އަވަހަށް ބަރުދަން ލުއިކުރުމަކީ ކޮންމެ މީހެއްގެ ވެސް އުއްމީދެވެ. ކުޑަ މަސައްކަތަކުން ބަރުދަން ލުއިކުރުމަކީ އެންމެން ވެސް ބޭނުންވާ ގޮތެވެ. މިކަމަށްޓަކައި އެތައް ބަޔަކު ޑެއެޓްކޮށް ކަސްރަތުކުރެއެވެ. ނަމަވެސް ބައެއް ފަހަރު އެދެވޭ ނަތީޖާއެއް ނުލިބެއެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް ފަށާއިރު ވިސްނަންޖެހޭ އެތައް ކަމެއް އެބަހުއްޓެވެ.
ތިމާގެ ހަށިގަނޑުން ލުއިކުރަން ބޭނުންވާ މިންވަރަކީ ބުއްދި ޤަބޫލުކުރެވޭ ވަރުގެ އެއްޗަކަށް ވާންވާނެއެވެ. އުމުރުން ސާދަ ފަނަރައިގައި މީހާ ހުންނަ ގޮތަށް ހުރުމަކީ އެންމެންގެ ނަސީބެއްނޫނެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް ބަރުދަނަށް ވެސް ބަދަލު އަންނާނެއެވެ. އެހެންކަމުން މީހާގެ އުމުރާއި އިސްކޮޅާ އެކަށީގެންވާ މިންވަރަށް ބަރުދަން ހުރިތޯ ބަލަންވާނެއެވެ.
ސަރުބީ މަދުކުރުން- އެއް ގްރާމް ސަރުބީގައި ޕްރޮޓީންއާއި ކާބޯހައިޑްރޭޓްސްގައި ހުންނަ މިންވަރުގެ ދެގުނަ ކެލޮރީޒް ހުރެއެވެ. އެހެންކަމުން ސަރުބީ ހުންނަ ކާނާ ކެއުން ވަރަށް ބޮޑަށް މަދުކުރެވޭތޯ ބަލަންވާނެއެވެ. އަދި ފައިބަރު ގިނައިން ހުންނަ ތަރުކާރީއާއި މޭވާ ކެއުމުގައި ގިނަކުރާށެވެ. ތެޔޮ ގިނައިން ހުންނަ ފަރާޓާއާއި ހެދިކާގެ ބަދަލުގައި ވީޓް ކޯންފްލެކްސް ފަދަ ތަކެތި ހެނދުނުގެ ނާސްތާއަށް ކާން އާދަކުރާށެވެ.
ކޮންމެ ދުވަހަކު މަދުވެގެން 6 ނުވަތަ 8 ތަށި ފެން ބުއިމަކީ ބަނޑުހައިކަން ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެހެން ބޭނުން ކަމެކެވެ. އަދި ކެއުމުގެ ކުރިން ފެން ތަށްޓެއް ބޯލުމަކީ ކެވޭ މިންވަރު މަދުކޮށްދޭ ކަމެކެވެ. އަދި ކޯކް، ފިޒީ ޑްރިންކްސް، ކޮފީ ފަދަ ހުރިހާ އެއްޗެއް ފެނަށް ބަދަލުކޮށްލުމަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ރަގަޅު ކަމެކެވެ.
ކޮންމެ ދުވަހަކު ކަސްރަތު ކުރަން ބޭނުންވާ ގަޑި ކަނޑައަޅައި އެހެން ހުރިހާ ކަމެއް އެގަޑީގައި ހުއްޓާލާށެވެ. މި ނޫންގޮތަކަށް ކަސްރަތުކުރާ ގަޑި ބަދަލުކޮށްފިނަމަ އެހެން ކަންތައްތަކާ ހުރެ އެގަޑީގައި ކަސްރަތުކުރުމަށް ބުރޫ އެރުން އެކަށީގެންވެއެވެ.
ގޭގައި ތަރުކާރީ، މޭވާ، ސީރިއަލްގެ ބާވަތްތައް، އެއްގަމު މަސް ފަދަ ތަކެތި ގަނެފައި ބަހައްޓާށެވެ. އެހެންކަމުން ބަނޑުހައިވާ ވަގުތުތަކުގައި ވެސް ކެއުމަށް އޯޑަރުކޮށްގެން ގެނައުމުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ކެއުމެއް ގޭގައި ތައްޔާރުކޮށްގެން ކެވިދާނެއެވެ.
ކުޑަ އެތިކޮޅުން ކާން އާދަކުރާށެވެ. ކޭކު ފޮއްޗެއް ފަދަ އެއްޗެއް ނަގާނަމަ އެންމެ ކުޑަ ކޭކުކޮޅު ނަގަން އާދަކުރާށެވެ. ނުވަތަ އެހެން މީހަކަށް އެއްބައިދޭށެވެ. ކޮންމެ އެއްޗެއް ކޭކަމުގައި ވިއަސް ރަގަޅަށް ހަފައިގެން ކާށެވެ. އަދި ބޭރުން ކެއުމުގެ ބަދަލުގައި ގޭގައި ފްރައިޑް ރައިސް ފަދަ ތަކެތި ތައްޔާރުކުރާށެވެ. އޭރުން ތެލާއި ލޮނު މަދުކޮށް ކެއުން ތައްޔާރުކުރެވޭނެއެވެ. ކެއުމުގައި ލޮނު މަދުކުރުމުން ހަށިގަނޑަށް އެތެރެކުރެވޭ ސޯޑިއަމްގެ މިންވަރު މަދުވެއެވެ. ސޯޑިއަމް އިތުރުވުމުން ބަރުދަން އިތުރުވެއެވެ.
ރޭގަނޑު ނިދާ ހޭލުމަށްފަހު ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ހަމައަކަށް އެޅުމަށްޓަކައި ހެނދުނު ގިނައިރު ހާބަނޑާ ނުހުންނާށެވެ. ހެނދުނު ހައި ބަނޑާހުރުމަކީ ބަރުދަން އިތުރުވުމުގެ އެންމެ ބޮޑު ސަބަބުކަމުގައި ފަހުގެ ދިރާސާތަކުން ދައްކައެވެ.
ކަސްރަތާ ނުލާ ބަރުދަން ލުއިކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެހެންކަމުން ހަށިގަނޑުން ދާ ހިއްލާ ވަރަށް ކޮންމެ ދުވަހަކު ވެސް ކަސްރަތުކުރަންވާނެއެވެ. މިކަމަށްޓަކައި ގޭގައި ނުވަތަ ޖިމެއްގައި ކަސްރަތު ޕްރޮގްރާމެއް ފައްޓަންވާނެއެވެ. އަދި ކޮންމެ ދުވަހަކު 30 މިނެޓްގެ ކަސްރަތުކުރުމުގެ އިތުރުން ކޮންމެވެސް ކުޅިވަރެއް ހޮބީއެއްގެ ގޮތުގައި ކުޅުމަކީ ވަރަށް ފައިދާ ހުރި ގޮތެކެވެ.
އުފާވެރިކަންމަތީގައި ހުރުމަކީ ބަރުދަން ލުއިކުރުމަށް މުހިއްމުކަމެކެވެ. އެހެންކަމުން ހާސްވެ ކަންބޮޑުވުންތަކުން ދުރުވެ ހުންނަންވާނެއެވެ. ގިނައިރު އިށީނދެގެން އިނުމުގެ ބަދަލުގައި އަބަދުވެސް ހެލިފެލިވެ އުޅޭށެވެ. ދުވާލަކު 4 ގަޑިއިރަށްވުރެ ގިނަ ވަގުތު އިށީނދެގެން އިނުމަކީ ސަރުބީ ޖެހުމަށް މެދުވެރިވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން އޮފީހުގައި ހުރިކަމުގައި ވިއަސް ކޮންމެ 4 ގަޑިއިރަކުން 10 މިނެޓް ކޮޅަށް ތެދުވެ ހިނގާލުމުގައި ހޭދަކުރާށެވެ.
ޖަންކް ފުޑާއި ކޫސަނި ކާތަކެތި ތިމާއަށް ފެންނަ ތަނުގައި ނުބަހައްޓާށެވެ. އެފަދަ ތަކެތި ގިނައިން ފެނުމުން ކާހިތްވާގޮތް ވެއެވެ. އަދި ބިސްކޯދު ފަދަ ތަކެތި ސީދާ ދަޅުން ނުވަތަ ޕެކެޓުން ކެއުމުގެ ބަދަލުގައި ކުޑަ ތަށްޓަކަށް އަޅައިގެން ކާށެވެ. ގިނައިން ހުންނަ އެއްޗަކުން ގިނައިން ކެވޭގޮތްވެއެވެ.
ބާޒާރުކުރުން ފަދަ ތަންތަނަށް ދާއިރު ކާރުގައި ދިޔުމުގެ ބަދަލުގައި އާއިލާއެކުގައި ހިނގާލާފައި ދިޔުން އާދަކުރާށެވެ. ފައިސާ ސަލާމަތްވުމުގެ އިތުރުން މިއީ ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި ގޮތެކެވެ.
ބަރުދަން ލުއިކުރުމަކީ އެންމެ ދުވަހަކު ހަފްތާއަކުން ކުރެވޭނެކަމެއްނޫނެވެ. އެހެންކަމުން މިދެންނެވި ފަދަ ސިއްހީ އާދަތަކަށް އަހުލުވެރިވެ އެގޮތުގައި ކުޑަ ދުވަސްކޮޅެއް ވަންދެން ދެމިހުންނާށެވެ. މާ އަވަހަށް ނަތީޖާ ނުލިބުނުކަމުގައި ވިއަސް މާޔޫސްނުވާށެވެ. ބަރުދަން ލުއިކުރުމަށް ވަގުތު ނަގާނެކަން ހަނދާންކުރާށެވެ.