ފުރާވަރު

ފުރާވަރަށް އަރާ ދުވަސްވަރަކީ  ކުއްޖާގެ ޅަފަތުގެ ދުވަސްވަރަށްފަހު ޒުވާނަކަށް ވުމާ ދެމެދު އަންނަ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މިދުވަސްވަރު ކުދިންގެ ހިތްތަކުގައި ތަފާތު ގިނަގުނަ ސުވާލުތައް އުފެދޭނެއެވެ. މިސާލަކަށް: އަހަންނަކީ ކާކު؟ އަހަރެން ދިރިއުޅުން ހޭދަކުރާނީ ކިހިނެތް؟

“ އަހަރެންނަކީ ކާކު؟“ މި ސުވާލު އަމިއްލަ ނަފްސާ މެދު ކުރަނީ ކުއްޖާ އޭނާގެ  ހަށިގަނޑުގެ ބައްޓަން، ބުރުސޫރަ، އަދި ކުއްޖާގެ ޝަހްޞިއްޔަތާ މެދު ޔަގީންވުމަށެވެ. މިދުވަސްވަރު ކުއްޖާއާއި އޭނާގެ ޢާއިލާއާ ދޭތެރޭ އޮންނަ ގުޅުމަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެނައުމާއި އެކު، އެކުވެރިންގެ ރުހުން ހޯދުމަށް ވަކިން މަސައްކަތް ކުރުމާއެކު ފުރާވަރަށް އަރަމުން އަންނަ މި މަރްޙަލާގައި އެމީހުންގެ އަމިއްލަ ނަފްސުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ހޯދާ ވިސްނާ، ފިކުރުކުރެއެވެ.

އަމިއްލަ ނަފްސުގެ އަގު ވަޒަންކޮށް  އަމިއްލަ ނަފްސާއި މެދު  ފުރިހމަ  ޔަގީން ކަމާއި އިތުބާރު އޮންނަ ކުދިން، މާ ބޮޑު ހާސްކަމަކާއި ނުލާ މިދުވަސްވަރު ހޭދަކޮށްލައެވެ. އެ ނޫން ކުދިން ތަފާތު  ގޮތްގޮތަށް އުޅެއެވެ. މިސާލަކަށް: ހިތް ހަމަނުޖެހިފައި  ތިބުން. އާދަޔާ ޚިލާފަށް ގިނައިން ކެއުން، ރަނގަޅަށް ނުކެވުން،  މިޒާޖު ބަދަލުވުން، ރުޅި ގަދަވުމާއި އެކު ހަރުކަށި މިޒާޖެއް ގެންގުޅުން ހިމެނެއެވެ.

ކުއްޖާ އޭނާގެ ނަފްސާ މެދު ދެކޭގޮތް ބަދަލު ކޮށްލެވިދާނެއެވެ. ތިމާގެ ނަފްސާމެދު ދަށްކޮށް ވާހަކަ ނުދަށްކާ، އަބަދުވެސް އުންމީދާ އެކު ވާހަކަ ދެއްކުމުން އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރެވޭނެއެވެ. މިސާލަކަށް: ”އަހަރެންނަކީ އެހެން މީހުންގެ ރުހުން ލިބޭ ކުއްޖެއް!“ “ އަހަރެން ކުރާ ގިނަ ކަންތައް ކާމިޔާބުކުރެވޭނެއެވެ. މިގޮތަށް ވާހަކަ ދެއްކުން ބަދަލުކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު މިއީ ނުވާނެ ކަމެއްވެސް ނޫނެވެ. ތިމާގެ  އަމިއްލަ ނަފްސާ މެދު ތިމާގެ ޚިޔާލު ފާޅު ކުރާއިރު އެ ޚިޔާލުތަކާއި މެެދު ވިސްނާ، އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ބަދަލުކުރަން ބޭނުންވެއެވެ. އެކަމަށް މަސައްކަތް ކުރަންވާނެއެވެ.

ކުއްޖާ އޭނާގެ އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ބަދަލުކުރުމަށް މައިން ބަފައިން އެހީތެރިވުން.

މިގޮތުން ކުރެވޭނެ ބައެއް ކަންކަމަކީ:

ދަރިފުޅު ކިބައިގައި ހުރި ރަނގަޅު ސިފަތަކީ ކޮބައިކަން ފާހަގަކުރާށެވެ. އޭނާ ކުރާ ކަންތައްތަކުގެ ތެރެއިން މައިންބަފައިން އެންމެ ހިތްހަަ ޖެހޭ ގޮތަށް ކުރަނީ  ކޮންކަމެއްކަން އޭނާ ގާތު ބުނާށެވެ.

އެނާގެ އަމިއްލަ ނަފްސާއި މެދު ދެރަކޮށް ދަށްކާ އުޅެނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ މިކަންކަން  ބަދަލުކުރުމަށް އޭނާއާ އެހީވެދޭށެވެ.  އޭނާގެ ކިބައިގައި ހުރި ހަރުދަނާ ސިފަތަކާއި ކުޅަދާނަ ކަންތައްތައް އޭނާއަށް ކިޔައިދޭށެވެ.

ދަރިފުޅު ދަށްކާ ވާހަކަ ބައެއްފަހަރު ޤަބޫލު ނުވިޔަސް ތިޔައީ ގޯސްކަމެކޭ  ނުބުނެ އެދަށްކާ ވާހަކަ އަޑުއާށެވެ. މިސާލަކަށް: “ އަހަރެން ޓީޗަރާއިމެދު އެހާ ހިތްހަމަ ނުޖެހޭ“ މިހެން ބުނިކަމުގައިވިޔަސް  އޭނާ ޓީޗަރާއި މެދު އިޙްސާސްކުރާ ގޮތާއި ޓީޗަރާއި މެދު ކަންތައްތައް ތަފާތު ވާނެކަން ދަނެ އޭނާގެ އިޙްސާސްތައް ހާމަކުރިޔަ ދޭށެވެ.

ދަރިފުޅު ކުރާ ބައެއް ކަންތައްތަކާ ނުރުހޭ ފަހަރުވެސް ދިމާވާނެއެވެ. އެހެންނަމަވެސް ކުއްޖާއަކީ “ ގޯސް ކުއްޖެކޭ“ ބުނުމުގެ ބަދަލުގައި ”ދަރިފުޅު ތިޔަ ކުރިކަމާއި މެދު ހިތްހަމައެއް ނުޖެހެއޭ “ ބުނެވިދާނެއެވެ.

ސްކޫލް ޙަރަކާތްތަކުގެ އިތުރުން ހުސްވަގުތު ފައިދާހުރި ގޮތުގައި ހޭދަ ކުރުމަށް ކުރެވިދާނޭ ތަފާތު ކަންތައްތަކާއި މެދު ކުއްޖާއާއެކު ޚިޔާލު ބަދަލުކޮށް، އޭނާ ކުރާހިތްވާ ކަމެއް އިޚްތިޔާރުކުރުމަށް އެހީތެރިވެދޭށެވެ.

އިޖްތިމާޢީ ކަންކަމާއި ކުއްޖާ ދުރުހެލިވާނަމަ ހުސްވަގުތުގައި ކުރާނެ ކަމެއް ކަނޑައަޅާށެވެ. ނުވަތަ އާ ހުނަރެއް  ދަސްކޮށް ދެވޭތޯ ބަލާށެވެ.

ދަރިފުޅުގެ މުސްތަޤުބަލާ މެދު ނިންމާ ނިންމުންތައް މައިން ބަފައިން އަމިއްލައަށް ނިންމުމުގެ ބަދަލުގައި ދަރިފުޅު ބައިވެރިކޮށްގެން ނިންމާށެވެ. އަދި މިކަމުގައި ދަރިފުޅަށް ހިތްވަރުވެސް ދޭށެވެ.

މި ފުރާގެ ކުދިން ވަރަށް ގިނަފަހަރަށް ފިލްމީ ތަރިންނާއި  މިއުޒިކް ކުޅުންތެރިންފަދަ މީހުންގެ އެކި ކަންތައްތައް( މިސާލަކަށް: ހެދުން އަޅާ ގޮތާއި އިސްތަށިގަނޑު ބަހައްޓާގޮތް) ނަކަލުކުރެއެވެ. މިގޮތަށް ދަރިފުޅު އުޅެން ފަށައިފިނަމަ ރުޅި އިސް ކުރުމުގެ ބަދަލުގައި  މިކަމާއި އޭނާއާ ވާހަކަ ދަށްކާށެވެ.

ކުއްޖާއަށް ހުރިހާ ކަމެއް އެންމެ ރަނގަޅަކަށް ނުކުރެވޭނެއެވެ. މިކަން ދަނެ މިފަދަ ކަންކަމުގައިވެސް ކުއްޖާއަށް ހިތްވަރުދޭށެވެ. ތިމާ ބޭނުންވާ ގޮތަށް އުޅެން  ތިމާގެ ދަރިފުޅަށް މަޖުބޫރުކުރެވޭނަމަ، އަށަގަންނުވަން ތިޔަ އުޅޭ ސިފަތަށް ތިމާއަށް ލިބިގަނެވުނު ގޮތާއި މެދު ވިސްނާލާށެވެ. ތިމާއަށް އެސިފަތަށް ލިބުނީ މީހަކު މަޖުބޫރުކޮށްގެން ހެއްޔެވެ؟ ނުވަތަ ތިމާއަށް ކަމުދާ މީހެއްގެ ކިބައިގައި ހުރި ސިފަތައް ލިބިގަނެގެން ހެއްޔެވެ؟

ކުއްޖާގެ ޙަޔާތަށް އަންނަ މި ނާޒުކު ދުވަސްވަރު އޭނާ އަށް އެހީތެރިވެދޭށެވެ. މިއީ މުސްތަޤުބަލަށްޓަކާ އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ލިޔުމަކީ އަމާނާތް 5 ގައިވާ ލިއުމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Previous Article

لاَإِله إلاَالله ކިޔާށެވެ

Next Article

ނ.ޅޮހީގެ ހަނގުރާމަ ފަސްގަނޑަކީ ބޮޑު ލޭ އޮހޮރުވުމެއް ހިނގާފައިވާ ސަރަހައްދެއްބާ؟

Related Posts