ލޭހަދިޔާކުރުމުގެ މުހިންމުކަން

ފުރިހަމަ ޞިއްހަތަކީ ކިހާވަރެއްގެ ބޮޑު ނިޢުމަތެއްކަން  ވަޒަންކުރެވޭނީ ހަމައެކަނި ބަލިމީހަކަަށެވެ. ﷲ ގެ ހެޔޮރަޙްމަތްފުުޅުން އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި އުޅެމުންދާއިރު، އެކިއެކި ބަލިތަށް ތަޙައްމަލު ކުރަމުންދާ އެތައްބަޔަކު އަޅުގަނޑުމެންގެ  ތެރޭގައި އުޅޭކަން އެއްވެސް ޙާލެއްގައި ހަނދާން ނައްތާލައިގެން ނުވާނެއެވެ. މުޖުތަމައުގެ  އެންމެ ފަރުދަކަށްނަމަވެސް  ލިބޭ ވޭނާއި ކެކުޅުމަކީ، މުޖުތަމައުގެ އެންމެން އެކަމުގައި ޙިއްސާކުރަންޖެހޭނެ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އުގަންނަވައި ދެނީ މިރިވެތި އަޙްލާގެވެ. އުންމަތަށް ހިދާޔަތު ދެއްވުމަށް ﷲ ފޮނުއްވި މާތް ނަބިއްޔާގެ މި ޙަދީޡްފުޅާއި މެދު އަޅުގަނޑުމެން ނިކަން ވިސްނާލަމާތޯއެވެ.

މާނައީ: “ އެއްބަޔަކު އަނެއްބަޔަކަށް  ލޯބިކުރުމާއި އޯގާވެރިވުމާއި ކުލުނުވެރިވުމުގައި މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއްގައި  ވޭން އަޅާނަމަ މުޅި ހަށިގަނޑު، ހޭލާހުރުމާއި ހުން އައުމުގައި އެ ގުނަވަނާއި ބައިވެރިވެއެވެ.“

ތިމާ ދިރިއުޅޭ މުޖުތަމަޢުއަކީ އުފާވެރި މުޖުތަމަޢުއަކަށް ހެދުމަށްޓަކައި މުޖުތަމަޢުގެ އެންމެހައި ފަރުދުންނަކީ ފުރިހަމަ ޞިއްހަތެއްގައި އުޅޭ ދުޅަހެޔޮ ބަޔަކަށްވުން ވަރަށްވެސް މުހިންމެވެ. މި މުހިންމު މަޤުސަދު ޙާޞިލްކުރެވޭނީ  އެމުޖުތަމަޢުއެއްގައި އުޅެމުންދާ އެންމެން ގުޅިގެން އެއްބާރުލައިގެން އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ. މުޖުތަމަޢުގައި އުޅޭ ބަލިމީހުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނާ އަޅާލައިގެންނެވެ.  އެބައިމީހުންގެ މުހުތާދުތައް ވެވުނު ވަރަކުން ފުއްދައިދީގެންނެވެ.

މުއުމިނަކަށް ދުނިޔެމަތީގައި ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްކޮށްދިން މީހަކު، ޤިޔާމަތް ދުވަހުގެ މުޞީބާތަކުން މާތް ﷲ މިންޖުކުރަށްވާނޭ ކަމުގައި ރަސޫލާ ހަދީޡްކުރަށްފާއިވެއެވެ.  “ ގިޔާމަތް ދުވަހުގެ މުޞީބާތަކުން މިންޖުވާން ނޭދޭނީ އަޅުގަނޑުމެންގެ ތެރޭން ފަހެ ކާކުބާވައެވެ. އެދުވަހަކީ އެއްވެސް މީހަކު  ދެވަނަ މީހަކާއި އަޅައި ލާނޭވަރުގެ ހޭވެރިކަމެއް ނުވާނޭ ދުވަހެވެ.“

ކަން މިހެން އޮތްއިރު  އޮޕަރޭޝަން ކުރަންޖެހިގެންނާއި ތަފާތު  އެކިއެކި ޙާދިސާތައް މެދުވެރިވެގެން  ލޭއަޅަން ޖެހޭ މީހުންނާއި ޢާންމުކޮށްވެސް ލޭއަޅަންޖެހޭ ބަލި މީހުންނާއި މިފަދަ އެތައް ބަޔަކު މުޖުތަމައުގެ ތެރޭގައި އެބަތިބިކަން އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިއިން ފަރާތަކަށް އަޅުގަނޑުމެން ހަދިޔާކޮށްލާ އެންމެ ލޭތިއްކަކީ އޭނާގެ ފުރާނަ ސަލާމަތްވުމަށް މެދުވެރިވާ ސަބަބެއް ކަމުގައިވެސް ވެދާނެއެވެ. ކީރިތި ޤުރުޢާނުގެ  އަލް މާއިދާތު ސޫރަތުގެ  32 ވަނަ އާޔަތުން ދޭހަވާގޮތުގައި ، މީހަކު މަރުން  ސަލާމަތްކޮށްދިން މީހާ، ދުނިޔޭގައިވާ އެންމެހާ މީސްތަކުން ދިރުއްވުންފަދައެވެ. މިއީ ކިހާ ސަވާބަކާއި ދަރުމައެއް ހުރިމަކެއްތޯއެވެ.

ލޭ ދިނުމަކީ އެއްވެސް ހާލެއްގައި ހަށިގަނޑަށް އެއްވެސް ގެއްލުމެއް  ހުރި ކަމެއް ނޫނެވެ. އަދި އެކަމުން ހުރި ނުރަށްކަލެއްވެސުް ނެތެވެ. އޭގެ ބަދަލުގައި ލޭ ދިނުމަކީ ޞިއްހަތަށް ނުހަނު ފައިދާހުރި ކަމެއްމެއެވެ. ޞިއްޙަތު  ސަލާމަތުންހުރި މިހެއްނަމަ ލޭ ދޭތާ ހަފްތާއެއްގެ ތެރޭގައި  އޭނާގެ ގައިން އުނިވި ލޭ ހަށިގަނޑުން އުފައްދައިދޭނެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގެ ލޭ ތާޒާވެ ޞިއްޙަތައް ލިބިގެންދާ އާރޯކަމުގެ އިތުރުން ، ފުރާނަ ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެވުނީތީ ލިބޭ ހިތްހަމަޖެހުމާއި އުފަލަކީވެސް ވަކި ކުޑަ ކަމެއްނޫނެވެ.

މިއީ ޑރ އަބުދުލް މަޖީދު ޢަބްދުލް ބާރީ 17 ޖޫން 2011 ގައި ހިދާޔަތުގެ އަލީގައި ލިޔުއްވާފާއިވާ ލިއުމެކެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު މުހިންމު ލިއުމަކަށްވީތީ ހެޔޮބަސްގެ ކިޔުންތެރިންނާއި ހިއްސާކޮށްލަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަރުވުން

Next Article

މުއުމިން ޖިންނީންގެ ފަރާތުން އެހީ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

Related Posts