ޢީސާ ޢަލައިހިއްސަލާމާއިގެން މަރިޔަމް އަލައިހިއްޞަލާމް ހައްޔަރުވެވަޑައިގަތުން
މަލާޢިކަތްބޭކަލުން އެކަމަނާއަށް މަތިވެރިވެގެންވާ ޚަބަރުދެއްވައި، އެކަމަނާއަކީ ޢާލަމްތަކުގެ ހުރިހާ އަންހެނުންތަކުގެ މައްޗަށް މާތްކުރެއްވިގެންވާ ބޭކަނބަލެއްކަމާއި އަދި އެކަމަނާއަށް ޞާލިޙުފިރިހެންދަރިޔެއްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އަދި އެކަލޭގެފާނަކީ ނަބީބޭކަލަކަށްވާނެ ކަމާއި އަދި އެބޭކަލަކަށް މާތްﷲ މުޢުޖިޒާތްތަކާއި ކަރާމާތްތައް ދެއްވާނެކަމަށް އެކަމަނާއަށް ޚަބަރުދެއްވުމުން އެކަމަނާ އެކަމާއި ވަރަށް އަޖައިބުވެވަޑައިގެން ހައިރާންވެ ވަޑައިގަތެވެ.
އެކަމަނާ މިސްކިތުން ބޭރަށް ވަޑައިގަންނަވަނީ އެކަމަނާއަށް ނަމާދުކުރުން މަނާވެފައިވާ ދުވަސްތަކުގަޔާއި އަދި ކޮންމެހެން ބޭރަށް ދާންޖެހޭ ފަދަ ހާލަތެއް ދިމާވުމުންނެވެ. މިސާލަކަށް ކާތަކެތި ގެނައުމާއި އަދި ފެންގެނައުން ފަދަ ކަންކަމުގައެވެ.އެކަމަނާއަށް މިގޮތުން ޙާޖަތެއް ޖެހިވަޑައިގަތުމުން މަސްޖިދުލް ޢަޤުޞާގެ އިރުމަތީފަރާތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެކަމަނާގެ އަރިހަށް ﷲ ސުބުޙަނަހޫ ވަތަޢާލާ ޖިބުރީލު ޢަލައިހިއްސަލާމް ފޮނުއްވިއެވެ.
ﷲތަބާރަކަވަތަޢާލާ އެކަންބަޔާންކުރައްވައި ކީރިތިޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴿١٧﴾
ޖިބްރީލް ޢަލައިހިއްސަލާމް އިންސާނެއްގެ ސިފައިގައި އެކަމަނާގެ އަރިހަށް ފާޅުވިއެވެ.އެކަމަނާއަށް ޖިބުރީލު ޢަލައިހިއްސަލާމް ފެނިވަޑައިގަތުމުން އެކަމަނާ ވިދާޅުވިއެވެ.
قَالَتْ إِنِّي أَعُوذُ بِالرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا ﴿١٨﴾
“އެކަމަނާ ވިދާޅުވިއެވެ. ތިބާގެ ކިބައިން ތިމަންކަމަނާ ﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އެއީ ތިބާﷲއަށް ބިރުވެތިވާނަމައެވެ. ”
މާނައަކީ ތިބާއަކީ ތަޤުވާވެރި މީހެއްނަމަ ﷲއަށް ބިރުވެތިވާށެވެ. އަދި ﷲގެ ޙަޟްރަތުން ތިބާގެ ފަރާތުން ސަލާމަތްކަމަށް އެދެމެވެ. އަދި ތިމަންކަމަނާގެ އަމިއްލަހާލައިގެން ދޫކޮށްލާށެވެ.
قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا ﴿١٩﴾
“މަލާއިކަތާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންނާއަކީ ކަމަނާގެ ވެރިރައްބުގެ އަރިހުން ކަމަނާއަށް ޞާލިޙު ފިރިހެން ދަރިޔެއް ލިބޭނެ ކަމުގެ (އުފާވެރި ޚަބަރުދިނުމަށް) އައި ރަސޫލަކީމެވެ.”
މަލާއިކަތާ އެކަމަނާއާއި މުޚާތަބު ކުރައްވާ ބަސްފުޅު އިއްވެވިއެވެ. އަހަރެންނަކީ އިންސާނަކީމެއްނޫނެވެ. ނަމަވެސް ކަމަނާގެ ވެރިރައްބުގެ އަމުރަށް ކަމަނާއަށް (އެކަމަނާގެ ގައިކޮޅަށް ފުއްމަވައިލައްވައިގެން) ފިރިހެންކުއްޖެއްދެއްވުމަށް (އަދި އެކަމުގެ އުފާވެރި ޚަބަރުދިނުމަށް) އައި މަލާއިކަތްބޭކަލަކީމެވެ”
(قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ…. 20)
“އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ފިރިހެންކުއްޖެއް ލިބޭނީ ކޮންފަދައަކުންތޯއެވެ؟”
އަދިވެސް އެކަމަނާ ވިދާޅުވަމުން ގެންދެވިއެވެ.
وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا ﴿٢٠﴾
“އަދި އެއްވެސް ފިރިހެނަކު ތިމަންގައިގައި ބީހިފައިނުވެއެވެ. އަދި އިއްފަތްތެރިނޫން މީހެއްކަމުގައިވެސް ތިމަންކަމަނާވެވަޑައިނުގަންނަވަމެވެ.”
ދެން މަލާއިކަތާވިދާޅުވިއެވެ.
(قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ…. 21)
” ދެން މަލާއިކަތާ ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަދެންނެވި ފަދައިންނެވެ. ނަމަވެސް ކަމަނާގެ ވެރިރައްބު އަންގަވަނީ އެއީ އެއިލާހުގެ މައްޗަށް ނުހަނު ފަސޭހަކަމެއްކަމުގައެވެ..” އެބަހީ: މަލާޢިކަތްބޭކަލާ އެކަމަނާއަށް ކަންހުރީމަގީ އެކަމަނާ ވިދާޅުވި ގޮތްކަމުގައި ބަޔާންކޮށްދެއްވައި އަދި އެކަމަނާއަށް ފިރިހެން ކުއްޖަކު ދެއްވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޢުދުބަސްފުޅެއްކަމަށް އެންގެވިއެވެ.
(هُوَ عَلَيَّ هَيِّنٌ…. 21)
“އެކަމަކީ ތިމަންއިލާހަށް ނުހަނު ފަސޭހަކަމެކެވެ..”
އެބަހުގެ މުރާދަކީ ކޮންމެ ކަމެއްކުރެއްވުމުގެ ކުޅަދުންވަންތަކަން އެއިލާހަށް ލިބިވޮޑިގެންވާ ކަމެވެ. އަދި ކޮންމެކަމަކީވެސް އެއިލާހަށް ފަސޭހަކަމެއްކަމެވެ.
(وَلِنَجْعَلَهُ آيَةً لِّلنَّاسِ.. 21)
“އަދި ތިމަންއިލާހު ކަމަނާގެ ދަރިކަލުންނަކީ ޢާލާމްތަކަށް ހުރި އާޔަތެއް (މުޢުޖިޒާތެއް، ހެއްކެއް) ކަމުގައި ލައްވާހުށީމެވެ.”
މާނައީ ﷲ ސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ ކުޅަދުންވަންތަކަމުން އެކަލޭގެފާނަކީ އެއިލާހުގެ ކުޅަދުންވަތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްކަމުގައި މީސްތަކުންގެ މައްޗަށް ލައްވާހުއްޓެވެ. އެއީ ބަފައިކަލަކާއި ނުލާ ހަމައެކަނި އަންހެންބޭކަނބަލެއްގެ ފަރާތުން އިންސާނެއް އުފެއްދެވުމެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދާފައިވަނީ ހަތަރުގޮތަކަށެވެ.
– އެއްވެސް އަންހެނަކާއި ފިރިހެނަކީ ނުލާ އާދަމް ޢަލައިހިއްސަލާމް އުފެއްދެވުން
– އަންހެނަކާއި ނުލާ ފިރިހެނެއްގެ ކިބައިން އެބަހީ ޢާދަމު ޢަލައިހިއްސަލާމްގެ ކިބައިން ޙައްވާ ޢަލައިހިއްސަލާމްއުފެއްދެވުން
– ޢީސާ ޢަލައިހިއްސަލާމް ބަފައިކަލަކައި ނުލާ އަންހެނެއްގެ ކިބައިން އުފެއްދެވުން
– އަދި އެހެނިހެން ހުރިހާ އިންސާނުން އަންހެނަކާއި ފިރިހެނެއްގެ ކިބައިން އުފެއްދެވުން
(މި ލިޔުމުގެ ފުރަތަބައި ވިދާޅުވެލައްވާ)
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا ﴿١٢ އައްތަޙުރީމް﴾
“އަދި ޢިމްރާނުގެ ދަރިކަނބަލުން މަރިޔަމް އެކަމަނާގެ ޢިއްފަތްތެރިކަން ސަލާމަތްކުރައްވައި ރައްކާތެރިކުރެއްވިއެވެ. އަދި ޖިބުރީލު ޢަލައިހިއްސަލާމް އެކަމަނާގެ ހެދުންކޮޅަށް ފުމެލެއްވިއެވެ. ”
އެކަމަނާގެ ހެދުންކޮޅަށް ޖިބްރީލު އަލައިހިއްސަލާމް ފުމެލެއްވުމާއިއެކުގައި އެކަމަނާ އެހެން އަންހެނުންވެސް މާބަނޑުވާ އުސޫލުން މާބަނޑުވެވަޑައިގަތެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.
فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا ﴿٢٢﴾
“ފަހެއެކަމަނާ (ޢީޞާއަލަހިއްސަލާމާއިގެން) އާލާސްވެއިންނެވުމުން ދުރުގައިވާ، ތަނަކަށް އެކަމަނާގެ (ބަނޑުގައިވާ ދަރިކަލުންނާއިގެން) ވަޑައިގެންނެވިއެވެ.” (އެކަމަނާ ވަޑައިގެންނެވީ ޤުދުސްއާއި ހަތަރަކާއި ހަކިލޯމީޓަރުގެ ދުރުމިނުގައިވައި ވާދީއެއްކަމަށްވާ ބައިތުއް ލަޙަމްއަށެވެ )
އެކަމަނާ އާލަސްވެ އިންނެވުމުން މީސްތަކުންނަށް އެކަން އެނގިދާނެތީ އެކަމަނާ ކަންބޮޑުވެވަޑައިގަތެވެ. އަދި އެކަމަނާގެ އާލާސްވެއިންނެވުން ފާޅުވާން ފެށުމުން މީސްތަކުންނާއި އެކަހެރިވެ ވަޑައިގެން، ދުރުގައިވާ ތަނަކަށް ވަޑައިގަތެވެ. އެކަމަނާ ވަޑައިގެންނެވީ ޤުދުސްއާއި ހަތަރަކާއި ހަކިލޯމީޓަރުގެ ދުރުމިނުގައިވައި ވާދީއެއްކަމަށްވާ ބައިތުއް ލަޙަމްއަށެވެ.
ނުނިމޭ