މަންޒިލެއްނެތީ ހެއްޔެވެ؟

މޮޅިވެރި ޙަޔާތެއްގައި ބިކަވެ، ޙަޔާތުގެ ދަތުރު ނާމާންކަމުގެ ބިޔަ ރާޅުތަކަށް ހުށައެޅެން ބޭނުންވާ އިންސާނާގެ މަސައްކަތް ބައްޓަންކުރަނީ ދުނިޔޭގެ އަގެއްނެތްކަމުގެ ހެކިދެއްކުމަށެވެ. އެއިންސާނާ އިށީންނާނެ ގަލެއް ނުބަލައި އުދުއްސައިގަނެ ގަދަވައިގައި ވިއްސިވިހާލިވާން ދޫކުރަނީ އިރުއަރައި އުފަންވުމުގެ ތެރެއިން ކައުނުގެ އަގުމާތް ޖައުހަރު ވީރާނަކުރުމުގެ ނިޔަތުގެ މައްޗަށެވެ. އެހެންނަމަވެސް، މާޔޫސްކަމުގެ ނިދިން ހޭލައި އަތްފޮޅާލައި،  ފޮތްތަކުން ދެއްކެވި ފުރިހަމަ މަގުގައި ޘާބިތުވާ މީހާގެ ޙަޔާތުގެ މަގު ފުޅާވެފައި ބޮޑެވެ. ވާޞިލްވާނީ ބާއްޖަވެރިކަމުގައި އީމާނާއި ވަރުގަދަ ޢަޒުމުގައި ހިތުގެ މަގުޗާޓް ކުރަހައި ކަނޑައެޅި ޢަމާޒުފަތްގަނޑުގެ ޙަޤީޤަތަށެވެ.

އިންސާފުގެ ނަޒަރަކުން ބަލާއިރު ފެންނަށް އޮތް ޙަޤީޤަތަކީ، ޤައުމުގެ ޚަޒާނާއިން ދަރިންގެ ތަޢުލީމަށްޓަކައި ކުރާ ހޭދަ މިންނެތް ވަރަށް އިތުރުކަމެވެ. ދަރިވަރުން މަދަރުސާގައި ހޭދުކުރާ ވަގުތު މަދުނޫންކަމެވެ. ބެލެނިވެރިން ދަރިންގެ ޙައްޤުގައި ޤުރުބާންވަނީ އިންތިހާ އަށެވެ. މުދައްރިސުންގެ ހުނަރާއި ފަންނު ދަރިވަރުން ބައްޓަންކުރުމުގައި ވަރަށް މަތީ ދަރަޖައެއްގައި ތަމްޘީލްވަމުން ދެއެވެ. އެހެންނަމަވެސް، ދިވެހި ޤައުމު ފަޚްރުވެރިވާފަދަ ޖީލެއް ބިނާކުރުމުގައި ޤައުމުގެ “މުލައްދަނޑި” ބަލިކަށިވެފައިވާކަން ރަމްޒުވެގެންދެއެވެ.

އަދުގެ ޖީލަށް މިންވަރުވެގެންވާ ނިޢުމަތްތަކުގައި މަދުރަސީ ފެންއާރުގެ މުހިއްމުކަން ބޮޑެވެ. ޢިލްމާއި ޙިލްމުން ދަރިވަރުން ޖަރީކުރުމުގައި މަދުރަސީ ޙަޔާތުގެ ބޭނުން އެހާމެ ބޮޑެވެ. ކްލާސްގަޑީގައި މުދައްރިސުންގެ ހުށައަޅައިދިނުމުގައި ފުރާނަ އެޅިގަންދަނީ މިސަބަބަށްޓަކައެވެ. މަދަރުސާގެ ޙަރަކާތުގެ ކަލަންޑަރު ރޭވި ދަރިވަރުންގެ ހުނަރާއި ހުށިޔާރުކަން ދިރުވޭތޯ ބަލަނީ އުއްމީދުގެ ސާފުކަމާހުރެއެވެ. ބައެއް ދަރިވަރުން މިޙަޤީޤަތާ އިންކާރުކުރާ ގޮތެއްވެސް ނޭގެއެވެ. އެދަރިވަރުން މުދައްރިސު ފިލާވަޅު ފޯރުކޮށްދޭ ވަގުތު ބީރުކަންފަތްދެއެވެ. ބޯޑުގައި ތަސްވީރު ދައްކާއިރު ލޯމަރާލައެވެ. ތަމްރީން ހަދަންޖެހުމުން ދެއަތް ބަނދެލައެވެ. ޖަވާބުދޭން ޖެހުމުން އަނގަ ބަންދުކުރެއެވެ. ހިމޭންވާންޖެހޭ ހިނދު ކްލާސްތެރެ ގުގުމައެވެ. އެދަރިވަރުން ރަގަޅުގޮތް ބޭނުން ނުވަނީހެއްޔެވެ؟

މަދަރުސާގައި ދަރިވަރުންގެ އުޅުމާއި ގުޅުން ބައްޓަންކުރުމަށްޓަކައި ޤަވަޢިދުތައް ތަންފީޒުކުރެއެވެ. ތަރުބިއްޔަތުގެ ފޭރާން ހެޔޮކުރުމަށްޓަކައި އުސޫލުތައް ނަގަހައްޓައެވެ. ނަމާދުކޮށް މޫރިތި ގޮތް ފޮތް ދަސްކުރުމަށް ހިތްވަރުދެވެއެވެ. އިސްލާމީ އަޅުންކަންތައް ކުރުމަށް ބާރުލެވެއެވެ. އެހެނަސް، ބައެއް ދަރިވަރުން ޤަވާޢިދުތަކަށް ނަފްރަތުކުރެއެވެ. އުޞޫލުތަކަށް ދުޝްމަންވެއެވެ. ތަންފީޒުކުރާ މުދައްރިސުންނަކީ ހަތުރުންކަމުގައި ދެކެއެވެ. ހިންގުންތެރިންނަކީ އެދަރިވަރުންނަށް ހެޔޮނޭދޭ ބައެއްކަމުގައި ހަދައެވެ. ދަރިވަރުންގެ މަންޒިލަކީ ހަރުދަނާ ޖީލަކަށް ވާޞިލުވުން ކަމަށްވާނަމަ، ރިވެތި ސިފަތަކުން އެދަރިވަރުންގެ ހިތާ ނަފްސަށް ފަރުވާ ދޭން ނުޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟

ދަރިވަރުންގެ ޤާބިލުކަމަށް ފަންވަރު އިތުރުމަށް އިތުރު ޙަރަކާތްތައް ރާވައި ހިންގެއެވެ. މުރާލި ދުޅަހެޔޮކަން ދަރިވަރުންނަށް ލިއްބައިދިނުމަށް އެތައް ޕްރޮގްރާމްތަކެއް ކުރިއެރުވެއެވެ. އެތައް މުބާރާތްތަކެއް ބޭއްވެއެވެ. ހިތާމަޔަކީ، މަދްރަސީ ޙަޔާތާ އަލްވަދާޢުކިޔައި، ވަޒީފާގެ މާހައުލަށް ނޭވާލާއިރު، މިކަންކަމުގެ ޙަޤީޤީ ނަތީޖާގެ ފޮނިކަން ނުލިބި ހިތިކަމާއި ގިތިކަން އިޙްސާސްވުމެވެ. މަސައްކަތުގެ މާހައުލުން އެދެވޭ ނަތީޖާގެ ރަހަ ނުލިބި ދިޔުމެވެ. މަސައްކަތުގެ ވައްޓަފާޅި އަށަގެންފައިނުވުމެވެ. މަސައްކަތުގެ އަޚްލާޤާއި ހިތްގައިމުކަން ފެނިގެން ނުދިޔުމެވެ.    އަހަރީ ކަލަންޑަރުގެ ފޯރީގައި ދަރިވަރުން ހޭލަމޭލައަށް ޙަރަކާތްތެރިވިޔަސް، އެޙަރަކާތްތަކުގެ ފޮނިމީރުކަން ނުލިބުމުން ލިބޭ މާޔޫސްކަން މަދަރުސާތަކުން ތަޙައްމަލުކުރަނީ އިންތިހާ ދަރަޖައަށެވެ. ޙަރަކާތްތަކާއި ޕްރޮގްރާމްތަކުގެ މަޤްޞަދު ބީވެގެންދަނީ ދަރިވަރުން ޙާޞިލްކުރަންޖެހޭ ގޮތްފޮތާއި ބަސްމަގު ނިޔާމައިގެ މަންޒިލަށް އަމާޒުނުކުރެވޭތީ ކަމުގެ އިޙްސާސްކުރެވެއެވެ.

ބައެއް ދަރިވަރުންގެ ޙާލަތު ރަމްޒުކޮށްދެނީ ޅަޢުމުރުފުރައިގެ ޖޯޝެވެ. ފަންވަރާއި ބުންވަރު އަގެއްނެތްގޮތުގައި ހޭދަކުރަނީ އެދަރިވަރުންގެ ޙަޔާތުގައި މުސްތަޤްބަލުގެ ތާޒާކަމެއްނެތި މިލާމޯޅިވެފައިވާ މަލެއް ފަދައިންނެވެ. ސިކުނޑީގެ ތެތްކަން ކުޑަކަމުގައިވިޔަސް ދަރިވަރުންގެ މައިންނާއި ބަފައިން، މުދައްރިސުން އަދި ޒިންމާދާރުވެރިން ޙަޔާތުގެ ނާރެހުގައި ދަތުރުކުރާނެގޮތުގެ އިރުޝާދު ފޯރުކޮށްދެއެވެ. ނަސޭޙަތުގެ މީރުކަން ބެލުމަށް ބައެއް ދަރިވަރުން ޝަޢުޤުން ނުފުރެނީ އެދަރިވަރުންގެ މުސްތަޤްބަލަށް ކޮންމެފަދަ މޫސުމެއްކުރިމަތިވިޔަސް ކުރިމަތިލުމުގެ ޤާބިލުކަން ހުރީމައިކަމުގައި ބަލަންޖެހެއެވެ. ނަމަވެސް މަދުރަސީ ދައުރު ނިމި ކުރާނެ މަސައްކަތެއް ނެތުމުން، އަދާކުރާނެ ވަޒީފާއެއް ނެތުން މިދަރިވަރުންގެ ސިކުނޑީގެ ދުޅަހެޔޮކަމާމެދު ސުވާލު އުފެދެވެ. އެދަރިވަރުން ޢިލުމުން ތަޒާނުވެ ނަތީޖާ ނެރުމަށް ފަސްޖެހެނީ ކީއްވެބާއެވެ؟ ދަރިވަރުންގެ ވަގުތު ފޫނެއް ފަޔަށް ފެންފުރުމުގައި ބޭކާރުކުރަނީ ކީއްވެ ބާއެވެ؟ އިމްތިޙާނުތަކުގައި ރަން ނަތީޖާ ނުހޯދެނީ ކީއްވެބާއެވެ؟  އެދަރިވަރުންގެ މަންޒިލެއް ނެތީހެއްޔެވެ؟

މިސުވާލުތަކަށް ވިޔަވަތިކަމެއްގެ ކުލަޖައްސާނަމަ، ދަރިވަރުން ވާޞިލުވާންޖެހޭ މަޤްޞަދު ހިތުގައި ބިންވަޅު ނަގަންޖެހެއެވެ. ހިތުގެ ސާފުކަން އިތުރުކުރަންޖެހެއެވެ. އިޚްލާޞްތެރި ނަފްސެއްގެ ހައިބަތު އިތުރުކޮށް މަޤްޞަދަށް ވާޞިލުވާނޭ އުސްލޫބުތަކުގައި ފައިތިލަ ޘާބިތުކުރަންޖެހެއެވެ. ހިތްވަރުން ހަށިގަނޑު ތާޒާކޮށް އަސާސުތަކުގެ މަތީގައި ޢަޒުމުގެ ކަމަރު ބަންނަންޖެހެއެވެ. ޙަޤީޤީ މޭވާގެ ރަހަ ލިބިގަތުމަށް ދަނޑު ފަނގު ކޮށައި ފެންދީ ހައްދަންޖެހެއެވެ. މޫސުމަށްބަލައި އަންނަދަނޑިވަޅުތަކަށް ފުރިހަމައަށް ތައްޔާރުވާންޖެހެއެވެ. ދަރިވަރުން މަތިވެރިވެގެންވާ މަންޒިލަކަށް ވާޞިލްވާން އެދޭނަމަ، ސަބަބުތަކުގައި ބާރަށް ހިފަހައްޓަން ނުޖެހޭ ހަމައެއް މިބިންމަތީގައި އުފަންވެފައި އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

_________________________

Leave a Reply

Your email address will not be published. Required fields are marked *

Previous Article

އިމްތިޙާންގެ ވަޤުތުގައި ކެތްތެރިވުން -ޢިބްރަތުން ފުރިގެންވާ ފުރިހަމަ މިސާލެއް

Next Article

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 2 ވަނަ ބައި

Related Posts