އިންސާނާ އަބާއްޖަވެރިވާ ސަބަބުތައް

އަލްއަޚް އަހްމަދު ސަލީމް ޙުސައިން
މިއަދު އަޅުގަނޑުމެން މުސްލިމުން ޝަރުޢީ ހަމަތަކާއި، އިންތައް ގިރާކޮށް، މާތް ﷲ ގެ ޙައްދުތައް ފަހަނަ އަޅާ ގޮސް އެހެނިހެން މަގުތައް ޚިޔާރުކުރުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ދިއުމެވެ. އާޚިރަތުގެ މަތީން ހަނދާންނެތި ދުނިޔޭގެ އުފަލާ އަރާމުގެ ތެރެއަށް ޣަރަޤުވުމެވެ. މި ދުނިޔޭގައި އިންސާނާ ހޭދަކުރަމުންދާ ޙަޔާތުގެ ދުވަސްތަކަކީ އޭގެ ނިމުމަކާ ކުރިމަތިލާންޖެހޭނެ ޙަޔާތެއްކަން ނުވިސްނުމެވެ. ދުނިޔެއަކީ ފަނާވެދަނިވި، ކެހިވެރި ތަނެއްކަން ޤަބޫލުނުކުރެވުމެވެ. އަދި މިއަދު އިންސާނާވަނީ އޭނާ ހެއްދެވި ޚާލިޤުވަންތަ ކުޅަދުންވަންތަ ރަސްކަލާނގެ މަތީން ހަނދާންނެތި، ދެވަނަ ފަހަރަށް ދިރުއްވުމުގެ ޢަޤީދާގެ މަތީންވެސް ހަނދާންނެތިފައެވެ. ކުޑަވެސް ޝައްކެއްނެތެވެ. މި ދުނިޔެއަކީ ހެއްލުންތެރިކަމުގެ ދުނިޔެއެކެވެ. ދުނިޔެއަކީ ހުވަފެނެކެވެ.

ދުނިޔޭގެ ދަޅަތަކަށް ހެއްލި ދުނިޔެއާއިގެން އުޅޭ މީހުންނަށް ވަނީ މަގުފުރެދުމާއި ހަލާކާއި ބަރުބާދީއެވެ. އެހެންކަމުން ބުއްދިވެރީން ދުނިޔޭގެ ކުލަތަކަށާއި ދަޅަތަކަކަށް ނުހެއްލޭނެއެވެ. ޙަޤީޤީ ބުއްދިވެރިންނަކީ މި ފަނާވަނިވި ދުނިޔޭގެ ކުލަތަކަށް ނުހެއްލި މާތް ﷲއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާ ކުރާމީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ”ބުއްދިވެރިޔަކީ ތިމާގޭ އަމިއްލަ ނަފްސުގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށްފަހު އަންނަން އޮތް ޙަޔާތަށްޓަކައި ހެޔޮ ޢަމަލުކުރާމީހާއެވެ. އަދި ނުކުޅެދުންތެރިއަކީ ތިމާގެ އަމިއްލަ ނަފްސުގެ ލަގަން ހިތް އެދޭހާގޮތަކަށް ދޫކޮށްލައިގެން ހުރެ ﷲގެ ޙަޟްރަތުން ފޮނި އުއްމީދުތައް ކުރާމީހާއެވެ.” (ރަވާހުއް ތިރުމިޛީ ވައަޙްމަދު)

މިއަދު އަޅުގަނޑުމެން ދިރިއުޅެމުންދާ ދުނިޔެއަކީ ވަރަށް ރީތި ހެއްލުންތެރި ދުނިޔެއެކެވެ. އިންސާނާ ދުނިޔޭގެ ޒީނަތްތެރިކަމާއި ރީތިކަން ފެންނަ ހިނދު ދުނިޔެ ލިބިގަތުމަށް ފޫގަޅައި އެކަމަށްޓަކައި ވަޤުތުތައް ހޭދަކުރެއެވެ އެވެ. ނަމަވެސް މި ދުނިޔެ އަކީ ކޮންފަދަ ތަނެއްކަން ބަޔާންކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”ތިޔަބައިމީހުން ދަންނާށެވެ. ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައިއެވެ. އަދި މަޖަލެއްގެ ކަމުގައެވެ. އަދި ޒިނަތެއް ކަމުގައެވެ. އަދި ތިޔަބައި މީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދަތަކާއި ދަރިންނާމެދު އެކަކު އަނެކަކަށް ވުރެ ގިނަ ކަމަށް ބުނެ މޮޅު ވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭ ފެނެއްގެ މިސާލުގައެވެ. އެފެނުން ފެން ލިބިގެން ފެޅިގަސްތަކެއް ދަނޑުވެރިން ޢަޖާއިބުކޮށްފާވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲގެ ހަޟްރަތުން ލިބޭ ފާފަ ފުއްސެވުމަކާއި ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.” (ސޫރަތުލް ޙަދީދު: 20)

ދުނިޔޭގެ ރީތިކަމާ އުފަލާއި އަރާމަކީ ވަޤުތީ އަދި ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. ނިމުމެއްނުވާ އަބަދީ ނިޢުމަތްތައް ހުރީ އާޚިރަތް ދުވަހެވެ. ހެޔޮ ޖަޒާ ގެ ދުވަހެވެ. ހެޔޮ ޖަޒާ އާއި ނުބައި ޖަޒާ އެވެ. އެހެންކަމުން ޙަޤީޤީ ކާމިޔާބީ އާއި ބާއްޖަވެރިކަން ލިބޭ ހުށީ އެ ދުވަހުންނެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” އާޚިރަތަށް ވުރެ ދުނިޔޭގެ ދިރިއުޅުމަށް ތިޔަބައިމީހުން ރުހެނީ ހެއްޔެވެ؟ ދުނިޔޭގެ އުފަލާއި އަރާމަކީ އާޚިރަތާއި އަޅާ ބަލާއިރު މަދު އެތިކޮޅެއްކަމުގައި ނޫނީ ނުވެއެވެ.(ސޫރަތުއް ތައުބާ:38)

މިގޮތުން އިންސާނާ ގެއްލުމާއި އަބާއްޖަވެރިކަމުގެ ތެރެއަށް ގެންދަނީ ދުނިޔެވީ އެދުންވެރިކަމާއި މުދަލުގެ ދަހިވެތި ކަމެވެ. އޭގެ ސަބަބުން އިންސާނާ ވަނީ ދުނިޔޭގެ ކަންކަމުގައި މަޝްޢޫލުވެ، މާތް ﷲ އާއި އާޚިރަތް ދުވަހުގެ މަތީން ހަނދާންނެތިފައެވެ. އަދި މާތް ﷲއަށްޓަކާ އަޅުކަމުގައި ހޭދަކުރާ ވަޤުތު ތަކުގައިވެސް އޭނާގެ ހިތްވަނީ ދުނިޔެވީ އެދުންތަކާ އެކުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ”ދީނާރާއި ދިރުހަމުގެ އަޅާއަށް ހަލާކު ހުއްޓެވެ.” (ރަވާހުލް ބުޚާރީ)

މިގޮތުން ޢިލްމުވެރީން ވަނީ އިންސާނާ ބާއްޖަވެރިވާނެ ގޮތްތަކާއި އަބާއްޖަވެރިވެ، ކަސިޔާރު މަގު ޚިޔާރުކުރުމުގެ ސަބަބުތައް ބަޔާންކޮށް ދެއްވާފަވެއެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި އިންސާނާއަށް އަބާއްޖަވެރިވެ، ނުސީދާ މަގު ޚިޔާރުކުރަނީ ދިހަ ކަމެއްގެ ސަބަބުންނެވެ. އެއީ:
1- ކެއުމުގައި ޙައްދުފަހަނަ އަޅައި ދިއުން.
2- ޝަހުވާނީ ކަންތަކުގައި ޙައްދުފަހަނަ އަޅާ ދިއުން.
3- ޙަސަދަވެރިކަމާއި ނީހަވެރިކަން.
4- ރުޅި ކޮންޓްރޯލް ނުކުރެވުން.
5- ދަހިވެތިކަން.
6- މުދަލަށް ބޫތުކެއުން.
7- ޖާހާއި ޢިއްޒަތް ދެކެ ލޯބިވުން.
8- ދެއްކުންތެރިކަން.
9- ބޮޑާކަމާއި ކިބުރުވެރިކަން.
10- އަމިއްލަ ނަފްސާއި މެދު ބޮޑާވުން.

މިފަނާވަނިވި ދުނިޔޭގެ ރީތިކަމުގެ ތެރެއަށް ގެއްލި، އާޚިރަތް ދުވަސް މަތީން ހަނދާންނެތި ދިއުމުގެ މައިގަނޑު ސަބަބަކީ މިކަންތައްތަކެވެ. މުދަލުގޭ ދަހިވެތިކަމާއި ތިމާގެ މަޤާމާއި ޖާހަށްޓަކައެވެ. އަމިއްލަ ނަފްސާއި މެދު ބޮޑާވެ، ކިބުރުވެރިކަމާއި ޙަސަދަވެރިކަމުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ”ދުނިޔެއަކީ ހަމަކަށަވަރުން ފޮނި ފޮނި އެއްޗެކެވެ. (އެބަހީ ހެއްލުންތެރިކަން ބޮޑު ތަނެކެވެ.) އަދި ތިޔަބައިމީހުން ދުނިޔޭގައި (ބިމުގައި) ޚަލީފާއިން ކަމުގައި ﷲ ލެއްވެވިއެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއާއި މެދު ބިރުވެތިވާށެވެ. އަދި އަންހެނުންނާއި މެދު ރައްކާތެރިވެ ބިރުވެތިވާށެވެ.”( ރަވާހުއް ތިރުމިޛީ ވައިބްނުމާޖާ)

މިއީ ތެދު ހަޤީޤަތެއްކަން ހެޔޮ ވިސްނޭ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. ބާއްޖަވެރިކަމާއި ފަލާހް ލިބޭނީ ހަރުދަނާ އީމާންކަމާއެކު މާތް ﷲ އަށް ޠާޢަތްތެރިވެގެންނެވެ. މުއުމިނުންނަކީ އެމީހުންގެ ޢަމަލުންނާއި ބަހުން އީމާންކަމުގެ ތެދުކަން ހާމަކޮށްދޭ ބައެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާ ގައިވެއެވެ. ”ތިޔަބައިމީހުން ހަ ކަމަކަށް ޖާމިނުކަން ދީފިނަމަ ތިޔަބައިމީހުންނަށް ސުވަރުގެ ލިބޭނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ. (އެއީ ވާހަކައެއް ދައްކައިފިނަމަ ތެދު ބުނާށެވެ. ވަޢުދެއް ކޮށްފިނަމަ އެ ވަޢްދެއް ފުއްދާށެވެ. އަދި އަމާނަތަކާ ޙަވާލުވެއްޖެނަމަ އެ އަމާނާތެއް އަދާކުރާށެވެ. އަދި ތިޔަބައިމީހުންގެ ލަދުވެތި ގުނަންތަކަށް ރައްކާތެރިވާށެވެ. އަދި ލޯތައް ތިރިކުރާށެވެ. އަދި ތިޔަބައިމީހުން އަނެކުންނަށް އުނދަގޫ ލިބޭ ކަންތައްތަކުން ދުރުހެލިވެތިބޭށެވެ.” (ރަވާހު އަޙްމަދު)

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ކައިވެނީގެ މުހިންމުކަން( 3 ވަނަ ބައި)

Next Article

ރާއްޖޭގައި ވަރި ގިނަވާން މެދުވެރިވާ ސަބަބުތައް ( 3 ވަނަ ބައި)

Related Posts