އެކަނިވެރިކަމުގެ އިންތިހާ

 ކައިވެނި ކުރަނީ ވަރަށް ފޮނި އުންމީދަކާ އެކީގަ އެވެ. ލިބުނު ބައިވެރިޔާ އެއީ، ތިމާ އަށް ލިބޭނެ އެންމެ ރަނގަޅު މީހާ ކަމަށް ދެކިގެން، އެކުގައި އުމުރަށް އުޅުމުގެ އުންމީދުގަ އެވެ. ދޭ ލޯބީގެ ބަދަލުގައި ލޯބި ލިބޭނެ ކަމުގެ އުންމީދުގަ ވެސް މެ އެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އެހެންނަމަވެސް، ކައިވެންޏަށް ފަސް މަސް ނުފުރެނީސް އަހަންނަށް އާ ފިލާވަޅެއް ދަސްވި އެވެ. އެއީ، އެއް އިންސާނަކަށް އަނެއް އިންސާނަކު ދަސްނުވާނެ ކަމެވެ. ކިތަންމެ ދުވަހެއް ވަންދެން ދަސްކުރަން އުޅުނު ނަމަވެސް އެ ކަމެއް ނުވާނެ އެވެ. ރައްޓެހިވެގެން އުޅޭއިރު، ދެ މީހުން ވެސް އައިބުތައް ފޮރުވާނެތީ އެވެ.

ޓީވީއިން އަންނަ ހިންދީ ޑްރާމާތަކަކީ މަގޭ ބަލިފަ އެވެ. އަހަރެން ހުރީ އެ އަށް ދެވިހިފާފަ އެވެ. އިހުސާން އަށް އެ ކަމެއް ނޭނގޭނެ އެވެ. އަންގަން އަހަރެން ބޭނުން ވެސް ނުވީ އެވެ. ގިނަ ފިރިހެނުން ގަޔާނުވާނެ ސިފައެއްކަން އެނގޭތީ އެވެ. އެކަމަކު، އަހަރެންގެ ކިބައިގައި ހަރުލާފައިހުރި އެ އާދައިގެ ސަބަބުން، ކައިވެނީގެ ނާޒުކު ގުޅުމަށް ބުރޫއަރާކަން އަހަންނަށް އެނގުނު ދުވަހު، ޓީވީގެ ސުވިޗު އަހަރެން ނިއްވާލީމެވެ. ކައިވެންޏަށްޓަކާ އެވެ. ދުވަސްކޮޅެއް ވަންދެން އަހަރެން ވަރަށް އެކަނިވި އެވެ. ފޫހިވި އެވެ. ހިތްވަރުކޮށްލުމުން، އެއާ ނުލާ އުޅެން އަހަރެން އާދަވި އެވެ.

ލިބުނު ކާމިޔާބަށްޓަކައި އުފާކުރަން އަހަރެން މި އޮތީ އެނދުގަ އެވެ. އެކަނިމާ އެކަންޏެވެ. ގަޑިން ދަންވަރު ދޭއްޖަހަނީ އެވެ. އިހުސާން އިނީ ސިޓިންރޫމްގަ އެވެ. ފުޓުބޯޅަ ބަލާށެވެ. އޭނަ ސަޕޯޓުކުރަނީ މެންޗެސްޓަރ ޔުނައިޓަޑަށެވެ. އެހެންނަމަވެސް، އަބަދު ވެސް ދައްކަނީ، ކޮންމެހެން އޭނަ ބަލަންޖެހޭ މެޗެކެވެ. ބައެއް ރޭރޭ، ހެނދުނު ވާއިރު ވެސް އޭނަ އިންނާނީ ޓީވީ ކައިރީގަ އެވެ. އަހަރެން އެކަނިވާ ވާހަކަ އިހުސާން ގާތުގަ ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން އެދޭ ގޮތަކީ، ނުބުނަނީސް އޭނަ އަށް ފެންނާށެވެ. އަހަރެން ވެސް ކަންތައް ކުރީ އެހެންނެވެ. ބުނެކިޔާ އާދޭސްކޮށްގެން ކަންތައް ކުރުމަކީ، ފަހުން އެ ޝަކުވާ ފެންމަތިވާ ކަމެކެވެ. އަހަރުމެން ދެމީހުން އެކަކުއަނެކަކު ދެކެ ލޯބިވީ، އަމިއްލަ އިޚުތިޔާރުންނެވެ. ކައިވެންޏަށް ފަހުގައި ވެސް އެ ކަން އޮންނަންޖެހޭނީ އެހެންނެވެ.

ބޭނުންވާ ހުރިހާ ގޮތަކަށް ކަންތައްތަކެއް ނުވެއެވެ. ވާހަކަފޮތްތަކާއި ފިލްމުތަކުން ފެންނަ ކަހަލަ، ހިތުގެ ވިންދު އަޑުއަހަން އެނގޭ ފިރިންނެއް ނުތިބެއެވެ. އެންމެފަހުން، އަހަރެންގެ އެކަނިވެރިކަމުގެ ވާހަކަ އިހުސާން ގާތުގައި ބުނީމެވެ. އޭނަ ވަރަށް އޯގާތެރި އެވެ. އޭނަ ވަގުތުން ޓީވީ ނިއްވާލާފައި އައެވެ. އެހެންނަމަވެސް، އޭނަ އަކަށް ނުއެއް ނިދުނެވެ. އަހަންނަށް އެ ކަން އެނގުނެވެ. މުނިފޫހިފިލުވަން އަހަރެން އެންމެ ކުރާހިތްވި ކަންތައް، އަހަރެން ޤުރުބާން ކުރީމެވެ. ފިރިމީހާ އަށް އެ ޤުރުބާނީއެއް ނުދެވުނެވެ. ޙަޤީޤަތަކީ އެއީ އެވެ. އަހަރެންނަށްޓަކައި ހަނދާންނައްތާލެވޭ ވަރަށް ވުރެ، ފުޓުބޯޅަ އަށް އޮތް ލޯބި ފިރިމީހާ އަށް ބޮޑީ އެވެ. އެއީ ވެސް ޙަޤީޤަތެވެ. އާނއެކެވެ. ބަދަލުގައި ލޯބި ލިބޭނެކަމަށް ލޯބި ދިނުމަކީ، ރާޅު ފޯރާ ފަށުގައި ދޮންވެލިން ގެ ހެދުން ކަހަލަ ކަމެކެވެ. ބޭކާރު ކަމެކެވެ. އެ ކަން އެ ގޮތަށް ގަބޫލުކުރެވުނު ނަމަވެސް، އުންމީދުކުރުން ހުއްޓާލާކަށް އަހަރެން ބޭނުމެއްނުވި އެވެ.

“އޮފީސް ކަމެއްގަ” އިހުސާން ބިޒީވާންފެށީ ދެނެވެ. އެކަމަކު، އޭނަ ދަނީ އޮފީހަކަށް ނޫނެވެ. އޭނަ އިންނަނީ، އޭނަގެ ބެސްޓު ފްރެންޑު ނާޒިމުގެ ގޭގައި ޓީވީ ބަލާށެވެ. ހިތުގައިޖެހުނީ އަހަންނެވެ. އިހުސާންގެ ގެ ހުރީ، އެންމެ ޒަމާނީ ފެންވަރަށް ހަދާފަ އެވެ. ސިޓިންރޫމްގައި އޭސީ ހުރެއެވެ. ފުޓްބޯޅަ އަށްޓަކައި ގަނެފައިވާ ބޮޑު ޕްލަސްމާ ޓީވީއެއް ވެސް ހުރެއެވެ. އެ ހުރިހާ އެއްޗެއް ދޫކޮށްފައި، އިހުސާން ޖެހުނީ އެކުވެރިއެއްގެ ގޭގައި އިންނާށެވެ. ދިލަ ހޫނުގައި، ކުޑަ ޓީވީއެއް ކައިރީގަ އެވެ. އިހުސާން ހޯދި ފައިސާއިން އިހުސާނަށް ލިބުނު އުފަލަކީ ކޮބައިހެއްޔެވެ؟ އަހަރެންނަށް ވުރެ ނުބައި އަންބެއް ހުންނާނެ ހެއްޔެވެ؟ ދެން އަހަރެން މާ ދެރަވި އެވެ. ހަދާނެ ގޮތް ހުސްވި އެވެ. ހިތަށްއެރި އެވެ. ދަންވަރު އެކެއް ދޭން ޖަހަންދެން ލޯމަތިން ގެއްލިފައި ހުރުމަށް ވުރެ، ކޮންމެ ކަމެއް ކުރިޔަސް ގޭގައި ފިރިމީހާ އިނުން މާ ރަނގަޅެވެ.

“އުހުނ! އެއީ ޙައްލެއް ނޫން!” މަނާރަތު ހިތްހަމަނުޖެހިފައި ބުންޏެވެ. “އިހަށް ބަހައްޓާ! މާ ގިނަ ދުވަހަކު އޭނަ އަކަށް ނީނދެވޭނެ އެ ގެއަކު. މީ މާޗު މަސް. ދެން ހައްތަހާ ވާނީ ހޫނު. ކެތްކޮށްލައިގެން ހޫނު ބޮނޑިބަތް ލިބޭނީ.”

މަނާރަތަކީ އަހަރެންގެ ބެސްޓު ފްރެންޑެވެ. އޭނަ މީހަކާ އިނދެގެން އުޅޭތާ ނުވަ އަހަރު ވެއްޖެ އެވެ. ދެކުދިން އެބަތިއްބެވެ. ހިތަށްއެރި އެވެ. އަހަންނަށް ވުރެ އޭނަގެ ތަޖުރިބާ ބޮޑުވާނެ އެވެ. ކެތްކޮށްލާނީ އެވެ.

މާ ގިނަ ދުވަހެއް ނުވެ، ނާޒިމުގެ ގޭގައި އޭސީ ބަހައްޓައިފި އެވެ. ނާޒިމަކީ އެ ފަދަ ޚަރަދެއް ކުރެވޭނެ މީހެއް ނޫނެވެ. އެ ކަން އަހަންނަށް ކަށަވަރެވެ. ބޮޑު ފަތިޓީވީއެއް އެ ގެ އަށް ގެނެއްސި އެވެ. އެއީ، އިހުސާންގެ އިހުސާންތެރިކަމެވެ. އޮޅުވާލެވޭނީ ކާކަށް ހެއްޔެވެ؟ އަތްމަތި ދަތިވެގެން، އިހުސާން އަތުން ނާޒިމު ދެހާސް ރުފިޔާ ނެގިތާ މަހެއް ނުވެއެވެ. އެހެންނަމަވެސް، އަހަރެންނާ ބެހޭކަމެއް ނޫނެވެ. އިހުސާންގެ ފައިސާ އެވެ. އަނެއްކޮޅުން، އެ ބޭކާރު ޚަރަދު އިހުސާން ކުރަންޖެހުނީ އަހަރެންގެ ސަބަބުންނެވެ. އެ ތުހުމަތު ވެސް އަމިއްލަ އަށް ބޮލުގައި އެޅީމެވެ. ހިތް ބުނި ކަހަލަ އެވެ. ދެން ވެސް ފިރިމީހާ ގެ އަށް ގެންނާށެވެ.

އަހަރެން ފުޓުބޯޅަ ބަލަންފެށީމެވެ. އެ އަށް ވުރެ އަހަރެން ފޫހިވާ ކުޅިވަރެއް ނޯންނާނެ އެވެ. އެހެންނަމަވެސް، އަހަރެންގެ ފިރިމީހާ އަނބުރާ ގެ އަށް ގެނައުމުގެ ބޭނުމުގައި އެ ކަން ކުރަން ފެށީމެވެ. އިހުސާން އަށް އެ ކަން ވެގެންދިޔައީ ވަރަށް ހައިރާންކުރުވަނިވި ކަމަކަށެވެ. ވާނީ ވެސް އެހެންނެވެ. ޓީވީ ހުޅުވައިގެން އަހަރެން އިންނަނީ ނިދާފަ އެވެ.

“ޕޮއް!” އިހުސާން އައިސް ސިއްސާލި އެވެ. “ދުނިޔެ ނިމެންތަ މި އުޅެނީ؟”

“ކީއްތަވީ؟” އަހަރެން ބުނީމެވެ. “ހާދަހާ ރީތި މީހުން ފެނެއޭ. އާދެބަލަ މިތާ އިށީންނަން.”

“އޮފީސް!” އިހުސާން ގަޑިބަލާލާފައި ބުނެލި އެވެ. “އެންމެ ވިހި މިނެއްޓު އޮތީ.”

އިހުސާން ހިތުން އަހަންނަކަށް ނޭނގޭނެ އެވެ. ވީމާ، ވަރަށް ނޭނގިފައި އަހަރެން ވެސް އިނީ އެވެ. އިހުސާން ކުރަން އައި ކަމެއް ކޮށްފައި ނުކުމެގެން ދިޔައީ އެވެ. ވިހި މިނެޓު ފަހުން ފެއްޓުނީ ލައިވް މެޗެކެވެ.

ބައެއް ރޭރޭ، ހަތަރުދަމު ގޭގައި އުޅެނީ އަހަރެން އެކަންޏެވެ. ދުވާލު، އޮފީހުން އައިސް އިހުސާން އޮންނާނީ ނިދާފަ އެވެ. ހޭލާ ހުއްޓާ އަހަރުމެން ދިމާވަނީ، ކާމޭޒު ކައިރިން އެކަންޏެވެ. އެއީ ދިރިއުޅުމެއް ނޫނެވެ. އެއީ ކައިވެންޏެއް ނޫނެވެ. ނަމެއް ދެންޏާ އެ އަށް “ވަޒީފާ” ކިއިދާނެ އެވެ. އަހަންނަކީ، ގޭގައި ގެންގުޅޭ ނޯކަރެކެވެ. ފޮޅާސާފުކުރުމާއި، ކައްކައި ކާންދިނުމާއި، ދޮވެއިސްތިރިކުރުމަކީ އަހަރެންގެ ވަޒީފާ އެވެ. އަހަންނަކީ ބުދެއް ނޫނެވެ. ހިއްސުތައް ސަލާމަތުން ހުރި އިންސާނަކީމެވެ. ގޭގައި ކުރަން ހުންނަ ހުރިހާ ކަމެއް ކޮށްފައި ވެސް، ފޫހިވާނެ ބައިވަރު ވަގުތު އަހަންނަށް ލިބެއެވެ.

އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. ސިކުނޑި އަށް ލުއި ލިބެންފެށި އެވެ. އެ ދަނޑިވަޅުގައި، ރިހޭ ފައި މައްޗަށް ފޮއި ވެސް ވެއްޓުނީ އެވެ. ނާޒިމްގެ އަންހެން ކޮއްކޮ އާއި އިހުސާންގެ ދެމެދުގައި ގުޅުމެއް ހިނގަންފެށި އެވެ. ކަމެއް އެނގެން ވެއްޖެއްޔާ، އެއްވެސް މީހެއްގެ އެހީއާ ނުލާ ވެސް އެ ކަމެއް އެނގޭނެ އެވެ. އަހަންނަށް އައީ ކޯލެކެވެ. އިހުސާންގެ ފޯނުންނެވެ. ޖީބުގައި އޮއްވައި، ނޭނގި ގުޅުނު އެ ކޯލުން، ބޮޑު މަންޒަރު އަހަންނަށް ސާފުވާންފެށި އެވެ. އިހުސާން އެ ގެ އަށް ދިޔައީ ފުޓުބޯޅަ ބަލާށެވެ. އެކަމަކު، އޭނަ އަށް ދަސްވީ އެހެން ކުޅިވަރެކެވެ.

އިހުސާން ގެ އަށް އަންނާނެ ވަގުތަކަށް އަހަރެން އިންތިޒާރުކުރީމެވެ. ހިތަށްއެރި އެވެ. ލަސްވެއްޖެ އެވެ. ވާހަކަދައްކައިގެން، މައްސަލަ އަށް އަވަސް ޙައްލެއް އެބަ ބޭނުންވެ އެވެ. އަހަރެންގެ ފިރިމީހާ އެވެ. އަހަރެންގެ ދިރިއުޅުމެވެ.

“ފަޒޫއާ އިހުސާން ދެއްކި ހުރިހާ ވާހަކައެއް މަށަށް އަޑުއިވިއްޖެ،” އަހަރެން ވަރަށް އޯގާތެރިކޮށް ބުނީމެވެ. “ދެން އެ ގެ އަށް ނުގޮސް މި ގޭގަ ޓީވީ ބަލަން އިންނަންވީނު.”

“އަހަރެން ވެސް ކޮންމެހެން ބޭނުމެއް ނޫނޭ އެ ގޭގަ އިންނާކަށް،” އަހުސަން ވެސް ވާހަކަދެއްކީ ވަރަށް އޯގާތެރިކަމާ އެކީގަ އެވެ. “އަހަރެން ބުނަންތަ ވާހަކައެއް. ފަޒޫ އަކީ މަގޭ ފްރެންޑެއް. އަހަރުމެން ދައްކަފާނެ ކޮންމެފަދަ ވާހަކައެއް ވެސް. އެކަމަކު، އަހަރުމެންގެ އޮންނާނެ ބޯޑާލައިނެއް.”

ކިރިޔާ ނުގެއްލޭ ހިސާބުގައި ހުއްޓައި، ފިރިމީހާ އަހަންނަށް ލިބުނެވެ. ގަތް ބިރެއްގެ ބޮޑުކަމުން، ފުޓްބޯޅަ ބެލުމުގެ މިނިވަންކަން އޭނަ އަށް ދިނީމެވެ. ހިތްދަތިކަން މެދުވެރިވުމުން، އެހެން މީހުނަށް ޝަކުވާ ކުރެވެއެވެ. ހިތާމަ އަކީ، އެ ފުރުޞަތު ވެސް އަހަންނަށް ނެތްކަމެވެ. އަހަރެން ބުނާ ހުރިހާ ގޮތެއް އިހުސާން ހަދާނެ އެވެ. އޭގެ ސަބަބުން ދެން ނުކުންނާނީ މުޅިން އެހެން މައްސަލައެކެވެ.

އިހުސާން ސަޕޯޓުކުރާ ކްލަބު ބަލިވެއްޖެއްޔާ އޭނަ ހުންނާނީ މާޔޫސްވެފަ އެވެ. ހުރިހާ ވަގުތެއް އޭނަ ހުސްކުރަނީ ވަޒީފާއަށާއި ފުޓްބޯޅަ ބެލުމަށެވެ. ނިދުމާއި ހޭލާހުރުން ކޮންޓްރޯލުކުރަނީ މުބާރާތްތައް ދައްކާ ގަޑިތަކެވެ. އަހަންނަށް މަޖުބޫރުވީ އަހަރެންގެ ވިސްނުން ބަދަލުކުރުމަށެވެ. އުޅެންޏާ ކެތްކޮށްގެން އުޅޭނީ އެވެ. ކެތްނުކުރެވޭ ހިސާބަށް ދިޔައިމަ ވަކިވާނީ އެވެ. އަހަންނަށް އޮތީ އެ ގޮތެވެ. އެކަނިވެރިކަމުގެ ވާހަކަ އަޑުއަހަމެވެ. އެކަމަކު، މީ އޭގެ އިންތިހާ އެވެ.

ނިމުނީ

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޙަޤީޤީ ޙާދިޘާ: ޞާލިޙު ޒުވާނާއާއި ބިސްކޯދު

Next Article

لاَإِله إلاَالله ކިޔާށެވެ

Related Posts