ޢީދު ދުވަހާ ހުކުރު ދުވަސް ދިމާވުމަކީ މުސްލިމުންނަށް އެމީހުންގެ ދެޢީދު ދުވަސް އެއް ދުވަހަކާ ދިމާވެ، ދެއުފަލުގައި ބައިވެރިވާންޖެހޭ މާތް، ބޮޑު ދުވަހެކެވެ. މިއުފާވެރި ދުވަހުގައި ދެނަމާދުކުރަން އެބަ އޮވެއެވެ. އެއީ ޢީދު ނަމާދާއި ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ފަރުޟު ނަމާދެކެވެ. ހުކުރު އަޅައިފުން ޢުޛުރުވެރިވާ މީހެއް ފިޔަވައެވެ. އެފަދަ މީހަކަށް ވެސް ހުކުރުގެ ބަދަލުގައި މެންދުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. އަދި ހުކުރު ނުލިބިއްޖެ މީހާއަށް ވެސް މެންދުރު ނަމާދު ވާޖިބުވެގެންވާ ކަމުގައި ދީނުގެ ޢިލްމުވެރިން އެއްބަސްވެ އިޖްމާވެ ވަޑައިގަންނަވައެވެ.
ޢިދާދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކަށް ވެއްޖެނަމަ ދެނަމާދު ކުރާނީ ކިހިނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައި ވެއެވެ. ބައެއް ބޭކަލުން ވިދާޅުވެފައި ވަނީ ޢީދު ނަމާދު ކުރުމުން ހުކުރު މަނާދު ނުކޮށް ފުދޭނޭ ކަމަށެވެ. އެމީހަކަށް ދެން އޮންނާނީ މެންދުރު ނަމާދު ކުރުން ކަމަށެވެ. އަދި މެންދުރު ނަމާދުވެސް ޖަމާޢަތުގައި ނުކޮށް ގޭގައި ފުއްދައިލެވިދާނެ ކަމަށެވެ. މިއީ އިމާމު އަޙްމަދާއި ސަލަފުގެ ބައެއް ޢިލްމުވެރިންގެ މަޛްހަބެވެ. އަޞްޙާބުބޭކަލުންގެ ތެރޭގައިވެސް މިރައުޔަށް ބުރަވެވަޑައިގަންނަވާ ބައެއް ބޭކަލުން ތިއްބެވިއެވެ. މިބުނެވުނު ރައުޔާއި ޚިލާފަށް ދީނުގެ ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ ޢީދު ނަމާދާއި ހުކުރު ނަމާދާއި ދެނަމާދުވެސް ކުރަންޖެހޭނެ ކަމަށެވެ. ޢީދު ނަމާދު ސުއްނަތެއްގެ ގޮތުގައެވެ. ހުކުރު ނަމާދު ފަރުޟެއްގެ ގޮތުގައެވެ. އަދި ޢުޛުރަކާހުރެ ހުކުރު ނަމާދު އެޅިއްޖެ މީހާއަށް މެންދުރު ނަމާދު ކުރުން ވާޖިބުވާނެ ކަމަށެވެ.
ބަޔާންވެދިޔަ ރައުޔަކީ އިމާމު އަބޫޙަނީފާއާއި މާލިކާއި ޝާފިޢީއާއި ދީނުގެ ގިނަ ދަންނަބޭކަލުން ބުރަވެވަޑައިގަންނަވާ ރައުޔެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން މަދު ބޭކަލަކު ފިޔަވައި އެހެން ހުރިހާ ބޭކަލުންގެ ވެސް މަޛްހަބަކީ މިއީއެވެ. އަދި ދީނުގެ އުޞޫލުތަކާ ބޮޑަށް ގާތްވަނީވެސް މިރައުޔެވެ. މިމައްސަލައާމެދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ޞައްޙަ ޙަދީޘެއް އައިސްފައި ނުވެއެވެ. އެކަލޭގެފާނުންގެ އަރިހުން ވާރިދުވެފައި އޮންނަ ޙަދީޘު ޟަޢީފު ކަމުގައި ގިނަ މުޙައްދިޘުން ބަޔާންކުރަށްވާފައި ވެއެވެ. އަދި އެރިވާޔަތުން އެނގޭގޮތުގައި ވެސް އިތުރު އެކަލޭގެފާނާއި މަދީނާގައި އެއިރު ތިއްބެވި ޞަޙާބިއްޔަ ބޭކަލުން އެކަލޭގެފާނުގެ އަރިހުގައި ޢީދު ނަމާދު ކުރެއްވުމާއެކު ހުކުރު ނަމާދުވެސް ކުރެއްވިކަން އެނގި ސާބިތުވެއެވެ. މިކަމާމެދު އައިސްފައިއޮތް އެންމެ ޞައްޙަ ރިވާޔަތަކީ މާތް ﷲ ރުއްސުންލެއްވި ޢިޘްމާނުގެފާނުގެ އަރިހުން އައިސްފައިވާ ރިވާޔަތެވެ. އިމާމު މާލިކާއި އިމާމު ޝާފިޢީއާއި އިމާމު ބުޚާރީއާއި އަދިވެސް ވަރަށް މުޙައްދިޘުން ރިވާކުރަށްވާފައިވާ ރިވާޔަތެއްގައި ވެއެވެ. أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا مَالِكٌ عَنْ ابْنِ شِهَابٍ عَنْ أَبِي عُبَيْدٍ قَالَ: شَهِدْتُ الْعِيدَ مَعَ عُثْمَانَ بْنِ عَفَّانَ فَجَاءَ فَصَلَّى ثُمَّ انْصَرَفَ فَخَطَبَ فَقَالَ ” إنَّهُ قَدْ اجْتَمَعَ لَكُمْ فِي يَوْمِكُمْ هَذَا عِيدَانِ فَمَنْ أَحَبَّ أَنْ يَنْتَظِرَ الْجُمُعَةَ مِنْ أَهْلِ الْعَوَالِي فَلْيَنْتَظِرْهَا، وَمَنْ أَحَبَّ أَنْ يَرْجِعَ فَلْيَرْجِعْ فَقَدْ أَذِنْتُ لَهُ މާނައީ: އިމާމު ޝާފިޢީ އިމާމު މާލިކުގެ އަރިހުން، އެކަލޭގެފާނު އިބްނު ޝިހާބުގެ އަރިހުން، އެކަލޭގެފާނު އަބޫ ޢުބައިދާގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްދުވަހު ތިމަން، މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ އަރިހުގައި ޢީދު ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު ނަމާދުން ނިމިވަޑައިގެން ޚުޠުބާދެއްވިއެވެ. ޚުޠުބާގައި މިފަދައިން ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! މިއަދަކީ ތިޔަބައިމީހުންނަށް ދެޢީދު އެއްވާ ޢީދު ދުވަހެކެވެ. ވުމާއެކު ތިޔަބައިމީހުންގެ ތެރެއިން މަދީނާގެ ކައިރީގެ ވިލެޖްތަކުން ނަމާދަށް އައިސްފައިތިމީހުންގެ ތެރެއިން ބޭނުން ބަޔަކު ތިމަންމެނާއެކު ހުކުރު ކުރުމަށް މަޑުކުރިއަސް މައްސަލައެއް ނެތެވެ. އަދި ބޭނުން މީހަކު ރަށަށް ދިޔަޔަސް މައްސަލައެއްނެތެވެ. އެމީހަކު ތިމަންމެންނާއެކު ނަމާދުކުރުމަށް މަޑުކުރާށެވެ! މިއެވެ. އިބްނު މާޖާގައި އައިސްފައިވަނީ މިފަދައިންނެވެ. قَدْ اِجْتَمَعَ فِي يَوْمكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَة وَإِنَّا مُجَمِّعُونَ މާނައީ: އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން މިއަދު މިވަނީ ދެޢީދު ޖަމާވެފައެވެ. ވިލެޖްތަކުގެ މީހުންގެ ތެރެއިން ބޭނުންމީހަކު ހުކުރަށް މަޑުނުކުރިކަމުގައިވިއަސް ފުދޭނެއެވެ. ތިމަންމެން ހުކުރު ކުރާނޫއެވެ. މިއެވެ.
މިޙަދީޘުގެ މައްޗަށް ވާހަކަ ދައްކަވަމުން އަބޫދާއޫދުގެ ޝަރަޙަ ޢައުނުލްމަޢްބޫދުގައި ޝައިޚު ޝަމްސުލްޙައްޤު ޢަޒީމު އާބާދީ ވިދާޅުވެފައި ވެއެވެ. وَمَا ذُكِرَ مِن اْلأَحَادِيث وَاْلآثَار لاَ يَقْوَى عَلَى تَخْصِيصِهَا لِمَا فِي أَسَانِيدِهَا مِنَ الْمَقَالِ މާނައީ: މިމައުޟޫޢުގައި ވާރިދުވެފައިހުރި ޙަދީޘުތަކާއި ޢަޞްޙާބުބޭކަލުންގެ އަމަލުފުޅުތަކަށް ބަލާއިރު ޢީދު ނަމާދު ޚާއްޞަކުރެވިގެން ހުކުރު ނަމާދު އަޅައިފުމަކަށް އެކަށޭނަ އާރުލާ އެއްވެސް ދަލީލެއް މިތާގައި ހިފޭކަށް ނެތެވެ. އެއީ އެރިވާޔަތްތަކުގެ ސަނަދުތަކާމެދު ނަގުދު ކުރެވި ވާހަކަދެކެވިފައި ހުރުމުންނެވެ. އަދިވެސް އެފޮތުގައި މިފަދައިން ލިޔެވިފައި ވެއެވެ. وَفِي النَّيْل : حَدِيثُ زَيْدِ بْن أَرْقَمٍ أَخْرَجَهُ أَيْضًا الْحَاكِمُ وَصَحَّحَهُ عَلِيُّ بْنُ الْمَدِينِيّ وَفِي إِسْنَادِهِ إِيَاس اِبْنُ أَبِي رَمْلَةَ وَهُوَ مَجْهُولٌ اِنْتَهَى މާނައީ: ޢައްލާމާ ޝައުކާނީ ނައިލުލްއައުޠާރުގައި ލިއުއްވާފައި ވެއެވެ. މިޙަދީޘަކީ އިމާމު ޙާކިމު ގެންނަވާފައިވާ ޙަދީޘެކެވެ. ޢަލިއްޔުބްނުލްމަދީނީ މިޙަދީޘު ޞައްޙަކުރެއްވި ކަމުގައި ވިއަސް، އޭގައިވާ އިޔާސްއަކީ ނޭގޭ ރާވީއެކެވެ. މިއެވެ. ކުރީގައި ބަޔާންވެދިޔަ މާލިކާއި ޝާފިޢީއާއި ބުޚާރީ ރިވާކުރެއްވި ޢުޘްމާނުގެ ފާނުންގެ ރިވާޔަތަށް ބަލާއިރު، އެރިވާޔަތް އަލްއުއްމުގައި ރިވާކުރެއްވުމަށްފަހު އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. قَالَ الشَّافِعِيُّ: وَإِذَا كَانَ يَوْمُ الْفِطْرِ يَوْمَ الْجُمُعَةِ صَلَّى اْلإِمَامُ الْعِيدَ حِينَ تَحِلُّ الصَّلاَةُ ثُمَّ أَذِنَ لِمَنْ حَضَرَهُ مِنْ غَيْرِ أَهْلِ الْمِصْرِ فِي أَنْ يَنْصَرِفُوا إنْ شَاءُوا إلَى أَهْلِيهِمْ، وَلاَ يَعُودُونَ إلَى الْجُمُعَةِ وَالِاخْتِيَارُ لَهُمْ أَنْ يُقِيمُوا حَتَّى يَجْمَعُوا أَوْ يَعُودُوا بَعْدَ انْصِرَافِهِمْ إنْ قَدَرُوا حَتَّى يَجْمَعُوا وَإِنْ لَمْ يَفْعَلُوا فَلاَ حَرَجَ إنْ شَاءَ اللَّهُ تَعَالَى. މާނައީ: ފިޠުރު ޢީދުދުވަސް ހުކުރުދުވަހަށް ވެއްޖެކަމުގައި ވާނަމަ، ޢީދުކުރާހުށިކަމެވެ. ދެން ޢީދަށް ޙާޟިރުވި މީހުންގެ ތެރެއިން ޝަހަރުގައި ރަށްވެހިވެފައިވާ މީހުން ފިޔަވައި ބާދިޔާތަކާއި ވިލެޖުތަކުގެ މީހުންނަށް އޮތް ގޮތަކީ އޭގެތެރެއިން ބޭނުން މީހަކަށް ތިމާގެ އަނބިދަރިންގެ ގާތަށް ރަށަށް ދިޔައަސް މައްސަލައެއްނެތް ކަމަށެވެ. އަދި އެމީހުން ހުކުރު ކުރުމަށް އެރަށަށް އެނބުރި ނައައި ކަމުގައިވިއަސް މައްސަލައެއްނެތެވެ. އެމީހުން ރަށަށް ނުގޮސް ޝަހަރުގައި މަޑުކޮށްގެން ތިބެ ހުކުރު ކުރުމަށްފަހު ދިއުމަކުންވެސް މައްސަލައެއްނެތެވެ. އެހެންކަމުން ފަސޭހަވީ މީހަކު މަޑުކޮށްލައިގެން ހުކުރުކުރުމާއި ހުކުރަށް މަޑުނުކުރުމާއި މިއިން ކޮންމެ ކަމަކަށް އެމީހަކަށްވަނީ އިޚްތިޔާރު ލިބިގެންނެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ މިއިން އެއްވެސް ގޮތެއްގައި މައްސަލައެއްނެތެވެ.
އަދިވެސް އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. وَلاَ يَجُوزُ هَذَا لِأَحَدٍ مِنْ أَهْلِ الْمِصْرِ أَنْ يُدْعَوْا أَنْ يَجْمَعُوا إلاَّ مِنْ عُذْرٍ يَجُوزُ لَهُمْ بِهِ تَرْكُ الْجُمُعَةِ ، وَإِنْ كَانَ يَوْمَ عِيدٍ. وَهَكَذَا إنْ كَانَ يَوْمَ اْلأَضْحَى لاَ يَخْتَلِفُ إذَا كَانَ بِبَلَدٍ يَجْمَعُ فِيهِ الْجُمُعَةَ وَيُصَلِّي الْعِيدَ، وَلاَ يُصَلِّي أَهْلُ مِنًى صَلاَةَ اْلأَضْحَى، وَلاَ الْجُمُعَةَ لِأَنَّهَا لَيْسَتْ بِمِصْرٍ. މާނައީ: ޝަހަރެއްގައި އުޅޭ އެއްވެސް މީހަކަށް ހުކުރު އެޅުން ހުއްދަކުރާ ޢުޛްރެއް މެދުވެރިނުވާހައި ހިނދަކު އެދުވަސް އެއީ ޢީދު ދުވަހެއްކަމުގައި ވެފައި، އަދި ޢީދު ނަމާދު ކުރިކަމުގައި ވިއަސް ހުކުރު އެޅުމަކީ ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. ހަމައެހެންމެ މިނާގެ އަހުލުވެރިން މިނާއަކީ ޝަހަރަކަށް ނުވާތީވެ އެތާގައި ޢަޟްޙާ ޢީދު ދުވަހު އެމީހުންނަށް ޢީދުކުރުމެއްނޯވެއެވެ. އަދި އެތާގައި ހުކުރުކުރުމެއްވެސް ނޯވޭމެއެވެ. އެހެނީ މިނާއަކީ ޝަހަރެއްނޫނެވެ. ޢަދިވެސް މިމައްސަލާގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މިޙަދީޘުގައި ވިލެޖްތަކުގެ މީހުންނަށް ޢުޘްމާނުގެފާނު ރަށަށް ދިއުމަށް ހުއްދަ ދެއްވުމުގެ މާނައަކީ އެމީހުންގެ ތެރެއިން ހުކުރުކުރަންޖެހޭ މީހުން ހުކުރު ނުކުރާނެ ވާހަކައެއްވެސް ނޫނެވެ. މިތާގައި ހުއްދަ ދެއްވީ މަދީނާގައި މަޑުނުކޮށް އެމީހުންގެ އަނބިދަރިންގެ ގާތަށް އެމީހުން އެނބުރި ދިއުން އަވަސް ކުރުމަށެވެ. އެހެނީ ޚުދް ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވެސް އަދި އަޞްލާޙާބު ބޭކަލުންވެސް، މަދީނާގެ އަހުލުވެރިންވެސް އަދި ޢުޘްމާނުގެފާނުވެސް ޢީދުނަމާށްފަހު ހުކުރުވަގުތުގައި ހުކުރު ކުރެއްވިކަން ކަނޑައެޅިގެން ސާފުބަހުން މިހުރިހާ ރިވާޔަތްތަކުގައި އެގެން އެބައޮތެވެ.
ކޮންމެއަކަސް ޢީދުދުވަހާއި ހުކުރު ދުވަހާއި ދެޢީދު ޖަމާވުމަކީ މުސްލިމުންނަށް ލިބެގެންދާނޭ ވަރަށް ވެސް އުފާވެރި ދުވަހެކެވެ. ދުވަހުގެ މުނާސަބާގައި ދީނުގައި ވަނީ އެދެދުވަހުގައިވެސް ރޯދަހިފުން މަނާކުރަށްވާފައެވެ. މިބޮޑު އުފަލުގައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް ސަލާންގަލާން ކުރުމާއި ހަދިޔާބަދިޔާ ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުން ބަދަހިކުރުމެވެ. ދެމީހެއްގެ ދެމެދުގައި ނުގުޅުމެއް އޮތްނަމަ އެކަން ފިލުވައިލުމާއެކު ހިތް ސާފުކޮށްލުމެވެ.