ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޝަޙްސެއް ބިނާކުރުމުގައި މައިންބަފައިންގެ ދައުރު( 2 ވަނަ ބައި)

މުރައްބިއެއްގެ ކިބާގައި ހުންނަންޖެހޭ ސިފަތައް:

މުރައްބީއެއްގެ ކިބާގައި  އިޚްލާސްތެރިކަމާއި، ތަޤުވާވެރި ކަމާއި، ތަޢުލީމާއި، ޙިލްމުވެރިކަން، އަދި ޙިކްމަތްތެރިކަން ހުރުން ވަރަށް މުހިންމެވެ. ހަމަ އެހެންމެ އަލް އުސްތާޛާ އަނާރާ ނަޢީމް އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންވިދާޅުވީ ”މުރައްބީއެއްގެ ކިބާގައި ހުންނަންޖެހޭ ސިފަތައްކަމަށް ދެންނެވީ އެމަހަކީ އިޚްލާސްތެރި، ހަރުދަނާ، އަދި ތަރުބިއްޔަތުގެ މައިދާނަށް ސިކުނޑި ހުޅުވިފައިވާ އަދި ދަރިންނާމެދު ހަމަ ހަމަކޮށް ކަންތައްކުރަން ދަތުމާއި ކުދިންގެ މެދުގައި މައްސަލަތައް ހައްލުކުރަންދަންނަ މީހާކަށް ވާންޖެހޭކަމަށެވެ.“(25، 02،2012،އިންޓަވިއު). ހަމައެންމެ އައްޝައިޙް ޢިއްޒުއްދީން އަދުނާން އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މުރައްބީއަކު ވާންވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތައް އުޅޭމީހަކަށެވެ.(23-02-2012،އިންޓަވިއު).ހަމައެހެންމެ އައްޝައިޚް ޝަމީރު ވިދާޅުވީ ”މުރައްބީ އަކީ މާތް ﷲއާ މެދު ފުރިހަމަ އިތުބާރު އޮތުމާއެކު އީމާންވާންޖެހޭ އެންމެހާ ކަންކަމާމެދު ހިތުގައި އެއްވެސް ޝައްކު ކަމެއްނެތި ޤަބޫލްކުރާ މީހަކަށް ވާންޖެހޭ ކަމުގައެވެ. އަދި އެމީހަކީ ﷲ އަށް ބިރުވެތިވެ ނަމާދު ފުރިހަމައަށް އަދާ ކުރުންމަތީ ދެމިހުންނަ މީހަކަށް ވާންޖެހޭ ކަމުގައެވެ.“ (ފެބްރުއަރީ 29-2012 އިންޓަވިއު). ހަމައެހެންމެ ޒިންމާދާރު ވުމަކީވެސް މުރައްބި އެއްގެ ކިބާގައި ހުރުން ވަރަށް މުހިންމު ސިފައެކެވެ.ޒިންމާދާރުގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ތަރުބިއްޔަތު ކުރުމުގައި ކުރިމަތިވާ މައްސަލަތައް ކުއްޖާއަށް ނުބައި އަސަރު ނުކުރާނޭ ގޮތެއްގެ މަތިން ޙައްލުކޮށް މަޤްޞަދު ޙާސިލްކުރުމެވެ. މިގޮތުންކުރެވޭ ތަރުބިއްޔަތު ކާމިޔާބު، އަދި އަމާޒަށް ވާސިލްވެވޭ ތަރުބިއްޔަތަކަށް ވުމާއި ނުވުން ބިނާވެފައިވަނީ، ބެލެނިވެރިޔާއަށް ލިބިފައިވާ ކަމާގުޅޭ ޞައްހަ މަޢުލޫމާތާއި، އެމަޢުލޫމާތާއި އެއްގޮތަށް ޢަމަލުކުރެވޭ މިންވަރެއްގެ މައްޗަށެވެ. ޢަބްދުއްރައްޒާޤު ޢަލީ (2007) ގައި ބަޔާންކުރާގޮތުގައި ޒިންމާދާރު ގޮތުގައި ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި އެމީހަކަށް އެކަމާގުޅޭ ފުރިހަމަ މައުލޫމާތު ލިބިފައިހުރުން ވަރަށް މުހިންމެވެ.

އިސްލާމީ ޝަހްސިއްޔަތު ބިނާކުރުން:

އިސްލާމީ ޝަހްސު ޢިލްވެރިން މާނަކުރާ ގޮތައްބަލާއިރު އައްޝައިޙް ޢިއްޒުއްދީން އަދުނާން އަޅުގނޑު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އިސްލާމީ ޝަޙްސިއްތަކީ މީހެއްގެ ހުންނަ ސުލޫކާ،އަޚްލާޤާއި، އަދި މުޢާމަލާތުން އަންގައިދޭ މާނަވީ ސޫރަކަމުގައެވެ. އިސްލާމީ ޝަހްސިއްޔަތެއްނަމަ ކުރާ ކޮންމެ ކަމެއް ކުރާނީ ދީނަށްޓަކައި ދީނުގައި އަންގަވާފައިވާ ގޮތަށެވެ. ހަމަ އެހެންމެ އެމީހެއްގެ ކިބާގައި  މީހުން ބަލާގަންނަފަދަ  އަޚްލާޤީ ސިފަތަކެއް ހުންނާނެކަމުގައެވެ.(23،02،2012 އިންޓަވިއު). މިކަމާ ގުޅޭގޮތުން އައްޝައިޚް އަޙުމަދު ޝަމީރު ”ވިދާޅުވީ އިސްލާމީ ޝަޚްޞިއްޔަތޭ ބުނެވޭ ބަހުގެ މާނައަކީ މާތް ﷲ އަށާއި  އެކަލާނގެ ރަސޫލާދެކެ ފުރިހަމައަށް ލޯބިވާ އަދި އިމާންކަމުގެ އެންމެހާ ރުކުންތައް ތެދުކޮށް ޤަބުލްކުރާމީހާކަމުގައެވެ. އަދި ކީރިތީ ތަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި އެންމެހާ ކަންތައްތައް ޤަބުލްކޮށް ބޯލަނބާ ކިޔަމަންގަންނަ މީހާއެވެ.(29،02،2012 އިންޓަކިއު).

 އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވީ ”ޢިސްލާމީ ޝަޙްޞިއްޔަތަކީ އަޅުގަނޑުމެންގެ މާތްވި އިސްލާމްދިނުގައި އަންގަވާފައިވާގޮތައް ދިރިއުޅުމުގެ އެންމެހާ ކަންކަން ބައްޓަންކުރާ މީހާކަމުގައެވެ.(25، 02،2012،އިންޓަވިއު). އެހެންކަމުން އިސްލާމީ ޝަޙްޞިއްޔަތެއް ބިނާކުރެވޭނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތައް ތަރުބިއްޔަތު ކުރެވިގެންކަން ޢިލްމުވެރިންގެ މި ބަސްފުޅުތަކުން ދޭހަވެއެވެ.

އިސްލާމީ ޝަޙްޞިއްޔަތެއް ބިނާކުރުމުގައި ޢަމަލުކުރާނެ ގޮތްތައް:

ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓާކައި ޢަމަލުކުރަންވީ ގޮތް އަޅުގަނޑުމެންގެ މާތްވި އިސްލާމްދިނުގައި އަންގަވާފައި ވެއެވެ. މިގޮތުން އައްޝައިޚް އަޙުމަދު ޝަމީރު ވިދާޅުވީ ”ކައިވެނި ކުރުމަށްފަހު އޭމީހެއްގެ އަނބިމިހާއާ ބައްަދަލު ވާދިނދު ދުޢާކުރުމަށް އިސްލާމްދީން އަމުރު ކުރައްވައެވެ.މިއިީ ހެޔޮލަފާ ދަރިފަސް ކޮޅެއް ބިނާކުރުމަށްޓަކައި އިސްކަންދިނުން ވަރަށް މުހިންމު ކަމެކެވެ.“ (29،02،2012 އިންޓަކިއު). ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވސައްލަމް ގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. ”އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާއެދެނީ އޭނާގެ ކިބާގައިވާ ރަނގަޅު ކަންތަކަށެވެ. އަދި އިބަރަސްކަލާނގެ އޭނާ ވުޖުދަށް  ގެންނަވާފައިވާ ވެށީގައިހުރި ރަނގަޅު ކަންތަކަށެވެ. އަދި އޭނާ ޝައިޠާނާގެ ކިބައިން ރައްކާތެރިކަން މިއަޅާއަށް ދެއްވާށިއެވެ! އަދި އިބަރަސްކަލާނގެ އޭނާ ވުޖޫދަށް ގެންނަވާފައިވާ ވެށީގެ ޝައިޠާާނާގެ ކިބައިންވެސްމެއެވެ. އެގޮތުން އަލަތު އަނބިމީހާ ލިބުމުން އެކަމަށްޓާކައި ދުޢާކުރުމަކީ ރަނގަޅު ޞާލިޙް ދަރިން ލިބުމަށް މަގުފަހިވާނެ ކަމެއްކަން ހާމަވެއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޢަބްދުއްރައްޒާޤު ޢަލީ (2007) ގައި ޖިމާޢުވުގެ ކުރިން ދުޢާކުރުން މުހިންމުކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އެގޮތުން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ.“ އޭ ހައްދަވާ ބޮޑުކުރެްވި ރަސްކަލާކޮ!އަޅަމެން ޝައިޠާނާގެ ނުބައިކަމުން ދުރުކޮށްދެއްވާނދޭވެ! އަދި އަޅަމެނަށް ދަރިއަކު ދެއްވުމަށް އިބަރސްކަލާނގެ އިރާދަކުރައްވާފިނަމަ އެދަރިފުޅަކުވެސް ޝައިޠާނާގެނުބައިކަމުން ސަލާމަތްކޮށްދެއްވާނދޭވެ!“ ތިންވަނަކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ ތަޙްނީކް ކުރުމެވެ.ތަޙްނީކް ކުރުމަކީކުޑަކުއްޖާގެ ތުންފަތުގައި ކަދުރު ކޮޅެއްފިސްކޮށްފައި ޖެއްސުމެވެ. އެގޮތުން އަބޫ މުސާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.“ އަހަންނަށް ދަރިއަކު ލިބުމުން އެ ކުޑަ ދަރިފުޅު މާތް ނަބިއްޔާގެ އަރިހަށް ގެންދިޔައިމެވެ.އެހިނދު އެކަލޭގެފާނު އެދަރިފުޅަށް އިބްރާހީމްއޭ ވިދާޅުވެ ނަންދެއްވިއެވެ. އަދި އެދަރިފުޅު ތަހްނީކް ކުރައްވާ އެދަރިފުޅަށް މާތް ރަސްކަލާނގެ  ބަރަކާތް ލެއްވުންއެދި ދުޢާކުރެއވިއެވެ. ”

 މައިންގެ ބަނޑުގައި، ދަރިން ގަރުބަގަތިއްސުރެ މައިންނާ ބަނޑުގައިވާ ދަރިންނަށް ރައްކާތެރިވެ ރިޢާޔަތް ކުރުމަށްވެސް އިސްލަމްދީ ގައި އަންގަވާފައިވއެވެ.  އެގޮތުން ބަލިވެ އިންނަ ދުވަސްވަރު އަނބިމީހާއަށް ރަނގަޅު ކާނާ ލިބޭނެގޮތް ހަދާދިނުމަކީ ޢާއިލާއެއްގެ ބިންގާއެޅޭ ދުވަހުންފެށިގެން ވިސްނަންޖެހޭ ކަމެކެވެ. މިގޮތުން އަލްއުސްތާޒާ އަނާރާ ނަޢީމް ވިދާޅުވީ ”ދިރާސާތަކުން ދައްކާގޮތުގައި މައިމީހާގެ ބަނޑުގައި ދަރިިފުޅު އޮންނައިރު މައިމީހާ ޤުރުއާންކިޔަވާ ހަދާނަމަ އެކަމުން ކުއްޖާއަށް އަސަރުކުރާކަމުގައެވެ.(25، 02،2012،އިންޓަވިއު).

ހަމައެންމެ ދަރިއަކު ލިބުމަށްފަހު އެކުއްޖާއާމެދު ކަންތައްކުރަންވީ ގޮތްވެސް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.އެގޮތުން އަބޫ ނަބީޙް (2004) ގައި ލިޔުއްވާފައި ވެއެވެ. ”ކުއްޖާ ދުނިޔެއަށް އުފަންވުމާއެކު ބަންޤިޔާއި ޤަމަތުގެ އަޑު އެ ކުޑަކުއްޖާގެ ކަންފަތަށް އިއްވާލަދިނުން ހިމަނުއްވާފަވަނީ އެންމެ ފުރަތަމަ އިވޭ އަޑަކީ އެއްކައުވަންތަކުމުގެ އަޑުކަމުގައި ހެދުމަށްޓަކައެވެ.“ ހަމަ އެހެންމެ ކުއްޖާ ލިބުމަށްފަހު އެކުދިންނަށްޓަކައި ހެޔޮދުޢާ ކުރުމަށް އަންގަވާފައި ވެއެވެ. ނުނިމޭ

 /

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަތުން 2 ވަނަ ބައި

Next Article

ޤުރުއާން ބާވައިލެއްވުން 2 ވަނަ ބައި

Related Posts