“ބައްޕަ ދަންނަވާތީ ތިމަންނާ އަޑު އެހީމެވެ. ތިމަންކަލޭގެފާނު ހިޖުރީ ސަނަތުން 214 ވަނަ އަހަރު ބަޞަރާގައި 8 މަހު ހުރީމެވެ. ތިމަންކަލޭގެފާނު ހުރީ އެއްއަހަރު ހުންނެވުމަށް އަޒުމް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް ތިމަންކަލޭގެފާނު ހަރަދު ކުރައްވަން ގެންގުޅުނު ލާރިކޮޅު ހުސްވެއްޖެއެވެ. ދެން ތިމަންކަލޭގެފާނުގެ ހެދުންތައް ހެދުމަކަށްފަހު ހެދުމެއް ވިއްކަން ފަށައިފީމެވެ. އެންމެފަހުން ވިއްކާނެ ހެދުމެއް ނެތިއްޖައުމަށް ދާންދެނެވެ. އަދި ހަރަދު ކުރެވޭނެ މަގު ބަންދުވެއްޖެއެވެ.
އަދި ތިމަންކަލޭގެފާނު ލާރިހުސްވުމުން ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔަކާއި އެކު ޝެއިޚުންގެ އަރިހަށް ޙަދީޘް އަޑުއެހުމަށް ދިޔައީމެވެ. އަދި ރޭގަނޑު ވުމުން ރަޙުމަތްތެރިޔާއާއި ވަކިވެ ގެއަށް އައީމެވެ. އަދި ބަނޑުހައިވެގެންގޮސް ކާނެ އެއްޗެއް ނެތުމުން ބަނޑުހައިކަން ފިލުވުމަށް ކާއެއްޗަކަށް ބޭނުންކުރީ ފެނެވެ.ދެންއަނެއްކާ އަނެއްދުވަހުގެ ހެނދުނުވެސް ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔާ އާއި އެކު ޙަދީޘް އަޑުއަހަން ދިޔައީމެވެ. އޭރު ބަނޑުހައިކަންވަނީ އިންތިހާއަށް ގޮސްފައެވެ. އަދި ރޭގަނޑުވުމުން ރަޙުމަތްތެރިޔާ ވަކިވެގެން ހިނގައްޖެއެވެ. އަދި ތިމަންކަލޭގެފާނުވެސް ބަނޑުހައިގެންވާ ހާލު ގެޔަށް އެނބުރި އަތުވެއްޖައީމުއެވެ.
އަނެއްކާ އެޔާޖެހިގެން އައި ދުވަހު (ތިންވަނަ ދުވަހު) ތިމަންކަލޭގެފާނުގެ ރަޙުމަތްތެރިޔާ އައިސް ދެންނެވިއެވެ. “ޝެއިޚުންގެ ގާތަށް ދަމާ ހިނގާށެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. ” އަހަރެން ވަރަށް ބަލިކަށި ވެއްޖެއެވެ. އަހަރެންނަށް ދެވޭކަށް ނެތެވެ.” ރަޙުމަތްތެރިޔާ ދެންނެވިއެވެ. ކަލޭގެފާނުގެ ބަލިކަށިވީ ކިހިނަކުން ހެއްޔެވެ؟.
ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނުގެ މިކަންތައް ކަލޭގެފާނަށް މިއަދު ސިއްރެއް ނުކުރާނަމެވެ. ފަހެ ތިމަންކަލޭގެފާނު އަރުން އެއްޗެއް އެތެރެ ނުކުރާތާ މިހާރު ދެދުވަސް ވެއްޖެއެވެ.
ރަހުމަތްތެރިޔާ ދެންނެވިއެވެ. އަހަރެންގެ އަތުގައި ދީނާރެއް އެބައޮތެވެ. ދީނާރުގެ އެއްބައި ކަލޭގެފާނަށް ދޭހުށީމެވެ. އަނެއްބައި ހަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރާނީއެވެ.
އަދިތިމަންމެން ދެމީހުން ބަޞަރާއިން ނުކުތުމަށްފަހު ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަތުން ބައި ދީނާރު ޤަބޫލުކުރީމެވެ.” (1)
ނޯޓު:
ޢިބުރަތް: ސަލަފުއް ޞާލިޙުންގެ ބޭކަލުން ޢިލްމަށް ސަމާލުކަން ދެއްވާ މިންވަރާއި އެބޭކަލުންގެ ކެތްތެރިކަން މަތީގައިވާ ފޮޅުވަތްތަކުން އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެއެވެ.
ދުޢާއަކީ މިކަމުން އިބުރަތް ޙާޞިލުކޮށް ކެތްތެރިވެ ވަޤުތުތައް ހެޔޮގޮތުގައި ބޭނުންކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އާމީން.
وصلى الله وسلم على سيدنا محمد و على آله و صحبه.
____________________
(1)تقدمة الجرح والتعديل (ص363-364(