މިއަދުގެ މުޖުތަމަޢުގައި އަންހެންކަނބަލުން!

އާދެ، ހަމަ ކަށަވަރުންވެސް މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަޅުވެތިވުމަށެވެ. ”އަޅުކަންކުރުން“ މިބަހުގެ މުރާދަކީ ރެ އާއި ދުވާލު ސައްވީސް ގަޑިއިރު މިސްކިތުގައި ނުވަތަ މުޞައްލަމަތީ ކޮންމެހެން ކުރަންޖެހޭ އަޅުކަންތައްކުރުމުގައި މަޝްޣޫލްވެއުޅުމުގެ ވާހަކައެއްނޫނެވެ. އެއިގެ މުރާދަކީ މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝަރީކް ކުރުމުން ދުރުހެލިވެ ދުނިޔެ އާރާސްތު ކުރުމުގައި ބައިވެރިވެ އުޅުމުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ކޮންމެ އިންސާނެއްގެ، އާދެ، ކޮންމެ އަންހެނަކާއި ފިރިހެނެއްގެ ޒިއްމާއެކެވެ. ވާޖިބެކެވެ.

ކާބަފައިން ޒަމާނު، މުޖުތަމަޢަށް އަންހެނެއްގެ މަސްއޫލިއްޔަތު ވިސްނިފައިވަނީ ހަމައެކަނި ގޭތޭރޭގައި ދަރިންގެ ކުރިއެރުމަށް ހިތްވަރުދީ މަންމައެއްގެ ލޯތްބާއިއެކު ދަރިންބަލާ ބޮޑުކުރުމުން އެނިމުނީ ކަމުގައެވެ. ޒަމާން ބަދަލުވަމުން ދުވަސްތައް މާޒީއާއި އެކު ގޮސް މިއަދު މިފެންނަނީ ގޭތެރޭގެ މާހައުލު ދަރިންގެ ތަރުބިއްޔަތަށް އިހްމާލްވެ، ދީނީ ކަންތައްތަކަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދެވި އަޤީދާ ބަލިކަށިވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ފަސާދަ ޢާއްމު ވަމުންދާ މަންޒަރެވެ. އާމްދަނީ ހޯދުމުގެ ނަމުގައި ފާހިޝް ހަޑިމުޑުދާރު ޢަމަލުތައްކޮށް، މީޑިއާތަކުގައި އަންހެންކަނބަލުންގެ ފޮރުވިފައިވާ ޒީނަތް ކަޝްފުކޮށް ހިލޭފިރިހެނުންގެ ކުރިމަތީ ގުނަވަންތަކުން ބަނޑިލައްވަމުންދާ، ލޯތަކަށް ކުޅަދާނަ ނުވާމަންޒަރުތަކެވެ. ޒަމާނީކުރިއެރުންތަކުގެ އެހީގައި، އާދެ! އެކި އެކި މުވާސަލާތީ ވަސީލަތްތަކާއި ތަފާތު ޒަރީޢާތަކުން ފޯރުކޮށްދެމުންދާ މަޢުލޫމާތުތަކުން އަންހެނުން، އެކަނބަލުންގެ ވިސްނުމަށާއި ޠަބީޢަތަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. އެއިގެ ތެރޭގައި އިސްލާމީ މަތިވެރި އަޚްލާޤިއްޔަތާއި ފުށޫއަރާ ފިކުރިއްޔާތާއި އިސްލާމީ ޙައްޤު ޙުދޫދުގެ ތެރެއިން ވާސިލްވަމުންދާ ފިކުރިއްޔާތު މިދަނީ ދުވަހެއް ދުވަހަކަށް ފެތުރެމުންނެވެ. މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ މުޖުތަމަޢުގައި ފުންކޮށް ވިސްނާ ފިކުރުކުރަންވެއްޖެ އިޖްތިމާޢީ މައްސަލައެކެވެ.

ޝައްކެތްނެތް ގޮތުގައި ފިކުރީ ހަނގުރާމައަކީ އަޅުގަނޑުމެން މުސްލިމުންގެ އިދިކޮޅު ޢަދާވާތްތެރިން އަވަދިނެތި ކުރަމުންދާ ބުރަ މަސައްކަތެކެވެ. އިސްލާމްދީން އަންހެންކަނބަލުންނަށް ހޯދައިދީފައިވާ ޙައްޤުތައް ކެހިވެރި ބަޔަކު މިދަނީ މަކަރުވެރިކަމާއި ހީލަތްތެރިކަމުން ކިލަނބުކޮށް އޮޅުވާލަން މަސައްކަތްކުރަމުންނެވެ. މިފަދަ ނާޒުކު ދަނޑިވަޅު، އަޅުގަނޑުމެންގެ އަންހެންދަރީންގެ މެދުގައި ހަލުވިކަމާއި އެކު ފެތުރެމުންމިދާ ނުރަނގަޅު ފިކުރިއްޔާތާއި މެދު ޚާއްސަ ސަމާލުކަމެއްދީ ޢަމަލީފިޔަވަޅު އަޅަން އެބަޖެހެއެވެ. ޣާފިލުކަންމަތީ ތިބެގެން ފަރުޖެއްސޭކަށްނެތެވެ. މިފަދަ ކަންކަމަކީ ޤައުމީ ފެންވަރުގައި އެކި މުއައްސަސާތަކުން އާދެ، ތަޢުލީމީ އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޚާއްސަ އަހައްމިއްޔަތު ކަމެއްދީގެން ފުންނަޒަރަކުން ވިސްނަންޖެހޭ ކަންތައްތަކެވެ. އަދި ހަމަ އެހެންމެ ޢާއިލާތަކުގެ އެއްބާރުލުން މިކަމުގައި ފުރިހަމައަށް ބޭނުންވެއެވެ.

އަންހެންކަނބަލުންނަށް މުޖުތަމަޢަށް ޚިދްމަތް ފޯރުކޮށްދިނުމުގައާއި ހަމަ އެހެންމެ މުޖްތަމަޢުގެ ދުރުރާސްތާގެ ކުރިއެރުމަށް މަސައްކަތްކޮށްދެވޭނެ މިންގަނޑުތައް ބަޔާންކޮށްދީ އިސްލާމްދީނުގެ އަސާސްތަކާއި ފުށޫއަރާ ކަންކަމުން ހޭލުންތެރިކޮށް ހެޔޮލަފާ ޞޯލިހު މުޖުތަމަޢަކަށް ހެދުމަށް ޤައުމުގެ އެންމެހައި ފަރުދުންގެ ހައްޤުގައި މަސައްކަތް ކުރަން އެބަޖެހެއެވެ. ފުރިހަމަ ސަމާލުކަމަށް ގެންނަން ޖެހިފައިވާ މި މުހިއްމު ނުކުތާ އާއި މެދު ޤައުމުގައި އަލަށް އުފެދުނު ޔުނިވާސިޓީގައި ފުރިހަމަ ރިސާރޗްތައްހެދި ހައްލެއް ގެނައުމަކީ އަޅުގަނޑު ކުރާ އުއްމީދެކެވެ. މުޖުތަމަޢުގެ އަންހެންކަނބަލުންގެ ވިސްނުމަށް އައިސްފައިވާ ބަދަލްތަކާއި ގެނެވިދާނެ ހައްލު ހޯދައި ދެނެގަތުމަށެވެ. ޔުނިވާސިޓީ ތަޢުލީމްނިމި ދަސްވެނިވުމަށް ތައްޔާރުވެފައިވާ ކުދިންނަށް އަމާޒްކޮށްގެން ކުރެވޭ ސުވާލުތަކުގެ ތެރޭގައި : ތަޢުލީމީހަޔާތް ނިއްމުމަށްފަހު އަންހެންކުއްޖަކު ވަޒީފާގެ މާހައުލަށް ނިކުތުމަށް މެދުވެރިކުރުވާ ސަބަބުތައް؛ ގެއިންބޭރު، ވަޒީފާގެ މާހައުލަށް ނިކުތުމަށް އަންހެނުންކުދިން އިންކާރުކުރާ ސަބަބުތައް؛ އަންހެންކުއްޖަކު ވަޒީފާގެ މާހައުލަށް ނިކުންނަ އިރު ހުންނަން ޖެހޭނެ މިންގަނޑު ނުވަތަ ޝަރުޠުތައް؛ މައިން އުމުރުގެ އަންހެނުންނާއި ޒުވާން އަންހެންކުދިން ވަޒީފާ އަދާކުރުމުގައި ހުންނަ ތަފާތުތައް؛ މައިންބަފައިން ވަޒީފާ އަދާކުރުމަކީ ދަރިންތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވިގެން ދާނެ ކަމެއްތޯ؟ މިފަދަ މުހިއްމު ސުވާލުތަކުގެ ޖަވާބު ކޮންމެހެންވެސް އެބަ ބޭނުންވެއެވެ.

އަންހެނުންނަށް މަސައްކަތް ކުރެވިދާނެ ދާއިރާތައް:

މުޖުތަމަޢަށް ބޭނުންތެރި މުހިއްމު ކަންކަމުގައި މަޝްވަރާ އާއި ލަފާ އެރުވުމުގައި ހަރަކާތްތެރި ވެވިދާނެއެވެ. މިކަން ތާރީޚް މުރާޖިޢާ ކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ހަޔާތްޕުޅަށްބަލާލާއިރު ވެސް ސާބިތުވާން އެބައޮތެވެ. ޙުދައިބިއްޔާގެ ސުލްހައިގައި ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް މަޝްވަރާދެއްވުމުގައި އުންމުލްމުއުމިނީން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ އަދާކުރައްވާފައިވާ މަތިވެރި ދައުރުންނެވެ.
މިއަދުގެ މުޖުތަމަޢަށް ބަލާއިރު ތަޢުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ތަކުގައި އަންހެނުންގެ ދައުރުކޮންމެހެންވެސް ބޭނުންވާ ހިނދު މި ދާއިރާ ތަކަކީ އަންހެންކަނބަލުންނަށް އަދާކުރެވިދާނެ ކަމަށް ފާހަނގަ ކުރެވޭ ދާއިރާތަކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުދު އެކަލޭގެފާނު އަމިއްލަފުޅަށް އަންހެންކަނބަލުންނަށް އުނގަންނައިދީ ތަޢުލީމީގޮތުން ހޭލުންތެރިކުރުމުގައި މަސައްކަތްކުރައްވާފައިވާކަން ތާރީޚުން ސާބިތުވެއެވެ. ހެޔޮލަފާ ޞާލިޙް މުޖުތަމަޢެއް ބިނާކުރުމަށް އަންހެންކަނބަލުން އެޒަމާނުގައިވެސް އާދާކުރައްވާފައިވާ މުހިއްމު އެތަކެއް އިސް ރޯލުތަކެއް ތާރީޚުގައި ލިޔެވިފައި އެބަހުއްޓެވެ.

މީގެ އިތުރުންވެސް ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތުގައި އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި އަންހެންކަނބަލުންނަށް މަސައްކަތުގެ މައިދާނަށް ނިކުތުމުގެ ހުއްދަވެއެވެ.

ހަމަކަށަވަރުންވެސް އަންހެނާގެ އަސްލު ހަޤީޤީ މަޤާމަކީ އެކަނބަލުންގެ ގެއެވެ. ގޭތެރޭގެ މަސްޢޫލިއްޔަތެވެ. މިކަން ކީރިތި ޤުރުއާންގައި މާތްﷲ ސުބުހާނަހޫވަތަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅުތަކުން ސާބިތުވެއެވެ. އަލްއަހްޒާބް ސޫރަތުގެ 33 ވަނަ އާޔަތުގެ މާނައިގައިވަނީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ! އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަހްލުބައިތުންނޭވެ! ﷲ އިރާދަ ކުރައްވާކަންކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠާހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ].

ނިއްމާލަމުން:

ތަރައްޤީގެ ހަލުވިމިނުގައި ދަތުރުކުރަމުން އައިސް މިއަދު މިސްރާބް އެދިމާލަކަށް ހުއްޓުމެއްނެތި ކުރިއަށްދާ ޓެކްނޮލޮޖީގެ ޒަމާނުގައި އަޅުގަނޑުމެންގެ ދަރިންނަށް ޚާއްސަކޮށް އަންހެންދަރިންނަށް ފުރިހަމަ އިސްލާމީ ތަރުބިއްޔަތަކުން ތަރުބިއްޔަތުދޭށެވެ. ދަރިންގެ މުސްތަޤްބަލަށް ވިސްނައި އަދިފަހުން އަންނާނެ ޖީލުތަކަށް ވިސްނާށެވެ. މިއަދުގެ އަންހެންކަނބަލުން މިދަނީ މުޖުތަމަޢުގައި އިސްރޯލުތަކެއް އަދާކުރަމުންކަން ދަނެ، ވަޒީފާގެ މައިދާނަށް ނިކުމެ އުޅުމުގައި އަންހެންކަނބަލުން ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލްތަކާއި މެދު ހޭލުންތެރިކޮށް ފޮހެވެމުން، ބީވެމުން މިދާ އިސްލާމީ ރިވެތި އުސޫލް މުޖުތަމަޢުގައި އާލާކުރުމަށް އެންމެހައި ފަރުދުން އަތުކުރި އޮޅާލަމާތޯއެވެ! މާތްﷲ ސުބުހާނަހޫވަތަޢާލާ އަޅުގަނޑާއި ، އަޅުގަނޑުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published. Required fields are marked *

Previous Article

ބޯވާގެ އެންމެ ބޮޑަތިވާ ވައްތަރު

Next Article

ޙަދީޘް ޢިލްމުވެރިޔެއްގެ ކެތްތެރިކަން

Related Posts