އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ އެންމެ ގާތް ރައްޓެއްސަކީ ފޯނެވެ. ފޯނު ބޭނުންކުރަނީ ކީ ހަމައެކަނި ކޯލް ކުރުމަށާއި، މެސެޖްފޮނުވާކަށް ނޫނެވެ. އޭގެއިތުރުން ވަރަށްގިނަ ބޭނުންތައް ފޯނު މެދުވެރިކޮށް ފުއްދަމުން ދެއެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ފޯނުގެ ބޭނުން ކުރެވެމުންދަނީ މިދެންނެވިހެން ވަރަށްފުޅާ ދާއިރާއެއްގައެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ފޯނުވަނީ މުހިއްމު އެއްޗަކަށްވެފައެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ ފޯނާ ނުލައި ދިރިއުޅުމަކީ މިހާރު މިޒަމާނުގައި ވަރަށް އުނދަގޫކަމެކެވެ.
ކަންމިހެންހުރުމާއެކު ތަފާތު ވައްތަރުގެ އެކިއެކި ބޭނުންކުރެވޭ އެޕްލިކޭޝަންތައް ފޯނަށް އިންސްޓޯލްކޮށްގެން އޭގެބޭނުން ގިނަބަޔަކު ހިފަމުންދާއިރު މިފަދަ އެޕްލިކޭޝަން ތަކަކީ ހުންނަ އެއްޗެއްކަންވެސް ނޭންގެ މަދުބަޔަކުނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ފޯނު އެބަ ގެންގުޅެއެވެ. އެމީހުންނަށް މިކަހަލަ މައުލޫމާތުތައް އެގިފައި ނެތީ އެމީހުންގެ ޢިލްމީ ޤާބިލްކަން ކުޑަވީމައެއްނޫނެވެ. ނުވަތަ ނާތަހްޒީބުވީމައެއްވެސް ނޫނެވެ. އޭގެ އެއް ސަބަބެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އެބޭފުޅުންގެ މަސައްކަތްތައް ހުންނަގޮތުން އެފަދަކަންކަމަށް ވަގުތު ހުސް ނުކުރެވުމެވެ.
ބޭނުންތެރި އެތައްބައިވަރު އެޕްލިކޭޝަން ތަކެއް އިންޓަރެނެޓްގައި ފްރީކޮށް ހުންނަ އިރުވެސް މިދެންނެވިހެން އެޕްލިކޭޝަނެއް ފޯނަށް އިންސްޓޯލްކުރުމަށް ސަރޗް ކޮށްލައިގެން ހޯދާލުމަށް އުނދަގޫ ފަރާތްތަކަށް އަޅުގަނޑު މިފަހަރު މިގެނެސްދެނީ ވަރަށް މުހިއްމު އެޕްލިކޭޝަނެއް ކަމަށް ދެކެމެވެ.
މިއީ ޔޫސަރ ފްރެންޑްލީ ކޮށް ވަރަށްފަސޭހައިން ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މުހިއްމުވަނީ އަވަދި ނެތި ބާޒާރުކުރުމުގައި އުޅޭމީހުންނަށެވެ. މީގައި ގަންނަ ތަކެތި އަގުތަކާއެކު އަދި ރޭޓްވެސް ވަކިން އެނގޭގޮތަށް ނޯޓްކޮށްލެވެއެވެ. ވަކިވަކިން ލިސްޓްތައް ހެދެއެވެ. މިސާލަކަށް ކޮމްޕެނީއެއްގައި އުޅޭމީހަކު ބާޒާރުކުރާއިރު ކޮމްޕެނީއަށް ގަންނަ ތަކެތި ވަކިލިސްޓެއްގައި އަދި އަމިއްލަ ބޭނުމަށް ގަންނަ ތަކެތި ވަކިލިސްޓެއްގައި ނޯޓްކުރަމުން ގެންދެވޭނެއެވެ.
މި އެޕްލިކޭޝަންގެ އެންމެ ފަސޭހަ އެއްކަމަކީ ކޮންމެ އައިޓަމެއްވެސް އެންޓަރ ކުރާއިރަށް ޓޯޓަލް އަބަދުވެސް ފެންނަން ހުރުމެވެ. އަދި ހަމަ އެހެންމެ ލިސްޓް އިންގޮތަށް އެހެން މީހަކަށް އެސްއެމްއެސް ގެ ގޮތުގައި ފޮނުވާލަން ޖެހުނަސް ފޮނުވައިވެސް ލެވެއެވެ. އަދި މިއެޕްލިކޭޝަން ބޭނުންކުރާނަމަ ތިމާގެ އަތުގައި ހުރިފައިސާ އާއި އެކަށީގެންވާ މިންވަރަށް ތަކެތި ގަންނަމުން ދާންއެގުމަކީވެސް ވަރަށް ހިތްހަމަޖެހޭކަމެކެވެ.
އެންޑްރޮއިޑް އޮޕްރޭޓިންގ ސިސްޓަމްގެ ހުރިހާ ފޯނުތަކަކަށްވެސް މި އެޕްލިކޭޝަން ސަޕޯޓްކުރެއެވެ. އަދި ޑައުންލޯޑް ކުރުމަށް ފަސޭހަ ސައިޒްގެ ގޮތުން މިކުޑަކުޑަ އެޕްލިކޭޝަން އެންޑްރޮއިޑް މާރކެޓުން ވެސް ފުރީކޮށް ލިބެން އެބަހުއްޓެވެ. ތިރީގައިވާ ލިންކަށް ކްލިކް ކޮށްލައްވާށެވެ. އަދި އަވަހަށް ފޯނަށް އިންސްޓޯލް ކޮށްލެއްވުމަށްފަހު ޓެސްޓް ކޮށްލައްވާށެވެ.