީސްކޮށްކޮށް ތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟” އޮތް ބަސްފުޅުގެ މުރާދުގައި، މަޝްހޫރު ތަފްސީރު ޢިލްމުވެރިއެއް ކަމުގައިވާ އަލްޙާފިޒު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. ފަހެ، އިބަރައަސްކަލާނގެ އެމަޚޫލޫޤާ ނުވަތަ އިންސާނާ އުފެއްދެވުމުގެ މަޤުޞަދަކީ އިބަރަސްކަލާނގެއަށް އަޅުކަންކުރުމާއި ތަސްބީޙަކިއުން ކަމުގައިވާނަމަ، އަޅަމެން ރެޔާއި ދުވާލު އިބަރަސްކަލާނގެއަށް މެދުކެނޑުމެއްނެތި ތަސްބީޙަ ކިޔުމުގައި ވަމެއްނޫންތޯއެވެ.
އެވާހަކައަށް ޖަވާބުދެއްވައި އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގާވަނީ “ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.” އެއިންސާނާ އުފެއްދެވުމުގައިވާ މަގްސަދާ އާއި އެކަމުގައިވާ މަސްލަޙަތު ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމުއެވެ.
އެކަލާނގެ އާދަމްގެފާނު އުފައްދަވައި، އެންމެހައި މަޚުލޫގުންގެ މައްޗަށް މާތްކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ މޫސާ އަލް އަޝްޢަރީގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން މާތް ﷲ އާދަމްގެފާނު އުފެއްދެވީ ބިމުގެ އެކި ކަންކޮޅުތަކުން ނެންގެވިގެންވީ ވެލިމުށަކުންނެވެ. ދެން އިންސާނުންގެ ތެރޭގައި އެވެލިމުށުގައި ވާފަދައިން، ދޮންކުލައާއި ރަތްކުލައާއި ކަޅުކުލައާއި އެދެމެދުގެ އެކިކުލަތަކުގެ މީހުންވިއެވެ. އަދި ހެޔޮލަފާ މީހުންނާއި ނުބައި ނުލަފާ މީހުންނާއި މަޑުމައިތިރި މީހުންނާއި، ރުޅިގަދަ މީހުންނާއި، ރުޅިމަޑު މީހުން ވިއެވެ.”
އާދަމުގެފާނު ބިމުގެ މަށީންވާޙާލުކޮޅު ފުރާނަ އެޅުއްވުމުގެ ކުރީގައި ދުވަސްތެކެއްވާންދެން ވިއެވެ.
މިއަދު ނޫސް ސައިޓުން
24 ސެޕްޓެމްބަރ، 2006