ދަރިންނަށް ލިބިދޭންޖެހޭ ޙައްޤުތައް އަދާކުރުން:
މާތްވެގެންވާ އިސްލާމްދިނުގައި ވަނީ ދަރިންނަށް ލިބިދޭންޖެހޭ ޙައްޤުތަކެއް ކަނޑައަޅުއްވާފައެވެ. އަދި އެ ޙައްްޤުތަކަށް ރައްކާތެރިވުމަށް މައިންބަފައިންނަށް ވަނީ އަންގަވާފައެވެ. މުހައްމަދު ރަޝީދު އިބްރާހިމް (2003) ގައި ބަޔާންކުރައްވާފައިވާގޮތުގައި ކުއްޖާ ވިހެއުމަށްފަހު އެ ކުއްޖާއަށް މުސްލިމުންނަށް ކިޔާކަހަލަ ރިވެތި ނަމަކުން ނަންކިޔުމަކީ ސުންނަތުގައި ވާރިދުވަފައިވާ ކަމެކެވެ. އެގޮތުން ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސްލަމަ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ “ފަހެ ރިވެތި ނަމުން ތިޔަބައިމިހުންގެ ދަރިންނަށް ނަންދޭށެވެ! އެހެނީ ޤިޔާމަތްދުވަހުން ތިޔަބައިހުނަށް ގޮވާލެވޭނި ތިޔަބައިމީުންގެ ނަމުންނާއި ތިޔަބައިމީހުންގެ ކާބަފައިންގެ ނަމުންނެވެ.” (ސުނަން އަބީ ދާއުދު).
ޢަބްދުއްރައްޒާޤް ޢަލީ (2007)ގައި ބަޔާންކުރައްވާފައިވަނީި “ކުޑަދަރިފުޅު އުފަންވުމަށްފަހު އެދަރިފުޅުގެ ބޯބާލާ ބޮލުން ވަކިކުރެވުނު އިސްތަށީގެ ބަރުދަނަށް ރިހިން ޞަަދަޤާތް ދިނުމަކީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ”.(ޞ:19). ހަމައެހެންމެ ޢަޤީޤާ ކަތިލުން ވެސް ހިމެނެއެވެ. އެއީ ކުޑަކުއްޖާ އުފަންވާތާ ހަތް ދުވަސްތެރޭގައި އެކުއްޖާއަށްޓަކައި ނަޢަމްސޫފި ތަކުގެ ތެރެން އެއްޗެއް ކަތިލުމެވެ.މިކަން ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އައްޝައިހް ޝަމީރު އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ހިތާނުކުރުމަކީ ވެސް ކުއްޖާ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ ކަމެއްކަމަށެވެ.އެހެނީ ކީރިތިރަސޫލާގެ ޙަދީޘް ބަސްފުޅެއްގެމާނާގައިވަނީ “ފިޠުރީ ގޮތުން އިންސާނާ ކުރަންޖެހޭ ކަންތައް ފަހެކެވެ. އެއީ ޙިޠާނުކުރުމާއި، ކުރިމަތިފަރާތުގައި،އަދި އެތަނުގެ ކައިރިގައިފަޅާ އިސްތަށިތައް ބޭލުމާއި، ނިޔަފަތި ކެނޑުމާއި،ކިހިލިފަތުގައި ހުންނަ އިސްތަށިތައް އުފުރުމާއި،މަތިމަސްކޮށާ ތުނިކުރުމުވެ.”(29،02،2012 އިންޓަކިއު)
މިގޮތުން (ޢަބްދުއް ރައްޒާޤު ޢަލީ 2007) ގައި ލިޔުއްވާފައިވާ ގޮތުގައި ކުއްޖާ ދުނިޔެ އަށް އައުމާއެކު ރަނގަޅު މުސްލިމެއްގެ ގޮތުގައި އެކުއްޖާ ތަރުބިއްޔަތު ކުރުމުގެ އިތުރުން ޤާނޫނީގޮތުންވެސް އޭނާއަށް ލިބިދޭންޖެހޭ ޙައްޤުތަކެއްވެއެވެ. އެގޮތުން ކިރުދިނުމާއި، ރަނގަޅު ވެއްޓެއްގައި ބަލާބޮޑުކުރުމާއި، އޭނާއަށް އަޅާލުމާއި، އޯގާތެރިކަން ދިނުމަކީ ކޮންމެހެންކުރަންޖެހޭ ކަމެކެވެ.
މައިންބަފައިންގެ މަސްއޫލިއްޔަތު:
ލާދީނީ ހިޔާލުތަކާއި، އޮއިވަރުތައް އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރި ނުރައްކާތެރި ފިކުރީ ހަނގުރާމައެއްގެ ހަމަލާތަކާއި އިސްލާމީ އުންމަތުގެ ދަރިން ކުރިމަތިލާންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި، ހަރުދަނާ ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްގެ ރައްކާތެރިކަން ހޯދައި ދިނުމަކީ މައިންބަފައިންގެ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެގޮތުން ކުއްޖާ ގެ ޅަފަތުގައި އިސްލާމީ އަޤީދާގެ ބިންގާ އެޅުން ވަރަށްވެސް މުހިންމެވެ.
ޅަަފަތުގައި އިސްލާމީ ތަރުބިއްޔަތު ދިނުން:
އެހެނިހެން މަޚްލުގުންނާ ޚިލާފަށް އިންސާނާ އަށް ހެޔޮވިސްނޭ ބުއްދިއެއް ލިބިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އިންސާނާގެ ނަފްސު ތަހުޒީ ބުކުރުމަށާއި ތަރުބިއްޔަތު ކުރުމަށްޓަކައި އިލާހީ އުސޫލުތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އިލާހީ ހަމަތައް ބަލާގަތުމަށް ފަސޭހަ ޠަބީޢަތާއެކު އުފަންވެގެންވާ އިންސާނާގެ ކިބާގައި ރަނގަޅާއި ނުބައި ދެނެގަތުގެ ބާރެއްގެ ގޮތުން ޟަމީރެއްވެސް ލައްވާފައިވެއެވެ. ހަމައެހެންމެ އިންސާނީ ނަފްސުގެ ތަރުބިއްޔަތަށާއި ރީތި ހަމަތަކާއި އާދަތަކުގެ މަތީގައި ޢުމުރުގެ ދުވަސްތައް ހޭދަކުރުމަށްތަކައި ވަރަށް ޚާއްސަ ސަމާލުކަމެއް އިސްލާމްދީނުގައި ދެއްވާފައިވެއެވެ. މިގޮތުން މިމުހިންމު މަސައްކަތް ފަށާގަތުމުގެ ޢުމުރަކީ ޅަފަތުގެ ޢުމުރެވެ. ކުއްޖާ ރަނގަޅު މިސްރާބުގައި ކުރިއަށް ގެންދިއުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ ކުއްޖާގެ ޅަފަތުގެ ދުވަސްވަރެވެ. މިދުވަސްވަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ކުއްޖާ ދެނެގަންނަ ދުވަސްވަރެވެ. މިގޮތުން ކުއްޖާއަށް ފެންނަ މަންޒަރުތައް އަމިއްލަ އަށް ތަޖުރިބާކުރުމަށް މަސައްކަތް ކުރެއެވެ. އެހެންކަމުން ކުއްޖާގެ ޅަފަތުގައި އޭނާގެ ހިތުގައި އިސްލާމީ ޢަޤީދާގެ ބިންގާ އަޅަންޖެހެއެވެ. ހެއްދެވި ފަރާތަކީ ކޮބައިކަން ބުނެދީ ،އަދި ރަސޫލުންނާއި އުންމަތުގެ ޚަލީފާއިންގެ ސިޔަރަތުން ދަރުސްތައް ކުއްޖާއަށް އުނގަންނައިދެން ޖެހެއެވެ. އެފަރާތްތަކާމެދު ލޯބިވެތިކަން އުފައްދައި އަދި ކިރިތި މާތް ނަބިއްޔާއާއި އެކަލޭގެ ފާނުގެ އަސްޙާބު ބޭކަލުން ދެއްކެވި ރިވެތި ނަމުނާ ދަސްކޮށްދިނުމަކީ މައިންބަފައިން އެކުދިން ކުޑައިރުއްސުރެ ދަސްކޮށްދެން ޖެހޭ ކަމެކެވެ.މިއުމުރުގައި އެ ކުދިންގެ ހިތްތަކުގައި އެފަރާތްތަކާއި މެދު ލޯބި އުފެދިއްޖެނަމަ އެ ރިވެތި ނަމުނާ އެހިތްތަކުގައި ހަރުލާނެ ކަމީ ޝައްކެއްއޮތްކަމެއްނޫނެވެ.
ޢަބްދުއް ޝާކިރު މުހައްމަދު (2009) ގައި ލިޔުއްވާފައި ވެއެވެ. ” ދިރާސަތަކުން ދައްކާގޮތުގައި ކުއްޖަކު ދަސްކުރާ ތަކެތީގެ ތެރެއިން 90 އިންސައްތަ ދަސްކުރަނި އެކުދިންގެ އެކުދިންގެ ޢުމުރުގެ ފުރަތަމަ ފަސްއަހަރުގެ ތެރޭގައެވެ.” (ޞ:45). ހަމައެގޮތަށް ޅެންވެރިއަކު ބުނެފަވާ ކަމަށް ޢަބްދުއް ޝާކިރު މުހައްމަދު (2009) ގައި ލިޔުއްވާފައިވެއެވެ. ” ޅަގަސްތައް ތިބާ އެރައްކާތެރިކަމާއެކު ހައްދާފިނަމަ ސީދަލަށް ތެދަށް ހެދޭނެއެވެ. ރަނގަޅަށް ދަނޑިއަކުން ސީދާކޮށް ހިފަހައްޓާފިނަމަ ލެނބިގެން ބިނދިގެންނުދާނެއެވެ.” (ޞ:46).
ޢަބްދުއް ރައްޒާޤު ޢަލީ (2009) ގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދީނީ ތަރުބިއްޔަތު ކުއްޖާއަށް ދިނުމުގައި އެންމެ އެކަށީގެންވާ ޢުމުރަކީ ކުއްޖާގެ ޅަފަތުގެ ޢުމުރެވެ. ދީނީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި އެންމެ ބޮޑަށް އަސަރުކުރަނީ ޅަފަތުގައި އެކަން ކުރުމުންނެވެ. އެހެންކަމުން ހަތްއަހަރު ނުވިކަމުގައި ވިއަސް ދަރިންނަށް ނަމާދުކުރުމަށް ހިތްވަރުދީ ، ރޯދަހުފުމަށް ފަރިތަކޮށްދިނުމަކީ ހަމަ އެންމެ އެދެވިގެންވާ ކަމެކެވެ. އެހެންނަމަވެސް މިކަމުގައި ހަތްއަހަރުނުވާ ކުދިންނަށް އެއްވެސް ކަހަލަ މަޖުބުރުކުރުމެއް އޮވެގެންނުވާނެއެވެ.
ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ. ” އުމުރުން ހަތްއަހަރުވުމުން ދަރިންނަށް ނަމާދުކުރުމަށް އަމުރު ކުރާށެވެ! އަދި ދިހަ އަހަރު ވުމުން އަދަބުދީގެން ވިއަސް އެކަންކުރާށެވެ! ހަމަ އެއުމުރުގައި ދެޖިންސުގެ ކުދިންގެ ތަންމަތި ވަކި ކުރާށެވެ. މި ޢުމުރުގައި ކުއްޖާ ދީނީ ފަރުޟުތަކަށް އާދަ ކުރުވާފިނަމަ އެކުދިން ބޮޑުވެ ތަސައްރަފު ފުދުމުން އެކަންކަމަށް ހުންނާނީ ހޭނިފައެވެ.ހަމަ އެހެންމެ ރިވެތި އަޚްލާގާއި ރިވެތި އަދަބު ތައް ދަސްކޮށްދެން ޖެހެއެވެ. އެގޮތުން ދަރިންނަށް މަތިވެރި އަޚްލާޤު އުނގަންނައިދިނުމަކީ މާތް ﷲ އެބަޔަކަށް ކުރަން އަންގަވާފައިވާ އަޅުކަންތަކުގެ ދަރަޖާގައި ހިމެނޭ ކަމެއްކަން ބަޔާންކޮށްދެއްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވަނީ “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކޮންމެ ދުުވަހަކު ޞާޢެއްގެ ދެބައިކުޅަ އެއްބައި މިންވަރު ޞަދަގާތް ކުރުމަށްވުރެ އޭނާގެ ދަރިފުޅަށް އުޅުންތެރިކަމާއި އަދަބު ދަސްކޮށްދޭން އުޅުން މާރަނގަޅެވެ.”
އައްޝައިޚް އުޘްމާން ޢަބްދުﷲ (2011، ޕެރަ،) ގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިސްލާމްދީން ލާޒިމްކުރަނީ ކަންކަމާމެދު ވިސްނާ ފިކުރުކޮށް އުޅޭ ޢުމުރަށް ދިއުމުން ޙަރާމް ޙަލާލުގެ ހުކުމްތައް އޭނާއަށް އުގަންނައިދިނުމަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ.” ތިޔަބައިމިހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް ޢަމަލުކުރާށެވެ. އަދި ﷲ އަށް އުރެދުމަށް ބިރުވެތިވާށެވެ. އަދި އެކަލާނގެ އަމުރުކުރެއްވި ކަންތައްތައް އަދާކުރުމަށާއި އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެ އެއްކިބާވުމަށް ތިޔަބައިމީހުންގެ ދަރިންނަށް އަމުރުކުރާށެވެ. ފަހެ ތިޔަބައިމީހުންނަށާއި އެމީހުންނަށް ނަރަކައިންވާ ރައްކާތެރިކަމެކެވެ.
އައްޝައިޚް އުޘްމާން ޢަބްދުﷲ (2011، ޕެރަ،) ގައި ބަޔާންކުރައްވާފައިވަނީ ދީނިކަންކަމަށް ކުއްޖާ ހޭނުވުމަށްޓާކައި ބައްޕަ ޙައްޖުގެ އަޅުކަން ކުރަންދާއިރު ކުއްޖާގޮވަގެން ދިއުމަށް ދީނީ ޢިލްްމުވެރިން ހިތްވަރުދެއެވެ. ޢަލި ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ވެގެން ވެއެވެ. ކީރިތި ރަސޫލާގެ ހާދީޘް ބަސްފުލެއްގެ މާނާގައި ވަނީ ” ތިންކަމެއްގެ މައްޗަށް ތިޔަބައިމީހުންގެ ދަރިންނަށް އަދަބު ދަސްކޮށްދޭށެވެ. ތިޔަބައިމީހުންގެ ނަބިއްޔާއަށް ލޯބިކުރުމަށެވެ. އެކަލޭގެފާނުގެ އަހުލުބައިތުންނަށް ލޯބިކުރުމަށެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. ފަހެ ކީރިތި ޤުރުއާން ހިތުދަސްކޮށްގެންވާ މީހާވާނީ ﷲގެ ޢަރުޝީގެ ހިޔަލުގައެވެ.” އައްޝައިޚް އުޘްމާން ޢަބްދުﷲ (2011، ޕެރަ،) ގައި އިސްލާމީ ތަރުބިއްޔަތުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުން ކުރުގޮތަކަށް ބަޔާން ކުރައްވާފައި ވެއެވެ.
“ސައުދު ބުނު އަބި ވައްޤާސް ރަޟިޔަﷲ ޢަންހު” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހަނގުރާމަތަކުގެ ވާހަކަތައް ތިމަންގެ ދަރިންނަށް ކީރިތި ސޫރަތްތައް ދަސްކޮށްދޭފަދައިން އެކުދިންނަށް އުނގަންނައިދެމެވެ”.އަލް އިމާމުލް ޣަޒާލީ އެކަލޭގެފާނު ލިޔުއްވި އަލްޙިއްޔާއޭ ކުޔުނު ފޮތުގައި ވަޞިއްޔަތް ކުރެއްވިއެވެ. ” ކީރިތި ޤުރުއާން ކުދިންނަށް އުނގަންނައިިދީ އެ ޤުރުއާނުގެ ތަޢުލީމުދީ އުނގަންނައިދޭށެވެ. އަދި ހެޔޮލަފާ ޞާލިޙުންގެ ވާހަކަވެސް މެއެވެ. އަދި މިޤުރުއާނުގައިވާ ބައެއް ދީނީ ޙުކުމްތައްވެސް މެއެވެ. އަދި މުސްލިމުންގެ އަސްލާފުން އެބައިމީހުންގެ ދަރިން މުރައްބީއަކާ ހަވާލުކުރާއިރު އޭނާގެ ކިބައިން ފުރަތަމަ އެދޭކަމަކީ އެކުއްޖާއަށް ކީރިތި ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމެވެ. އަދި އެކުދިންނަށް ކީރިތި އެ ޤުރުއާން ކިޔަވައިދިނުމެވ.ެއަދި އެކުދިންނަށް ޤރުއާން ދަސްކޮށްދިނުމެވެ. އެކަމުން އެކުދިންގެ ދުހޭނި އެކުދިންގެ ރޫހުތައް މަތިވެރިވެދެއެވެ. އަދި އެކުދިންގެ ހިތްތަކުގައި ﷲ އަށް ބިރުވެތިކަން އުފައްދައެވެ. އަދި ލޮލުން ކަރުނަ އޮހޮރުވައެވެ. އެކުދިންގެ ހިތްތަކުގައި ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވުން އިތުރުވެ ޔަޤީންކަން ރާސިޚްވެއެވެ.