ދުނިޔެވީ ޙަޔާތުގެ ޙަޤީޤަތް
ނިދުމާއި ހޭލެވުމާއި އަޅާކިޔާލެވޭ ފަދައިން މަރުވުމާއި އަލުން ދިރުއްވުން އަޅުގަނޑުމެންނަށް އަޅާކިޔާލެވިދާނެއެވެ. މިގޮތުން ނިންޖަކީ، ހޭލާހުންނައިރު، ހަށިގަނޑުގައިވާ ފުރާނަ، ހަށިގަނޑު ދޫކޮށްދިއުމެވެ. އަނެއްކޮޅުން ބަލާއިރު، ހުވަފެނުގައި، ފުރާނައަށް ބޭނުންވާނީ، މުޅިން ތަފާތު ހަށިގަނޑެކެވެ. ހަމައެއާއިއެކު، މިޙާލުގައި، މުޅިން ތަފާތު އެކުލެވުންތަކެއް ފުރާނައަށް ލިބެންފަށައެވެ. ހުވަފެން ފެންނަ ވަގުތުގައި، މިއީ ހުވަފެނެއް ކަމެއް އަޅުގަނޑުމެންނަކަށް، ވަކިކޮށް ދެނެއެއް ނުގަނެއެވެ. ބިރުވެރިކަމާއި، ހިތާމަ އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެއެވެ. ކަންކަމާ ގަޔާވުމާއި، އުފާވުމުގެ ތަޖުރިބާ ކުރެވެއެވެ. ހުވަފެން ތަކުގައި، އަޅުގަނޑުމެންނަށް ދިމާވާ ކަންތައްތަކަކީ ޙަޤީޤަތް ކަމަށް ކަށަވަރުކޮށް، ހޭލާހުންނައިރުވެސް، ކަންކަމަށްދޭ އިޖާބަތައް، ހުވަފެނުގައިވެސް ދެވެއެވެ. الزمر 42ވަނަ އާޔަތުގެ މާނައަކީ: ” ނަފްސުތައް މަރުވާހިނދު، އެނަފްސުތަކުގެ ފުރާނަތަކާއި، މަރުވެ ނިދާވަގުތުގައި ނިދާ މީހުންގެފުރާނަތައް ހިއްޕަވަނީ ﷲއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫން މީހުންގެ ފުރާނަ ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއް ވާކަންކަށަވަރެވެ.”
އިންސާނާގެ ފެށުމަކީ މަރެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އިންސާނާގެ އަޞްލު ފެށިގެން އައީ، އޭގައި އެއްވެސް ދިރުމެއްނެތް، ފެނާއި ވެލިފަދަ މާއްދާ ތަކަކުންނެވެ. އެއަށްފަހު، ދިރުމެއްނުވާ މިމާއްދާގެ މިންވަރަކަށް ﷲ ދިރުންދެއްވިއެވެ. އާދެ! ޚަލްޤު ކުރައްވާ ސޫރަކުރެއްވިއެވެ. މިއީ ފުރަތަމަ މަރާއި އެމަރުގެ ފުރަތަމަ ދިރުމެވެ. މިދިރުމަށްފަހު، ދުވަސްކޮޅެއް ފަހުން، އިންސާނާގެ ޙަޔާތްނިމި، މަރުވެއެވެ. ފުރަތަމަ ފިޔަވައްސެކޭ އެއްފަދައިން، މިމަރާއިއެކު އެއްވެސް އަގެއްނެތް އެއްޗެއްގެ ގޮތުގައި، އޭނާ، ވެއްޔަށް އެނބުރިދެއެވެ. މަރުގެ ޙާލަތަށް ބަދަލުވާ ދެވަނަ މަރުޙަލާއަކީ މިއެވެ. ދެވަނަ އަދި އެންމެ ފަހުގެ ދިރުމަކީ، ޤިޔާމަތް ދުވަހު ކުރިމަތިވާ ކަންތަކެވެ. البقرة 28ގެ ވަނައާޔަތުގެ މާނައަކީ ” ތިޔަބައި މީހުން މަރުވެފައިވާ ބައެއްގެ ގޮތުގައި ތިއްބައި، ފަހެ، އެކަލާނގެ ތިޔަބައި މީހުން (އުފައްދަވާ) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައި މީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެއެވެ. ދެން (ޤިޔާމަތް ދުވަހުން) ތިޔަބައި މީހުން ދިރުއްވާނެއެވެ. ދެން އެކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނެތެވެ.”
ހުވަފެނާ އަޅާބަލާއިރު، ދުނިޔޭގެ ދިރިއުޅުން ތަފާތުވާ ބީދައިން، މިދުނިޔޭގެ ދިރިއުޅުމާއި އުޚްރަވީ ޙަޔާތާއި ތަފާތުކަމެކެވެ. މިޙަޔާތާ އަޅާބަލާއިރު، ހުވަފެނުގެ ދުނިޔެއަކީ، ކުރުއެއްޗެއް ކަމަށްވާ ބީދައިން، އުޚްރަވީ ޙަޔާތަށްވުރެން ދުނިޔެވީ ޙަޔާތްވެސް ކުރެވެ. މިދުނިޔޭގައި އެތައް އަހަރެއް ވަންދެން ދިރިއުޅުނު މީހަކީ، ޤިޔާމަތުގެ ވަގުތުގެ މަފްހޫމުން ބަލާކަމުގައިވާނަމަ، ވަރަށްކުޑަ ހިނދުކޮޅަކު ދިރިހުރި މީހެކެވެ. ހަށިގަނޑުގެ ސޫރަ، ކުއްލިއަކަށް ގެއްލި، ފުރާނައަށް އާ ވަހުމުތައް ފެންނަން ފެށުމުން، ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، މީހާ މަރުވުމުން، އެމީހާގެ ލޮލުގައި އެޅިފައިވާ ފަރުދާ ކަހާލެވުމުން، ކުރިން ހީކުރެވިފައިވާ ގޮތަށް، މަރަކީ އަދި ނިމުން ނޫންކަން އޭނާއަށް އެނގިގެންދެއެވެ. މިކަން ޤުރުއާނުގައި ބަޔާން ކުރައްވަނީ މިފަދައިންނެވެ. ކީރިތި ގުރުއާނުގައި ވަހީކުރަށްވާފައިވާ އާޔަތުގެ މާނައަކީ “އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި، އަންނަ ހުއްޓެވެ. އެއީ ތިބާ އެއަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ. (އަލުން ދިރުއްވުމަށް) ތާޅަފިލި ފުމެލެއްވޭނެތެވެ. އެއީ (ކާފިރުންނަށް ޢަޛާބުގެ) ވަޢީދު އަންނަ ދުވަހެވެ. އަދި ( އެދުވަހު) ކޮންމެ ނަފްސެއް ( މަޚްޝަރު ބިމަށް) އަންނަހުށީ، އޭނާއާ އެކުގައި ލަވައި ގެންދާނޭ މަލާއިކަތަކާއި، ހެއްކަކުވާ ޙާލިގައެވެ. ހަމަކަށަވަރުން ތިބާ މިކަންތައްތަކާއި މެދު ޣާފިލު ކަމެއްގައި ވީމުއެވެ. ފަހެ، ތިމަރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވިމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ.” ( ق 19 20 21(22
ދިރިހުރުމާއި މަރު ލެއްވުމުގެ ޙިކުމަތް
އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވިފައި މިތިބީ އިމްތިޙާނެއް ކުރެއްވުމުގެ ގޮތުންނެވެ. ދިރިހުރުމާ މުރުވެދިއުން ﷲ ޞުބުޙާނަޙޫ ވަތަޢާލާ އިންސާނުންގެ މައްޗަށް މިންވަރު ކުރައްވާފައިވުމުގެ ޙިކުމަތަކީވެސް އެއީއެވެ. ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީކުރެއްވިއެވެ. ﷲ ވަހީކުރައްވާފައިވާ އާޔަތުގެ މާނައަކީ ” އެކަލާނގެ ޔަދުޤުދުރަތް ފުޅުގައި ހުރިހާ ބާރަކާއި މުލްކު ވެރިކަން ލިބިވޮޑިގެންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ ހުރިހާކަމަކަށް ކުޅަދުންވަންތައް ރަސްކަލާނގެއެވެ. އެކަލާނގެއީ ތިޔަބަމީހުންގެ ތެރެއިން އެންމެ ރަނގަޅީ ޢަމަލުތައް ކުރަނީ ކޮންބައެއްކަން އިމްތިޙާނު ކުރެއްވުމަށްޓަކާ މަރާއި ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ.” (الملك 1 2 )
އިސްވެދިޔަ އާޔަތުގައި ދިރިހުރުމުގެ ވާހަކައަށްވުރެ ކުރިން މަރުގެ ވާހަކަ ގެންނަވާފައިވުމުގެ ޙިކުމަތަކީ ކޮބައިތޯއެވެ؟ މަރުވަނީ ދިރިހުރުމުގެ ފުރުޞަތު، ލިބުމަށްފަހުއެވެ. ނުވަތަ ނަފްސެއްގައި ފުރާނަ އެޅުއްވުމަށް ފަހުއެވެ. އެހެންނަމަވެސް އެއާޔަތުގައި ގެންނަވާފައިވަނީ މަރުގެވާހަކައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މަރުގެ ވާހަކަ ކުރިން ގެންނަވާފައި ވުމުގެ ޙިކުމަތަކީ މަރުހަދާން ކޮށްދިނުމެވެ. މަރާމެދު ގިނަބަޔަކު ޣާފިލުވެފައި ތިބޭތީ އެޣާފިލުކަމުން އެމީހުން ހޭލައްވާލުމެވެ.
މަރުވުމަކީ ނިމުމެއް ނޫން
މަރަކީ ނުވަތަ މަރުވުމަކީ ނިމުމެއް ނޫނެވެ. އެއީ ފެށުމެކެވެ. އެއީ އެއްޙާލަތުން އަނެއް ޙާލަތަށް އެއް ގެއިން އަނެއް ގެއަށް ބަދަލުވުމެވެ. ދުނިޔޭގެ ގޯތިން އާޚިރަތުގެ ގޮއްޗަށް ބަދަލުވުމެވެ. ޢަމަލުތައް ކޮށްއުޅުމުގެ މައިދާން ދޫކޮށް ޖަޒާދެއްވުމުގެ މައިދާނަށް ބަދަލުވުމެވެ. ފަނާވެދަނިވި ދުނިޔޭގެ ވަގުތީ ޙަޔާތުން އާޚިރަތުގެ ދާއިމީ ޙަޔާތަށް ބަދަލުވުމެވެ. މަރުވުމަށްފަހު އަހަރުމެންގެ ހަށިތައް ހަލާކުވެ އެހަށިތަކުގައިވާ ކަށިތައްފީވެ ބިމުގެ ވެއްޔާއި އެކުވެ ނެތިދިއުމަށްފަހު ދެވަނަ ފަހަރަށް އެހަށިތައް އުފައްދަވާ ފުރާނަ އަޅުއްވަވާ އާޚިރަތް ދުވަހުގެ ދަރުބާރަށް ޙާޟިރު ކުރެވޭނެކަމީ ކީރިތި ޤުރުއާނާ މާތް ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވާ ކަންތައްތަކެވެ. އެއީ ޙައްޤު ތެދު ބަސްފުޅުތަކެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރެއްވާފައިވާ އާޔަތުގެ މާނައީ:” މަށީގެ ސުލާލަތަކުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ އުފެއްދެވީމެވެ. ދެން އެއަސްފަހު ރައްކާތެރި ކުރެވިގެންވާ ތަނެއްގައި (ރަޙިމު) ނުޠުފާއެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއިންސާނާ ލެއްވިމެވެ. ދެން އެއަށްފަހު ގަނޑު ލޭކޮޅެއް ކަމުގައި ތިމަންރަސްކަލާނގެ އެނުޠުފާ ލެއްވިމެވެ.، ދެން ކުޑަކުޑަ މަސްކޮޅެއްގެ ސިފަ އެގަނޑު ލޭކޮޅަށް ތިމަންރަސްކަލާންގެ ގެންނެވީމެވެ. ދެން އެމަސްކޮޅުގައި ތިމަންރަސްކަލާނގެ ކަށި ލައްވައި ހެއްދެވީމެވެ. ދެން އެއަށްފަހު އެހެން އުފެއްދެއްވުމަކުން (ފުރާނަ އަޅުއްވާ މަޚްލޫޤެއްގެ ޞޫރަ ގެންނަވާ ދުނިޔެއަށް ފޮނުއްވުން) ތިމަންރަސްކަލާންގެ އެއިންސާނާ އުފެއްދެވީމެވެ. ފަހެ އުފެއްދުންތެރިންކުރެ އެންމެ ފުރިހަމަ ގޮތުގައި ތަކެތި އުފައްދަވާ މާތްﷲ ގެ މާތްވަންތަކަމާއި ކުޅަދުންވަންތަކަމެވެ. ދެން އެއަށްފަހު ހަމަކަށަވަރުން ތިޔަބައިމީހުންނީ މަރުވާނޭ ބަޔަކީމުއެވެ. ދެން އެއަށްފަހު، އެބަހީ: ޤިޔާމަތް ދުވަހު ހަމަކަށަވަރުން ތިޔަބައިމީހުން ފުރާނަ އެޅުއްވި އަލުންދިރުމަކަށް ފޮނުއްވޭނެތެވެ.” المؤمنون 12-16
ކީރިތި ޤުރުއާނުގެ މިއާޔަތުގައި ވަރަށް މަތިވެރި ޢިލްމީ ވާހަކަތަކެއް އައިސްފައި ވެއެވެ. މިއާޔަތް ބާވާލެއްވިއިރު ސައިންސުގެ އެއްވެސް ހޯދުމެއް އިންސާނުންނަށް ހޯދިފައެއް ނުވެއެވެ. އިންސާނަކު އުފެދިގެން އަންނަ މަރުޙަލާތައް މިއާޔަތުގައި ވަރަށް ރަގަޅަށް ބަޔާންކުރެވިފައިވެއެވެ. އަދި މިޒަމާނުގެ ސައިންސުވަނީ އެއީ ތެދު ޙަޤީޤަތްކަން ބަޔާން ކޮށްދީފައެވެ. އިންސާނާ ދުނިޔެއަށް އައުމަށްފަހު ތާއަބަދު ދުނިޔޭގައި ނުހުންނަކަމާއި މަރުވާކަން މިއާޔަތްތަކުގައި ބަޔާންކުރެވިފައިވެއެވެ. މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޮލަށް ފެންނަމުންދާ ޙަޤީޤަތްތަކެވެ. މިހުރިހާ ޙަޤީޤަތްތަކެއް ސައިންސުން ޘާބިތުވެ އަޅުގަނޑުމެންގެ އަމިއްލަ ލޯތަކަށް ފެނި ޘާބިތިވި ހިނދު އެންމެ ފަހު އާޔަތުގައި ބާންކުރައްވާފައިވާ ޤިޔާމްތް ދުވަހު ފުރާނަ އަޅުއްވާ އެހެން ޙަޔާތަކަށް އަލުންދިރުއްވާ ފޮނުއްވާނެކަން އޮތްބަސްފުޅަކީ ހަމަޔަޤީނުންވެސް ހިގާނެ ކަމެއްކަން ޤަބޫލު ކުރަންޖެހެއެވެ.
އިންސާނާ މަރުވުމަށްފަހު އެހެން ޙަޔާތެއް އޮތްކަން މާތް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުންވެސް ވަނީ ޘާބިތުވެފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” މާތްﷲ ގަންދީ ހުވައިކޮށްފައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ނިދާފަދައިން ތިޔަބައިމީހުން މަރުވާނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ނިދިން ހޭލާފަދައިން ތިޔަބައިމީހުން ދެވަނަ ފަހަރަށް ފުރާނަ އެޅުއްވި އަލުން ދިރުމަކަށް ފޮނުއްވެވޭނެއެވެ.”
މަރުވުމަށްފަހު ހަށިގަނޑަށް ވާނެގޮތް:
ވަޅުލުމަށްފަހު، ހަށިގަނޑުގެ އެތެރެއާއި ބޭރުގެ ބަހާތައް މެދުވެރިވެ، ތިބާގެ ހަށިގަނޑު ވަރަށް އަވަހަށް ކުނިވާން ފަށާނެއެވެ.ކަށްވަޅުގައި ތިބާ ބޭއްވޭތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އޮކްސިޖަން ނެތުމުގެ ސަބަބުން، އެކި ވަށްތަރު ވަށްތަރުގެ ފަނިފަކުސާތަކާއި ބެކްޓީރިޔާތައް ތިބާގެ ހަށިގަނޑަށް ވެރިވެ، އޭގެ މަސައްކަތްތައް ފައްޓާނެއެވެ. މި ތަކެތިން ބޭރުކުރާ ގޭސްތަކުގެ ސަބަބުން، ތިބާގެ މަރުވެފައިވާ ހަށިގަނޑު ފުއްޕަން ފަށާނެއެވެ. އެގޮތުން ބަނޑު ފުއްޕައި، އޭގެ ޙަޤީޤީ ސިފައާއި ސޫރަ ބަދަލުވެގެންދާނެއެވެ. ޑައިފްރަމްއަށް ގޭސްތަކުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން، އަނގައިންނާއި ނޭފަތުން ލޭ ބޮކިތައް ނުކުންނާނެއެވެ. މި ޚަރާބުވުން އިތުރުވަމުން ދިޔަވަރަކަށް، ހަށިގަނޑުގެ އިސްތަށިތަކާއި، ނިޔަފަތިތަކާއި، ފައިތިލައާއި، އަތްތިލައިގެ މަސްތައް ދޫވެގެން ފައިބަން ފަށާނެއެވެ. ބޭރުފުށުގެ މި ގުނަވަންތަކަށް އަންނަ ބަދަލުތަކާއިއެކު، ފުއްޕާމެޔާއި، ހިތާއި، ހުންކޮށިފަދަ އެތެރޭގެ ގުނަވަންތައްވެސް ކުނިވަމުން ދާނެއެވެ. ހަށިގަނޑަށް އަންނަ ބަދަލު ތަކުގެ ތެރޭގައި، އެންމެ ފަކުރު ގަންނަފަދަ ކަމެއް މެދުވެރިވަނީ ބަނޑަށެވެ. އެގޮތުން، ބަނޑުގެ ހަމަށް، އެތެރޭގެ ޕްރެޝަރު ނުހިފެހެއްޓިގެން، ކުއްލިއަކަށް، ފަޅާގެންދެއެވެ. އަދި މި ފަޅާގެން ދިއުމާއެކު ވަރަށް ނުބައި ވަހެއް އަރާގެން ދެއެވެ. ބޮލުގެ ނާށިގަނޑުން ފެށިގެން، ހަށިގަނޑުގެ އެކި ހިސާބުތަކުގެ މަސްތައް، އެ މަސްތައް ތަތްވެފައިވާ ތަންތަނުން ނެއްޓެއެވެ. ހަމާއި ސޮފްޓު ޓިޝޫތައް މުޅިން ނެތިފަނާވެގެން ދެއެވެ. ސިކުނޑިވެސް ކުނިވެ، މަށީގެ މަންޒަރެއް ގޮތަށް ބަދަލުވެގެން ދެއެވެ. މުޅި ހަށިގަނޑު، ކަށިގަނޑަކަށް ވެއްޖައުމަށް ދާންދެން، މިކަންތައް މިގޮތަށް ކުރިޔަށް ދާނެއެވެ.
ތިބާގެ އަމިއްލަ ނަފްސުކަމުގައި ބަލައިގެން އުޅުނު ތިބާގެ ހަށިގަނޑު، މިފަދަ އެއްވެސް އަގެއްނެތް އިހާނެތި، ދަށުދަރަޖައިގެ ގޮތަކަށް ބަދަލުވެގެން ދެއެވެ. ތިބާ ވަޅުލުމުގެ ކަންތައްތަކުގައި އުޅުނު މީހުން އެމީހުންގެ މަސަތްކަތްތަކައިގެން ކުރިޔަށްދާއިރު، ބިމުގެ ފަނިފަކުސާ ތަކާއި ބެކްޓީރިޔާތައް ތިބާގެ ހަށިގަނޑު ކަމުން ގެންދާނެއެވެ.
ތިބާ ކޮންމެވެސް ޙާދިޘާއެއްގައި މަރުވެ ވަޅުނުލެވި ދޫކޮށްލެވިފައި އޮތްނަމަ، ތިބާއަށް މެދުވެރިވާނީ، ކުރިން މި ދެންނެވި ގޮތައްވުރެވެސް މާ ނިކަމެތި ގޮތެކެވެ. ރޫމް ޓެމްޕަރޭޗަރގައި ގިނަ ދުވަސްތަކެއް ވާންދެން ބޭއްވިފައި އޮތް އެއްގަމު މަސްކޮޅަކަށް ވާ ފަދައިން ތިބާގެ ހަށިގަނޑަށްވެސް ވެގެންދާނެއެވެ. ތިބާގެ ހަށިގަނޑު، ހަމައެކަނި ކަށިކޮޅަކަށް ވާންދެން، ފަނިތައް ތިބާގެ ހަށިގަނޑު ކައި ހުސްކޮށްލާނެއެވެ.އެންމެ ފުރިހަމަގޮތުގައި ހެއްދެވިފައިވާ އިންސާނާ، އެންމެ ނުބައި، އެންމެ ބިރުވެރިގޮތުގައި ނިމިގެންދާ ގޮތަކީ މިއީއެވެ.
އިންސާނާގެ ހަށިގަނޑަށް މިފަދަ ދަށުދަރަޖައިގެ ނިމުމެއް އަންނަނީ ހަމަކަށަވަރުންވެސް ﷲ ގެ އިރާދަފުޅުންނެވެ. އަދި މިކަން މިގޮތައް ހިނގުމުގައި ވަރަށް މުހިންމު މެސެޖެއް އެކުލެވިފައި ވެއެވެ. އެ އިންސާނާގެ އިންތިޒާރުގައިމިވާ މި ބިރުވެރި ނިމުމުގެ ސަބަބުން، އޭނާއަކީ، ހަމައެކަނި ހަށިގަނޑެއް ނޫންކަމާއި، އެކަމަކު ހަށިގަނޑަކުން” ދުލިލެވިފައިވާ” ފުރާނައެއްކަން އޭނާއަށް ވިސްނެންވާނެ އެވެ. އެހެން ޢިބާރާތަކުން ދަންނަވާކަމުގައި ވާނަމަ، ހަށިގަނޑުގެ ބިއްދަށުގައިވެސް އޭނާގެ ވުޖޫދެއް ވާކަން އޭނާއަށް އިނގެންޖެހޭނެއެވެ. މިފަދަ ހައިރާންކުރަނިވި ނިމުމަކާއި، އެ ނިމުމުގައި ހިމެނިފައިވާ ޢިބުރަތްތަކަކީ، އިންސާނާއަށް، އޭނާއަކީ، ހަމައެކަނި މަސްތަކަކާއި ކަށިތަކެއް ނޫންކަން އަންގައިދިނުމަށް ހަމަޖެހިފައިވާ ކަންކަމެވެ.
މި ވަގުތީ ދުނިޔޭގައި ތާއަބަދު ދިރިހުރެވޭނެއޭ ހިތައި، އިންސާނާ އެހާ ބޮޑު ސަމާލުކަމެއް ދޭ މި ހަށިގަނޑާމެދު ފިކުރު ހިންގައި، އޭގެ ނިމުމާމެދު ފުންކޮށް ނަޒަރު ހިންގަންޖެހޭނެއެވެ. އެހެނީ، މި ހަށިގަނޑަކީ، ވެލީގެ ތެރޭގައި ކުނިވެ، ފަނިފަކުސާތައް އެކައި، އެންމެފަހުން ހަމައެކަނި ކަށިކޮޅުތަކަކަށް ބަދަލުވެގެންދާ އެއްޗެކެވެ.