ބިންވަޅު ނެގުނު ފިޔަވަޅު(3 ވަނަ ބައި)

އައިޝްގެ ހިތަށް ކުރަމުންދިޔަ އިޙްސާސްތަކާއި ލިބެމުންދިޔަ ވޭން ދެކޭނެ އެއްވެސް މީހަކުނެތެވެ. އަނެއްކާވެސް ހަދާނެގޮތެއް ނޭގި ގޭ ދޮރުމަތީ ވަގުތުތައް ހޭދަކުރަމުން ދިއައެވެ. ގެއަށް ވައްދާނެ ކަމުގެ އުންމީދުގައެވެ. އިރު އޮއްސެމުން ދަނީއެވެ. ގޭ ދޮރު ހުޅުވާލުމަށްފަހު އާތިފްގެ މަންމަ އައިޝްއަށް ގޮވާލިއެވެ. ގެއަށް ވަންނަން ތިއުޅެނީ ކީއްކުރަންތަ؟ މަންމަ އައިޝް ގާތު އަހާލިއެވެ. “ހެދުންތަކާއި ދަރިފުޅު ދިނީމަ ހިނގައިދާނަން”. އައިޝް މަންމަ އާ މުހާތަބުކޮށް ބުނެލިއެވެ.

ހެދުންތަކާއި ދަރިފުޅު ގޮވައިގެން ދިއުމަށްޓަކައި އައިޝް ގޮސް ވަނީ ކޮޓަރިއަށްށެވެ. ފަހަތުން އާތިފް ވެސް ކޮޓަރިއަށް ވަނެވެ. އައިޝް ހެދުންތައް ފޮއްޓަން އަޅަން ފެށިއެވެ. “އައިޝް ދަންޏާ ދާންޖެހޭނީ ލައިގެން ހުރި ހެދުންވެސް ބާލާފައެވެ. ދަރިފުޅެއްވެސް ނުލިބޭނެއެވެ.” އައިޝްއަށް އެހީތެރިވެދިނުމުގެ ބަދަލުގައި އާތިފްގެ ބަސްތައް ވެސް ދިޔައީ އައިޝްގެ ހިތް ޒަހަމްކުރަމުންނެވެ. ކުރާނީ ކީއްހެއްޔެވެ. މިއަދު އައިޝް އަށް އަޅާލާނެ އެހީތެރިވާނެ އާއިލާ މީހަކުވެސް ކާރީގައި ނެތެވެ.

ލިބެމުންދިޔަ ވޭނާއި ހިތްދަތިކަން އިންތިހާއަށް ބޮޑުވިނަމަވެސް އައިޝްއަށް މިއަދު ޖެހުނީ އެ ވޭންތަކަށް ކެއްކުރާށެވެ. ދަރިފުޅުގެ ޙައްޤުގައެވެ. އައިޝްއަކީ މިއަދު އާތިފްގެ ބެލުމުގެ ދަށުގައި އާއިލާއާ ދުރުގައި ދިރިއުޅޭ މީހެއްކަމުން ކެއްކުރުން ނޫން ގޮތެއް އައިޝްއަކަށް ނެތެވެ. އާތިފް ހިތަށް އައިހައި އެއްޗެއް ކިއުމަށްފަހު ކޮޓަރިން ނިކުމެގެންދިޔައެވެ. އައިޝް އޭނާގެ އެކަނިވެރިކަމާ މެދު ވިސްނާ ރޮއިރޮއި އެތައް ވަގުތެއް ހޭދަކުރުމަށްފަހު، އިރުއޮސެމުން ދާތީ ޔޫސުފަށް ކާންދިނުމަށް ޔޫސުފް ގެނައެވެ.

ޔޫސުފް އޮތީ ކުޑަކޮށް ހުން ވެސް އައިސްފައެވެ. ދަރިފުޅަށް ބޭސްދިނުމަށްފަހު ނިންދެވިއެވެ. އަދި އައިޝްވެސް ކުޑަކޮށް ނިދާލުމުގެ ނިޔަތުގައި އޮށޯތެވެ. އައިޝްއަކަށް ނިދޭވަރެއް ނުވިއެވެ. ގޭތެރެއިން ހުނުމާއި އުފާވެރިކަމުގެ އަޑުތައް އިވެމުން ދިއައެވެ. ހީވަނީ ގޭގައި ޕާޓީއެއް ބާއްވައިގެން އުޅޭހެނެވެ. އައިޝް ދޮރު ހުޅުވާލުމަށް ފަހު ބަލާލިއެވެ. ކުރިމަތީގައި ހުރި ކޮޓަރީގައި އާތިފް އޭނާގެ ލޯބިވެރިޔާ ލަތީފާ ގޮވައިގެން އޭނާގެ ކޮއްކޮ އާ ވާހަކަ ދައްކަން އިނެވެ. އައިޝް އެމަންޒަރުތައް ބަލަން ކެތްނުވާވަރު ވެގެން ނިކުތީ ބޭރަށެވެ. އެވަގު ބޭރު ދޮރުމަތީ އައިޝްގެ މާލޭގައި ދިރިއުޅުނު ގޭ ކާރީ ހުންނަ ގެއެއްގައި ކިޔަވަން ހުރި އާތިފް ތިމާގެ ނިޒާމް އިނެވެ. އައިޝް ނިކުމެ ނިޒާމް ގާތު ބުންޏެވެ. :” އަހަރެންގެ ބޮޑުބޭބެ ކުޑައަލިބެ އުޅޭ ގެ އިނގޭތަ؟. އަހަރެން އެ ގެއަށް ގެންގޮސް ދީފާނަންތަ” ނިޒާމް އާއެކޭ ބުނުމުން އޭނާގެ ސައިކަލުގައި ކުޑައަލިބެގެއަށް ދިޔައެވެ.

އެގެއަށް ވަނުމާއެކު އައިޝް ރޯން ފެށިއެވެ. ހިތުގައި ހިނގަމުންދިޔަ އިހްސާސްތައް ކުޑައަލިބެއާއި ކުޑައަލިބެ ދައްތައަށް ކިޔާދޭން ފެށިއެވެ. ” އާތިފް އަހަރެން ބަލާ އަންނަން ދެން މިރޭ މިގޭގައި މަޑުކޮށްލާނަން.” ޔޫސުފް އޮތީ ނިދާފަ. އެސޮރު ހޭލީމަ އެގޭމީހުން އަހަރެން ބަލާ އާތިފް ފޮނުވާނެ” އައިޝް އެއްވެސް އެއްޗެއް ކައިފިންތަ؟ ކުޑައަލިބެ ދައްތަ ސުވާލުކުރިއެވެ. އައިޝް ފުން ނޭވާއެއް ލުމަފަހު ބުންޏެވެ. މިރެއަކު ބަޑުފައެއްނުވޭ” އައިޝް ބޭނުމީ ކުޑަކޮށް އޮށޯވެލަން” އެހެން ބުނެ އެގޭ ސިޓިންގ ރޫމްގައި ބަހައްޓާފައި ހުރި ފައްޖެހި އެދެއްގައި އޮށޯތެވެ. ވެފައި ހުރި ވަރުބައްޔާ ލިބިފައިވާ ހުރި ހިތްދަތިކަމުން އައިޝް އަށް ވީނުވީއެއް ނޭނގި ނިދިއްޖެއެވެ.

އައިޝް އަށް ހޭލެވުނީ ކުޑައަލިބެއަށް ގޮވަން އައި ކުއްޖަކު އެގެއަށް އައިސް ސަލާންގޮވާ އަޑަށެވެ.
” ދައްތަގެ އަރޫ ވިހަން ބަނޑުގަ ރިއްސާތީ މިއުޅެނީ” ގެއަށް އައިސް ދީބަލަ.” ކުޑައަލިބެ ދައްތަ އެއަޑަށް ތެދުވެ އެގެއަށް ދިއުމަށް ތައްޔާރުވިއެވެ. ކުޑައަލިބެ ވެސް އަވަސް އަވަހަށް މޫނުދޮވެލައިގެން ސިޓިންގ ރޫމްއަށް ނިކުތެވެ. އަދި އައިޝް ގާތު ފާހާނައަށް ވަދެ ގެއަށް ދާން ތައްޔާރުވާށޭ ބުންޏެވެ.

އައިޝް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބުންޏެވެ. ” ކުޑައަލިބޭ އަހަނަކަށް އެކަނި ދާކަށް ނުކެރޭނެ. އާތިފް ވެސް އަހަރެން ބަލައެއް ނާދޭ” އައިޝް މިހެން ބުނުމުން ކުޑައަލިބެ ކާރިއަށް ޖެހިލުމަށް ފަހު ކޮނޑުގައި ފިރުމާލިއެވެ. ކޮއްކޮ ތިކަމާ ނުވިސްނާ، ބޭބެ ދާނަން ގޮވައިގެން” މިއަދު ވިސްނަން ޖެހޭނީ ދަރިފުޅަށް. އެސޮރަށް ނިކަމެތިކަމެއް ނުލިބޭތޯ ބަލަން ވާނެ. ދެކުދިން ޖެހިގެން އުޅޭ މައްސަލަ ހައްލުކުރަން މަސައްކަތްކުރަންވާނެ. މާލެ ދެވެންދެންވެސް ކޮއްކޮ ބަސްއަހައިގެން ހުރޭ.” އައިޝް ކުޑައަލިބެގެ މި ބަސްތަކަށް އިންކާރެއް ނުކުރެއެވެ. އައިޝްވެސް ޤަބޫލު ކުރަނީ ދަރިފުޅަށް މަންމަ އާއި ބައްޕަގެ ލޯތްބާ އޯގާތެރިކަން ލިބެން ވާނެ ކަމަށެވެ.

ހެނދުނުގެ ވަގުތެވެ. ކުޑަކޮށް ސައިބޮއިގެން އައިޝް އާތިފްގެ ގެއަށް ދިއުމަށް ކުޑައަލިބެއާއެކު ނިކުތެވެ.

ނުނިމޭ…..

ބިންވަޅު ނެގުނު ފިޔަވަޅު(2 ވަނަ ބައި)

  ބިންވަޅު ނެގުނު ފިޔަވަޅު)1 ވަނަ ބައި)

Leave a Reply

Your email address will not be published. Required fields are marked *

Previous Article

މަގޭ ދަރިފުޅާ(2 ވަނަބައި)

Next Article

އަލްޙާފިޡު އިބުނު އަބްދުލްޙާދީގެ ސިޔަރަތުން މުހިންމު ނުކުތާތައް

Related Posts