އަރާމު ނިންޖަކީ އިންސާނާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެކެވެ. ހަމަ ނިދި ނުލިބުމަކީ މީހާގެ މޫޑު ގޯސްވެ ސިކުނޑިއަށް ވެސް އޭގެ ނުރަގަޅު އަސަރުތައް ފޯރުކޮށްދޭ ކަމެކެވެ. އެހެންކަމުން ނިންޖަށް ހުރަސް އެޅޭ ކަންތައް ހޯދާ އެފަދަ ކަންތައްތަކާ ދުރުހެލިވުމަކީ މުހިއްމުކަމެކެވެ.
ރޭގަނޑު ނިދާ ގަޑިއާ ދިމާކޮށް ފާސްޓް ފުޑާއި ފިޒީ ޑްރިންކްސްތައް ބުއިމުން ދުރުހެލިވާށެވެ. ޕިއްޒާ އާއި ކޯކު ފަދަ ބުއިންތައް ނިދާގަޑީގައި ކައިފިނަމަ ބަނޑުގައި ގޭސް އުފެދި މެއިން ދިލަނަގާގޮތް ވެއެވެ. އެހެންކަމުން ނިދުމަށް ހުރަސް އެޅެއެވެ.
ކަސްރަތުކުރުމަކީ ރަގަޅު އާދައެކެވެ. ނަމަވެސް ރޭގަނޑު މާ ދަންވަންދެން ކަސްރަތުކުރުމަކީ ރަގަޅުކަމެއްނޫނެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑުގެ ފިނިހޫނުމިން މަތިވުމަކީ ނިދުމަށް އެޅޭ ހުރަހެކެވެ. ކަސްރަތުކުރުމުން ފިނިހޫނުމިން މަތިވެ މެޓަބޮލިޒަމް މަތިކޮށްދެއެވެ. އެހެންކަމުން އެންމެ ރަގަޅުގޮތަކީ ދުވާލުގެ ވަގުތު ނުވަތަ ރޭގަނޑު އިރާކޮޅު ކަސްރަތުކުރުމެވެ.
ނިދުމުގެ ކުރިން ޓީވީ ބެލުމަކީ ވެސް ނިދި މަދުވުމަށް މެދުވެރިވާ ސަބަބެކެވެ. ވަކިން ޚާއްސަކޮށް ބިރުވެރި ފިލްމުތަކާއި ޑްރާމާތައް ބެލުމުން ބިރުވެރި ހުވަފެންތައް ފެނި ނިދި ގެއްލެއެވެ. އެހެންކަމުން ނިދުމުގެ ވަގުތުކޮޅެއް ކުރިން ޓީވީއާ ދުރަށް ޖެހިލާށެވެ.
ރޭގަނޑު ދަންވަންދެން މަސައްކަތްކުރުމަކީ މިހާރު ގިނަ މީހުންގެ އާދައެކެވެ. މިކަމުގެ ސަބަބުން މީހާ ވަރުބަލިވެ ސްޓްރެސްވެއެވެ. އެހެންކަމުން ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ނިދި ގެއްލެއެވެ. އަދި ނިދުމުގެ ކުރިން މާގިނަ ވާހަކަ ދައްކައި ޒުވާބުކުރުމުން އެފަދަ ވާހަކަތައް ސިކުނޑީގައި ހަރުލާ ނިދުމަށް އުދަނގޫވެއެވެ.
މާބޮޑަށް ދާހިއްލާފައި ހުއްޓާ ނިދަން މަސައްކަތްނުކުރާށެވެ. ނިދުމުގެ ކުރިން ފެންވަރާލުމުން ފަސޭހައިން ނިދެއެވެ. އަދި ދަތްއުނގުޅާ ވުޟޫކޮށްލައިގެން އެނދަށް އެރުމުން ވެސް ފަސޭހައިން ނިދި އަންނަގޮތްވެއެވެ.