Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the gotmls domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/admin/public_html/heyobas.info/wp-includes/functions.php on line 6121 ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ ވަބާ – heyobas

ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ ވަބާ

 ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުންފަދަ  ނުބައި ކަންތަކުގެ ބިރުވެރިކަން ފެތުރެމުންނެވެ. ވޭތުވެ ދިޔަ ދިގުޒަނާނުންފަށައިގެންވެސް  އާބާދީގެ ބޮޑުބައެއްކަމުގަވާ ޒުވާނުންނާއި ކުޑަކުދިން ދީނާ ދުރުވެ ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރުންވަނީ އާންމުވެފައެވެ.  ނެތިނުބައިކިޔުމާއި  ޒުވާބުކުރުމާއި މީހުންނަށް މަލާމާތްކޮށް  ހަޑިހުތުރު ބަހުން މީހުންނާއި މުއާމަލާތުކުރުން މިއަދު ވަނީ އާންމުވެފައެވެ.  އާއިލީ ގުޅުންތައް ކެނޑުމާއި އިޖްތިމާޢީ ގުޅުންތައް ކުޑަވެ، ރައްފުށުގައި އަނދިރިކަން ފެތުރެނީއެވެ. ޤައުމުގެ ތަރައްގީއަށް އެޅިފައިވާ ހިޔަންޏެއްކަމުގައި މަސްތުވާތަކެތިވެއްޖެއެވެ. ވަބާގެ ނުރައްކާތެރިކަން ޅަޒުވާން ޖީލަށާ ކުޑަކުދިންނަށް ވަނީ ފޯރާފައެވެ. މަސްތުވާތަކެތީގެ އަސަރު ކޮންމެވެސް ސިފައެއްގައި ނުކުރާ އާއިލާއެއްމަދެވެ.

1977 ވަނަ އަހަރު ފަތުރުވެރީންގެ ގޮތުގައި އައި ހިޕީންގެ ފަރާތުން މަސްތުވާތަކެތި ތަޢާރަފުވެފައިވާއިރު މިއަދު މިވަނީ އޭގެފަހުން 34 އަހަރުވެފައެވެ. އޭގެފަހުން އަހަރަކަށްވުރެ އަހަރެއް މަސްތުވާތަކެތި އައީ ތަޢާރަފުވެ ގިނަވަމުންނެވެ. މިގޮތުން 1980 ވަނަ އަހަރު މަސްތުވާތަކެތި އިތުރަށް އާންމުވިއެވެ. ތަފާތު ބާވަތްތަކުގެ މަސްތުވާތަކެތި ރާއްޖެއަށް ތަޢާރަފްވަމުން އައިސް 1993ވަނަ އަހަރު މަސްތުވާތަކެތީގެ ތެރޭން ބާރުގަދަ ބާވަތެއްކަމަށްވާ ހެރޮއިން ތާރަފްވިއެވެ. ހެރޮއިންއަކީ ބާރުގަދަ އަދި އެއްފަހަރު ބޭނުންކުރާއިރަށްވެސް އެޑިކްޓްވާ އެއްޗެކެވެ. އަދި މިހާރު ރާއްޖޭގައި ތަފާތުވައްތަރުތަކުގެ މަސްތުވާތަކެތި މިއަދު މިވަނީ އާންމުވެފައެވެ. އޭގެތެރޭގައި ބުރައުން ޝުގާރ، ހަޝިޝް އޮއިލް، ހެރޯއިން ހިމެނެއެވެ.( މައުލޫމާތު ނަގާފައިވަނީ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ނެރެފައިވާ ފޮތްތަކުން)

     ގައުމީފެންވަރުގައި މިކަމާދެކޮޅަށް އެދެވޭގޮތެއްގައި މަސައްކަތްކުރެވިފަނުވާއިރު، އަތޮޅުފެންވަރުގައާ، ރަށުފެންވަރުގަ އަދި ފަރުދީގޮތެއްގައި މަސައްކަތްކުރެވިފައިނެތެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް  މަދުންނަމަވެސް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުން ނުދާކަމުގެ ހެއްކަކީ ވަބާ ފެތުރެމުންދާ ބާރުމިނާ، މަސްތުވާތަކެތިގެ ވިޔަފާރި ފުޅާކުރެވިފައިވާ މިންވަރެވެ.

މަސްތުވާތަކެތީގެ ނުބައި ވަބާއަކީ ހަގީގަތުގައި ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ޝައްކެތްނެތެވެ. ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅަކީ ޙައްޤުތެދެވެ. މަސްތުވާތަކެތީގެ ސަބަބުން ޤައުމުގައި ތަފާތު ކުށްތަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ބޮޑެތި ކުށްތައްކުރާ ފަރާތްތަކުގެ ރެކޯޑްތަކަށް ބަލާއިރު އެފަދަ ކޮންމެ މީހަކީ ހަމަ މަސްތުވާތަކެތީގެ ޝިކާރަޔަކަށްވެފައިވާ މީހެކެވެ.  އާންމުކޮށް މާރާމާރި ހިންގާފަރާރްތަކަށް ބަލާއިރު އެފަދަ ފަރާތްތަކުން މާރާމާރި ހިންގަނީ މަސްތުވެގެންތިބެކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ފޭރުމާއި ރޭޕުކުރުންފަދަ އަމަލުތަކާއި އެހެނިހެން ކުއްތަށްވެސް ގިނަފަހަރަށް ކުރަނީ މަސްތުވެގެންވާ ހާލުގައެވެ.

މަސަތުވާތަކެތީގެ ވަބާ ޤައުމުގައި އާންމުވެފައިވާއިރު މިކަން ހުއްޓުވުމަށް ބުރަމަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ. ރާއްޖޭގައި މިވަބާ އާންމުވެފައިވާވަރުން ވަބާ ހުއްޓުވަމަކީ އުނދަގޫކަމެކެވެ. އަދި ރާއްޖޭގައި މިވަބާފެތުރުން ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ގޮތަށް މަސައްކަތްކޮށްގެން މި ވަބާފެތުރުން ނުހުއްޓުވޭނޭކަން ޔަގީނެވެ.

މަސްތުވާތެކެތީގެ މައްސަލަތަކަކީ މުޅި ދުނިޔޭގައިވެސް އޭގެ ނުރަށްކަލާއި ބިރުވެރިކަން ފެތުރިފައިވާ ނުބައި އަމަލެކެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ދުނިޔޭގެ ގިނަޤައުމުތަކާއި ގިނަ ޖަމާއަތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަމަ އެކަމަށްޓަކައި އަހަރަކު އެތަކެއް މިލިއަން ޑޮލަރު ދަނީ ހަރަދުކުރަމުންނެވެ. ބައެއްޤައުމުތަކުގައި މަރުގެ އަދަބާއި އަދި ޖަލުބަންދުގައި ބޭތިއްބުމާއި ތަފާތު އެތަކެއް އަދަބުތަކެއްދެއެވެ.  އެހެންނަމަވެސް އެދެވޭ ހައްލެއް ލިބެމުންދާ މަންޒަރު ފެންނަމުން ނުދެއެވެ. އެހެނީ ﷲ ކަމެއް ހަރާމްކުރަށްވާ އެފަދަ ފާފަތަކުން ސަލާމަތްވުމަށް އަންގަވާ ސަލާމަތްވާނެ މަގުވަނީ ދަށްކަވާފައެވެ. އަދި އެފާފަތަށް ކުރާ މީހުންނަށް އިސްލާމީ ޝަރީއާތުގެ ނިޒާމްގެ ތެރޭން އަދަބުތަކެއް ކަނޑައެޅުއްވިއެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ނިޒާމާއި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ޙިލާފަށް ކިތޭބޮޑު ހޭދައެއްކޮށް އެތަކެއް މިލިއަން ޑޮލަރު  ހޭދަކުރިކަމުގައި ވިޔަސް މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްނުކުރެވޭނެއެވެ.

ޤައުމުގައި ބޮޑުވެފައިމިވާ މަސްތުވާތަކެތީގެ  މައްސަލަތަކުން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް އުފެއްދުމަށްޓަކައި އެންމެން ގުޅިގެން ވަރަށް ބުރަމަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ.  އެންމެހާ ރައްޔިތުންނަކީ ﷲ އާއި ރަސޫލާ އެންގެވި މަގުގައި ސާބިތުވާބަޔަކަށް ވާންޖެހެއެވެ. ރާ ޙަރާމް ކުރެއްވިކަމުގެ އަމުރު އަޑުއިވުމުން ރަލަށް ދެވިހިފާފައި ތިބި  އަރަބީން ރަލާއި ދުރުވިފަދައިން  ދުރުވެވޭފަދަ އީމާންކަމެއް ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. ﷲ ގެ އާޔަތްތަކާއި ރަސޫލާގެ ސުންނަތްތަކާއި އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާންޖެހެއެވެ. މި ބަޔާންކުރެވުނުފަދަ ބަޔަކަށް ދިވެހި ޤައުމުގެ ރަށްޔިތުންވެއްޖެނަމަ އިސްލާމީ ޝަރީއަތުގެ ނިޒާމް ޤާއިމްކޮށް ތަންފީޒުކުރެވޭނެއެވެ.  އޭރުން އިންޝާﷲ ދިވެހި ޤައުމާއި ރަށްޔިތުންނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ބަޔަކަށް ވާނޭކަމީ ހަމަ ޔަގީންކަމެކެވެ.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

އަލުން ދިރުއްވުން( 1ވަނަ ބައި)

Next Article

އިބުނު އުޘައިމީން ރަޙިމަހުﷲ ގެކޮޅު

Related Posts